ޒީނިޔާ އައްޑުއަށް ނުދާތާ މިހާރު ފަންސަވީސް އަހަރު ވެއްޖެ އެވެ. އައްޑުއަކީ އެ އަތޮޅަކަށްޓަކައި ޒީނިއާ ވެސް ފަޚްރުވެރިވާ އަތޮޅެވެ. އެ އަތޮޅު ހިތަދޫ އަކީ ޒީނިއާ ގެ ގަތްވަޅެވެ. ނުވަތަ އުފަން ރަށެވެ. ޒީނިޔާ މާލެއަށް ކިޔަވަން ދިޔައީ މީގެ ފަންސަވީސް އަހަރުކުރިންނެވެ. އޭނާގެ ބޮޑުބޭބެގެ ކައިރިއަށެވެ. ޢާއިލާގައި ހުރި ހަމައެކަނި މީހާގެ ކައިރިއަށް ދެވުނަސް ޒީނިޔާ އަށް ދެވުނީ ‘ނަރަކަ އެއް’ ފަދަ ތަނަކަށެވެ. ނަމެއްގައި ބޮޑުބޭބެ އެވެ. ޙަޤީޤަތުގައި އެއީ ‘އަރައި ކައިއުޅޭ ފުރޭތަ’ އަކަށްވުރެންވެސް ނުލަފާ މީހެކެވެ. އިހުގައި އަރާ އުޅުނުކަމަށް ބުނާ ‘ރަންނަމާރި’ ފަދަ ނުލަފާ ހައިވާނެކޭ ބުންޏަސް ފާފަވެރިއެއް ނުވާނެއެވެ.

މިއަދު ޒީނިޔާ އިނީ ހިތްހަމަ ޖެހިފައެވެ. ދިގު ފަންސަވީސް އަހަރު ފަހުން ‘އުމުރު ދުވަހުގެ ޖަލު ބަންދެއްގައި’ އިނދެފައި ސަލާމަތްވުމުން މީހަކަށް ކުރެވޭނެ އުފާވެރި އިޙްސާސަށް ވުރެންވެސް ބޮޑަށް އުފާވެފައެވެ. އައްޑޫ އަތޮޅަށް ނިސްބަތްވާ، މާލެއަށް މަޝްހޫރު ބާގިރު ސޭޓް ގެ ނުލަފާ ވަކިތަކުން ސަލާމަތްވެވުމުންނެވެ. ބާގިރު ސޭޓްގެ ކިބައިން ސަލާމަތްވެވޭތޯ ޒީނިޔާ ލައްކަ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން މިންވަރު ފުޅުގައި ނެތުމުން ކާމިޔާބު ނުވެ ‘އެތައް ހާސް އަހަރެއްހައި’ ދިގު ފަންސަވީސް އަހަރު ހޭދަވެ ދިޔައީއެވެ. ނަމަވެސް ތަޤްދީރުގައި އެކަމެއް ވާން އޮންނަ ވަގުތަކު ވާނެއެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅާއި އެއްގޮތަށް، އެކަލާނގެ ކަމަކަށް ވާށޭ ވަޙީ ކުރައްވައިފިނަމަ، ލަސްތަކެއް ނުވެ އެކަމެއް ވާނެއެވެ. އެ ވަގުތު ޖެހިގެން ދިޔައީ މީގެ ދެ ހަފުތާ ކުރިންނެވެ. ބާގިރު ކުއްޔަށް ނަގައިގެން އުޅޭ ފަޅުރަށުގެ މޫދުގައި އުޅެނިކޮށް ކުއްލި ގޮތަކަށް ގެނބިގެން މަރުވުމާއި ގުޅިގެންނެވެ.

ބާގިރު މަރުވުމުގެ އަށެއްކަ ގަޑިއިރު ކުރިންވެސް ޒީނިޔާއަށް ލައްކަ ގިނަ އަނިޔާ ކުރިއެވެ. ޖިންސީ އަނިޔާ އެވެ. ނަފުސާނީ އަނިޔާ އެވެ. ޖިސްމާނީ އަނިޔާ އެވެ. ކުރުކޮށް ބުނާނަމަ، ދެވެން އޮތް ހުރިހައި ގޮތަކަށް އަނިޔާ ދިނެވެ. ޒީނިޔާ ޕީރިއަޑް ރަނގަޅު ނުވެގެން އުޅޭތާ ދިހަ ބާރަ ދުވަސް ވެފައި ވާކަން އެނގި ހުރެވެސް ބާގިރު ބޭނުންވީ ‘ކަން’ ކުރާށެވެ. ޒީނިޔާ އަށް އެއީކީ އާކަމެއް ނޫނެވެ. ޕީރިއަޑް ދުވަސްކޮޅެއް ނޫނަސް، ކޮންމެ ފަހަރަކުވެސް ޒީނިޔާ ތަހައްމަލު ކުރަމުން ގެންދިޔައީ ‘ރޭޕް’ ގެ ޝިކާރައަކަށް ވުމެވެ. ޒީނިޔާ ގެ ނުރުހުމުގައި ވިޔަސް ބާގިރު ދުވާލަކު އެތައް ފަހަރަކު ގަދަކަމުން ޒިނޭ ކޮށް އުޅުނީ އޭނާ އަކީ ނިމުމެއް ނާންނާނެ އިންސާނެއްކަމަށް ވިސްނައިގެންވެ. މަޙްޝަރު ބިމުގައި، މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭކަން ކުޑަކޮށްވެސް ހިތަށް ނާރައެވެ.

‘ސަމާލުކަމަށްޓަކައި ދަންނަވާލަން. އެޓޯލް އެއަރ ދޭއް-ހައެއް-ސުމަކުން ގަމަށް ދަތުރުކުރައްވާ ބޭފުޅުން ހަ ނަންބަރު ދޮރާށިން ވަޑައިގަތުމަށް ދަންނަވަން!’

ސިއްސައިގެން ގޮސް ޒީނިޔާ އަށް ހޭވެރިކަން ވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ފުރާގިމަތައިގެ ސައުންޑް ސިސްޓަމް އިން ކިޔަންފެށި އެނައުންސްމެންޓާއި އެކުގައެވެ. އޭރު ތާނިޔާ ހުރީ ދަބަސް އަޅުވައިގެން ތެދުވެ ތައްޔާރަށެވެ. ތާނިޔާ އަކީ ޒީނިޔާ ގެ ދަރިއެކެވެ. ބާގިރު ގެ މުޑުދާރު ޢަމަލުގެ ނަތީޖާއެކެވެ. ބާގިރު ދެކެ ޒީނިޔާ ކިތަންމެ ރުޅި އަޔަސް ތާނިޔާ ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ކޮންމެ ގޮތެއްވިޔަސް ތާނިޔާ އަކީ އޭނާ ބަނޑު އަޅައި ވިހޭ ދަރިއެކެވެ. ދިހަ އަހަރު ވާންދެން މިހާތަނަށްވެސް ތާނިޔާ ގެންގުޅެމުން އެގެންދަނީ ޒީނިޔާ ގެ ދެލޮލުގެ ނޫރު ފަދައިންނެވެ. ‘އިބްތިހާލު’ ގެ މަންމައަށް ކޮންމެ މީހަކު ވާކަށް ނުވެސްޖެހެއެވެ.

‘ބަނޑު އަޅައި ވިހެއުމުން ތިމާގެ އަމިއްލަ ދަރިއަކަށް ނޫން އެހެން އެއްޗަކަށް ނުވާނެއެވެ. އަނެއްކޮޅުން އެ ދަރިފުޅުގެ އެއްވެސް ކުށެއް އެކަމުގައި ނެތެވެ. އެއީ މައުސޫމު ކުއްޖެކެވެ.’ ތާނިޔާ ލިބުމާއިއެކު އެއްމެ ފުރަތަމަވެސް ޒީނިޔާ ހިތަށް އެރީ މިހެންވެ.

“މަންމާ މިހާރު ބޯޓް ފުރަނީކަންނޭނގެ. ކޮއްކޮމެން ނުލައި ގޮސްފިއްޔާޔޯ!” ކުޑަކުޑަ ތާނިޔާ ޝަކުވާކުރަން ފެށިއެވެ. ޒީނިޔާގެ ލޮލަށް ޖަމާވެފައިވާ ކަރުނަފޮދު ފޮހެލަމުން ތެދުވެ ހިނގައިގަތެވެ.

“އެކްސް ކިއުޒްމީ ދައްތާ. އަޅުގަނޑަށް ކުޑަ ކަމެއް ކޮށްދެއްވަފާނަންތޯ؟ އަޅުގަނޑު ފާޚާނައިގަ ހޭންޑް ބޭގް ބަހައްޓާފަ މި ނިކުމެވުނީ. މި ކޮތަޅު ހިފައިގެން ދެވިދާނެތޯ. ފްލައިޓަށް އަރާފަ އަޅުގަނޑު ކޮތަޅު ނަގާނަން.”

ޒީނިޔާ ފަސްއެނބުރި ބަލައިލިއިރު ކައިރީގައި ހުރީ ޒުވާން ފުރާގެ ފިރިހެން ކުއްޖެކެވެ. ކޮންމެވެސް ވަރެއްގެ ތުނބުޅިކޮޅެއްލައިފައި ހުރި ޒުވާނެކެވެ. ބަލާބެލުމަށް އެއީ އަޅުވެރި ކުއްޖެއްކަން އެކުއްޖާގެ ނިތްކުރިން އެނގުނެވެ. ޒީނިޔާ އިތުރު އެއްޗެކޭ ނުބުނެއެވެ. ކޮތަޅުގައި ހިފިއެވެ. ހުރިހައި ޗެކިންއެއް ނިމިފައިވާއިރު، ނުދަންނަ މީހަކު ދޭ އެއްޗެއްގައި ހިފުން އެއީ އެހާވަރުގެ ކަމެއްކަމަށް ނުދެކޭތީ އެވެ.

ބޯޓަށް އަރައި ތާނިޔާގެ ގޮނޑީގެ ކަމަރު އަޅުވަން އުޅެނިކޮށް އެ ޒުވާނާ އައިސް ޒީނިޔާމެން ތިބި ހިސާބުގައި މަޑުކޮށްލިއެވެ. ޒީނިޔާ އަވަސްވެގަތީ އޭނާގެ އުނގުގައި ބަހައްޓާފައި ހުރި ކޮތަޅު ދިއްކޮށްލުމަށެވެ.

“ކޮއްކޮގެ ބެލްޓް އަޅުވައިދޭނީ ބޭބެ. އޯކޭތޯ؟” އެ ޒުވާނާ އެދުނެވެ. ޒީނިޔާ އެކަމަށް އިންކާރެއް ނުކުރެއެވެ. ޒުވާނާ ބެލްޓް އަޅުވައި ނިމިގެން ކޮތަޅު ނެގިއެވެ. އޭނާ އިށީންނީ ޒީނިޔާމެން ތިބި ބަރީގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައެވެ. ‘އެފް-ސީ’ ގައެވެ. ގޮނޑީގައި އިށީނދެ ބެލްޓް އަޅުވައި ނިމިގެން ކޮތަޅު ހާވަން ފެށިއެވެ.

“އަން!” ޒުވާނާ ގެންގުޅުނު ކޮތަޅުން ނެގީ ސޮފްޓް ޓޯއީ އެކެވެ. ޓެޑީ ބެއަރ އެކެވެ. އެ ބެއަރ ދިއްކޮށްލުމުން ޒީނިޔާ ކުޑަކޮށް ހައިރާންވެސް ވިއެވެ. ‘އެކަހަލަ’ އަޅުވެރި ޒުވާނުން މިފަދަ ކުޅޭ އެއްޗެހީގައި އަތްލާ ބާއޭ ހިތަށް އަރާފައެވެ.

“މީ ބޭބެގެ ކޮތަޅުގަ ހިފައިދިނީމަ ތި ކޮއްކޮއަށް ދޭ ކުޑަ ހަދިޔާއެއް. އަސްލު މީ މަގޭ ދަރިފުޅަށް ސޮފްޓް ޓޯއީއެއް ގަންނަން ވަތްތަނުން ފްރީކޮށް ލިބުނު ޓޯއީއެއް. ‘ބައިވަން-ގެޓްވަން ފްރީ’ ޕްރޮމޯޝަން ހުރެއެއްނު!” ޒުވާނާ އަނގަ ތަޅަންފެށީ ދަންނަ ބައެއް ކައިރީގައި އަނގަތަޅާހާވެސް ހަލުވިކޮށެވެ.

“ކޮއްކޮ އަށް ކިޔަނީ ކޮންނަމެއްތަ؟ އައްޑޫ ކޮންރަށަކަށް ތި ދަނީ؟” ޓޯއީ ދިއްކޮށްލުމުން ޒީނިޔާ އޭގައި ހިފަމުން ސުވާލުކުރިއެވެ.

“މަށަކީ އައިމަން. އަހަރެން މީ ފޭދޫ މީހެއް. ދައްތަމެން ކޮން ރަށެއްތޯ؟” ކިތަންމެ އަނގަ ގަދަޔަސް އެ ޒުވާނާ ވާހަކަދައްކަމުން ދިޔައީ ރީތިކޮށްނެވެ.

“ދައްތަ މިއީ އަސްލު ހިތަދޫ މީހެއް. ދައްތައަށް ކިޔަނީ-“

“ދައްތަ އަށް ކިޔަނީ ދައްތަ. ކޮންމެހެން ނަމެއް ބޭނުމެއް ނުވާނެ.” ޒީނިޔާ ނަންބުނަން އުޅެނިކޮށް އައިމަން ބުންޏެވެ. “ދެން ތީނދަ ލޯބިލޯބި ކޮއްކޮއަށް ކިޔަނީ ކޮންނަމެއް؟”

“އަޅުގަނޑަކީ ތާނީ ދޯ މަންމާ.” އައިމަން އަށް ބަލަހައްޓައިގެން އިނދެފައި ޖަވާބުދިނީ ތާނިޔާ އެވެ.

“އެހެންތަ؟ ތާނީ ތީ ވަރަށް ބަސްއަހާ ކުއްޖެއް ދޯ. މި ބޭބެގެވެސް ހުންނާނެ ހަމަ ތިވަރުގެ ގަރލް ކުއްޖެއް. ފޭދޫއަށް ދެވިއްޖެއްޔާ ވާނެ މި ބޭބެގެ ގަރލް ކުއްޖާއާ މީޓްކުރަންދޯ!” އައިމަން ވާހަކަދެއްކީ ތުއްތުކުދިންނާ ލޯބިން މީހުން ވާހަކަދައްކާގޮތަށް އަޑު ބަދަލުކޮށްލައިގެންނެވެ. ތުއްތުކުދިން ވާހަކަދައްކާ ރާގުގައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.