ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ޤައުމުގައި ވަކި ހިއްޕާލައިފައިވާ އިރު، ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުން ދަނީ މުޅިން ތަފާތު މަންޒަރެކެވެ. ޞިއްޙީ އިރުޝާދުތަކަށް ބޯލަނބައިގެން ގިނަ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެ މީހުން ދިރިއުޅެމުންދާ ގެތައް ތަޅުލައި، ގޭގައި މަޑުކުރަން ފަށައިފިއެވެ. ރާއްޖޭގެ އެކި ރަށްތަކުގައި ދިރިއުޅޭ އެކިފަރާތްތަކުގެ ކިބައިން ފެންނަމުން ދަނީ މުޅިން ތަފާތު ހިތްވަރެކެވެ.

ކޮވިޑް-19 ގެ ވާހަކަތައް ދިވެހިރާއްޖޭގެ މައި ދޮރުގައި ޓަކި ޖަހަން ފެށި ހިސާބުން ރަށުގައި އެންމެ ފުރަތަމަ އުފެދިގެން ދިޔަ ޓާސްކް ފޯހުގެ މަސައްކަތްތައް މެކުހައްޖަހާލީ އޭގެ އެންމެ ފުރިހަމަ ރޭ ވުމާއި އިންތިޒާމުތަކާއެކުގައެވެ. ދަރުމަވެރިން ހޯދުމަށް އެންމެ ފުރަތަމަ ގޮވާލި ގޮވާލުމުގައި ވެސް ރަށުގެ ގިނަ ބައެއްގެ ތަރުހީބު މި ކަމުގައި ލިބިގެންދިޔަ ކަމީ މި ވަބާއިން ސަލާމަތްވުމަށްޓަކައި މި ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ ކަން ހާމަ ކޮށްދޭ އެއް ހެއްކެވެ.

ހުކުރެއް ހޮނިހިރެއް ވަކިނުކޮށް ހެނދުނު 6:00 ން ފެށިގެން 12:00 އާއި ހަމައަށް ރަށުގެ މުޅި ބަނދަރު މޮނިޓަރ ކުރުމުގައި ދަރުމަވެރިންގެ ސާބިތުކަން ދެއްކީ ނުހަނު ޒިންމާދާރު ކަމާ އެކުގައެވެ. ފޫހިކަމެއް ވަރުބަލިކަމެއްް ނެތިއެވެ. އުނދަގޫތައް ހުއްޓަސް އިސްކުރީ އަމިއްލަ ޤައުމެވެ. އަންހެނެއް، ފިރިހެނެއް، ހަގެއް އަދި ދޮށްޓެއް ނެތެވެ. ދެއްކިހާވެސް ނަމޫނާ އަކީ އެކުވެރިކާއި އެއްބައިވަންތަކަމެވެ. އެގޮތުން ރަށަށް ބަދަރުކުރާ ކޮންމެ އުޅަނދަކުން ރަށަށް ޒިޔާރަތްކުރާ މެހެމާނުންނާއި މުޚާތަބުކުރުމުގައި ގެންގުޅުއްވާ ރިވެތި ބަސްމޮށުންތެރިކަމަކީ ފާހަގަ ކޮށްނުލާ ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. ވަކި ވަކިން ކޮންމެ ބޭފުޅެއްގެ މަޢުލޫމާތު ނެގުމުގެ އިންތިޒާމު ހަމަޖައްސަމުންދާ އިސްވެރިން ފެށިގެން ހުރިހާ ދަރުމަވެރިވެރިއެއްގެ މަސައްކަތައް އައްސަރިބަހާއި ސާބަހުން ވެސް ނުފުދޭނެއެވެ.

ދިއްގަރު ދަރުމަވެރިން

މ. ދިއްގަރަކީ މި ދަތި އުނދަގޫ ހާލަތުގައި، ނަމޫނާ ދައްކަމުންދާ އެއް ރަށެވެ. އާބާދިގައި 1400 އެއްހާ މީހުން ދިރިއުޅެމުންދާ ދިއްގަރުގެ މަގުތައް ވަނީ ފަޅުވެފައެވެ. ރަށުގެ ރައްޔިތުން ޞިއްޙީ މާހިރުންގެ ބަސްއަހައި، ގެތަކަށް ވަދެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިއެވެ. ރަށުގެ ރައްޔިތުންގެ ޚިދުމަތުގައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތި، އެކި މުއައްސަސާތަކުގެ ބޭފުޅުން އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ތަފާތު ހިތްވަރަކާ އެކީގައެވެ. މީގެ އިތުރުން ރަށުގެ ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރާ ޓާސްކް ފޯހުގެ ދަރުމަވެރިންނާއި ސޯޝަލް ސަޕޯޓު ޑެސްކުގެ ހީވާގި ދަރުމަވެރިން ކުރަމުން އަންނަ މަސައްކަތަކީ ކޮންމެހެން ފާހަގަކޮށްލަން ޖެހޭ ވަރުގެ ބޮޑު ޤުރުބާނީއެކެވެ.

ދިއްގަރު ދަރުމަވެރިއެއް އެ ރަށު ގެއަކަށް ތަކެތި ފޯރުކޮށްދެނީ

7 ދުވަހުގެ މުއްދަތަކަށް މުޅި ރަށް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، ރަށުގެ އާންމު ރައްޔިތުންގެ ހައްޤުގައި، އެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް، ދިއްގަރުގެ ހިތްވަރުގަދަ ޓީމުތައް ތިބީ ހޭވައްލާ ތައްޔާރުގައެވެ. އެގޮތުން ސޯޝަލް ސަޕޯޓު ޑެސްކުގައި މަސައްކަތް ކުރަމުން އަންނަ ދަރުމަވެރި އަކާއި އަޅުގަނޑު ވާހަކަދައްކާލީމެވެ.

“އަޅުގަނޑުމެން މިތިބީ ރަށުގެ ރައްޔިތުންގެ ހައްޤުގައި ބޭރަށް ނުކުމެ. އިރާދަކުރެއްވިއްޔާ، ރަށުގެ  ރައްޔިތުންގެ ބޭނުންތައް، އެބޭފުޅުން ގޭގަ  ތިއްބައިވައިގެން ލިބޭނެ ގޮތް އަޅުގަނޑުމެން ހަދާ ދޭނަން.” އެ ރަށުގެ ދަރުމަވެރިއަކު ވަރަށް ޖޯޝާއެކު ވިދާޅުވިއެވެ.

ރަށުގެ ގޭބިސީތަކުން ކުނި އުކައި ދިނުމާއި، ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ވަރުބަލި ކަމެއްނެތި، ޖޯޝާ ހިތްވަރާއި އެކު، ދިއްގަރުގެ ހީވާގި ޒުވާން ޓީމުތައް ގެންދަނީ ގެތަކަށް ފޯރުކޮށްދެމުންނެވެ. ގޮވާލާ ހަމަ ކޮންމެ ގޮވާލުމަކަށް އެ ދަރުމަވެރިން ތިބެނީ ހޭވައްލާ ތައްޔާރަށެވެ. ވަކި ޖިންސެއް އިސްތިސްނާ ނުކޮށް މެންދުރުގެ ގަދަ އަވީގައި، ދިއްގަރުގެ ހިތްވަރުގަދަ މި ފަހުލަވާނުންގެ ގައިން އޮށްދާ ހިލިގެން ދާއިރުވެސް، އެ މީހުން ތިބީ އެ ރަށުގެ ރައްޔިތުންގެ ހައްޤުގައި، ކަމާއި ބެހޭ ފަރާތްތަކާއި އެކު، ސާބިތުވެ އެންމެ ކުރީ ސަފުގައެވެ.

ދިއްގަރުގެ ކަމާއި ބެހޭ މުއައްސަސާތަކާއި، ތަކެތި ފޯރުކޮށްދޭ ފިހާރަތަކުގެ ނަންބަރުތައް

މިއަދު ދިއްގަރުން ފެނިގެން މި ދަނީ މުޅިން ތަފާތު، އެހެން ރަށްތަކަށް ނަމޫނާ މިސާލެކެވެ. މި ފަރާތްތަކަކީ ސިފައިންނާއި ފުލުހުންނެކޭ އެއްގޮތަށް ރަށްރަށުގައި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ ދަރުމަވެރިންނެވެ. ރަށުގެ މި ދަރުމަވެރިންގެ މިންނެތް މަސައްކަތްތަކަށް ރައްޔިތުން އައްސަރިބަހާއި ސާބަސްދެނީ ނުހަނު ޝުކުރުވެރިކަމާއެކުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.