ދިވެހިރާއްޖެއަކީ ދުނިޔޭގެ ޗާޓުގައި ހުޅުވައިލެވިފައިވާ ކުޑަކުޑަ ޤައުމެކެވެ. މި ޤައުމަށް، އެކި ހިސާބުތަކުން މީހުން އަންނަމުން ދެއެވެ. ޚާއްޞަކޮށް ބަގްލަދޭޝްގެ ރައްޔިތުން، ދިވެހި މި ފަސްގަނޑުގައި އާދަޔާ ޚިލާފަށް ގިނަކަން އެއީ ކޮންމެ ދިވެއްސެއް ވެސް ހެކިވާނެ ކަމެކެވެ. ނަމަވެސް ހިތާމަ އަކީ ދިވެހިންގެ ދުރުމީގެ ލެންސުން ބިދޭސީން ފެންނަނީ ވަރަށް ދަށުދަރަޖައިގެ ބައެއްގެ ގޮތުގައެވެ. ވަކިން ޚާއްޞަކޮށް ބަގްލަދޭޝްގެ ރައްޔިތުންނާއި މެދު ގިނަ ދިވެހީންގެ ހިތުގައި، އިޙްތިރާމް ކުރުމުގެ މާތް އަދަބުގެ ކަންފުޅެއްގެ މިންވަރު ވެސް ނެތެވެ.

މިއީ ދިވެހީން ދެރަވެ، ލަދުގަންނަން ޖެހޭނެ ކަމެކެވެ. އެއްވެސް ހާލެއްގައި ދިވެހިން، ދިވެހިންގެ ފެންވަރު އޮޅިގެން ނުވާނެއެވެ. ދިވެހިންގެ ދިރިއުޅުމަށް ލިބިފައިވާ ފަސޭހަކަމާއި، ކުރިއެރުމުގައި ބިދޭސީންގެ ދައުރުގެ ބޮޑުކަން އެންމެ ވަގުތު ކޮޅަކަށް ވެސް ހަނދާނުން ކައްސުވާ ނުލާށެވެ. ބަގްލަދޭޝްގެ ރައްޔިތުން، ރެއާއި ދުވާލު އަޅުގަނޑުމެންގެ ޚިދުމަތުގައި ވަމުންދާ ޤުރުބާނީ މަތިން ހަނދާންކޮށް ބަލާށެވެ. އަޅުގަނޑު މިހެން ދެންނެވީމާ ފަހަރުގައި ތިބޭފުޅުން ހިތަށް އަރާފާނެއެވެ. އެމީހުން ކޮށްދެނީ ކޮން ޚިދުމަތެއް ހެއްޔެެވެ؟ އެއީ އެމީހުން އަމިއްލަ އެދުމަށް ކުރާ ކަމެއް ކަމުގައި ބަލާފާނެއެވެ. މިއީ އަބަދުވެސް މީސް މީޑިޔާގައި ދިވެހިންގެ ދޫތަކުން ގޮވަމުންދާ އެއްޗެއްސެވެ. އިނގިލީގެ ހަރަކާތުން ދިވެހިން ބަގްލަދޭޝްގެ ރައްޔިތުންނާއި މެދު ފައުޅު ކުރާ ޚިޔާލުތަކެވެ. 

ދިވެހީންނެވެ! ތިޔަ ވިދާޅުވަމުން ގެންދަވަނީ ތެދަކަށްވެސް ވެދާނެއެވެ. އެކަމު، އެއީ ތެދެއް ނަމަ އަޅުގަނޑުގެ ސުވާލަކީ، ތިޔަ ދިވެހީން ގޭގެ މަަސައްކަތަށް ބިދޭސީން ގެންނަނީ ކީއްކުރަންތޯއެވެ. ބަނޑަށް ލެވޭ ކާއެތިކޮޅުވެސް ހަދަން ތިދެނީ، ތިކިޔާ އަމިއްލަ އެދުން ބޮޑު، ދަރަޖަ ދަށްކޮށްފައި ތިބި ބަގްލަދޭޝްގެ ރައްޔިތުންގެ އަތަށެވެ. އަމިއްލަ މީހާގެ ނަޖިސް ސާފުކޮށްލާނެ ވަރުގެ މުރާލިކަމެއް ނެތް ދިވެހީން، ފާޚާނާ ހަޑިކޮށްފައި، އެތަން ސާފުކުރަން ވެސް ތިދެނީ އަމިއްލަ އެދުން ބޮޑު ބިދޭސީންގެ އަތަށެވެ. ފެންވަރާފައި، ބޮލުން ފައިބާ އިސްތަށިކޮޅު ނަގައިލާނެ ހިތްވަރެއް ނެތްއިރު، ކޮންމެ ނުރަނގަޅު ކަމެއްގެ އިނގިލި ބަގްލަދޭޝްގެ ރައްޔިތުންނަށް ތި ދިއްކުރަނީ ލަދޭ ކިޔާ ބަހެއް ވެސް އޮތްކަން ނޭނގިގެން ހެއްޔެވެ؟ 

ދިވެހީންގެ ބައެއް ފަރާތްތަކަށް މިކަން ނޭނގިދާނެއެވެ. ކަރަންޓީނު ފެސިލިޓީތަކާއި، ކޮރޯނާއަށް ފައްސިވެފައި ތިބި މީހުން ބޭނުން ކުރަމުންދާ ފާޚާނަތަކާއި، އެމީހުން އުޅޭ ތަންތަން ސާފުކޮށް އެހަދަނީ ގިނައިން ބަގްލަދޭޝްގެ ރައްޔިތުންނެވެ. އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން އެދޭ ޚިދުމަތުން ދިވެހީންނަށް ފައިދާ ނުވާނެތޯއެވެ؟ ދިވެހީން މިކަމާއި ނުވިސްނަނީ ކީއްވެހެއްޔެވެ؟ ދުލެއް އޮތީމާ ތަޅުވަނީތޯއެވެ؟ އަތުގެ އިނގިލަތަކުން އެމީހުންނަށް ނިސްބަތްކޮށް، ދެރަ ބަހެއް ލިޔެނުލައި ހުރިއްޔާ މުޅި ގަޔަށް ހިރުވަނީތޯއެވެ؟ އަޅުގަނޑު މިހެން ދެންނެވިޔަސް، ބައެއް ދިވެހީން، ބަގްލަދޭޝްގެ ރައްޔިތުންނާއި މެދު ކަންތައްކުރާ ހިތްހެޔޮ، ރަނގަޅުކަމުން އެމީހުންނަށް ޝުކުރު ހައްޤުވެއެވެ. އެއީ ހަޤީޤީ ދިވެހީންނެވެ. 

ބިދޭސީން މިޤައުމުގައި އިންތިހާއަށް ގިނަވެފައިވާކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ޤަވައިދާޚިލާފަށް ވެސް އެތައް ބަޔަކު ވަނީ އެތެރެ ވެފައެވެ. އެކަމު، އެއީ އެމީހުންނަށް އިހާނެތިކޮށް ހިތައި، ދެރަބަސް ބުނަން ޖެހޭނެ ކަމެއް ނޫނެވެ. ބިދޭސީން މިޤައުމުން މަދުކުރަން ބޭނުންނަމަ، މީސް މީޑިޔާގައި ބޭއަދަބީ ބަހުން އެމީހުންގެ ޤަދަރު ކުޑަކޮށްފައި، ފާޑުފާޑުގެ އެއްޗެހި ނުކިޔައި، އެމީހުން ކުރަމުން އަންނަ މަސައްކަތް ކުރަން ފަށަން ވީނޫންތޯއެވެ. އަމިއްލަ މީހާގެ ގެ ސާފުކުރަން، އަމިއްލަ މީހާގެ ދެއަތް ބޭނުން ކޮށްލަންވީނޫންތޯއެވެ. ބޮލުން ވެއްޓޭ އިސްތަށިތައް އަމިއްލަ އަތުން ސާފުކޮށް، ފާޚާނާތައް އަމިއްލަ ދެއަތުން ސާފުކޮށްލަން ވީނޫން ތޯއެވެ. 

އަނގައެއް އޮތަސް ތެޅުވުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ކަންކަން ހައްލު ވާނީ، އެކަމެއް ހައްލު ކުރަން އޮންނަ އުސޫލުންނެވެ. ދުލުން ބޭނުން ކޮންމެ އެއްޗެއް ވިސްނައި ނުލައި ބޭރު ނުކުރާށެވެ. ފަހުން އެކަމާއި ތިމާ ހިތާމަ ކުރަން ޖެހިދާނެއެވެ. ޝާއިރު ވެސް ވިދާޅުވާ ފަދައިން ދުލުން ބުނެލާ ބަހުން ހިތުގައި އުފެދޭ ފާރަކަށް، ކިތަންމެ މޮޅު ބޭހަކުން ވެސް ފަރުވާއެއް ނޯންނާނެއެވެ. 

އެހެންކަމުން، އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ވިސްނަންވީ، ބިދޭސީންނަކީ ވެސް ހަމަ އަޅުގަނޑުމެން ކަހަލަ އިންސާނުން ކަމެވެ. އެމީހުންގެ ވެސް އޮންނާނީ ހިތެކެވެ. އެހިތުގައި ނުޖައްސާށެވެ! ޅެންވެރިޔާ ވިދާޅުވިފަދައިން އެ ހިތުގައި ފާރެއް ނުލާށެވެ! އެ ފާރުގެ ރިހުމުން އެމީހުންނަށް ވެސް ވަރަށް ތަދުވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.