ރެޕްގެ ދިވެހި ލަޝްކަރަށް އުފަންވެގެން، ދިވެހިންގެ ގިނަ ބަޔެއްގެ ހިތްތައް “ހައިހައި” ކިޔަމުން އެކުޅަދާނަ ފަންނާނު އަތުލައިފިއެވެ. “ސެޓްވެ ބަލާށޭ” މިހާރު ނުބުނި ކަމުގައި ވިޔަސް، އެޒުވާނާގެ ހުނަރުވެރިކަމަށް އަޅުގަނޑުމެން މިތިބީ ސެޓް ވެގެންނެވެ. އެ ހިތްގައިމު އަޑުން، އުދުހިފައި ނުކުންނަ ކޮންމެ ލަފުޒެއް އަޅުގަނޑުމެންގެ ހިތާއި ކުޅެލައިފި ކަހަލައެވެ. އެއީ މިއަދުގެ ހަސްތީގައި، އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ އެންމެ ކުޅަދާނަ އެއް ރެޕް އާރޓިސްޓް ކަމާއި މެދު އަޅުގަނޑުމެން އިންކާރެއް ނުކުރާނެއެވެ.

ހދ. ނޭކުރެންދޫ އަށް އުފަން، އުމުރުން 23 އަހަރުގެ މުހައްމަދު ނަބީލް ނިޔާޒް، ތިބޭފުޅުންގެ ނަމުން ނަމަ “ޓޯއީ” އަކީ ރެޕްގެ ތަނަވަސް ބިމުގައި ފައިތިލަ ސާބިތު ކުރަމުންދާ، ލަޔާޤަތާއި ގާބިލިއްޔަތުހުރި ޒުވާން ރެޕް އާރޓިސްޓެކެވެ. އެ އަޑުގެ މަންތަރުން ގިނަ ބަޔެއްގެ ހިތްތައް ވަނީ ދަމައިގަތްފައެވެ. އަމުނާލަމުންދާ ރެޕްގެ ބަސްތަކުން، ހިތުގެ ހަތަރުފާރުގެ ތެރޭގައި އޮންނަ އިޙްސާސްތައް ކެކި އުތުރޭ ވަރުކޮށްލައެވެ. ޓޯއީ މިކަމަށް އެހާވެސް ކުޅަދާނައެވެ. މޮޅެވެ.

ރެޕްގެ ގޮނޑުދޮށްތަކަށް ބިންދާލާ، ޓޯއީގެ ކޮންމެ ރެޕަކުން އިވޭ ފަރިތަ ލަފުޒުތަކުން، އިޙްސާސުން މަޙުރޫމްވެފައިވާ ދޮންވެލިގަނޑަށް ވެސް ދިރުން ލިބެއެވެ. ރާޅު ދޫފަށަށް މުގުރާލާ އިރު އިވޭ ފަދަ ހިތްގައިމު، މަޑުމައިތިރި ރާގުތަކާއި، ތަފާތު ރާގު ރާގަށް، ރީތި ބަސްތައް އަތުރާލަމުން ޓޯއީ ކިޔަމުންދާ ރެޕްތައް މިވަނީ ދިވެހިންގެ ވައިގައި ހިފައިފައެވެ. އެވައިބާނިތައް އަޅުގަނޑުމެންގެ ކަންފަތުގެ ހިނދުރިތެރެއިން އިވެމުންދަނީ ހިތަށް ހިތްހަމަ ޖެހުން ލިބިދެމުންނެވެ.

https://www.youtube.com/watch?v=E3xUvzI4kM8

ލަވަ ކިޔުމަށް ޝައުގުވެރިކަން ނެތަސް، ޓޯއީގެ ހިތް ވަނީ ރެޕަށް ހިބައިން ހަދިޔާ ކުރެވިފައެވެ. ޓޯއީ ބުނާ ގޮތުން އޭނާގެ ދިރިއުޅުމާއި ރެޕްކުރުން ވަނީ ގުޅި ލާމެހިފައެވެ. މިކަމުންވެސް ޓޯއީ އާއި ރެޕް ކުރުމާއި މެދުގައި އޮތް ހަހަރުވެތި ގުޅުން އެއްވެސް ޝައްކެތް ނެތް މިންވަރަށް އެނގެއެވެ. ހަންހާރަވެތިކަމާއި އެކު ޓޯއީގެ މުއްސަނދި ސިކުނޑިން އުފަން ކުރަމުން އަންނަ ރީތި، ފުންމިން ނޭނގޭ އަސަރުގަދަ ލަފުޒުތަކާއި ޢިބާރާތުގެ ބަދަހި ކަމަކީ އަޅުގަނޑުމެންގެ ހިތްތައް ޓޯއީގެ ރެޕްތައް އިވުމާއި އެކު ދުއްވައިގަންނަން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.

ގިނަ ބަޔެއްގެ މަޤުބޫލުކަން ހޯދާފައިވާ “ސިމްބޮލިކްސް ރެކޯޑްސް”ގެ ރެޕްގެ ޢާއިލާއަށް 2015 އަހަރު އުފަންވި، ޓޯއީ ބުނާ ގޮތުގައި ރެޕް ކުރުމަކީ އޭނާ ވަރަށް ކުރިންސުރެ، ކުރާ ހިތުން ވަރަށް ގަޔާ ވެގެން ކުރަމުން އަންނަ ކަމެކެވެ.

ކުރިންވެސް ދެންނެވި ފަދައިން، ޓޯއީ ކިޔަމުން އަންނަ ރެޕްތަކުގެ ޅެންތަކަކީ ހިތުގައި “ވާނަން އުމުރަށް” ބުނެލެވޭ ވަރުގެ ފެންވަރުގެ ގޮތުން ރަނގަޅު ޅެންތަކެކެވެ. އެހެންކަމުން ޓޯއީ އަކީ ރެޕްގެ ދާއިރާއަށް “ޓްރޫ އާރޓިސްޓް” އެކޭ ބުނެވިދާނެއެވެ.

މުނިއަވަސްގެ ފަރާތުން ޓޯއީއާ އިންޓަވިއު ކޮށްލީމެވެ.

ރެޕް ކުރުމަށް ޝައުގުވެރިކަން އުފެދުނީ ކިތައް އަހަރުގަތޯ؟

އަބަދުވެސް ޝައުގުވެރިކަން ހުރޭ. ކުރާ ހިތްވޭ. ސީދާ އަހަރެއް ނޭނގެ ބުނާކަށް.

ރެޕް ކުރުމުގަ އެންމެ ބޮޑަށް ވިސްނަނީ ކޮންކަމަކާތޯ؟
ރެޕް، ރެޕްގެ ގޮތުގަ ބައިދަން. އެންޑް ޓްރޫ އާރޓިސްޓަކަށް ވާން. ކުރިން ބުނިހެން. އޮރިޖިނަލަޓީ ހިފަހައްޓަން.

މިދާއިރާގައި އެންމެ ބޮޑަށް އެހީތެރިކަމެއް ލިބެނީ ކޮންބައެއްގެ ފަރާތުންތޯ؟
ވަރަށް ބައިވަރު މީހުންގެ ކިބައިން ލިބޭ. ހަމަ ނަން ކިޔާ ހުސް ނުވާނެ. އެންމެ އެހީތެރިކަން ލިބެނީ ރައިޑޭ، ޒިޔާ، މާޓު، އޭޑީ، އަރޭ ދެން ބައިވަރު.

ކިތައް ރެޕްގެ ރެކޯޑިންގް ހަދައިފިންތޯ؟
ފުދޭ ވަރަކަށް.

އެންމެ ފުރަތަމަ ރެޕް ކުރަން ފެށީ އުމުރުން ކިތައް އަހަރު؟
18 ކަން ނޭނގެ.

މިދާއިރާއިން ކުރިއަށް ދާން އޮތް އެންމެ ބޮޑު ގޮޮންޖެހުމަކީ ކޮބާ؟
ރެޕް އިންޑަސްޓްރީއަށް ބަލަން ޖެހޭ މީހުންގެ ލޯތައް، ބަލަން އެކަނި އަންނާތީ. ކުރިއަރުވަން ނޫޅޭތީ. އެންޑް އޮރިޖިނަލަޓީ ގެއްލުވަން ބަޔަކު އުޅޭތީ، އެވެސް ގޮންޖެހުމެއް.

ޅެންވެރިކަމަށް ގަޔާވޭތޯ؟ ޅެން ވަރަށް ގިނައިން ހައްދަވަންތޯ؟
ކުރިންވެސް ބުނި ފަދައިން ޅެންވެރިކަމަކީ ރެޕާއެއްގެ ގައިގަ ހުންނަން ޖެހޭނެ ސިފައެއް. ލިޔެފަ ކިޔެން ޖެހޭނެ. އޮރިޖިނަލަޓީ ހުންނަން ވާނެ. ހަޤީޤީ އާރޓިސްޓެކޭ މި ބުނެވެނީ، ހަމަވީމަ މިހުރިހާ ސިފައެއް. ސިމްބޮލިކްސް ރެކޯޑްސް އެންމެ ތަފާތު ވަނީ އެހެންވެ. ކޮންމެ އާރޓިސްޓެއް ވެސް ލިޔާނީ އަމިއްލައަށް. ލިޔެފަ ކިޔާނީވެސް.

ކިހާވަރެއްގެ ތަރުޙީބެއްތޯ ލިބެނީ؟
އިންޝާﷲ ވަރަށް ބޮޑު ތަރުޙީބެއް ލިބޭ ފޭންސްގެ ކިބައިން.

މިދާއިރާގެ އެއްވެސް ފަންނާނަކަށް ކޮޕީ ކުރަންތޯ؟
ތިކަހަލަ ސުވާލު ހެޔޮނުވާނެ އަހަން ވެސް.

އެންމެ ފެވެރިޓް ރެޕް އާރޓިސްޓަކީ ކޮބާތޯ؟
ޕެސްޓު، މާޓު، ރައިޑޭ، ބުލޫބެރީ ވޯޓާރސް.

މިދާއިރާއަށް އަލަށް ވަންނަ ކުދިން ގާތު ކީކޭތޯޯ ބުނެލަން ބޭނުންވަނީ؟
ކަމަށް ލޯބިކުރާ ކުދިންނަށް އެހީ ވާނަން.

ތީ ރެޕް ކުރުމުގައި އެންމެ މޮޅު، ހުނަރުވެރި އެއް އާރޓިސްޓް. މިކަން އަމިއްލައަށް ޤަބޫލު ކުރަންތޯ؟
ހައްހައްހާ ނުކުރަން. ދަސްކުރަނީ އޭ އަދިވެސް. ދަސްކުރުމަކީ ނިމުމެއް އޮތް ކަމެއް ނޫނެއްނު.

މިދާއިރާއިން އެންމެ އުފާވި އަދި އެންމެ ދެރަވި ދުވަހަކީ ކޮބާ؟
ސިކުނޑި ސުމެއް. ނޭނގުނު ދޭނެ ޖަވާބެއް.

މުނިއަވަސްއާ މެދު ބުނެލާނީ ކީކޭ؟
ޝުކުރިއްޔާ

ރެޕް އާރޓިސްޓް، ޓޯއީއަށް އަޅުގަނޑުމެން މުނިއަވަސް ޓީމްގެ ފަރާތުން އެދެނީ ކާމިޔާބީއެވެ. ޓޯއީ އަކީ މިދާއިރާއިން މި “ޤައުމު” ފަޚުރުވެރިވާނެ ދަރިއަކަށް ވުމަށް “ހުއްޓާ” ނުލައި މަސައްކަތް ކުރާނެ ފަރާތެއްކަން އަޅުގަނޑުމެން ޔަޤީންކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.