ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ފުރަބަންދުކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ. އިންތިހާއަށް ދަތިވާ އެތައްކަމެއް ހުންނާނެކަން ދަނެ ކެތްތެރިވުން ނޫން ގޮތެއް މިއަދަކު ނެތެވެ.  ބޭނުންވާހާ ކަމެއް ބޭނުންވަގުތަކު ނުވާނެކަން ވިސްނަންވާނެއެވެ. އެކަކު އަނެކަކު ކުށްވެރިކުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އެހީވުން އިސްކުރަންޖެހެއެވެ. ބައެއް މީހުންގެ ވަޒީފާ ގެއްލިދާނެއެވެ. މުސާރަ ކުޑަވެދާނެއެވެ. އެމީހަކަށް ލިބޭ މަދު އެތިކޮޅު ރައްކާކޮށްގެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް މިވަގުތު ޚަރަދު ނުކުރުމަކީ އެއްޗެއް ނެތް މީހާއަށް އެހީއެއް ދިއްކޮށްލަން ކުރުން މުހިއްމު ކަމެކެވެ.

މާލޭގައި ގެއިން ނުކުތުން މަނާކޮށްފައި އަދި ރަށްރަށުގައި މަނާ ނުކުރި ނަމަވެސް، އިތުރަށް މި ބަލި ފެތުރުނަ ނުދިނުމަށް ގޭގައި މަޑުކުރުމުކީ އިތުރަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކުޑަކުދިން ގޮވައިގެން ފިހާރައަށާއި އެެހެން ތަންތަނަށް ނުދާށެވެ. ގޭގައި އުޅޭ އެންމެންގެ އެއްބާރުލުމާއިއެކުު، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އަޅާލައި އޯގާތެރިވާށެވެ. ގޭތެރޭގައި މައިންބަފައިންނާއި އަދި ދެމަފިރިންވެސް އަޑުގަދަކޮށް ޒުވާބުކުރަންޖެހޭ ހާލަތަށް ނުގޮސް ޖެހޭ މައްސަލަތަށް ހައްލުކުރުމަކީ ގޭގައި ދިރިއުޅޭ އެހެންމީހުންނަށް ހިތްހަމަޖެހުމާއެކު ގޭގައި ތިބުމަށް އެޅޭނެ ވަރަަށްބޮޑު ބާރެކެވެ.  އެހެންނޫނީ ހިތްނުތަނަވަސްވެ ނަފްސާނީ ގޮތުން ބަލިކަށިވުމަކީ ވުން ވަރަށް ގާތްކަމެކެވެ. ގޭގައި އަބަދު ތިބޭ އިރު ރިވެތި އަޚްލާގާއި ބަސްމަގު ޚިޔާރު ކުރާށެވެ.

އެންމެން އަބަދުގޭގައި ތިބޭއިރު ވަކި ބަޔަކަށް ގޭގެ މަސައްކަތްޖައްސާފައި ނިދަން ނޯންނާށެވެ. ގޭތެރެސާފުކުރުމާއި ކެއްކުމާއި ކުދިން ބެލުމާއި ދެންވެސް ގޭގައި ހުރި މަސައްކަތްތަށް ކުރުމުގައި އެންމެންގެ އެހީއާއި އެއްބާރުލުން ދޭށެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ.

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. (ބަޤަރާ ސޫރަތުގެ 53 ވަނަ އާޔަތް)

ވިމާ، ސިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދަށް ކިޔަމަންވެ ގޭގައި މަޑުކޮށްދެއްވާށެވެ. ތިމާއަކީ އެހެންމީހުންނަށް ބަލި ފަތުރާ މީހަކަށް ނުވާށެވެ.މާތް ﷲ ގެ ހެޔޮރަޙުމަތް ފުޅާއެކު މިކަމުން މިންޖުވެވޭނެއެވެ. އެންމެންވެސް އެއްބާރުލުން ދެއްވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.