އެއީ ހިތުގައި އުފެދޭ އިޙްސާސެކެވެ. އަތުން އަންގައި ދެމުން ގެންދާ އިޝާރާތެކެވެ. ތަފާތު ގޮތަކަށް، ތަފާތު ވައްތަރުގެ ޅެންތަކުން ގަތާލެވިފައިވާ މުޅިން ތަފާތު ރާގުތަކެކެވެ. މިޔުޒިކުގެ ޢާއިލާގެެ މެމްބަރެކެވެ. އާނއެކެވެ. އެއީ “ރެޕް” ކުރުމެވެ. މިޔުޒިކުގެ ބަހާރުގައި ފޮޅުނު ތާޒާ މަލެކެވެ. މިއަދު އަޅުގަނޑުމެންގެ ޖީލަށް، ރެޕްގެ އުދަރެހުން އެތައް ފަންނާނުންނެއް އުފަންވެފައިވާކަން، އަޅުގަނޑުމެން އުފަލާއި އެކު ފާހަގަކޮށްލަމެވެ.

މި ލިޔުމުގައި އަޅުގަނޑުމެންގެ ދުރުމީގެ ލެންސް މިއަމާޒު ކޮށްލަނީ އުމުރުން 22 އަހަރުގެ އަހުމަދު އިފްދާއު (އިފްރީތު) އަށެވެ. މ. މުލަކަށް އުފަން، މިޒުވާނާގެ ކަށީގައި ވަނީ ރެޕްގެ ޖޯޝާއި ހިތްވަރެވެ. މިއަދު އިފްރީތަކީ ހުދާއި ކަޅުން ކުލަޖެހިގެން ރެޕްގެ އުޑުގައި ފިޔަ ޖަހަން ފެށި “އެމްއެސްއެމް” ގެ ކުޅަދާނަ ރެޕް އާރޓިސްޓެކެވެ.

ލަވަކިޔުމަށް ވެސް ޝައުގުވެރިކަން ހުރި އިފްރީތު، ރެޕްގެ ޢާލަމަށް ދެލޯ ހުޅުވިގެން ދިޔަ ގޮތް އޭނާ މުނިއަވަސް އަށް ޙިއްޞާކޮށްދިނެވެ.

“ހިރޭ އަދި ޓޯއީއަށް އެމީހުންގެ ރެޕެއް ކުރާތަން ދައްކާލި ހިސާބުން ބުނީ މިކަން ވާނެއޭ. މިއަދު އެ ބައެއްގެ ނަން ހާމަ ނުކުރެވުނަސް، މިކަމަށް ހިތްވަރުދީ، ރެޕްގެ ދާއިރާގަ ކުރިޔަށް ދާނެ ގޮތާ އެއްޗިހި ކިޔާދިން މީހުން އުޅޭ. އެމީހުންނަށް ބުނެލާނީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ.”

ރެޕްގެ އާރޓިސްޓުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، މި ދާއިރާ ކުރިއަރަމުން ދާއިރު އަޅުގަނޑުމެންނަށް ދަނީ ތަފާތު ރަހަތަކުގެ ރެޕްތައް އަޑު އިވެމުންނެވެ. ރެޕްގެ ވިއްސާރަ ވިލާތަކުން އޮހިގެންދާ ތަފާތު، ރީތި، އިޙްސާސްތަކުން ފުރިގެންވާ، ރެޕްގެ ވާރޭ ތިކިތަކުން އަޅުގަނޑުމެންގެ ހިތްތައްް ތެމިގެން ދެއެވެ. ހިތަށް އަރާމާއި އުފާ ލިބިގެން ދެއެވެ. ނަމަވެސް ރެޕެއް ރީތިވެ، ކާމިޔާބުވެ، އެހުންތެރިންގެ ހިތާ ކުޅެލާނީ އޭގައި ޚާއްޞަ ކަންތައްތަކެއް އެކުލެވިގެންކަން ކަށަވަރެވެ. އެގޮތުން އިފްރީތު ވެސް ރެޕްކުރުމުގެ ކުރިން ބައެއް ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ.

“އަބަދުވެސް ވިސްނަނީ އެހެން މީހުންނާ ތަަފާތު ގޮތްގަނޑެއް ލިޔާ އިރުވެސް، ކިޔާ އިރުވެސް ގެންގުޅެ ވޭތޯ. ދިވެހި ބަސް ކުރިއެރުވުމަށާއި، މާނަ ފުންކޮށް ބުނަން ބޭނުންވާ އެއްޗެއް ބުނުން. ދެން ލިޔާ ރެޕުން އަޑުއަހާ މީހުންނަށް ޢިބުރަތްތެރި މެސެޖެއް ދެވޭތޯ.” ރެޕް ކުރުމުގައި ހުނަރުހުރި އިފްރީތު ކިޔައިދިނެވެ.

ތަފާތު ގޮތަކަށް ރެޕް ލިޔާ ވާހަކަ އިފްރީތު ބުނުމުން ހައިރާން ވެއްޖެހެއްޔެވެ؟ އެހެންކަމަށް ވާނަމަ ހައިރާން ނުވާށެވެ! ޅެންވެރިކަމުގެ މައިދާނުގައި، އިފްރީތަކީ ހަޤީޤަތުގައި ވެސް ތަފާތު ދައްކަމުން އަންނަ ޒުވާނެކެވެ. ޅެމުގެ ބަސްތައް ރުކުރުވައިލާފައި ވަނީ މީހުންގެ ހިތްތަކުގެ ހިމަނާރަށް ވެސް އަސަރު ކުރާހާ މޮޅުކޮށެވެ. ޅެމުގެ މައިދާނުގައި ކުރިއަރަމުން އަންނަ މި ޒުވާން ފަންނާނަކީ، ގަލަން ހަތިޔާރަކަށް ނަގައިގެން، ދެލީގެ ހަމަލާއިން ތަފާތު އިޙްސާސްތައް ބޭރު ކުރަމުން އަންނަ ޅެންްވެރިޔެކޭ ބުނުން މިއަދު ދޮކަށް ނުވާނެއެވެ.

ރެޕްގެ ގަދަ ކަނޑުގައި ރެޕްގެ ޖޯޝުގައި ނަށަމުން ދިޔަ ބިޔަ ބޮޑެތި ރާޅުތައް މުގުރަމުން، އެމްއެސްއެމްގައި އިފްރީތު ދަތުރު ކުރަމުން ދިޔައީ ހުދާއި ކަޅުގެ ލަޝްކަރުގެ ހިތްވަރާއި ޖޯޝުން ހިތްވަރު ލިބިގެންނެވެ. ކަނޑުގެ ބިޔަ ބޮޑެތި ރާޅުތައް ފޮނުއަރުވާފައި އެމްއެސްއެމްގެ އޮޑިއަށް ހަމަލާ ދިނަސް، އޭގެ ކޮންމެ ހަމަލާއަކަށް ހުދާއި ކަޅު ކުލައިން ބަދަހިވެގެންވާ، މި ޓީމްގެ ފަހުލަވާނުން ދިޔައީ އިފްރީތާ އެކު ރައްދު ހަމަލާ ދެމުންނެވެ. ރުޅިގަދަ ވެފައިވާ ރާޅުތައް ރެޕްގެ ބަހުންް ރައްދުދީ، ރާޅުތައް ރަމަތަކޮށްލައެވެ. އިފްރީތު ބުނި ގޮތުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް މިދާއިރާއިން ލިބެނީވެސް މިދެންނެވި، އެމްއެސްއެމްގެ ފަރާތުންނެވެ.

މުނިއަވަސް ޓީމުގެ ފަރާތުން އިފްރީތާއި އިންޓަރވިއު ކޮށްލީމެވެ.

އެމްއެސްއެމް ސްޓޫޑިއޯއާ ގުޅުނީ ކޮން އިރަކުތޯ؟
20 ޑިސެމްބަރ 2018 ގަ.

މިހާ ހިސާބަށް ކިތައް ރިކޯޑިންސް ހެދިއްޖެ؟
ހުންނާނެ ނުނެރޭ ބައިވަރު ޕްރޮޑެކްޓްސް. ބައެއް އެއްޗެހި ރެކޯޑިންގ ހަދާފަ، އަނެއްބައި އެއްޗެހި ރެކޯރޑިން ނާޅާ. އެހެން ބުނާކަށް ނޭނގެ. ވަރަށް ބައިވަރު އުޅޭނެ. ގިނަ ވާނީ ރިލީޒް ނުކުރާ އެއްޗެހި.

ބައެއް ރެޕް ތަކުގެ ނަންތައް ކިޔާލަ ދެވިދާނެތޯ؟
ޓްރޯޔަލްސް، އުފާކޮށްލާ، ވިޔާނުދާ، ހަނދާންވޭ، ޚިޔާލީ ދުނިޔެ.

މިދާއިރާގައި ކުރިޔަށް ދާން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟
އެމްއެސްއެމް ސްޓޫޑިއޯ ހުންނާނީ ނިލަންދޫގަ. ގިނަ އާރޓިސްޓުން އުޅެނީ މާލޭގަ. އެހެންވީމަ އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ މާލޭގަ ސްޓޫޑިއޯ ނެތުން. އެކަމު ކުރިއަށް އޮތްތާގަ މާލޭގަ ސްޓޫޑިއޯ ވަރަށް އަވަހަށް ހުޅުވުމުގެ މަސައްކަތް ކުރިއަށް ދާނެ.

އަމިއްލައަށް ހަދާފަ ހުރި ޅެމެއް، ކިޔާފަ ވާނެތޯ؟
އަޅުގަނޑު ހަދާފަ ހުރި ހުރިހާ ރެޕްތަކަކީ އަޅުގަނޑުގެ އަމިއްލަ ޅެން.

ކިހާ ވަރެއްގެ ތަރުޙީބެއް ލިބޭތޯ؟
އަދިވެސްް ރެޕް ކުރާކަން ނުދަންނަ ބައިވަރު މީހުން އުޅޭ. ފުދޭ ވަރަކަށް މިހާރު ތަރުޙީބު ލިބޭ މީހުންގެ ފަރާތުން. އަޅުގަނޑަށް ތިދެއްވާ ތަރުޙީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
މިދާއިރާގެ އެއްވެސް ފަންނާނެއް ކޮޕީ ކުރަންތޯ؟
ނޫން. ވީހާވެސް ކޮޕީ ނުކުރެވޭތޯ ބަލަނީ. ކްރިއޭޓިވް އަމިއްލަ އެއްޗެއް ބެލުންތެރިންނާ، އެހުންތެރިންނަށް ގެނެސްދެވޭތޯ އަބަދުވެސް މަސައްކަތް ކުރާނަން.

އެންމެ ކަމުދާ ދިވެހި ރެޕް އާރޓިސްޓަކީ ކޮބާ؟
މާޓު. މާޓު އަކީ މެންޓޯ އެއް ކަހަލަ މީހެއް.

އެންމެ ކަމުދާ ރެޕް ސްޓޫޑިއޯ އަކީ ކޮބާ؟
ސިންބޮލިކްސް

ރެޕްއާ މެދު ދެކެނީ ކޮން ގޮތަކަށް؟
ރެޕް އިޒް ޕާރޓް އޮފްމީ. ދެޓް އިޒް އަންއެކްސްޕްލެއިނަބަލް. ރެޕް އިޒް ލައިފް. ރެޕް ކުރަން ފެށި ފަހުން އަޅުގަނޑު ގާތު ރެޕް ނުވާ އިރެއް ނުދޭ.
“ރެޕް މަށަށް ނުދޭނެ ދޯކާ
ރެޕް މަށަށް ވެދޭނީ އޯގާ”

މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ކީކޭތޯ ބުނެލާނީ؟
ބުނެލާނީ ތި ޢަޒުމްގަ ކުރިޔަށް ދަންޏާ ވާނެއޭ. ކުރާ ހިތުން ކުރާށޭ! ދުވަސް ނަގާނެ. ކެތް ކުރަންވާނެ. އެއްޗެހި ދިރާސާކޮށް، މަޢުލޫމާތު މުއްސަނދި ކުރާށޭ! އަދި އެއް ވާހަކަ. ތިމާގެ ދިރިއުޅުމުގެ ނަވުގެ ހުންގާނުގަ ހިފާނީ ތިމާ. އެ ދަތުރުގެ ސާހިލް އަކީވެސް ތިމާ. އޭރުން ތިމާ ދާން ބޭނުންވާ މަންޒިލަށް އެ ނަވު ދަތުރު ކުރާނެ.
މުނިއަވަސްއާ މެދު ބުނެލާނީ ކީކޭތޯ؟
މުނިއަވަސް އިން އެކި ދާއިރާތައް ކުރި އަރުވަން ތިކުރާ މަސައްކަތް ވަރަށް ބޮޑަށް އެޕްރިސިއޭޓް ކުރަން.

އަޅުގަނޑުމެން މުނިއަވަސް ޓީމުން މި ހުނަރުވެރި ފަންނާނަށް އެދެނީ ކުރިއެރުމާއި ކާމިޔާބެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.