މާލޭގެ ބާޒާރުމަތީ ސަރަހައްދު ނުވަތަ މާލޭގެ އެންމެ ގިނަ ފިހާރަތައް ހިމެނޭ ސަރަހައްދުން ފެނުނު ކްލަސްޓަރ އާއި، ގުޅިގެން މިހާތަނަށް މާލެއިން އެންމެ ގިނަ ޕޮސިޓިވް ކޭސްތައް ފެނިފައިވަނީ އެ ސަރަހައްދުގައި ކަމަށްވުމާއި އެކު، ކޮވިޑް-19 ޓާސްކް ފޯހުން އިތުރު ކަރަންޓީނު ފެސިލިޓީތަކެއް ގާއިމް ކުރަން ނިންމައިފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދިޔަ ނޫސްވެރިން ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ ކުރިއަށް މިއޮތް 7 ދުވަހުގެ ތެރޭގައި އިތުރު ކަރަންޓީނު ފެސިލިޓީތައް މާލެއިން ބޭރުގައި ގާއިމުކޮށް އެކި ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް އާންމު ރަނގަޅު ހާލަތެއް ހޯދައިދޭނެ ކަމުގައެވެ. އަދި އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އެ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ނޭނގޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މި ފެސިލިޓީތައް ގާއިމްކުރެވިގެންދާނީ ގުޅިފަޅު، ވިލިވަރު އަދި ހުޅުމާލޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ކަމުގެ މަޤްޞަދު ބަޔާންކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ބިދޭސީން މިހާރު ދިރިއުޅޭ ހާލަތުން އާންމު ރަނގަޅު ހާލަތަކަށް ގެންގޮސްދިނުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކަރަންޓީނު ފެސިލިޓީ މޮނިޓަރ ކުރުމުގައި ސިފައިންނާއި ފުލުހުންގެ އިތުރަށް މެޑިކަލް ބޭފުޅުން ތިއްބަވާނެކަމުގައެވެ. އަދި، ރައްޔިތުންނަށް އެންމެ ރަނގަޅު އަދި އެންމެ އޯގާތެރި ޚިދުމަތެއް ދިނުމުގައި ސަރުކާރުން ދެމިއޮންނާނެކަމަށް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވިއެވެ.
މި މަހު 15 ވަނަ ދުވަހު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެނުމާއި އެކު، އެންމެ ގިނަ އަދަދެއްގެ ބަޔަކު ފައްސި ވެފައިވަނީ އިއްޔެ އެވެ. އެއީ 73 މީހުންނެވެ. އަދި މާލެއިން މިހާތަނަށް 136 ބިދޭސީ އަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.