ކޮރޯނާގެ ބިރުވެރިކަން މުޅި ރާއްޖޭގައި އޮތް އިރު، މުޅި ޤައުމު މިއަދު މިވަނީ ފުރަބަންދު ކުރެވިފައެވެ. އެހެންކަމުން ގޭގައި ގިނަ ވަގުތުތައް ހޭދަކުރަން އަޅުގަނޑުމެންނަށް މިވަނީ ޖެހިފައެވެ. ތިރީގައި އަޅުގަނޑު އަލިއަޅުވާލާނީ، ގޭގައި ހުރެގެން ކުރެވޭނެ މުހިންމު 7 ކަމެކެވެ.

 

1. ނަމާދުކުރުން:

އިސްލާމުދީނުގެ މައި ތަނބަކީ ނަމާދެވެ. ވީއިރު ގޭގައި ހުންނަ އިރު ނަމާދަށް ފަރުވާތެރިވާން ވާނެއެވެ. ފަރުޟު ފަސްނަމާދުގެ އިތުރުން، ސުންނަތް ނަމާދުތަކަށް ވެސް ޚާއްޞަ ސަމާލުކަމެއް ދޭން ވާނެއެވެ. ދަންވަރުގަޑީގައި ދަމު ނަމާދު ކޮށްލުމަކީ، ހިތަށާއި މެޔަށް ލިބޭނެ ފަސޭހަކަމެކެވެ.

2. ޤުރުޢާން ކިޔެވުން:

ޤުރުޢާނަކީ އަޅުގަނޑުމެންގެ ކީރިތި ޤާނޫނެވެ. އެ ފޮތުގައިވާ ކޮންމެ ކަލިމައަކުން އަޅުގަނޑުމެންގެ ހިތުގައިވާ އުދާސްތަކާއި، ނުތަނަވަސްކަން ފިލުވައިދޭނެއެވެ. ޤުރުޢާން ގިނަގިނައިން ކިޔެވުމަކީ ބަލިތަކަށް ވެސް ހުރި ޝިފާއެެކެވެ. އެހެނީ ޤުރުޢާންގައި ބަލިތަކަށް އެތަކެއް ފަރުވާއެއް ވެއެވެ. އެހެންކަމުން ޢާއިލާ އާއިއެކު ގިނަވަގުތު އެއްކޮށް ތިބޭ އިރު، ގިނަގިނައިން ޤުރުޢާން ކިޔަވައި، އެޔަށް ހިތުގައި ލޯބި ޖެއްސިދާނެއެވެ.

3. ފޮތް ކިޔުން:

ތަފާތު ފޮތްތައް ކިޔުމަކީ މިހާރުވެސް ގިނަ ދިވެހިން ޝައުޤުވެރިކަން ހުންނަ ކަމެކެވެ. އެގޮތުން ދިވެހި، އިނގެރޭސި ތަފާތު މަޢުލޫމާތުތައް ލިއްބައިދޭ ފޮތްތަކާއި، މުނިފޫހި ފިލުވުމަށް ތަފާތު ވާހަކަތައް ކިޔާލެވިދާނެއެވެ. މުނިއަވަސް މިސައިޓު މެދުވެރިކޮށް ވެސް ކިޔުންތެރިންނަށް ތަފާތު ރަހަތަކުގެ ވާހަކަތައް ކިޔައިލެވޭނެއެވެ.

4. ކަސްރަތުކުރުން:

ގޭގައި އަބަދު ހުންނަ އިރު ގިނައިން ކެވޭ ގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މީގެ މައްސަލައަކަށް ވާނީ ކައިކައިގެން އެނދުގައި އޮންނަ ނަމައެވެ. އެހެންކަމުން ޞިއްޙަތަށް ބެލުމަށްޓަކައި، ވަގުތުތަކެއް ކަނޑައަޅައިގެން ކަސްރަތު ކުރުން ވަރަށް މުހިންމެވެ. ޢާއިލާ އެއްކޮށް މަޖާކުރަމުން ވެސް ކަސްރަތު ކޮށްލެވިދާނެއެވެ.

5. ކައްކަން ދަސްކުރުން:

މިދުވަސްކޮޅުގައި ގޭގައި ހުންނަ އިރު، އަންހެން ކަނބަލުން ކައްކާތަން ވަރަށް ގިނައިން ފެންނާނެއެވެ. އެހެންކަމުން މިއީ ފިރިހެން ބޭފުޅުން ކައްކަން ދަސްކުރުމަށް ވަރަށް ރަނގަޅު ރަނުގެ ފުރުޞަތެކެވެ. މީރު ކެއުންތައް ހަދަން އެނގުމަކީ، ތިމާއަށް އޭގެން ފައިދާ ވާނެކަމެެކެވެ. ބަނޑު ހައިވުމުން އެހެން މީހަކަށް ބަރޯސާ ނުވެ، އަމިއްލަ އަށް އެއްޗެއް ހަދާލައިގެން ވެސް ކައިލެވޭނެއެވެ.

6. ކުޅިވަރު ކުޅުން:

ގޭތެރޭގައި ޢާއިލާ އާއި އެކު ތަފާތު ކުޅިވަރުތައް ކުޅެ، މަޖާކޮށްލުމަކީ ޢާއިލީ ގުޅުން ވަރުގަދަވެ، ބަދަހި ވާނެ ކަމެކެވެ. ކެރަމްބޯރޑް، ރާޒުވާ، ބަސްބާޒީ، ލަވަ ބާޒީ ފަދަ ކުޅިވަރު ތަކަކީ ގޭގައި އޮވެގެން ކުޅެވިދާނެ ކުޅިވަރުތަކެވެ.

7. ފިލްމު ބެލުން:

ގޭގައި މަޑުކޮށްލައިގެން މިއީ މިހާރު ވެސް ގިނަ މީހުން ކުރަމުން އަންނަ ކަމެކެވެ. ރީތި ދިވެހި، އިނގެރޭސި ފިލްމުތައް ބަލައިލުން ރަނގަޅުވާނެއެވެ. މީގެ އިތުރުން ހިންދީ، އުރުދޫ، ކޮރެއަން، ތުރުކީގެ ފިލްމުތައް ބަލާ ދިވެހިން ވެސް މިއަދު މަދެއް ނޫނެވެ. އެގޮތުން ރީތި ފިލްމެއް ބެލިއްޖެނަމަ، އެ ފިލްމެއް ބަލަން ގާތް ރަޙުމަތްތެރިން ގާތުގައި ވެސް ބުނެވިދާނެއެވެ.

މިއީ ގޭގައި ތިބެގެން ކޮށްލެވިދާނެ ބައެއް ކަންކަމެވެ. މި ހާލަތުގައި އެންމެ ބޮޑަށް ވިސްނަންވީ، ކޮންމެ ގޮތެއް ހަދާފައި ވެސް ގޭގައި ތިބުމަށެވެ. ތިބާ އާއި ތިބާގެ ޢާއިލާ އަދި ޤައުމަށް ޓަކައި ނަމަވެސް ފަރުދީ ޒިންމާ ކޮންމެ ދިވެއްސެއް ވެސް ނަގަން ވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.