ދިވެހި ނޫސްވެރިކަން އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ކުރިއަރަމުންނެވެ. އިތުރު ކުރިތައް އަރައި ފޯދި ފައްކާވަމުންނެވެ. ޕްރިންޓް މީޑިއާއާއި މާސްމީޑިއާގެ އިތުރުން އޮންލައިން މީޑިއާތައް އުފެދި ގިނަވަމުންނެވެ. ދިވެހި ނޫސްވެރިންގެ ލިސްޓުގެ ކުރީ ސަފުން ޒުވާން މޫނުތަކެއް ޖާގަ ހޯދަމުންނެވެ. އެފަދަ ޒުވާން ނޫސްވެރިންގެ ތެދުވެރިކަމާ، މަސައްކަތަށް ހުންނަ ކުލުނުވެރިކަމާ ލޯތްބާއި، ހިތްވަރާއި ޢަޒުމާއެކު މަސައްކަތްކުރުމުގެ ރޫޙުގެ ސަބަބުން އިއްޔެގެ ނޫސްވެރިން ފަހަތަށް ޖައްސައިލަމުން އަންނަ ޒުވާން ނޫސްވެރިންވެސް މަދެއް ނޫނެވެ.

މިއީވެސް އެފަދަ ޒުވާން ނޫސްވެރިއެކެވެ. މި ޒަމާނުގެ ކުދިންނާ އަޅައި ބަލާއިރު، ލިޔާ ލިޔުމެއްގައި ކުށެއް ނުހުރެއޭ ބުނާހާ ކުށްމަދުކޮށް ލިޔާ ނޫސްވެރިއެކެވެ. ނޫސްވެރިކަމުގައި ލޯ ހިންގަންޖެހޭ ހުރިހައި ދިމާއަކަށް ލޯ ހިންގުމުގެ ހުނަރު ލިބިފައިވާ ނޫސްވެރިއެކެވެ. މިއަދު މުނިއަވަސް އާއެކު މަސައްކަތް ފަށާފައިވަނީ ނޫސްވެރިކަމުގެ ކުރު މާޒީގައި ހޯދާފައިވާ ތަޖުރިބާއާއި ހުނަރުތައް، މުނިއަވަސްގެ ޓީމާއި ހިއްސާކުރުމުގެ ރޫޙާއި އެކުގައެވެ.

އުމުރުން އެންމެ 17 އަހަރުގައި ރާއްޖޭގެ ބޮޑު އެއް އޮންލައިން ނޫހުން ނޫސްވެރިކަމަށް ވަދެގެން އައި މުޙަންމަދު ރިފާޒް އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން އެއް ނޫސްވެރިޔާއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އަދި އޭނާ އަކީ މުނިއަވަސްގެ ކިޔުންތެރިންނަށް އާމޫނަކަށްވެސް ނުވާނެ އެވެ. އެންމެ ކުޑަ އިރުއްސުރެ ނޫސްވެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އައި ރިފާޒް އެންމެ ފުރަތަމަ ފެނިގެންދިޔައީ ”ސަން އޮންލައިން“ ގައި ސިޔާސީ އަދި އިޖުތިމާއީ ޚަބަރުތައް ގެނެސްދެމުން އައި ނޫސްވެރިއެއްގެ ގޮތުގައެވެ. މީގެ އިތުރުން ރިފާޒް ވަނީ ”ޗެނަލް 13“ ގައިވެސް މަސައްކަތް ކޮށްފައެވެ.

ޗެނަލް13 ގައި ރިފާޒް މަސައްކަތްކުރި އިރު އިވެންޓެއް ކަވަރ ކުރުމުގައި – ފޮޓޯ: ރިޕްސް

“މުނިއަވަސް” ގެ ޓީމާ ރިފާޒް ގުޅުތާ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާވަނީ އުމުރުން އެންމެ 20އަހަރުގައި މުނިއަވަސްގެ ކަރަންޓް އެފެއާރސް ނިއުސްހެޑް ގެ މާގާމަށް ޕޮޮރޮމޯޓްވެފައެވެ. މިއީ ދިވެހި ރާއްޖޭގައި މިވަގުތު މީޑިއާ އެއްގެ ނިއުސް ހެޑް ކަން އަދާކުރާނޭ އެންމެ ޒުވާން މޫނުވެސް މެއެވެ.

މުނިއަވަސް އާއި ރިފާޒް ގުޅުނުފަހުން ފެނިގެންދިޔަ އެންމެ ރަނގަޅު ހެޔޮ އެއް ބަދަލަކީ މަސައްކަތްކުރުމުގެ ރޫޙް ނިއުސްރޫމްގެ ތެރޭގައި އާލާވުމެވެ. ދޭދޭ މެންބަރުންގެ މެދުގައި ގުޅުން ބަދަހިވުމާއި، މުނިއަވަސް ކުރިއެރުވުމަށް، ރިފާޒްގެ ނޫސްވެރިކަމުގެ ކުރު މާޒީން ލިބިފައިވާ ތަޖުރިބާތައް ހިއްސާކޮށް، ތަނުގެ ކުރިއެރުމަށް މަސައްކަތްކުރަމުން އައުމުގެ ނަތީޖާއެއްގެ ގޮތުން، އެދެވޭ ހެޔޮ ބަދަލުތަކެއް ރިފާޒްގެ ފަރާތުން ވެސް މުނިއަވަސް އަށް ލިބިއްޖެއެވެ.

“ރިފާޒަކީ ނޫސްވެރިކަމުގެ ތޫނުފިލި ގަލަމެއް ލިބިފައިވާ ޒުވާން ނޫސްވެރިއެއް. ފެންވަރު ރަނގަޅު އާޓިކަލްއެއް ހެދުމަށް ނިޔަތްގަތުމަށްފަހު، އެ އާޓިކަލް އެންމެ ފުރިހަމަ އާޓިކަލްއަކަށް ހެދުމަށް އަޅުގަނޑުމެންގެ ‘ރިޕްސް’ އެ ގެންގުޅޭ ‘ކިކް’ އެއީ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ކޮންމެ ޒުވާނަކަށް އަގުހުރި ނަމޫނާއެއް. އަނެއްކޮޅުން މަޢުޟޫ ޚިޔާރުކުރުމުގައިވެސް ރިޕްސް ވިސްނުން ބަހައްޓަނީ އެ އާޓިކަލްއަކީ މެގަ ހިޓަކަށް ހެދުމުގެ ވިސްނުން. ހަމަ އެހެންމެ މުނިއަވަސް ކުރިއެރުވުމަށްވެސް ރިޕްސް އެހާމެ ބޮޑަށް ވިސްނުން ގެންގުޅޭ. ” މުނިއަވަސް ގެ ފައުންޑަރ އަދި ޗީފް އެޑިޓަަރ އަހުމަދު ރަޝީދު، ރިފާޒްއާއި ބެހޭގޮތުން ވިދާޅުވިއެވެ.

ޗެނަލް13 ގައި ރިފާޒް މަސައްކަތްކުރި އިރު އިވެންޓެއް ކަވަރ ކުރުމުގައި – ފޮޓޯ: ރިޕްސް

މީގެ އިތުރަށް އަހުމަދު ރަޝީދު ވިދާޅުވީ ރިފާޒްގެ މަސައްކަތަކީ މުޅި ޓީމު ބަލައިގަންނަ މަސައްކަތްތަކެއް ކަމަށެވެ. ނޫސް ޓާގެޓްކުރަނީ އޯޑިއަންސަކަށް ކަމަށްވެފައި، ރިފާޒްގެ މަސައްކަތްތައް އެ އޯޑިއަންސުން ބަލައިގަންނަ ބަލައިގަތުން މިއީ ރިފާޒްގެ މަސައްކަތާއިމެދު އިތުރު އެއްޗެއް ބުނުމުގެ މާނައެއް ނެތް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިފާޒް ފަދަ ޒުވާނަކަށް މުނިއަވަސްގެ ކަރަންޓް އެފެއާޒް ނިއުސް ހެޑްކަން ދިނުމަށް ނިންމީ ޒުވާން، ފަހި ވިސްނުމުގައި މުނިއަވަސް ކުރިއެރުވުމަށް މަސައްކަތް ކޮށްފައިވާތީ އާއި ކުރަމުން އަންނާތީ ކަމަސްވެސް އަހުމަދު ވިދާޅުވިއެވެ.

މީގެ އިތުރުން މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ ނަސީރު ވިދާޅުވީ ރިފާޒް އައުމަށްފަހު މުނިއަވަސްއަށް އައި އެންމެ ބޮޑު ބަދަލަކީ ގިނަބަޔަކަށް މުނިއަވަސް އެނގިގެން ދިއުމާއި މުނިއަވަސްއިން އިޖްތިމާއީ ކަންކަމަށް ކަރަންޓް އެފެއަރޒްއަށް ސަމާލުކަން ދޭކަން އެނގިގެންދިއުން ކަމަށެވެ. އަދި ފެންވަރު ރަނގަޅު މޮޅު ގިނަ ލިޔުންތަކެއް ފެނިގެން އަންނަ ކަމަށެވެ.

“އަހަރެންނާއެކު ރިފާޒް މަސައްކަތްކުރި ހަވަރަކަށް މަސް ތެރޭގައި ރިފާޒްއަކީ ކެރޭ ހިތްވަރު ހުރި ނޫސްވެރިއެއްކަން ފާގަހަ ކުރެވުނު. ހާއްސަކޮށް މުނިއަވަސްއަށް ރިފާޒް މުހިންމުވާ ކޮންމެވަގުތަކު ރިފާޒް ދޭ ސަމާލުކަމަކީ އެހެން ނޫސްވެރިއެއްގެ ކިބައިން އަދި ފެނުނުކަމެއްނޫން. އެހެންވީމަ ނިއުސް ހެޑަކަށް މުނިއަވަސްއިން އެންމެ ގާބިލް މީހަކަށް އަހަންނަށް ފެންނަނީ ހަމަ ރިޕާޒް.” ސަޒްރާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ރިފާޒް އަކީ ކިޔުންތެރިންގެ ހިތާއި ކުޅެލާ އެމީހުންގެ ހިތާއި ލޮލުގެ ސަމާލުކަން ދަމައިގަންނާނެ ގޮތް އެ ޕޮއިންޓް ފާހަގަކޮށް އެ ޕޮއިންޓަށް ލިޔަންދަންނަ ހުނަރުވެރި ލިޔުންތަކެއް ލިޔާ ނޫސްވެރިއެއްކަމަށެވެ.

އެޗްޕީއޭގެ ނިއުސް ކޮންފަރެންސެއްގައި މުނިއަވަސް އިން ރިފާޒް – ފޮޓޯ: ރިޕްސް

އިތުރަށް މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އަހުމަދު ޝާމިން ވިދާޅުވީ ނޫސްވެރިކަމަކީ ރިފާޒް ވަރަށް ގަޔާވެގެން ކުރާހިތުން ކުރާކަމެއްކަމަށާއި އޭނާ އަކީ ޒުވާން ނަމަވެސް، ވަރަށް ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެއްކަމަށެވެ.

“އެޑިޓޯރިއަލް އިން މުނިއަވަސްގެ ކަރަންޓް އެފެއަރޒް ގެ ނިއުސް ހެޑްކަން ރިފާޒަށް ދޭން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އޭނާގެ “ޑެޑިކޭޝަން”. ރިފާޒް މުނިއަވަސް އާއި ގުޅުނު ފަހުން ކަރަންޓް އެފެއަރޒް ގެ ގާތްގަނޑަކަށް ހުރިހާ ޚަބަރެއް ކަވާކުރެވޭ. އޭނާ އަމިއްލަ އިސްނެގުމަށް އެހެން ދާއިރާތަކުގެ ޚަބަރުތައް ވެސް ލިޔާނެ. މުނިއަވަސް ރާއްޖޭގެ މަގުބޫލު ނޫހަކަށް ހެދުމަށް ކުރާ މަސައްކަތުގައި ރިފާޒްގެ ހިއްސާ ވެސް ބޮޑު. އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ރިޕްސް އަށް ފާގަތި މުސްތަގުބަލަކަށް.” ޝާމިން ވިދާޅުވިއެވެ.

މުނިއަވަސް އިން ރިފާޒަށް އެދެނީ އިތުރު ކުރިއެރުމާއި އަރުތައަށެވެ. މުނިއަވަސްގެ ޓީމާއި ރިފާޒު ގުޅުން ވެގެން ދިޔައީ މުނިއަވަސް އަށް ލިބުނު އަގުހުރި ’އެސެޓަކަ’ށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.