މެދު ރާއްޖެތެރޭގައި ވިދާ ބަބުޅަމުންދާ، ފ.ބިލެތްދޫއަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. މިއަދު މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ، ބިރުވެރި، ނާމާން ފައްތަރުގައި ވެސް، ބިލެތްދޫ ރައްޔިތުން ދައްކަމުން ގެންދަނީ، އެއްބައިވަންތަކަމާއި، އަޚުވަންތަކަމުގެ ލާމަސީލު މިސާލެކެވެ.

އާބާދީގައި 1300އަށް ވުރެން ގިނަ މީހުން ދިރިއުޅެމުންދާ، ބިލެތްދޫން މިއަދު ފެންނަނީ ހަމަހިމޭން ކަމެވެ. ރަށުގެ މަގުތައް މިއަދު ފަޅުވެއްޖެއެވެ. ޒަރޫރީ ބޭނުމެއްގައި މެނުވީ، މަގުމަތިން އެއްވެސް މީހެއް ނުފެނެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ގިނަ ބަޔަކު ގެތަކަށް ވަދެ، ރައްކާތެރިކަން ޚިޔާރުކޮށްފިއެވެ.

މި ހިތްދަތި، ދަތި ދުވަސްތަކުގައި ރަށުގެ ކައުންސިލާއި، ޓާސްކް ފޯހުން ދައްކަމުން ގެންދާ ހިތްވަރަކީ މުޅި ރަށް އެކަމަށް ޝުކުރުވެރިވާނެ ކަމެއްކަން ކަށަވަރެވެ. ބިލެތްދޫގެ ޓާސްކް ފޯރސްގައި ހިމެނޭ ބޭފުޅުން، މިއަދު ކަށިން ހިތްވަރު ނެރެގެން މަގުމަތީގައި ހަރަކާތްތެރި ވަމުން ގެންދަނީ، ރަށުގެ ރައްޔިތުންގެ ހައްޤުގައެވެ. ރަށުގެ ރައްޔިތުންގެ ބޭނުންތައް ފަސޭހަ ކަމާއި އެކު ފުއްދައިދީ، ރަށުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެމީހުން އެތިބެނީ ތައްޔާރަށެވެ. ގައިން ހިއްލާ އޮށްދަލަށް ވިސްނުމެއްނެތި، ރަށުގެ ހައްޤުގައި ވަމުން އެ ގެންދަނީ މަތިވެރި މާތް ޤުރުބާނީ އެކެވެ.

ރަށުގެ ކައުންސިލުން އިސްނަގައިން ބިލެތްދޫ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށް މިވަނީ ނިންމާފައެވެ. އެގޮތުން އެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށް ބިލެތްދޫ ކައުންސިލްގެ ރައީސް، އިހުސާން މުނިއަވަސް އަށް ވިދާޅުވިއެވެ.

“މިހާލަތަށް ބަލާފަ ހުރިހާ ރައްޔިތުންވެސް، ކަމާގުޅުން ހުރި ފަރާތްތަކުންދޭ އިރުޝާދުތަކަށް ބޯލެނބުމަށް އަޅުގަނޑުމެން ނަޞޭޙަތްތެރި ވަން. އަދި ހުރިހާ ރައްޔިތުންވެސް، ފަރުދީ ޒިންމާ އަދާކުރުމަށް އެދެން.” ރަށުގެ ކައުންސިލްގެ ރައީސް އިހުސާން ވިދާޅުވިއެވެ.

މި އުދަނގޫ ދަނޑިވަޅުގައި، ރަށުގެ ކުދި ބޮޑު އެންމެން ދައްކަމުން ގެންދަނީ، އާދަޔާ ޚިލާފު ހިތްވަރެކެވެ. ގޭގައި ގިނަ ވަގުތު މަޑުކޮށްގެން، ފަރުދީ ޒިންމާާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާކަން އުފަލާއި އެކު ފާހަގަކޮށްލެވެއެވެ. އަދި މިފަދަ ދަތި ދުވަސްތަކުގައި ބިލެތްދޫ ރައްޔިތުންނަކީ، އަބަދުވެސް އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔެކެވެ.

ބިލެތްދޫ ރައްޔިތުން ރޯދައަށް، ގިނަ އަދަދަކަށް ކާއެއްޗެހި މިއަދު ވަނީ ރަށަށް އަރުވާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ކަމަކީ، ރަށުގެ ރައްޔިތުން އެ މުދާތައް ނެގުމުގެ ކުރިން ވަނީ، ޞިއްޙީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ޑިސްއިންފެކްޓް ކޮށްފައެވެ.

ރަށުގެ ޞިއްޙީ ހާލަތާއި ގުޅޭގޮތުން، ބިލެތްދޫ ޞިއްޙީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި، ބޭފުޅާ އާއި ވެސް އަޅުގަނޑު ވާހަކަ ދައްކާލީމެވެ.

“އިރާދަކުރެއްވީތީ ބިލެތްދޫގަ ބައްޔަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ނެތް. ހުރިހާ ރައްޔިތުން ގާތުން އެދެނީ، ގޭގަ މަޑުކޮށްލަ ދިނުމަށް. މިބައްޔަށް ފަރުވާއެެއް ހޯދިފައިނުވާ އިރު، ވަގުތު ފާއިތު ވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދެން.” ރަށުގެ ޞިއްޙީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި، ހާމިދު ރަޝީދު ވިދާޅުވިއެވެ.

މިއަދު މުޅި ބިލެތްދޫން ފެންނަމުން ދަނީ، ރަށުގެ ހުރިހާ ރައްޔިތުންގެ ހިތްވަރެވެ. ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަމުންދާ، ދަރުމަވެރިންގެ ކެރުންތެރިކަމާއި، ފަނޑުވުމެއް ނެތް ހިތުގެ ސާބިތުކަމެވެ. މިހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ އަޑިން ޝުކުރުވެރި މިވަނީ، ފަޚުރުވެރި ހިތަކާއި އެކުގައެވެ. އަޅުގަނޑުމެންގެ ދުޢާ އަކީ ބިލެތްދޫ އާއި މުޅި މި ފަސްގަނޑު ކޮރޯނާގެ ވަބާއިން ސަލާމަތް ކޮށްދެއްވުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.