ރާއްޖޭގެ ތަޢުލީމީ ނިޒާމަށް މިފަހުން އައި އެއް ބަދަލަކީ މުޤައްރަރަށް އައި ބަދަލެވެ. ކިޔަވައިދިނުމަށް ބޭނުންކުރަމުން އައި ފޮތްތަކަށް އައި ބަދަލެވެ. މުޤައްރަރަށް އައި ބަދަލާއި ފޮތްތަކަށް އައި ބަދަލަށް ބަލާލާއިރު، އައިސްފައިވަނީ ވަރަށް އެދެވޭ ބަދަލުތަކެއް ކަމަށް ދެންނެވިދާނެ އެވެ.

 

ދަރިވަރުންގެ ފޮތްތައް ވަނީ މާހައުލާއި ބޮޑަށް ގުޅުވާފައެވެ. ކަޅާއި ހުދުގެ ޗާޕުތައް ވަނީ ކުލަ ޗާޕަށް ބަދަލުކުރެވިފައެވެ. އެކުލެވިގެންވާ ބައިތަކާއި މަޢުލޫމާތުތައް ވަނީ ބަދަލުކުރެވިފަ އެވެ. މިގޮތުން ދާދިފަހުން ގްރޭޑް 3 ގެ ދަރިވަރުންގެ ފޮތެއްގައި އޮތް ލަވައެއް ފެނިގެން އެ ލަވަ އާއިމެދު ޝައުޤުވެރިކަމެއް އުފެދުނެވެ. ލަވައިގެ ޅެންވެރިކަން ކަމުދިޔައިމަ އެވެ. ތިމާވެށްޓާއި ގުޅުވާލެވިފައި ވާތީ އެވެ. ރަނގަޅު މެސެޖްތަކެއް ލަވައިގެ ޅެމުގައި އެކުލެވިފައިވާތީ އެވެ.

 

ގޮނޑުދޮށުގެ ދިރުންތަކާއިމެދު ލިޔެފައިވާ ލަވަ ‘ ގޮނޑުދޮށް ރީތިކުރަމާ ‘ ކަމު ދިޔައީ ވަރަށް ކަމުދާ ހިންދީ ރާގަކަށް ހަދާފައި ވާތީކަމަށްވެސް ވެދާނެ އެވެ. ‘ޖާނޭ ކަހަނ މެރާ ޖިގަރް ގަޔާ ޖީ’ ގެ ރާގަށް ހަދާފައިވާ ލަވައިގެ އޯޑިއޯ ރެކޯޑިންގ އެއް ހެދުމަށް އަޅުގަނޑުގެ ރައްޓެއްސެއް ކަމަށްވާ ޝިޔާމް އެދުމުން އެ ލަވަ ކިޔާލެވޭތޯ އެތައް ފަހަރަކު މަސައްކަތް ކޮށްލީމެވެ. އުޅެއުޅެވެސް ރާގަށް ފައްތައިގެން ކިޔޭގޮތެއް ނުވިއެވެ. ހިންދީ ލަވައިގެ އަޑުއަހައިގެންވެސް ކިޔޭގޮތެއް ނުވިއެވެ. ލަވަ ނު ކިޔޭނެކަމަށް ޝިޔާމަށް ގުޅާފައި ބުނުމުން ޝިޔާމް ބުނީ ‘މިހާރު މާ ރަނގަޅުގޮތެއް ވެއްޖެ ކަމަށެވެ. ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއް އަތުޖެހިއްޖެ ކަމަށެވެ.’ އޭނާ ގޮވައިގެން ލަވަ ރެކޯޑުކުރަން އެބަ އަންނަން ކަމަށް ބުނިތާ ހަތަރު ފަސް މިނެޓް ތެރޭގައި އަތުވެއްޖެ އެވެ.

 

އަޅުގަނޑުގެ ގެއަށް އައިސް މަޑުކޮށްލީ ދަންނަ ޒުވާނެކެވެ. ނަން ހަނދާން ނުވިޔަސް ހަނދާންވި އެއްކަމަކީ ‘އެ ހަނދާނުގައި’ ޝޯވް ގައި މި ޒުވާނާ ލަވަކިޔާފައި ވާކަމެވެ. ކޮންމެއަކަސް މި ޒުވާނާ ލަވައިގެ ލިރިކްސް ކިޔާލާފައި ޔޫޓިއުބް އިން ހިންދީލަވަ އަޑުއަހާލުމަށްފަހު ރެކޯޑިން ޖައްސަން ބުންޏެވެ. މާ ބޮޑު އުނދަގުލަކާއި ނުލައި ލަވަކިޔާ ނިންމާލައިފި އެވެ.

 

ލަވަ އެޑިޓްކޮށް ނިންމާލާފައި މިއުޒިކެއް ނެތުމުން ގޮނޑުދޮށަށް ރާޅުޖަހާ އަޑުކޮޅެއް ލައިގެން ލަވަޔަށް މިއުޒިކެއް އަޅާލީމެވެ. އެތައް ފަހަރަކު އަޑުއެހި އިރުވެސް ފޫހިވާގޮތެއް ނުވި އެވެ. ލަވައިގެ އަޑުގެވެރިޔާ އެ ލަވަ ކިޔުމަށް އެހާ ބޮޑަށް ފަރިތަނުކޮށް ކިޔި ނަމަވެސް ކިޔާފައިވާލެއް ފުރިހަމަކަމުން ކަމަށްވެސް ވެދާނެ އެވެ. ނުވަތަ އެ އަޑުގައިވާ ހިތްގައިމު އަސަރެއްގެ ސަބަބުންކަމަށްވެސް ވެދާނެ އެވެ. ލަވައިގެ ހިތްގައިމު އަޑުގެ ވެރިއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުﷲ ނާސިފް (ތާތި) އެވެ.

 

ކޮންމެއަކަސް ‘ސަޅި’ އޯޑިއޯ ލަވައެއް ލިބުނީ އެވެ. އެ ލަވަ އަތުގައި ބޭއްވުމުގެ ބަދަލުގައި އަޅުގަނޑު ބޭނުންވީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 3 އަށް ކިޔަވައިދޭ މުދައްރިސަކަށް ދިނުމަށެވެ. ނަމަވެސް މުދައްރިސާއި ހަމައަށް ލަވަ ފޯރުކޮށްދޭން އަޅުގަނޑުގެ ހިތް އެދުނީ ‘ވީޑިއޯ ފޯރމެޓް’ ގަ އެވެ. ލަވައާއި އެކަށީގެންވާ ވީޑިއޯތައް ނަގައި ލަވަ އެޑިޓްކޮށް، ލަވައިގެ ލިރިކްސް ސަބްޓައިޓްލްކޮށް ނިންމާފައި ލަވަ ހަވާލުކޮށްލީމެވެ. ނަމަވެސް އެވަރަކުން ހިތްހަމައެއް ނުޖެހުނެވެ. އަޅުގަނޑު ބޭނުންވަނީ މި މަސައްކަތް ރާއްޖޭގެ ސްކޫލްތަކުގެ ހުރިހައި މުދައްރިސުންނަށް ފޯރުކޮށްދިނުމަށެވެ.

އެހެންކަމުން ލަވައިގެ ވީޑިއޯ އަޅުގަނޑުގެ ޔޫޓިއުބް ޗެނަލްގައި ޝާއިޢުކޮށްލީމެވެ. މުދައްރިސުންނަށް މި މަސައްކަތް ކަމުދާނެކަމަށް އުއްމީދު ކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.