މާލެ، ހުޅުމާލެ، ވިލިމާލެ ސަރަހައްދު ކޮވިޑް-19 ގެ ސަބަބުން ފުރަބަންދުކުރުމާއި ގުޅިގެން މި ރޯދަމަހުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަނެވޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 4 ގޮތަކަށް ފިތުރު ޒަކާތް ދެއްކޭނެ ކަމުގައެވެ.

1. ދިރާގު ޕޭ އެންޑް ލައިފްްސްޓައިލް އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް.

2. އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް.

3. މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިންގެ “ފައިސާ ނެޓް” އަދި މޯބައިލް ބޭންކިންގ “ފައިސާ މޯބައިލް” މެދުވެރިކޮށް.

4. ބޭންކް އޮފް މޯލްޑިވްސް ގެ ވެބްސައިޓު މެދުވެރިކޮށް.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައި މި އޮތް ހާލަތު، މި ފެށޭ ރަމަޟާން މަހުގެ ތެރޭގައި ރަނގަޅުވެ އާންމު ހާލަތަށް އަތުވެއްޖެނަމަ އެހެން އަހަރުތަކެކޭ އެއްގޮތަށް އެ މިނިސްޓްރީގެ ހޯލުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނެއެވެ. އަދި މާލެ ސިޓީ ގެ އިތުރުން އެހެން ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

1441 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮވާމުގެ އަގުތައް:

1. އާދައިގެ ހަނޑޫ: 15 ރިފިޔާ
2. ތައިލެންޑު ހުދު ހަނޑޫ: 48 ރުފިޔާ
3. ބާސްމަތީ ހަނޑޫ: 105 ރުފިޔާ
4. ރަތް ހަނޑޫ: 65 ރުފިޔާ
5. އާދައިގެ ފުށް: 12 ރުފިޔާ
6. އާޓާފުށް: 55 ރުފިޔާ

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.