ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރުގެ އެކި މުއައްސަސާސަތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އެކި ފިލްމު ސްޓޫޑިއޯތަކުންނާއި ވަކިވަކި އާޓިސްޓުންގެ ފަރާތުންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަހަރު މިއޮތީ ފިލްމީ ތަރި އަޙްމަދު އަޒްމީލް (އަޒޭ)ގެ އިސްނެގުމާއި އެކު ގެނެސްދީފައިވާ ލަވައެކެވެ.
“އެންމެން އެކީ” މި ލަވަ މިދިޔަ ބުދަ ދުވަހު ޔޫޓިއުބަށް ލާފައި ވާއިރު، މިއީ ވަރަށް ގިނަ އަދަދަކަށް ފިލްމީ ފަންނާނުން ހިމަނައިގެން ގެނެސްދީފައިވާ ލަވައެކެވެ. ޖުމުލަ ތޭވީސް ފަންނާނަކު ލަަވައިން ފެނިގެންދާއިރު ކޮންމެ މީހެއްގެ ބައިވެރިވުމަކީވެސް އެފަންނާނެއްގެ ގޭގައި ތިބެގެން ކޮށްފައިވާ މަސައްކަތެކެވެ. ލޯތްބާއި އެއްބައިވަންތަކަމުގެ ރޫހެއްގައި ގެނެސްދީފައިވާ މި ލަވައިންވެސް ބުނެދެނީ ކަމާބެހޭ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދުތައް އަޑުއަހައި މިވަގުތު ގައުމު މިއޮތް ހާލަތުން އަރައިގަތުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ކޮށްފައިވާ އިލްތިމާސެކެވެ.
ފިލްމީ ދާއިރާގައި ގިނަދުވަސްވީ ތަޖުރިބާ ހުރި އެކްޓަރުންނާއި ދާއިރާ އަށް މުޅިން އަލަށް ތާއާރަފުވި ފަންނާނުންގެ އިތުރަށް ނުވަދިހައިގެ އަހަރު ތަކުގައި ބެލުންތެރިންގެ ބޯޑު މަގުބޫލުކަމެއް ހޯދި އެކްޓަރ ޢިސްމާއިލް ވަޖީހުުވެސް މި އެވެއާރނެސް ލަވައިން ފެނިގެން ދެއެވެ.
މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ)ގެ އަޑުން ކިޔާފައިވާ މި ލަވައިގެ ރާގު އަދި މިއުޒިކް ތައްޔާރު ކޮށްދީފައިވަނީ ކުޑަ އިއްބެ އެވެ. ލަވައިގެ ލިރިކްސް ތައްޔާރުކޮށްދިނީ ތޭރަވާއެވެ. އަޒޭ މައުލޫމާތު ދޭ ގޮތުގައި މިއީ މި ދެ ފަންނާނުން ހިލޭ ސާބަހަށް ކޮށްދިން މަސައްކަތެކެވެ. މިފަދަ ކޮންމެ ކަމެއްގައި ދިވެހި ފަންނާނުންގެ ބައިވެރިވުމާއި އެމީހުންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރަންޖެހެއެވެ.
ހާސްކަމާއި ބިރުވެރިކަމެއްގައި ތިބެން ޖެހިފައިވާ މި ދަޑިިވަޅުގައި މި ލަވަ ބާލާލައިގެން މޫނުމަށްޗަށް ހިނިތުންވުމެއް ގެނެސްދޭނެކަން ޔަގީނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.