ބޮލުން ނުރަ އިސްތަށި ފެނުމަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ޝޮކެއްލިބޭ ކަމެކެވެ. ކަންބޮޑުވާ ކަމެކެވެ. ‘މިއީ ކީއްވެގެން ވާކަމެއްބާ؟ އަހަރެން މާބޮޑަށް މާޔޫސްވުމާއި ހާސްކަމުގައި އުޅޭތީ ވީގޮތެއް ނޫންބާ؟ އަހަރެން މުސްކުޅިވާން ފެށީކީ ނޫންބާ؟’ މިފަދަ ތާކުންތާާކު ނުޖެހޭ ޚިޔާލުތައް ހިތުތެރޭގައި ދައުރުވާން ފަށައެވެ.

ނުރަވުމަކީ އުމުރުން ދުވަސްވާން ފެށުމުންވެސް ފެންނަ އަލާމާތެކެވެ. ބައެއްމީހުން ދެކޭގޮތުން ނަސީބާއި ވެސް ގުޅިފައިވާ ކަމެކެވެ. ނުރަ އިސްތަށި އުފުރައިގެން ނުވަތަ ކުލަޖައްސައިގެން ނަމަވެސް ފޮރުވަން މަސައްކަތް ކުރުމަކީ ބޯ ނުވަތަ ތުނބުޅި ނުރަވާން ފެށުމުން ބައެއް މީހުން ކޮށްއުޅޭ ކަމެކެވެ.

ކަޅު ހީނާފަތް ޕެކެޓެއް ނުވަތަ ބޯކަޅުކުރަން ތައްޔާރުކޮށްފައި ހުންނަ ބޭސް ޕެކެޓެއް ބޭނުންކޮށްގެން ބޯ ކަޅުކޮށްލުމަކީ ފަސޭހަ ކަމެކެވެ. އެހެނަސް، މިއީ ހަފުތާއަކު ނުވަތަ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ތަކުރާރު ކުރަން ޖެހޭ އުނދަގޫވެސް ކަމަކަށްވާތީ ބޯކަޅުކުރުން ވެފައި އޮންނަނީ ބޮޑުކަމަކަށެވެ. މީގެ އިތުރުން މިފަދަ ބޭހުގައި ހުންނަ ކެމިކަލްތަކުގެ ސަބަބުން ބޮލުގެ ހަންގަނޑާއި އިސްތަށިގަނޑަށް ލިބޭ ގެއްލުމުގެ ސަބަބުން މާގިނަގިނައިން މިކަން ތަކުރާރު ކުރަންވެސް ބޭނުމެއް ނުވެއެވެ.

ހާސްވާނެ ކަމެއް ނެތެވެ. ޤުދުރަތީ ބައެއް މާއްދާތައް ބޭނުންކޮށްގެން ނުރަ އިސްތަށި ކަޅުކުރުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

އެގޮތުން ކާށިތެލާއި ލުންބޯހުތް ބޭނުންކޮށްގެން އަންނަނިވިގޮތަށް އަމަލުކުރާށެވެ. ކަންބޮޑުނުވާށެވެ. މިކަމުން ހަމަ ގައިމުވެސް ގެއްލުމެއް ނުވާނެ އެވެ. ވިއްޔާ ވާނީ މުޅިންވެސް ފައިދާ އެވެ.

ބޭނުންވާ ތަކެތި:

  • 50 އެމްއެލް ކާށިތެޔޮ
  • 3 ސައިސަމުސާ ތާޒާ ލުނބޯހުތް

ބޭނުންކުރާނެ ގޮތް

ކާށިތެޔޮފޮދާއި ލުނބޯހުތްފޮދު ތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. އެއަށްފަހު ބޮލުގައި މަސާޖުކުރާށެވެ. ގާތްގަނޑަކަށް ގަޑިއެއްހައި އިރު ވާންދެން ބެހެއްޓުމަށްފަހު، ބާރުދެރަ ޝޭމްޕޫއެއް ބޭނުންކޮށްގެން ބޯ ދޮންނާށެވެ. މިގޮތަށް ހަފުތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ކާށިތެލާއި ލުނބޯހުތުގެ ފަރުވާ ހޯދާށެވެ.

ކާށިތެޔޮ ބޭނުންކުރުމުން ނުރަ އިސްތަށި ކަޅުވާނެ އެވެ. މީގެ އިތުރުން ކާށިތެލުގެ ސަބަބުން ބޮލުގެ އިސްތަށިގަނޑަށް އިތުރު އާރޯކަމަކާއި ތާޒާކަމާއި ދިރުން ލިއްބައިދޭނެ އެވެ. ބޮލުގެ ހަންގަނޑަށް ފައިދާކުރާނެ އެވެ. އިސްތަށީގެ ސިއްޙަތު ރަނގަޅުކޮށްދޭނެ އެވެ. ބޮލުން ހަންފޮޅުމުގެ މައްސަލަ ހުންނަނަމަ، އެކަންވެސް މި ފަރުވާާއިން ރަނގަޅުކޮށްދޭނެ އެވެ. ލުނބޯގައި ހުންނަ ވިޓަމިން-ބީ އަދި ވިޓަމިން-ސީ އާއި ފޮސްފަރަސް ގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ކާނާ ލިއްބައިދީ އިސްތަށި ކަޅުކޮށްދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.