އަހަރެންގެ ކައިވެންޏަށް ފަސްއަހަރުވީ އިރުވެސް އަހަރެމެންނަށް ދަރިއަކު ނުލިބެއެވެ. ބޭސް ކުރާކަށް ނުދާ ތަނެއް ނެތޭވެސް ބުނެވިދާއެވެ. ނަމަވެސް އަހަރެންމެންގެ ދެމީހުން ދެމެދު އެއްވެސް މައްސަލައެއް މިވީ ހިސާބަށް ޖެހިފައެއް ނުވެއެވެ.

******

އަހަރެންނާއި ލިއުޝާ ބައްދަލުވީ މާލޭގައި ކިޔަވަން އުޅުނުއިރު ސްކޫލްގައި ބޭއްވީ ކޮންސެޓެއްގެ ތެރެއިންނެވެ. އެދުވަހުން ފެށިގެން ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދި ދުވަހަކަށް ވުރެ ދުވަހެއް ގާތް ވަމުންގޮސް ލިއުޝާ އަކީ މިއަދު އަހަރެންގެ ލޯބިވާ އަނބި މީހާއެވެ. ކައިވެނި ކުރުމަށް ފަހު ލިއުޝާގެ އެދުމުގެމަތިން އަހަރެމެންގެ ދިރިއުޅުން ލިއުޝާގެ ރަށަށް ބަދަލު ކުރީމެވެ. އެއީ ހިތްގައި ރީތި ރަށެކެވެ. އަދި އެރަށުގެ އެންމެންނަކީވެސް މީހުންނާއި ގުޅޭ އެހާމެ ހިތްހެޔޮ ބަޔެކެވެ. އަހަރެންނާއި ލިއުޝާ އެރަށުގައި އުޅެމުން ދިޔައީ ވަރަށް އުފާވެރި ދިއުޅުމެކެވެ. ކައިވެންޏަށް އަހަރުވީއިރުވެސް ކައިވެނީގެ އެންމެ ބޮޑު ހަދިޔާ ނުލިބެއެވެ. ނުހަނު ގިނަގުނަ ޚަރަދު ކުރެވިއްޖެއެވެ. ނުލާހިކު ގިނަ ގައުމުތަކަށް ދެވިއްޖެއެވެ. ވީ އެއްވެސް ކަމެއް ނެތެވެ. ފައިސާ ޚަރަދުވުން ފިޔަވާ ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އެންމެ ފަހުން އަހަރެމެންގެ ދިރިއުޅުން މާލެއަށް ބަދަލު ކުރަން ވިސްނީމެވެ. ބޭސް ފަރުވާގެ ކަންތައް ފަސޭހަ ކުރުމުގެ މަގްސަދުގައެވެ.

*******

މާލެ ބަދަލުވިތާ މަސްދުވަސް ވީ ދުވަހައެވެ. އަހަރެމެންގެ އާދައިގެ މަތިން ހަވީރު ފިންޏަށް ދުއްވާލަން ނިކުތީމެވެ. އަހަރެމެންގޮސް މަޑުކޮއްލީ ސިޓްރޮން ކައިރީގައެވެ. ސައި ބޯލުމުގެ ބޭނުމުގައެވެ. އަހަރެން ފުރަތަމަވެސް އަޅައިގަތީ އެތާގައި ހުރި އަހަރެންގެ ކުރީގެ ރައްޓެސަކާއިއެވެ. އަހަރެމެން ގޮސް އޭނަ ގާތުގައި މަޑު ކޮއްލީމެވެ. އޭނާ އަށް ވެސް އަހަރެން އެގިއްޖެއްއެވެ. ތިން މީހުން ގޮސް އިށީނީ އެއް މޭޒެއް ދޮށުގައެވެ.

”މިހާ ދުވަސް ކޮށްލާފައި ފެނުނީމަ އަހަރެން ވަރަށް އުފާވެއްޖެ” އައްފާނު ވާހަކަ ދައްކަން ފެށިއެވެ.

”އާނ ދޯ. އަހަރެމެން މީހާރު މާލެއަށް ދިރިއުޅުން ބަދަލު ކޮއްލައިގެން މިއުޅެނީ މީހާރު ބޭސްފަރުވާއަކަށް” އަހަރެން ބުނެލީމެވެ. އަދި އަހަރެމެންގެ ބަލި ހާލަތު ވަރަށް ތަފްސީލްކޮށް ކިޔައިދީފީމެވެ.

”ވަރަށް ރަނގަޅު ދިމާވިކަން. އަހަރެންގެ ތިމާގެ މީހަކުވެސް ތިކަހަލަ ކަމަކާއި ވަރަށް އުޅުނު. މިހާރު އިރާދަކުރެއްވީތީ ކާމިޔާބުވެއްޖެ” އައްފާނުގެ ވާހަކަ އަހަރެން ވަރަށް ކަނުލައި އަޑުއަހަން އިނީމެވެ.

”ކިހިނެތް ހެދީ އަވަހަށް ކިޔައިދީބަލަ” އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އަހަރެމެންގެ އުއްމީދު ހާސިލްވި ކަހަލައެވެ.

”ފުރަތަމަވެސް ނަމާދުކޮށް ﷲ އަށް ދަންނަވާ” އައްފާނު ދިނީ ކުރު އަދި ފުރިހަމަ ޖަވާބެކެވެ.

*********

މާލޭގައި ދެމަސް ކޮށްލާފައި އަހަރެމެން އަނެއްކާވެސް ރަށަށް ބަދަލުވީމެވެ. ބަރާބަރަށް ފަރުޟު ފަސްނަމާދު ކުރީމެވެ. ދަންވަރަށް ހޭލާ ދަމު ނަމާދުވެސް ކުރަން ފެށީމެވެ. އަހަރެން ނަމާދު ކުރަން ފެށިތާ ވީ ފަސްމަހެވެ. އަހަރެންގެ އަލަތު ދަރިފުޅަށް އަހަރެންގެ އަންހެނުން ބަލިވެ އިދެއްޖެއެވެ. އަހަރެންމެންނަށް ލިބުނު އުފަލެއްގެ ވާހަކަ ބުނެދޭންވެސް ނޭގެއެވެ. އަހަރެންގެ އުއްމީދު ހާސިލްވީއެވެ.

*********

އަހަރެންގެ ދަރިފުޅުގެ އުމުރުން އެއް އަހަރު ފުރުނު ދުވަހެވެ. ވަރަށް ގަދައަށް ހޮޑުލާން ފެށިއެވެ. އަވަހަށް ރަށުގެ ސިއްޚީމަރުކަޒަށް ގޮސް ޑޮކްޓަރަށް ދައްކައިފީމެވެ. ޑޮކްޓަރު ބަލާފައި ބުނީ އެއްވެސް މައްސަލައެއް ނެތް ކަމެވެ. ދުވަސްކޮޅަކު ބޭސް ބޭނުން ކުރީމާ ރަނގަޅު ވެދާނެ ކަމަށެވެ. ތެދެކެވެ. ބޭސް ބޭނުން ކުރަން ފެށުމުން ކޮންމެވެސް ވަރަކަށް ރަނގަޅުވާން ފެށިއެވެ. އަހަރެންގެ ހިތަށް ހިތްހަމަޖެހުން ލިބެމުން ދިޔައެވެ. ނަމަވެސް މިކަންވެސް މާގިނަ ދުވަހަކަށް ދެމިއެއްނޯތެވެ. އަނެއްކާވެސް ދަރިފުޅު ހޮޑުލައި ބޭރަށް ހިންގަން ފަށައިފިއެވެ. ސިއްޚީމަރުކަޒުގެ ޑޮކްޓަރގެ ލަފާގެ މަތިން އަހަރެމެން މާލެދާން ފުރައިފީމެވެ. ކަނޑު މަޑު އުޑުމަތި ސާފު ރީތި ދުވަހެކެވެ. ދޯނީގެ މިސްރާބު ހުރީ މާލެ އާއި ދިމާއަށެވެ. އަތޮޅުން ދޯނި ނިކުތްތާ މާގިނަ އިރެއް ނުވަނީސް ވިއްސާރަ ވިލާގަނޑަކާއި ޖެހުނެވެ. ކަނޑު ގަދަވެ ދޯންޏަށް ދެފަރާތުން ރާޅު އަރަން ފަށައިފިއެވެ. ދޯނީގެ ފަޅުވެރިން އަވަދިނެތި އުޅުނީ ދޯނި ސަލާމަތް ކުރުމަށެވެ. އަހަރެން އުނގުގައި ދަރިފުޅު ބާއްވާލައިގެން އަންހެނުންގެ ގައިގައި ބާރަށް ހިފަހައްޓާލައިގެން އިނީމެވެ. އަންހެނުންނަށް ހިތްވަރު ދެމުން ދަރިފުޅަށް އެހީތެރިވަމުން ދިޔައީމެވެ. ނެގި ބޮޑު ރާޅަކާއި އެކު ދޯނި ބަންޑުން ޖަހާލައިފިއެވެ. އެންމެން ކަނޑުވީއެވެ. އަހަރެންގެ އަންހެނުން ރޮއިގަތް އަޑާއި އެކު އޭނާގެ އަތުގައި އަހަރެން ހިފެހެއްޓީމެވެ. އަނެއް އަތުން ދަރިފުޅުވެސް ހިފެހެއްޓީމެވެ. އެވަގުތު އަހަރެންނަށް އިދެވުނީ ދޯނި މައްޗަށް އަރާކަމަށްވުމުން ވަރަށް ފަސޭހަވިއެވެ. އެހެން އިންދާ ނެގި ރާޅަކާއި އެކު އަހަރެންގެ އަންހެނުން އަހަރެންގެ އަތުން ދޫވެ ގެއްލިޖެއެވެ. އެރާޅާއި އެކު އަހަރެންވެސް އޮތީ ކަނޑުގައެވެ. ލޯމަތިން އަންހެނުން ގެއްލުމުންވެސް ހިތްވަރުކޮއްލާފައި ދަރިފުޅު ސަލާމަތް ކުރުމުގެ މަސައްކަތް ކުރީމެވެ. އެހިތްވަރުވެސް އަހަރެންނަށް ކުރެވުނީ ދިހަވަރަކަށް މިނިޓްވަންދެނެވެ. ދަރިފުޅުވެސް އަހަރެންގެ އަތުން ދޫވީއެވެ. އަހަރެންވެސް އަޑިއަށް ދާން ފެށިއެވެ. ސަލާމަތްކޮށްދޭން އާދޭސް ކޮށްފައި ގޮވީމެވެ.

*********

އަހަރެންނަށް ހޭލެވުނު އިރު އޮތީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. ފުރަތަމަވެސް އަހަރެން ނަޒަރު ހިންގައިލީ އަހަރެން ލޯބިވާ އަނބިމީހާއި އާއި ދަރިފުޅު ފެނޭތޯއެވެ. އެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން އެމީހުންނާއި ބެހޭގޮތުން އަހަރެންގެ ގާތުގައި ތިބި ފުލުހުންނާއި ސުވާލު ކުރީމެވެ. ޖަވާބަކީ އެމީހުން ދެން ނާންނާނެކަމަށެވެ. މި ދުނިޔެ ދޫކޮށް ދިޔަ ވާހަކައެވެ. ކަނޑުވެ މަރުވި ވާހަކައެވެ. އަހަރެންނަށް ވީ ގޮތެއްވެސް ނޭގުނެވެ. އަހަރެން ހިތްވަރު ކުރީމެވެ. ކެތްތެރިކަން ދެއްވާތޯ ދުޢާ ކުރީމެވެ. މިއީ އަހަރެންނަށް ކުރިމަތިވި އިމްތިހާނެކެވެ. މި އިމްތިހާނުން ފާސްވާން އަހަރެން ބޭނުންވެއެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު އީމާން
މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް