ފަހު ޒަމާނުގެ އެންމެ ފަހު ސަފުޙާތައް ގުނަމުންދަނީއެެވެ. ޤަިޔާމަތުގެ އެންމެ ކުދި އަލާމާތްކުން ފެށިގެން އެންމެ ބޮޑު ޢަލާމާތްތައް އަމިއްލަ ދެލޮލުން ބަލައި ތަސައްވަރު ކުރެވެނީއެވެ. ދުނިޔޭގެ ޢަޖަލު ހަމަ ވަމުންދާ ވަރަކަށް ލޯ މައްޗަށް ކުލަވަމުންދަނީ ގަބޫލުކުރަން ދަތި ކުރެހުންތަކެވެ. އެކި ކުލަ ކުލައިގައެވެ. ދުނިޔެއަށް މިއަދު ގަދަވެފައިވާ ބަލިމަޑުކަމަކީ މި ކަން އެންމެ ރަނގަޅަށް ސާބިތކޮށްދޭނެ ހެއްކެވެ.
އާދޭހެވެ. ކޮވިޑް-19 އަކީ އިންސާނުންގެ ދުނިޔެވީ އަރާމާއި ހިތްހަމަޖެހުމުން މިންޖުކޮށްދިނުމަށް އެޅުނު ފާލެއްކަމާއި މެދު ވިސްނާލިން ތޯއެވެ. އިންސާނުންގެ ދިރިއުޅުމުގެ ތެެެރެއަށް މި ނުރައްކާތެރި ވައިރަސް ވައްދާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފަސޭހަކަމާއެކުގައެވެ. ދުނިޔޭގެ ސަރަޙައްދަކަށް ފަހު ސަރަޙައްދެއް ފަތަޙަ ކުރުުުމަށް މިި ވަަަަައިރަސް ގެންގުޅޭ މޮޅު ރޭވުންތަކަށް އިންސާނުންނަށް ބަލަން މި ތިބެވެނީ ހައިރާންވެ އަންތަރީސް ވާހާލުގައެވެ.
ކުޑަ ކުޑަ ވައިރަހެކެވެ. ލޮލަކަށް ފެންނަ އެއްޗެއް ނޫނެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ވާކަން އެނގެނީ އެ ނިކަމެތި އިންސާނާ ވިއްސިވިހާލިވެގެންދާއިރުއެވެ. މި ކަމުގައި އިންސާނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހަމުން ގެންދިޔައިރު އެންމެ އަޑު ގަދަ އިންސާނާގެ އަޑު މިއަދު މި ވައިރަސް މަޑުކޮށްލީ ފަރުވާލެއް ނެތިއެވެ. މި ކަންކަމުން އަޅުގަނޑުމެންނަށް ލިބިގެންދަނީ އިބުރަތުން ފުރިގެންވާ ފިލާވަޅުތަކެއް ނޫންތޯއެވެ؟
2020 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް އަޅުގަނޑުމެން މަރުޙަބާކީ މި ބިރުވެރިކަމުގެ ތެރޭގައި ވަނިކޮށެވެ. މި ކަން ވެސް ވީ އަޅުގަނޑުމެން އިންސާނުންނަށް ތަފާތު ތަޖުރިބާއަކަށެވެ. ބަރަކާތްތެރި ރަމަޟާން މަހަކީ ގިނަ ބަޔަކަށް މޮޅެތި ހައި އެއްޗެހި ކެއުމާއި، ބުއިމާއި އުފާފާޅު ކުރުމަށް ބާވައިލެއްވި މަހެއް ކަމަށް ހީކުރި ހީކުރުން މިއަދު މުޅީން ބަދަލު ވެއްޖެއެވެ. ރޯދަމަހެއް ގެ ޙަޤީޤީ ކުލަވަރުން މިއަދު ޚުދު އަޅުގަނޑުމެންނަށް ވެސް ބަރީޢަވެވޭކަށް ނެތެވެ. އެހެނީ އަޅުގަނޑުމެންނަށް މިއަދު ތަޖުރިބާކުރަން ޖެހިފައިވަނީ ނިކަން ދަތި އުނދަގޫ ދުވަސްތަކެކެވެ.
ނިކަން ވިސްނާލާށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާނެ އެއްޗެއް ނެތް ބަޔަކު އުޅޭކަން މިއަދު އިޙްސާސް ކުރެވޭ ހެއްޔެވެ؟ ނުސަކާވަރަށް ކެއްކުމާއި ބޭކާރު ތަކެތި ގެއަށް ފުނިކޮށްގެން އެ ތަކެތި އިސްރާފުކުރުމަކީ ކިހައި ބޮޑު ކަމެއް ކަން ތަސައްވަރު ކުރެވޭ ހެއްޔެވެ؟ ލިބޭ ފައިސާ ފޮތި ދުނިޔޭގެ އަރާމާއި އުފަލަށްޓަކައި ތަޅައި ބުރުވުމުގެ ބޭނުމެއް ނެތްކަން ވަޒަން ކުރެވޭ ހެއްޔެވެ؟ ދުނިޔޭގައި އަޅުގަނޑުމެން ނޫނަސް ދަތި އުނދަގޫ ޙާލަތުގައިވާ ފަޤީރުންގެ ދިރިއުޅުގެ ވައްޓަފާޅި ކޮންމެވެސް ވަރަކަށް ފަހުމު ކުރެވޭނެ ކަން ކަށަވަރުވާނެއެވެ.
ކޮވިޑް-19 އަޅުގަނޑުމެންގެ ދިރިއުޅުމާ ކުޅެލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އެންމެ ތޫނު މީހާއަށް ވެސް މި ކަމުގައި ވަކި ކުރެވުނު ކަމެއް އެބަ އޮތް ތޯއެވެ؟ ދުވެ ފިލައިގެން ގޮސް ވަންނާނެ ތަނެއް މި ދުނިޔޭގައި އެބަުރި ހެއްޔެވެ؟ އަޅުގަނޑުމެންގެ ދިރިއުޅުން މިއަދު ހަތަރު ފާރުގެ ތެރޭގައި އާރާސްތުނުކޮށް ވާކަށް ނެތެވެ. ކުރި މަގަށް ކުރެހި ހުވަފެނީ ކުރެހުންތައް މިއަދު ފޮހެލަން މަޖުބޫރުވީ ބޭއިޚްތިޔާރުގައެވެ. ކޮފީ މޭޒުދޮށުގައި އިސްއުފުލުމެއް ނެތި ފޯނަށް ބޮސްދިނުމުގެ ބަދަލުގައި ގާތުގައި އިން ރަހުމަތްތެރިޔާ އާ ވާހަކަ ދައްކާލެވުނު ނަމަ އޭ މިއަދު ހިތަށް ވަޒަންކުރެވޭނެއެވެ. މި ހާލުގައި އުޅެން ޖެހޭނީ ކިތައް ދުވަސް ކަމެއް ޔަގީން ކަމާއެކު ބުނަން ހަމަ އެންމެ މީހަކަށް ވެސް ނޭނގެއެވެ.
މިއަދު ދުނިޔެ މި ދައްކަމުން ދާ އަގުހުރި ފިލާވަޅުތަކުން ޢިބްރަތް ހާސިލްކޮށް އަޅުގަނޑުމެން ހަޤީޤީ އިމްތިހާނަށް ތައްޔާރުވުން ކިހިނެއް ވާނެ ތޯއެވެ؟ ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރު ކޮށް އެންމެ މަތީ ފަރާތަށް ދެންނެވުމުގައި ދެމިތިބުމުގައެވެ. ކޮންމެ ހާލަތެއް މެދުވެރިވިޔަސް ޝުކުރުވެރިވެ ކެތްތެރިކަން އިސްކުރުމުގައެވެ. އަނެކާއާއި ދޭތެރޭގައި އިހުސާންތެރިވެ ހަސަދަވެރިކަން މުޅިން ނައްތާލައި ހަންހާރަވެރިވުމުގައެވެ. ވެރިން ދެއްވާ އިރުޝާދުތަކަށް ބޯލެނބުމުގައެވެ. ކެތްތެރިކަމަކީ މިފަދަ ދަނޑިވަޅެއްގައި ކުރެވޭނެ އެންމެ ވަރުގަދަ ދުޢާއެވެ. އިރާދަކުރެއްވިއްޔާ މިއަށްވުރެ އުފާވެރި އަމާންދުވަސް އަޅުގަނޑުމެންނާ ދާދި އަވަހަށް ބައްދަލުކުރާނެކަން ގައިމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.