މުޅި މިޤައުމު ރޮއްވައިލައިފިއެވެ. ދިވެހިންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން މުޅިން ފިލައިގެން ގޮސްފި ކަހަލައެވެ. މާޔޫސް ކަމާއި، ނުތަވަސްކަމުން އުފެދިފައިވާ ފުން ކަނޑަކަށް، އަޅުގަނޑުމެންގެ ދިރިއުޅުން ގެނބިއްޖެއެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުން ދަނީ ހިތާމައިގެ ފުން ހިތި އަސަރުތަކެވެ. “ކޮވިޑް19” ކާރިސާ، ދިވެހިންގެ ހިތްތަކުގެ ހިމަ ނާރާވެސް ކުޅެލައިފިއެވެ. އަޅުގަނޑުމެން މިތިބީ މާޔޫސްވެފައެވެ. އިންތިހާއަށް ބިރުގަނެ، ގޮތް ހުސްވެފައެވެ.

އަޅުގަނޑުމެން ގޭގައި މަޑުކުރުމަށް އެދި އާދޭސް ކުރަމުން، ޞިއްޙީ ޚިދުމަތްތެރިންނާއި، ޤައުމީ ދިފާއީ ބާރު އަދި ފުލުހުން ކުރަމުން ގެންދަނީ ޝުކުރު ހައްޤު، ބޮޑު ޤުރުބާނީއެކެވެ. އަޅުގަނޑު މިލިޔުމުގައި ޚާއްސަކޮށްލާނީ ދިވެހިންގެ ޚިދުމަތުގައި، މަގުމަތީގައި ހަރަކާތްތެރިވަމުންދާ ފުލުހަކު ބުނި އަސަރުގަދަ ބަސްކޮޅަކަށެވެ.

“އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ގާތަށް ބައްޕި އަދި އަންނާނަން. ވަރަށް ލޯބިވޭ. ބައްޕި އަންނަން ދެން ދަރިފުޅު މަންމި ގާތުގަ ގޭގަ މަޑުކޮށްލާ!” މިއީ ފުލުހަކު އޭނާގެ އުމުރުން 4 އަހަރަށްދާ ދަރިފުޅުގެ ގާތުގައި ބުނި އަސަރުން ފުރިގެންވާ ބަސްކޮޅެކެވެ. ގަޔަށް ލާނެ ހެދުންތައް ދަބަހަކަށް އަޅައިގެން ގެއިން ނުކުތްއިރު، އެ ދަރިފުޅު ކަރުނަ އަޅައި ރޮމުންދިޔައެވެ. އަނބިމީހާ އިނީ އިންތިހާއަށް ދެރަވެފައެވެ.

ނަމަވެސް، ފުލުސް މީހާ އިޚުތިޔާރުކުރީ ދިވެހި ޤައުމެވެ. އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި މަގުމައްޗަށް ނުކުތީއެވެ. އަޅުގަނޑުމެންގެ ގާތުގައި އެންމެ އާދޭހެއް ކުރަމުންނެވެ. ގޭގައި މަޑުކޮށްލައިދިނުމުގެ އާދޭހެވެ. އެ ފުލުސް މީހާގެ ވިސްނުން ހުރީ، އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން، އަޅުގަނޑުމެން ދިވެހިން ސަލާމަތް ކުރުމަށެވެ. ޚިދުމަތުގައި ހުރެގެން ވެސް، އޭނާގެ ޢާއިލާ އާއި، ލިބުނު ހަމަ އެކަނި ދަރިފުޅު ސަލާމަތް ކުރުމެވެ.

އެނބުރި ގެއަށް އާދެވޭނެ އިރާދަ ހުރިނަމަ، އެ ފުލުސް މީހާ ހުރީ ގެއަށް ދާގޮތަށް އޭނާގެ ދަރިފުޅުގެ ލޯބި ކޮލަށް ބޮސްދިނުމަށް ކެތްމަދުވެފައެވެ. ނަމަވެސް، އެ ފުލުސްމީހާއަށް އެކަން ކުރެވެން އޮތީ ޞިއްޙީ އިރުޝާދުތަކަށް ދިވެހިން ބޯލަނބައިގެންނެވެ. އެ އެންގުންތަކަށް ދިވެހިން ކިޔަމަންވެގެންނެވެ. މިޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެނެސްފައި ނޫނީ، ގެއަށް ވަންނަން އޭނާ ބޭނުމެއް ނުވެއެވެ. ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރަން، އެންމެ ފަހު ނޭވާ ދޫކޮށްލަން ވެސް އޭނާ ހުރީ ތައްޔާރަށެވެ. މިއީ ހަމަ ހުރިހާ ފުލުހުންގެ ވެސް ޢަޒުމަށް ވާނެ ކަމާއި މެދު، އެއްވެސް ޝައްކެތް ނެތެވެ.

މިޤައުމުގެ އަހުލުވެރިންނޭވެ! ލޯބިވާ އަނބިދަރިންނާއި ޢާއިލާ ދޫކޮށް، މަގުމަތީގައި ރެއާއި ދުވާލު ހަރަކާތްތެރިވާ ފަރާތްތަކުގެ ހައްޤުގައި ނަމަވެސް ގޭގައި މަޑުކޮށްލާށެވެ! ކޮންމެހެން ދާން ނުޖެހޭނަމަ ބޭރަށް އެއްގޮތަކަށް ވެސް ނުނިކުންނާށެވެ! މިއީ އެމީހުން ރޮއިފައި ކުރާ އާދޭހެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.