ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖޭގެ މިސްކިތްތަކުގައި ފަރުޟު ނަމާދާއި ތަރާވީހު ނަމާދު ޖަމާޢަތް މެދުކަނޑާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ މެދުކަނޑާލާފައިވަނީ ރިސޯޓުތަކާއި މާލޭ ސަރަހައްދުގެ މިސްކިތްތަކުގެ ޖަމާޢަތެވެ. އެއީ މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 ގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެ، ހުއްޓުމެއްނެތި ފެތުރެމުންދާތީ މުޅިރާއްޖޭގެ ހުރިހައި މިސްކިތްތަކުގެ ޖަމާޢަތްތައް މެދުކަނޑާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސަރކިއުލާގައި ބުނެފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނަމާދުތަކުގެ ޖަމާޢަތް މެދުކަނޑާލާފައިވާ މުއްދަތު މެއި މަހުގެ 14 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާ ބަންގީގެ ފަހުގައި ދިވެހި ބަހުން “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ” މިގޮތަށް ދެ ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް ފަރުޟް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހު ނަމާދު ކުރުމަށާއި، ސުންނަތް ނަމާދު ކުރުން ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި މާތްﷲ ގެ ރަހުމަތަށް މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިޣުފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.