މުޅި މިޤައުމު ރޮއްވައިލައިފިއެވެ. ދިވެހިންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން މުޅިން ފިލައިގެން ގޮސްފި ކަހަލައެވެ. މާޔޫސް ކަމާއި، ނުތަވަސްކަމުން އުފެދިފައިވާ ފުން ކަނޑަކަށް، އަޅުގަނޑުމެންގެ ދިރިއުޅުން ގެނބިއްޖެއެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުން ދަނީ ހިތާމައިގެ ފުން ހިތި އަސަރުތަކެވެ. ”ކޮވިޑް-19“ ކާރިސާ، ދިވެހިންގެ ހިތްތަކުގެ ހިމަ ނާރާވެސް ކުޅެލައިފިއެވެ. އަޅުގަނޑުމެން މިތިބީ މާޔޫސްވެފައެވެ. އިންތިހާއަށް ބިރުގަނެ، ގޮތް ހުސްވެފައެވެ.

ބަލި ނުޖެހުނު ކަމުގައި ވިޔަސް އެތައް ދިވެހި ރައްޔިތުންތަކަކަށް ދަނީ އިންތިހާ ދަރަޖައަށް ނިކަމެތިކަމާއި، ހިތާމަވެރިކަން ލިބެމުންނެވެ.

މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ބޭރުގައި ތިބި ދިވެހިންނަށް އާސަންދަ މެދުވެރިކޮށް 1.9 މިލިއަން ރުފިޔާ އަދި ޒަކާތު ފަންޑު މެދުވެރިކޮށް 2.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ވެސް ފޮރިންގ މިނިސްޓްރީއާ އެހެނިހެން ގޮތްގޮތުން ބޭރުގައި ތިބި ދިވެހިންނަށް އެހީވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާ ހިސާބުން ހިތުގައި އުފެދޭ ސުވާލަކީ ދިވެހި ރައްޔިތުންގެ ފައިސާ އިން ބޭރުގައި ތިބި ދިވެހިންނަށް މިހާބޮޑު ޚަރަދެއް ކޮށްފައިވާއިރު، ބޭސްފަރުވާ އަށް މާލެ ގޮސް ރަށައް ނާދެވި ކުލީ ކޮޓަރިތަކުގައި ހަނާވަމުންދާ ރަށްރަށުގެ ނިކަމެތި ރައްޔިތުންނަށް އިހުމާލުވެފައި މިވަނީ ކީއްވެގެންތޯއެވެ.؟

އެތައް ދިވެހި ރައްޔިތުންނެއް މާލޭގައި ބޭސްފަރުވާއަށް ގޮސް ބަންދުވެފައި ތިބިއިރު، ކޮންމެ ދުވަހަކު އެތައް ދިވެހި ރައްޔިތުންނެއް އަޅުގަނޑުމެން ކައިރީ މިހާލަތު ދަންނަވާދިނުމަށް އެދި ކަރުނައަޅައި ރޮމުންދާތީ މިވާހަކަ ނުދައްކާ ކެތްނުވީއެވެ. ނޫސްވެރިއަަކަށް ވީތީ އިންސާނީ އިހްސާސްތަަކަކުން މަޙްރޫމެއް ނުވާނެ ނޫންތޯއެވެ؟

މިހާލަތުގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރަމުންދާ މަސައްކަތް ނުހަނު އިހުލާސްތެރިކަމާއެކު ބަލައިގަންނަމެވެ. އެހެންނަމަވެސް އަޅުގަނޑުމެން ކަހަލަ ދިވެހި ރައްޔިތުންތަކެއް މިހާލުގައި އުޅޭއިރު، އެބޭފުޅުންގެ ޝުޢޫރުތަށް ހިއްސާކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއްކަމުގައި ދެކެމެވެ.

މިހާ ބޮޑު ޚަރަދެއް ބޭރުގައި ތިބި ދިވެހިންނަށް ކުރިއިރު، ހާލުގައި މާލޭގައި ބަންދުވެފައި ތިބި ދިވެހިންނަށް ލުއިފަސޭހަ ގޮތެއް ހަދައިދޭން ޖެހޭ ކަމަށް އެފަރާތްތަކުން ބުނެއެވެ. މި ހާލަތު ބަދަލުވާން ދެން ކުލީ ކޮޓަރީގައި ލާރި ދައްކައިގެން ތިބެވޭނެ ފެންވަރު އެމީހުންގެ ނެތްކަމަށްވެސް އެމީހުން ބުނެއެވެ. ކަމާބެހޭ ފަރާތްތަކަށް ތަކުރާކޮށް އެންގުމުން މައުލޫމާތު ނަގާފައި އެއްވެސް ޚަބަރެއް ނުވާކަމަށްވެސް އެމީހުންބުނެއެވެ.

އެމީހުންގެ މިހާލަތު ބަދަލުކޮށްދީ އެމީހުންނަށް ލުއި ފަސޭހަ ގޮތެއް ހޯދައިދެއްވުމަށް ނުހަނު އިޚުލާސްތެރިކަމާއެކު ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދޭކަމަށް އެމީހުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.