ހޮނިހިރު ދުވަސްކަމުން މިއަދުވެސް ރީޝާ، އޭނާގެ މަންމައާއި ބައްޕައާއި އެކު އެމީހުންގެ އަމިއްލަ ގޯތީގައި ފަޅާފައިވާ ހުއިގަސްތައް އުފުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ރީޝާ އުފުރަމުން ދިޔައީ ބިންހިމަ ގަސްފަދަ ކުދިކުދި ހުއިގަސްތަކެވެ.

“މަންމާ…. މިގަސްވެސް އުފުރާލަންވީތަ؟” ރީޝާ މަންމައަށް ގޮވާލި އެވެ.

“އާނ ދަރިފުޅާ… ތިވެސް ވަރަށް ދުއްޕާން ބޮޑު ވިނައެއް. އުފުރާފަ އުކާލާ!!” ރީޝާ ގެ މަންމަ ޖަވާބު ދިނެވެ.

“ނޫން މަންމާ… މަންމަ އަށް މި ވިނަގަސް ނޭނގޭތީ ތިހެން ތިބުނީ… އިއްޔެ އަހަރެން ‘އެފްބީ’ ހާވަނިކޮށް ފެނުނު ލިންކެއްގައި އިން އާޓިކަލް އެއް ކިޔާލިއިރު މިވައްތަރު ވިނަ އަކީ ވަރަށް ފައިދާހުރި ވިނައެއްކަން އެނގުނު. މިއީ ‘ޕާރސްލޭން ނުވަތަ ޕިގްވީޑް. ދިވެހިބަހުން މިއަށް ކިޔާ ނަމެއް މަންމައަށް އެނގޭތަ؟”

“އާނ… ތިއަށް އަހަރުމެން ކިޔައިއުޅެނީ ‘ގެދަ’ ނުވަތަ ‘ގެދަފިލާ’. ތިއީ ދިވެހި ބޭސް ހަދަން ބޭނުންކުރާ ފަތެއްކަން މަންމައަށްވެސް އެނގޭ.”

“ދިވެހިބޭސްވެރިކަމަށް އެކަންޏެއް ނޫނޭ މަންމާ… މިއީ ވަރަށް ބައިވަރު ނިއުޓްރީޝަނަލް ވެލިއު އެކުލެވޭ ފަތެއް. އެތައް ބައްޔަކަށް ޝިފާ ލިއްބައިދޭ މާއްދާތަކެއް މި ފަތުގައި އެކުލެވިގެންވޭ.”

އެދުވަހުގެ ހަވީރުގެ ވަގުތެވެ. ސްކޫލް މެގަޒިންއަށް އާޓިކަލް އެއް ލިޔަން އިށީންދެފައި ރީޝާ ސުރުޚީއެއް އަޅާލިއެވެ. އެއަށްފަހު ‘ގެދަ’ އާއި ބެހޭގޮތުން ފެނުނު ލިންކު ހުޅުވާލައި އޭގައިވާ އާޓިކަލް ތަރުޖަމާ ކުރަން ފެށިއެވެ.

ގޯތިތެރޭގައި ‘ވިނަ އަކަށް’ ހެދޭ ‘ގެދަ’ އަކީ އުފުރާފައި އުކުލާވަރަށްވުރެން އަގުހުރި ގަހެއް

ގޯތިތެރޭގައި ވިނައަކަށް ހެދޭ ‘ގެދަ’ އަކީ އެއްވެސް ބޭނުމެއް ނުހިފޭ ވިނައެއް ކަމަށް ހީކުރާ ހީކުރުން ދޫކޮށްލަން އެބަޖެހެ އެވެ. ސަބަބުތައް ބައިވަރެވެ. ތިރީގައި މި ބަޔާންކުރާ ކަންކަން ކިޔާލުމަށްފަހު ‘ގެދަ’ އާއި ބެހޭގޮތުން ކުރިން ދެކެމުން އައިގޮތް ބަދަލުވާނެކަން ޔަޤީނެވެ.

‘ގެދަ ފިލާ’ ގައި އެތަކެއް ބައިވަރު ސިއްޙީ ފައިދާތައް އެކުލެވިގެންވެ އެވެ. ޚާއްޞަކޮށް އޭގެ ފަތުގަ އެވެ. މި ލިޔުން ކިޔުމަށްފަހު، ދެން ހަމަގައިމުވެސް ‘ގެދަފިލާ’ އުފުރާނީ އޭގެ ސިއްޙީ ފައިދާތައް ލިބިގަތުމުގެ ބޭނުމުގަ އެވެ.

‘ގެދަ(ސައިންޓިފިކް ނަން: Portulaca oleracea)ނުވަތަ (އިނގިރޭސި ބަހުން: Pigweed,Common Purslane، Little Hogweed or Pusley)ގެދަ އަކީ ތިރިކޮށްހެދޭ ފަތްބޯކޮށް ހުންނަ ކުދި ފަތްޕިލާ ވެއްޔެކެވެ. ގެދަ އަށް ގެދަފިލާ މިހެންވެސް ކިޔައި އުޅެއެވެ. ގެދައިގެ ރަތް ކުލަ އަދި ހުދުކުލަ ހުރެއެވެ. މިއީ ބޭހަށާއި ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. ގެދަ އަކީ ބައެއް ގައުމު ތަކުގައި ކެއުމަށް ބޭނުންކުރާ ފަތެކެވެ. ގެދައިގެ ރަހަ އަކީ ހުތް، ލޮނު ރަހައެކެވެ. ގެދައިގައި އޮމެގާ-3 ފެޓީ އެސިޑް ހުރެއެވެ. މީގެ އިތުރުން ވިޓަމިން ސީ، ވިޓަމިން ބީ އަދި ކެރަޓިނޮއިޑް ވެސް ހުރެއެވެ. އަދި ހަމަމިއާއެކު ދަގަނޑު، މެގްނީޒިއަމް، ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވިގެން ވެއެވެ.’

މަތީގައި އެވަނީ ވިކިޕީޑިއާއިން ނަގާފައިވާ މަޢުލޫމާތު ކޮޅެކެވެ. މި މަޢުލޫމާތުން އެނގޭގޮތުން ‘ގެދަފިލާ’ ބޭނުންކުރުމުން ޢާއްމު ސިއްޙަތު ރަނގަޅުވާނެ އެވެ. ކެލްސިއަމް އާއި ދަގަނޑުގެ ބައި ފުދޭވަރަކަށް ގިނަކޮށް ހުންނާތީ މި ފަތް ބޭނުންކުރުމުން ކަށި ވަރުގަދަ ކޮށްދޭނެ އެވެ.

އެހެން ހުރިހައި ފަތްޕިލާވެއްޔަކަށްވުރެން ބޮޑަށް ގެދަ އިން ވިޓަމިން-އޭ ލިއްބައިދޭނެ އެވެ. މި ވިޓަމިންއަކީ ވަރަށް މުހިއްމު ވިޓަމިން އެކެވެ. އެއީ ކެންސަރުބަލި ޖެހުމުން ދުރުކޮށްދޭ ވިޓަމިން އެކެވެ. ގެދަފިލާ ގައި ވަރަށް މަތީ މިންވަރަކަށް އޮމެގާ-3 ފެޓީ އެސިޑް އެކުލެވެ އެވެ. އޮމެގާ-3 ފެޓީ އެސިޑް އަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް (މުޅި ހަށިގަނޑުން ނުވަތަ ހަށިގަނޑުގެ ބަޔަކުން ބާރުކެނޑޭ ބަލި) ޖެހުމުން ދުރުކޮށްދޭ މާއްދާ އެކެވެ. މި ވިނައިގެ އަނެއް ޚާޞިއްޔަތަކީ މިއީ ‘ޖީއެމްއޯ-ފްރީ’ ނުވަތަ ޖެނެޓިކަލީ މޮޑިފައިޑް އޮގަނައިޒަމް އެކުނުލެވޭ ވިނައެކެވެ.

މިއީ މަޑު ހުތް-ލޮނު ރަހައެއް އެކުލެވޭ އަނގަޔަށް މީރު ފަތެކެވެ. ކައްކައިގެންނާއި ސަޓަނި ހަދައިގެން ނުވަތަ ހުހަށްވެސް ބޭނުންކޮށްލަން ވަރަށް ކަމުދާނެ ފަތެކެވެ. ގިނަ މިންވަރަކަށް ޕްރޯޓީން އެކުލެވޭ މި ފަތް ބޭނުންކުރުމުން ހަކަތަާއި ބުންވަރު އިތުރުކޮށްދޭނެ އެވެ.

ގެދަފިލާ އަކީ ކުޑަކުދިންނަށް ކުރިމަތިވާ ހެދިބޮޑުވުމުގެ ޑިސްއޯޑަރ ކަމަށްވާ އޯޓިޒަމް އާއި ‘އޭޑީއެޗްޑީ’ ނުވަތަ ‘ހިމޭނުން ނުހުރެވޭ ބަލީ’ ގެ މައްސަލަތައް ކުޑަކޮށްދޭވެސް ފަތަކެވެ.

މަސްދަރުތައް:

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.