މިއީ ޕްރޮފެސަރ ޙަސަން އުގައިލްގެ ފޭސްބްކްގައި އޭނާ ކުރައްވާފާއިވާ ޕޯސްޓެކެވެ. ޕޯސްޓުން ފާހަގަވި އެންމެ އިމްލާ ކުށެއް ފިޔަވައި، އެއްވެސް އުނިއިތުރުކުރުމެއް ނުލައި ކިޔުންތެރިންނާ ހަމައަށް މި އަގުހުރި މަޢުލޫމާތުކޮޅު ހިއްސާކޮށްލާނަމެވެ.
ކީރިތި ވަންތަ މާތް ރަސްކަލާނގެ އަޅަމެންނަށް ފަރުޟު ކުރައްވާފައިވާ ކޮންމެ ކަމަކީ ވެސް އެކަމެއްގައި ހިކުމަތުން ފުރިގެންވާ އަދި ދެދުނިޔޭގައި ވެސް އޭގެ ފައިދާއާ މަންފާ އެކުލެވޭ ކަމެއް ކަމާމެދު ކުޑަ ވެސް ޝައްކެތް އަދި ވަސްވާހެއް ވެސް ނެތެވެ. ހަމަކަށަވަރުން ރޯދަ އަކީ ވެސް މީގެ ލާމަސީލު މިސާލެކެވެ.
މިއަދު މިދުނިޔޭގައި ހަތް ބިލިއަނަށް ވުރެ ގިނަ އިންސާނުން ދިރިއުޅެމުން އެބަދެ އެވެ. މީގެ ތެރެއިން އުމުރުން 110 އަހަރުން މަތީގެ މީހުންގެ ގޮތުގައި މުޅި ދުނިޔޭގައި ތިބި ކަމަށް ލަފާ ކުރެވެނީ އެންމެ 600 މީހުންނެވެ. މި 600 އެއްހާ މީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އެމީހުންގެ އާންމު ދިރިއުޅުމުގައި ކޮށް އުޅޭ އެއްކަމެއް އޮވެ އެވެ. އާއެކެވެ. އެއީ، ގަވައިދުން ރޯދަ ހިފުމެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ދުވާލުގެ ގިނަވަގުތު ނުކައި ތިބުމެވެ.
މީގެ ސާފު މިސާލެއް ދަންނަވަންތޯ އެވެ؟ އެމެރިކާގެ އަވަށެއްކަމުގައިވާ މޮންޓާނާގައި ދިރިއުޅުނު ވޯލްޓާ ބުރޫނިން އަކީ އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކޮށް 114 އަހަރު ދުނިޔޭގައި އުޅުނު މީހެކެވެ. އޭނާގެ ކެއުމުގެ ވައްޓަފާޅިއަށް ދިރާސާގެ ނަޒަރަކުން ބަލާއިރު އޭނާއަކީ މަދުން ކައިބޮއި އުޅުނު މީހެއްކަން ފާހަގަ ކުރެވެ އެވެ. މިގޮތުން އޭނާ ކައި އުޅުނީ ކޮންމެދުވަހަކު އެންމެ ދެފަހަރު އެވެ. އަދި ކޮންމެ ދުވަހެއްގެ 16 ގަޑިއިރު އޭނާ ހޭދަކުރީ އެއްވެސް އެއްޗެއް ނުކައި ހައިހޫނު ކަންމަތީގަ އެވެ.
ހަމަ ޔަގީނުން ވެސް ރޯދަ ހިފުމަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކަމެއްކަން ކަށަވަރެވެ. އެއީ ސިއްހީ ނަޒަރަކުން ބެލިކަމުގައި ވިއަސް މެއެވެ. މިކަމަށް ހެކިދޭ ސައިންސުގެ ތަފާތު ގިނަ ދިރާސާތައް ވެސް އެބަހުއްޓެވެ. ކެއުމުގައި ވަކި މިންގަނޑެއް ބަހައްޓައިގެން ގަވައިދުން ރޯދަހިފުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް މީހާ ބަލިތަކުން ދުރުވެ ހުރުމަށް އެޅޭނެ ފިޔަވަޅު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިޔަވަޅެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި ގަވައިދުން ރޯދަ ހިފުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލްގެ މިންވަރާއި ލޭގެ ޕްރެޝަރު އަދި ހަކުރުގެ މިންގަނޑުތައް އެންމެ އެދެވޭ ވަރުގައި ހިފެހެއްޓުމަށް ބާރުއަޅާދޭ ކަމެކެވެ. ހަމަ އެހެންމެ ގަވައިދުން ރޯދަހިފުމަކީ އިންސާނާއަށް ކުރިމަތިވާ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ވެސް މީހާ ދުރުކޮށްދިނުމަށް ބާރު އަޅާ ކަމެކެވެ. އިންސާނުންގެ އިތުރުން ޖަރާސީމާއި ބައެއް ދިރޭ ސޫފާސޫފި ބޭނުންކޮށްގެން ކުރެވުނު އެތަކެއް ތަހުލީލުތަކުން ވެސް މިހަގީގަތް ވަރަށް ފުރިހަމައަށް ދޭހަވެ އެވެ.
އެކަމަކު، ރޯދައިގެ ސިއްހީ ފައިދާ އެންމެ އެދެވޭ ގޮތަށް ހާސިލުކުރުމަށް ކެއިންބުއިމުގެ ވައްޓަފާޅި ބަހައްޓަން ޖެހޭ މުހިއްމު އުސޫލެއް ފާހަގަ ކުރާނަމެވެ. އެއީ، ކެއިންބުއިމުގައި، ރޯދައަށް ހުންނަ ދުވަހެކޭ އަދި އެހެން ދުވަހެކޭ ތަފާތު ނުކުރުމެވެ. މިސާލަކަށް، ރޯދަމަހު އަޅުގަނޑުމެން ބައެއް މީހުން ގެންގުޅޭ ނުރަނގަޅު އާދައެއް އޮވެ އެވެ. އެއީ ރޯދަމަހު ރޯދަ ވީއްލާ ގަޑީގައި އަދި ރޭގަނޑުގެ އެހެން ގަޑިތަކުގައި ވެސް އާދަޔާ ހިލާފަށް ގިނައިން ކެއުމެވެ. މީގެ ސަބަބުން ރޯދަމަސް ނިމޭއިރު ބައެއް މީހުންގެ ހަށިގަނޑުގެ ބަރުދަން އިތުރު ވެސް ވެއެވެ. އަދި ރޯދަމަހު މިގޮތަށް ހަށިގަނޑަށް ނުކަތާވަރަށް ގިނައިން ކެއުމާ ބުއިމުން އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުން ވެސް ވެއެވެ. ހަކުރުބަލި ފަދަ ދާއިމީ ފަރުއާއެއް ނެތް ބަލިތަކަށް މަގުފަހި ވެސް ވެއެވެ.
ރަނގަޅު ސިއްހަތެއްގައި އަމިއްލަ ހަޔާތް ވޭތި ކުރުމުގެ ނިޔަތުގައި އަޅުގަނޑަކީ ވެސް ގަވައިދުން ރޯދަ ހިފާ މީހެކެވެ. މިގޮތުން ރޯދަމަހުގެ ބޭރުން ވެސް ހަފްތާއަކު ދެދުވަހު ވަރު ރޯދައަށް ހުންނަމެވެ. އެކަމަކު، ކެއުމުގެ މިންގަނޑު އަބަދު ވެސް އެއްވަރެއްގައި ހިފަހައްޓައި ރޯދައަށް ހުންނަ ދުވަހެކޭ ނުވަތަ އެނޫން ދުވަހެކޭ ތަފާތެއް ނުކުރަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ