“އޭތް ތީ މަގޭ އޮށް، ކަލޭ ކުޅެ ބަލަ ކަލޭގެ އޮށުން!!” މަޢާފް ކުރައްވާށެވެ. އަޅުގަނޑު އަވަގުރާނައެއް ގޮވަނީކީ ނޫން އިނގޭތޯ އެވެ. މިއީ އަޅުގަނޑުމެން ކުޑައިރު ކުޅެން ގެންގުޅުނު ‘ފަސްއޮށްބައި’ ނުވަތަ ‘އޮށްބައި’ އޮށުގެ ވާހަކަ ދައްކާއިރު ބޭނުން ކުރެވޭ ގޮތެވެ. މި ދައްކަނީ އަޅުގަނޑު ގެންގުޅޭ ފަސްއޮށްބައިގެ އޮށެއް އެހެން ކުއްޖަކު ނެގުމުން އެ އޮށުން ނުކުޅެ، އެކުއްޖާގެ އޮށުން އެކުއްޖާ ކުޅުމަށް ބުނެ އުޅޭ ގޮތުގެ ވާހަކައެވެ.

ފަސްއޮށަކީ ނުވަތަ މިޒާމާނުގެ ދިވެހި ކުދިން ދަންނަގޮތުންނަމަ ‘މާރބްލްސް’ އެވެ. މާރބްލްސް marbles އަށް ދިވެހިބަހުން ކިޔަނީ ‘ފަސްއޮށްބައި’ ނުވަތަ ‘ފަސްއޮށް ކުޅޭން ގެންގުޅޭ ފަސްއޮށް’ މިހެންނެވެ. ދިވެހިބަސްފޮތް ބުނާގޮތުން ފަސްއޮށް އެއީ ފަސްއޮށުން ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރު ކުޅުމަށް ބޭނުންކުރާ އޮށްތައް ޢާއްމުކޮށް ހަދައިފައި ހުންނަނީ ބިއްލޫރިންނެވެ.

ފަސްއޮށް – ތާރީޚްގެ ތެރެއިން

ފަސްއޮށަކީ ދިގު ތާރީޚެއްވެސް އޮތް އެއްޗެކެވެ. ނުވަތަ ފަސްއޮށް ކުޅުމަކީ ދިގު ތާރީޚެއް އޮތް ކުޅިވަރެކޭވެސް ދެންނެވިދާނެއެވެ. ޤަބޫލުކުރަން ދަތިނަމަވެސް، ފަސްއޮށް އެއްމެ ފުރަތަމަ އުފެދިފައިވަނީ ކޮންތަނެއްގައި، ކޮން އިރަކު ކަމެއް ތާރީޚުން އެނގޭކަށް ނެތެވެ. އިޓަލީގެ ޤަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ އަޅިތަކުގެ ތެރެއިންނާއި މިސުރުގެ ޤަދީމީ މަހާނަތަކުންވެސް ފަސްއޮށް ވަނީ ފެނިފައެވެ. ނޭޓިވް އެމެރިކާގެ ޤަބީލާ ތަކުގެ މީހުންވެސް ފަސްއޮށް ކުޅުނުކަން އެނގެން އެބައޮތެވެ. އެހެންކަމުން ފަސްއޮށް އުފެދިފައިވަނީ މިވެނި ޤައުމަކުން ނުވަތަ މިވެނި ހިސާބަކުންކަމަށް ކަނޑައެޅިގެން ބުނުމަކީ ކުރޭވެނެ ކަމެއް ނޫނެވެ. އެއްމެ ކުރީ ޒަމާނުގައި ގެންގުޅު ފަސްއޮށަކީ މަށިން ނުވަތަ ކިސަޑުން ހަދާފައިވާ ފަސްއޮށެވެ. އޭރު ފަސްއޮށް އޮމާންކޮށްފައިވަނީ ކޯރުތަކުގެ ދެމޭ އޮއިގެ ތެރޭގައި ބަހައްޓައިގެންނެވެ. ނަމަވެސް މިތަކެތި އުފައްދާ މީހުން، ކިސަޑު، ގައު ނުވަތަ ބިއްލޫރި ބޭނުންކޮށްގެން އެމީހުންގެ އަތުން ބައްޓަން ގެނެސް އޮމާން ކޮށްގެން ފަސްއޮށް ހަދާފައި ވެއެވެ.

tinsley1941_5

‘މާސް ޕްރޮޑަކްޝަން’ ނުވަތަ އެއްފަހަރާ ގިނަ ޢަދަދެއްގެ ފަސްއޮށް އުފައްދަން ފަށާފައިވަނީ 1884 ގައިކަން ތާރީހުން އެނގެން އެބައޮތެވެ. އެއީ އެމެރިކާގެ އޮހައިއޯ ސްޓޭޓްގެ އޭކްރެން ސިޓީ އަށް ނިސްބަތްވާ މީހެއް ކަމަށްވާ ސޭމް ޑައިކް ތައްޔާރުކުރި ލަކުޑި ތައްގަނޑެއްގެ އެހީގައެވެ. މި ލަކުޑި ތައްގަނޑުގައި 6 ވަޅުކޮޅު ކޮނެފައި ހުއްޓެވެ. އޭގެ ކޮންމެ ވަޅުކޮޅަކަށް ކިސަޑު އަޅައިގެން ފަހަރަކު 6 ފަސްއޮށް އުފައްދަން ފެށިއެވެ. އީޖާދުކުރި މި މެޝިނު ބޭނުންކޮށްގެން އެއްފަހަރާ 350 މީހުންގެ މަސައްކަތުން ދުވާލަކަށް ގާތްގަޑަކަށް މިލިޔަނެއްހައި ފަސްއޮށް އުފައްދަން ފެށިއެވެ. އެއްފަހަރާ ގިނަ ޢަދަދަކަށް ފަސްއޮށް އުފައްދަން ފެށުމުން ފަސްއޮށުގެ އަގު ހެޔޮވެގެން ދިޔައެވެ. އެއީ ތިރީސް ފަސްއޮށް އެކުލޭވޭ ބަސްތާއަކުން އެއް ‘ޕެނީ’ ގެ ރޭޓުންނެވެ. މި ވިޔަފާރީގައި އުޅުނު އެހެނިހެން ވިޔަފާރިވެރިންވެސް ސޭމް ގެ ވިޔަފާރިއާއި ގުޅުނެވެ. އިސާހިތަކުން 19 ވަނަ ޤަރުނުގެ ފަހުކޮޅުގައި އެމެރިކާގެ އެކްރެން ސިޓީއަކީ ފަސްއޮށް އުފެއްދުމުގެ ވެރިރަށް ނުވަތަ މައި މަރުކަޒު ކަމުގައި ވެގެން ދިޔައެވެ.

a Christensen factory wrkrs b sm

މިހާރު މި ގެންގުޅޭ ބިއްލޫރީގެ ފަސްއޮށާއި ދާދި އެއްގޮތަކަށް ހުންނަ ބިއްލޫރި ފަސްއޮށް ގިނަ ޢަދަދަކަށް އުފައްދަން ފެށީ 1915 ވަނަ އަހަރުގައެވެ. އެއީ އޭކްރެން އަށް ނިސްބަތްވާ މީހެއްކަމަށްވާ އެމް.އެފް ކްރިސްޓެންސަން އީޖާދުކުރި މެޝިނެއްގެ އެހީގައެވެ. އެ މެޝިނު ހަދާފައިވަނީ އަތުން ހަވާދު މުގުރަން ގެންގުޅޭ ދަތީގެ ތަށިގަނޑުގެ ތެރޭގައި އިންނަ ވައްތަރުގެ އިސްކުރު ކޮންވޭޔަރ screw conveyor އެއް ބޭނުން ކޮށްގެންނެވެ. މި ކޮންވޭޔަރ ހަދަފައިވަނީ މަލަރުކޮށްފައިވާ ދެ ސިލިންޑަރު ބޭނުންކޮށްގެންނެވެ. ދެ ސިލިންޑަރުގެ ތެރެއަށް ވިރުވައި ދިޔާކޮށްފައިވާ ބިއްލޫރީގެ ‘ގުޅަވަރެއް’ ލުމަށްފަހު އެ ސިލިންޑަރު ހަދާފައި ހުންނަ ޚާއްޞަ ބައްޓަމާއި ގޮތުގެ ސަބަބުން ސިލިންޑަރުގެ އެއްކޮޅުން އަނެއްް ކޮޅަށް އެ ބިއްލޫރި ގުޅުވަރު ދާއިރު ވަށް ގުޅަގުޅައަށް ނުވަތަ ވަށް ބޯޅަތަކެއްހެން ވެށިފައި ހުރެއެވެ. މިގޮތަށް ގުޅަ ވެށިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ފަސްއޮށުގެ ތެރެއިން ފެންނަން އެހުންނަ ރީތި ޑިޒައިން އުފެދިފައި ހުރެއެވެ. އެގޮތަށް ޑިޒައިން އުފެދޭގޮތަށް ފަސްއޮށް އުފެއްދުމުގެ ޘަޤާފަތަށް އަދިވެސް މިވަނީ ބަދަލެއް ނުގެނެސްކަން ފާހަގަކޮށްލެވެއެވެ.

ފަސްއޮށް އުފައްދަނީ ކިހިނެތްކަން ބަލައިލުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރާހިތްވާނެ ކަމެއްކަމަށް ފެންނަތީ ފަސްއޮށް އުފައްދާ ގޮތުގެ ވީޑިއޯކޮޅެއް ހިމަނައިލާނަމެވެ.

ފަސްއޮށް އުފައްދާ ގޮތުގެ 'ގިފް' ފޮޓޯ އެއް

ފަސްއޮށް އުފައްދާ ގޮތުގެ ‘ގިފް’ ފޮޓޯ އެއް

ވިހިވަނަ ޤަރުނުގެ ކުރީކޮޅުވެސް ފަސްއޮށް ކުޅުމަކީ ވަރަށް މަޤުބޫލު ކުޅިވަރެކެވެ. ނަމަވެސް ދެވަނަ ބޮޑުހަނގުރާމައިގެ ކަޅު ވިލާގަނޑުގެ ހިޔަނި އެޅުމާއި، ހުޅަނގުގެ ޤައުމުތަކުގައި ތިއޭޓަރުތައް އުފެދިގެން ދިއުމުގެ ސަބަބުން ފަސްއޮށް ކުޅުމުގެ ކުޅިވަރަށް ފަނޑުކަމެއް ލިބިގެން ދިޔައެވެ. ނަމަވެސް މި ހީނަރުކަމަށް އާރޯކަމެއް 1970 ގެ ތެރޭގައި ލިބެން ފެށިއެވެ. އޭރުން ފެށިގެން މިހާރުވެސް ފަސްއޮށް ކުޅުމަކީ މެދުކެނޑިމެއް ނެތި ކުޅެމުން އަންނަ ކުޅިވަރެކެވެ.

ފަސްއޮށް ކުޅޭ މީހުންގެ ބަސްކޮށާރުގެ ތެރެއިން

ފަސްއޮށް ކުޅުމަކީ ކިހައިވަރެއްގެ ކަމެއްކަން ނުދަންނަ މީހަކަށް ފަސްއޮށެއް ނުވަތަ އޮށްބައި އޮށެއް ވެގެންދާނީ ބިއްލޫރިން ހަދަފައިވާ އާދައިގެ ކުޅޭއެއްޗެއް ކަމަށެވެ. ނަމަވެސް ފަސްއޮށް ކުޅުމަށް ހުނަރުވެރި ކުޅުންތެރިއެއް ނަމަ، ފަސްއޮށަކީ މުޅިން ތަފާތު އެއްޗެކެވެ. ފަސްއޮށްބައިގައި ހުންނަ އެކި ވައްތަރުގެ އޮށް އޮށަށް ތަފާތު ނަންތަކުން ނުވަތަ ވަނަން ތަކުންވެސް އެފަދަ މީހުން މުޚާޠަބް ކުރާތަން ފެންނާނެއެވެ. ފަސްއޮށަށް ދިވެހިންގެ މެދުގައި ވަނަންތަކެއް ހެދިފައެއް ނުހުރެއެވެ. ސަބަބަކީ ކޮބައިކަން ނޭނގުނަސް އެނގޭ އެއްކަމަކީ ފަސްއޮށް ކުޅުމަކީ ދިވެހިންގެ މެދުގައި އެހައި މަޝްހޫރު ކުޅިވަރަކަށް ނުވުންކަމަށްވެސް ވެދާނެއެވެ. ފަސްއޮށްބައިގެ އޮށްތަކަށް ވަނަން ހެދިފައި ހުންނަނީ އެ އޮށްއޮށް ހުންނަ ގޮތަށް ބަލާފައެވެ. ނުވަތަ އެ ބޭނުންކުރާ ގޮތަށް ބަލާފައެވެ. ނުވަތަ ފަސްއޮށް ހެދުމަށް ބޭނުންކޮށްފައިވާ އެއްޗަކަށް ބަލާފައެވެ. މިސާލަކަށް: އެގީސް “aggies” އަކީ ދިރޭލާލު red precious stone އާއި ފީރޯޒް green precious stone ފަދަ ހިލައެއް ކަމަށްވާ agate سنگ سلیمانی (އޮރުދޫ ބަހުންނަމަ، ސަންގް ސުލައިމާނީ) ބޭނުން ކޮށްގެން ހަދާފައިވާ އޮށެކެވެ. އެލޭ “alley” ގެ ވަނަން ދެވިފައިވާ ފަސްއޮށަކީ alabaster ނުވަތަ ސަންގުމަރުމަރު ހިލަ ބޭނުންކޮށްގެން ހަދާފައިވާ ފަސްއޮށެކެވެ. އިނގިރޭސި ބަހުން ޝޫޓަރ “shooter” ނުވަތަ “taw” ގެ ނަންވެސް މިއަށް ކިޔައި އުޅެއެވެ. މިނަން ދީފައިވާ ސަބަބަކީ މިއީ ކުދިކޮށް ހުންނަ ފަސްއޮށަށް ވުރެން ތަންކޮޅެއް ބޮޑުކޮށް ހުންނަ ފަސްއޮށަކަށް ވެފައި މި އޮށް ބޭނުންކުރަނީ އެހެން ފަސްއޮށްތަކަށް ‘ޝޫޓް ކުރަން’ ކަމަށް ވުމުންނެވެ.

ކޮންމެއަކަސް ފަސްއޮށްތަކަށް އިނގިރޭސި ބަހުން ތަފާތު ގިނަ ނަންތައް ދީފައި ހުރެއެވެ. ދިވެހި ބަހުން މިގޮތަށް އެކިއެކި ފަސްއޮށަށް ނަންދީފައި ހުންނަކަން އަޅުގަނޑަށް ލިބިފައިވާ މަދު މަޢުލޫމާތުކޮޅުން ނޭނގޭތީ މިބައި ކުރުކޮށްލަމެވެ.

އަޅުގަނޑުމެން ދިވެހިންނަކީ ތަފާތު ބައެކެވެ. ދިވެހިން ފަސްއޮށް ކުޅޭ ގޮތާއި ބޭރުގައުމުތަކުގައި ފަސްއޮށް ކުޅޭ ގޮތް ތަފާތެވެ. ދިވެހިންގެ ތެރޭގައި ފަސްއޮށް ކުޅުން މަޝްހޫރުވެފައި އޮންނަނީ އެހައި މަޤުބޫލު ނޫން ކުޅިވަރެއްގެ ގޮތުގައެވެ. އަދި މި ކުޅިވަރަކީ ދިވެހިންގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ކުޅިވަރެކެވެ.

މަޢުލޫމާތު ނެގީ: http://mentalfloss.com

http://www.marbleking.co.uk

ނުނިމޭ —– ދެން އޮތީ ‘ފަސްއޮށް ކުޅޭގޮތް’

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.