އަޖުވަދަކީ ދުވާލު ހަތަރު ދަމު ބުރަ މަސައްކަތުގައި އުޅެމުން އަންނަ ޒުވާން ބައްޕަ އެކެވެ. ކައިވެންނަށް 2 އަހަރު ތެރޭގައި އަޖުވަދު ގެ ހަޔާތަށް ލޯބިލޯބި އަންހެން ކުއްޖެއް ހަދިޔާކުރުމަށްފަހު އޭނާގެ އަންހެނުން ވަނީ އަޖުވަދާއި އަބަދުގެ އަބަދަށް ވަކިވެފަ އެވެ. ފަނާވަނިވި މި ދުނިޔެވެސް ދޫކޮށްފަ އެވެ.
އޭނާ ގެ 7 އަހަރުގެ ދަރިފުޅު ބެލެހެއްޓުމަށް ގެންގުޅެނީ އާޔާ (ނެނީ) އެކެވެ. އަނބިމީހާ ވަކިވެދިއުމުގެ ހިތާމައިގައި 24 ގަޑިއިރު އަޖުވަދު ހޭދަކުރަމުން ދާންފެށީ މަސައްކަތް ކުރުމުގަ އެވެ. ލޯޔަރެއްގެ ރަސްމީ މަސައްކަތް ނިންމާފައި އަމިއްލަ ލޯ ފާމެއްގައި ވެސް ވަޒީފާ އަދާާކުރަމުން ގެންދިޔައީ ފައިސާ ހޯދުމަކީ ހަމަ އެކަނި މަޤުޞަދު ކަމުގައި ހަދައިގެންނެވެ. ތުއްތު ދަރިފުޅު ތާނިޔާ ކައިފިތޯ، ނިދައިފިތޯ، ސްކޫލަށް ދިޔަތޯ ބަލައެއް ނުލައެވެ. ދަރިފުޅާއި އެކުގައި ސައުވީސް ގަޑިއިރުން އެއްމެ ގަޑިއިރެއްވެސް ހޭދަކޮށެއް ނުލެވެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަޖުވަދު އޮފީސް ނިންމާފައި ގެއަށް އައިސް ސިޓިންގ ރޫމް ގެ ސޯފާގައި އިށީންދެ ހަމަޖެހިލުމަށްފަހު، މާދަމާ ގެ ކޯޓްކޭސްތައް ކިޔައި ދިރާސާ ކުރަން ފެށިއެވެ.
“ބައްޕާ!”
“ބައްޕާ!”
“ބައްޕާ!”
އެއީ ތާނިޔާާގެ ލޯބި ލޯބި އަޑެވެ. އަޖުވަދުގެ ކުރިމަތީގައި ހުއްޓި ހުރެގެން ތިން ފަހަރަށް ގޮވައިލި އިރުވެސް އަޖުވަދަށް ހިލަމެއް ނުވި އެވެ.
“ބައްޕާ!” މިފަހަރު ތާނިޔާ ގެ އަޑު ކުރިއަށްވުރެން ބާރެވެ.
“ހޫމް…. ކީކޭ؟” އިސްއުފުލައި ބަލައިލުމެއްވެސް ނެތި އަޖުވަދު ދިނީ ރުންކުރު ޖަވާބެކެވެ.
“ބައްޕަ ކައިރީ އަޅުގަނޑު ވާހަކައެއް އަހާާލަންތޯ؟” ޖެހިލުންވެ ހުރެ ތާނިޔާ އިޒުނަ ހޯދި އެވެ.
“ހޫމް… އަހާބަލަ!”
“ބައްޕަ ތިހާ ބުރަކޮށް އުޅުއްވާއިރު، ދުވާލެއްގެ އެއްގަޑިއިރު ގެ މުސާރަ އަކީ ކިހާވަރެއްތޯ؟” ކިތަންމެ ޖެހިލުންވެ ހުރެ ނަމަވެސް ތާނިޔާ ގެ ސުވާލު ވަރަށް ސާފުވެފައި ކުރެވެ.
“ތީ ކޮންކަހަލަ ބޭކާރު ސުވާލެއް ތިކުރީ؟ އަހަރެން ހޯދަނީ ކިހައި ފައިސާއެއް ކަމާ، ކޮން ގޮތަކުން ކަމެއް ކަލޭ އަހަން ޖެހޭތަ؟” ގޭޭގައި ގެންގުޅޭ ނޯކަރަކާވެސް މުޚާޠަބު ކުރާނެ އެއްމެ ދަށު ދަރަޖައިގެ އިބާރާތްތަކަކުން ތާނިޔާ އަށް އަޖުވަދު ގެ ހޫނު ހަމަލާތައް ފޮނުވާލި އެވެ.
“އެކަމަކު ބައްޕަ އަށް އެއްގަޑިއރު ތެރޭގައި ކިހާ ފައިސާއެއް ލިބޭތޯ ބަލަން އަޅުގަނޑު އެބަ ބޭނުންވެޔޭ ބައްޕާ!” ފެންކަޅިވެފައި ހުރެ ތާނިޔާ އަނެއްކާވެސް ބުންޏެވެ.
“އަހަރެން އެއްގަޑިއިރު ތެރޭގައި ހޯދަނީ ކިހާވަރެއްގެ އާއްމުދަނީއެއްކަން ތިވަރުން އެނގެން ބޭނުމިއްޔާ އަޑު އަހާ. އަހަންނަށް ގަޑިއެއްގެ އިރަށް ލިބެނީ އެއްމެ ސަތޭކަ ރުފިޔާ. ސާފުވެއްޖެތަ؟”
“އަޅުގަނޑަށް 50 ރުފިޔާ ދެއްވަފާނަންތޯ؟” ތާނިޔާ ގެ ކިބައިން ސަލާމަތްވުމަށް އަޖުވަދު ކިތަންމެ ބޭނުންވިޔަސް އަނެއްކާވެސް ތާނިޔާ ގެ އަނެއް ސުވާލެވެ.
ތާނިޔާ އަށް އަޖުވަދު ލޯ އަޅައިލިއެވެ.
“ކީއްކުރަން؟ ….. ކީއްކުރަން ހޯދާ 50 ރުފިޔާ އެއް؟ ކޮންމެވެސް ބޭކާރު އެއްޗެއް ގަންނަން ދޯ! އެހެންކަމަށް ވާނަމަ ނުލިބޭނެ! ހަމަ މިހާރު ކޮޓަރިއަށް ވަދެ ނިދަން އޮށޯއްވޭ. ސާފުވެއްޖެ ތަ؟”
ކުޑަކުޑަ ތާނިޔާ ތުން ފިއްތައިލަމުން ދުވެފައިގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ.
އަޖުވަދު ކުރަމުންދިޔަ މަސައްކަތަށް އެނބުރި ރުޖޫއަށްވެ ލިޔެކިޔުންތައް ބަލަން ފަށައިފި އެވެ. އޭނާގެ ތުއްތު ތުއްތު ދަރިފުޅާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތާއި މެދު ވިސްނައިލެވުނީ އެހިސާބުންނެވެ. އެއްވެސް ކަމަކަމުން ކަމަކާއި ނުލައި އެ ދަރިފުޅުގެ ހިތުގައި ޖެއްސުނީ އެވެ. އަވަސް އަވަހަށް ލިޔެކިޔުންތައް ބަހައްޓާފައި ތާނިޔާ ގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
ތާނިޔާ އޭނާގެ އެނދު މަތީގައި އިށީންދެލައިގެން އިނީ އޭނާގެ މަންމަ ގެ ފޮޓޯ އަކަށް ބަލާށެވެ. އެ ތުއްތު ކުއްޖާގެ ލޮލުން ހޯސްލާފައި އޮހޮރެމުންދިޔަ ކަރުނައިން ފޮޓޯގަނޑު ތެތްމަމުން ދިޔައެެވެ. އަޖުވަދު ގޮސް ތާނިޔާ ކައިރީގައި އިށީންދެ ހަމަޖެހިލި އެވެ.
“ކިހިނެތް ވީ ދަރިފުޅާ؟ …. މަންމަ މަތިން ހަނދާންވަނީތަ؟” ތާނިޔާ ގެ އަތުގައި އޮތް ފޮޓޯގަނޑު ނަގަމުން ވަރަށް އޯގާތެރިކަމާއެކު އަޖުވަދު އަހައިލި އެވެ. ތާނިޔާ އަށް އަނގައިން ބުނެވޭވަރަށް ވުރެން އިނީ ދެރަވެފަ އެވެ.
“ދަރިފުޅަށް 50 ރުފިޔާ ދޭންވީދޯ. އަން މިއޮތީ؟” ވޮލެޓުން 50 ރުފިޔާ ނަގަމުން އަޖުވަދު ބުންޏެވެ. ތާނިޔާ އިސް އުފުލައި ބަލައިލަމުން 50 ރުފިޔާ ގައި ހިފިއެވެ. އަވަސް އަވަހަށް އެނދުން ފައިބައިގެން ގޮސް އަލަމާރީގެ ވަތްގަނޑެއް ހުޅުވައިލި އެވެ. ވަތްގަނޑު ތެރެއިން ރުފިޔާ ތަކެއް ނަގައި ގުނަން ފެށިއެވެ. އެތަން ފެނިފައި އަޖުވަދު ހައިރާން ކަމާއެކު ބަަލަން އިނެވެ.
“ދަރިފުޅު އަތުގަ ފައިސާ ހުއްޓާ ކީއްވެ ފައިސާ ދޭން ތި އެދުނީ؟” އަނެއްކާވެސް އަޖުވަދު ގެ ރުޅި މޫނާއިއެކު ހަރުކަށި ސުވާލެއް ކޮށްލި އެވެ.
“ކުރިން އަޅުގަނޑު އަތުގަ ފުދޭ ވަރަކަށް ފައިސާ އެއް ނެތް. ބައްޕާ. ބައްޕަ އެއް ގަޑިއިރު ތެރޭގަ ލިބޭ މުސާރަ އަކީ 100 ރުފިޔާ ނޫންތޯ؟ ބައްޕަ ގެ ވަގުތު ތަކުގެ ތެރެއިން އަޅުގަނޑު މި ދޭ 100 ރުފިޔާ އަށް އެއްގަޑިއިރު ވިއްކިދާނެ ތޯ؟ …. އަން މިއޮތީ 100 ރުފިޔާ. ޕްލީޒް މިރޭ އަވަހަށް ގެއަށް ދުރުވައްޗޭ. އަޅުގަނޑު މެން ދެމީހުން އެކުގަ މިރޭ ކާނީ.”
ތާނިޔާ ދައްކަމުންދިޔަ ވާހަކަތައް ވަރަށް އަސަރާއި އެކު އަޑުއަހަން އިން އަޖުވަދަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެ އެވެ. އޭނާގެ ތުއްތު ދަރިފުޅު އޭނާ އަށް އެ ދިނީ ކިހާ އިބްރަތްތެރި ފިލާވަޅެއް ހެއްޔެވެ.
**********
މި ވާހަކަ އަކީ މިއަދު ޔޫޓިއުބުން އަޅުގަނޑަށް ފެނުނު ވަރަށް ޢިބްރަތްތެރި ކުރު ފިލްމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކަ އެކެވެ. މިއީ އަދު ގެ މުޖުތަމަޢުގައި ބެލެނިވެރިން ވިސްނަން ޖެހިފައިވާ މުހިއްމު އިޖްތިމާޢީ މައްސަލަ އެއްގެ މައްޗަށް ބިނާކޮށްފައިވާ އިބްރަތުން ފުރިގެންވާ ކުރު ފިލްމެކެވެ. ޚާއްޞަކޮށް ބަފައިންނަށް މިއީ ރަނގަޅު ފިލާވަޅެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނަ ބައްޕައިންނަކީ ތާ އަބަދު މަސައްކަތުގައި އުޅުމުގެ އާދަ އަށަގެންފައިވާ ބައެކެވެ. ދަރިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުން ވެފައި އޮންނަނީ ބޭކާރު ކަމަކަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!