މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސްކަމުގައި ރަސްމީކޮށް މިރޭ އިއުލާން ކޮށްފިއެވެ.

ހިޖުްރައިން 1441 ވަނަ އަހަރު ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް މިރޭބޭއްވި ޖަލްސާއަށްފަހު ހަނދާބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވެފައިވަނީ މިރޭ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށް މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީއާއި، މިއަދުގެ އިރު އޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެނިފައި ނުވާތީއާއި، އިސްލާމީ އެއްވެސް ޤައުމަކަށް ވެސް ހަނދު ފެނުނުކަމުގެ އިތުބާރުހުރި އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމުގައެވެ.

މިހެންވުމާއި އެކު 23 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހަކީ 1441ހ ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 24 އޭޕްރިލް 2020 ވާ ހުކުރު ދުވަސްކަމުގައި ކަނޑައަޅާކަމަށެވެ.

މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުވަނީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ހުރިހައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި ވަނިކޮށެވެ. މިހެންވުމާއިއެކު މިއަހަރުގެ ތަރާވީސް ނަމާދުވެސް ޖަމާޢަތުގައި ނުކުރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.