ބިދޭސީން މި ދަނޑިވަޅުގައި ކުރާ މަސައްކަތްތައް ފާހަގަކޮށް ޑރ. ނަޒްލާ ރަފީގު އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރުމުގެ ގޮތުން ކޮންމެ ރެޔަކު ނޭޝަަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުން މިރޭ ނިންމަވާލައްވަމުން ޑރ. ނަޒްލާާގެ ވިދާޅުވީ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އިން ކުރާ މަސައްކަތްތަކުގައި ވަރަށް ގިނަ ބިދޭސީ ފަރާތްތަކުގެ ބައިވެރިވުން ލިބޭ ކަމަށާއި، އެ ކަން ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން ފަރުކޮޅުފުށީގައްޔާއި، ވިލިވަރު ކަރަންޓީނު ފެސިލިޓީތައް ތައްޔާރުކުރުމުގައި ބަގްލަދޭޝް މީހުންނާއި އެނޫންވެސް ބިދޭސީ މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، ފަރުކޮޅުފުށީގައި ކޮވިޑް-19 އަށް ފައްސިވާ މީހުން ތިބޭ ތަން ތަން ސާފުކުރުމުގައި ބިދޭސީން ހިމެނޭ ކަމަށާއި، ފަރުވާ ދިނުމުގައި ވެސް ބޭރުގެ ސިއްޙީ ޚިދުމަތްތެރިން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓީމާއި އެކު މަސައްކަތްކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާގެ ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޒްލާގެ އިތުރަށް ވިދާޅުވި ގޮތުގައި، އެޗްޕީއޭ ގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ފައްސިވާ ކޭސް ތަކުގެ ކޮންޓްރެކްޓް ޓްރޭސިންގ (އެއްތާވި މީހުން ހޯދުން) ހެދުމުގައްޔާއި، ދިވެހިން ވާހަކަ ދައްކަން ފަސޭހަ ނޫން ފަރާތްތަކާއި މުޢާމަލާތް ކުރުމުގައި ބިދޭސީން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އެކަން ފާހަގަކޮށް އެ ފަރާތްތަކަށް ހިތުގެ އެންމެ ފުން މިނުން ޝުކުރުއަދާކުރައްވާ ކަމަށެވެ.

މިރޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލެއްގައި ބިދޭސީންނާއި މެދު ބޭނުންކުރި ބަސްމަގު ހުރިގޮތާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، ޑރ. ނަޒުލާ ވިދާޅުވީ އެންމެންނަކީ ވެސް އިންސާނުން ކަމަށާއި، ކޮންމެ މީހަކު ވެސް އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރަންޖެހޭ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.