“ނޭވާ ހިނގާހާ ހިނދަކު، އުއްމީދުކުރުން ހުއްޓައެއް ނުލެވޭނެ.” މިއީ ދިވެހި ފިލްމު ”ބޮސް” ގައި ކުޅަދާނަ އެކްޓަރ ޔުނާން ވަރަށް އަސަރާއެކު ބުނި ޖުމުލައެވެ. އާނއެކެވެ. ޔުނާން އެބުނީ ހަމަ ސަތޭކައިގެ ވާހަކައެކެވެ. އެއްވެސް ކަމަކަށް، އެހާ ފަސޭހައިން އުއްމީދު ކަނޑައިލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނުވާނެ ކަމެއް ނޯންނާނެއެވެ. އުއްމީދަކާއި އެކު، ކަމަކަށް ކުރިމަތިލައިފިއްޔާ އެކަމެއްގެ އަލި، ސާދާ މަގު ފެންނާނެއެވެ.

އެގޮތުން ގދ. ހޯނޑެއްދޫއަށް އުފަން، އުމުރުން 29 އަހަރުގެ މުހައްމަދު ޔުނާނަކީ އުއްމީދާއި އެކު ކެރިގެން، ކުރަން ބޭނުން ކަމެއްގައި ފައިތިލަ ސާބިތުކޮށްލާ، ހީވާގި ޒުވާނެކެވެ. ކުޑައިރުން ސުރެއް ފިލްމީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ޔުނާންގެ އެކްޓު ކުރުމުގެ ހުނަރު ކިތަންމެ ހާވެސް ރަނގަޅަށް ބެލުންތެރިންނަށް ވަނީ ދައްކާލައިފިއެވެ.

ދިވެހި ފިލްމު “ބޮސް” އިން އާންމުންގެ ތެރޭގައި ބޮޑު މަޤުބޫލްކަމެއް ހޯދި މި ކުޅަދާނަ ފަންނާނު ވަނީ ގިނަ ބައެއްގެ ހިތްތައް ދަމައިގެންފައެވެ. ފިލްމު ބަލަމުން ދިޔައިރު، ޔުނާންއާ އެކު ރުއި އެތައް ބެލުންތެރިންނެއް އެބަތިއްބެވެ. ‘ބޮސް” ބަލަމުން އެ ބެލުންތެރިންގެ ލޮލުން ފެއިބި ކަރުނަތައް، އެމީހުންގެ ކޯތާފަތް މަތީގައި ފިރުކެމުން ދިޔައީ ޔުނާންގެ މޮޅު އެކްޓިންނަށް ހިތުގެ އަޑިން ޝުކުރުވެރިވާ ހާލުގަައެވެ. 

ޔުނާން މޮޅީ ހަމައެކަނި އެކްޓު ކުރާކަށް ނޫނެވެ. މި ފަންނާނުގެ އިތުރު ހުނަރުތައް ވެސް އެބަހުއްޓެވެ. އެގޮތުން ޔުނާނަކީ ވަރަށް މޮޅަށް ކުރަހަން ވެސް އެނގޭ، ކުޅަދާނަ ކުރެހުންތެރިއެކެވެ. އަދި މިޔުޒިކުގެ ތެރޭގައި ހިމެނޭ ގިނަ އާލަތްތަކާއި ކުޅެން ފަރިތަ، ހުޝިޔާރު ފަންނާނެއް ވެސް މެއެވެ. އެހެންކަމުން މިޔުޒިކީ ދުނިޔޭގައި ޔުނާނަކީ މުސްތަޤުބަލް އޮތް، ކާމިޔާބު ފަރާތެކެވެ. 

ދިރިއުޅުމަކީ ހަނގުރާމައެކެވެ. ކޮންމެ އިންސާނަަކަށް ވެސް، ހިތަށް ކެތްނުވާ، ހިތުގެ ހިމަނާރަށް ހިތްދަތި، ހިތި އަސަރު ކުރާނެ ކަންތައްތަކާއި ދިމާވާނެއެވެ. ޔުނާނަކީ ވެސް އޭނާގެ ޙަޔާތުގައި، ހިތްދަތި ކަމާއި ވޭނާއި ކެކުޅުން އުފުލި ޒުވާނެކެވެ. ފޮނި އިންތިޒާރުގައި، ލޯބިލޯބި ދަރިފުޅު އުރާލަން ބައްޕަޔަކު ކުރާނެ ހުުވަފެނަކީ ލިޔުމަކުން ބަޔާން ކޮށްދެވޭނެ އިޙްސާސެއް ނޫނެވެ. ޔުނާން ވެސް އޭނާގެ ދަރިފުޅު ޔޫކް އުރާލައި، ޔޫކާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަން ނިންމިއެވެ. ނަމަވެސް ކަންތައް ދިމާވީ ވަރަށް ދެރަކޮށެވެ. ތުއްތު ތުއްތު އެ ފުރާނަ މިދުނިޔެއާއި އަލްވަދާޢުުކީ ޔުނާންގެ ދެލޯ ރޮއްވާލަމުންނެވެ. ބަނޑަށް 6 މަހުގައި ޔުނާން އިންތިޒާރުކުރި އޭނާގެ ދަރިފުޅު އޭނައާ ވަކިވީއެވެ. މާތް ﷲ ޔޫކުގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުމަށް އެދި ދުޢާ ކުރަމެވެ. 

މިހިތްދަތި ކަމުގެ ތެރެއިން އަރައިގަތުމަށް ޔުނާން އެކަމުގައި ވެސް ހިތްވަރު ކުރިއެވެ. ދިރިއުޅުމަށް އާއުއްމީދެއް ކުރިއެވެ. އެ އުއްމީދުގައި ޔުނާން ދިރިއުޅުމުގެ ހަނގުރާމައަށް ނުކުތެވެ. މިއަދު ޔުނާނަކީ ލޯބިލޯބި “ޔޫން” އަދި “ޔަލާ”ގެ ބައްޕައެވެ. 

އަޅުގަނޑުމެން މުނިއަވަސް ޓީމުގެ ފަރާތުން ޔުނާންއާ އިންޓަރވިއު ކޮށްލީމެވެ.

މިހާތަނަށް ބެލި އެންމެ ރީތި ދިވެހި ފިލްމަކީ ކޮބާތޯ؟

މިހާތަނަށް ބެލުނު އެންމެ ތަފާތު، ރީތި ފިލްމަކީ ވިޝްކާ.

ފިލްމު ބޮސް އިން ޔުނާން ވަރަށް ބޮޑަށް ރޯތަން ފެނުނު. ވަރަށް މޮޅު އެކްޓެއް އެފިލްމުގަ ދައްކާފަ އިނީ.  އަސްލު ކީއްވެތޯ އެހާ ވަރަށް ރޯން މޮޅީ؟ އަމިއްލަ ދިރިއުޅުމާ، ރުއިމާ ގުޅުމެއް ވޭތޯ؟

އަމިއްލަ ލައިފްއާ ރުއިމާ އެއްވެސް ގުޅުމެއް ނޯވޭ. އެއި ހަމަ ނަހުލާގެ ސްކްރިޕްޓްގެ މޮޅުކަން.

ދިވެހި ފިލްމު އިންޑަސްޓްރީގަ އެންމެ މޮޅު އަންހެން އަދި ފިރިހެން ފަންނާނަކީ ކޮބާތޯ؟ 

އަންހެން ފަންނާނަކީ ނިއުމާ އާއި ރިޝްމީ. ފިރިހެން އެކްޓާރ އަކީ ހަމަ ރަވީ. 

ފިލްމީ ދާއިރާގަ ދެކެން ބޭނުންވާ ދުވަހަކީ ކޮބާތޯ؟ 

ފިލްމީ ދާއިރާގަ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ނިއުމާއާ އެއްކޮށް ފިލްމެއް ކުޅުން. އެކަމު އެއީ ދެން  ނުފެންނާނެ ދުވަހެއް ކަންނޭނގެ. ނިއުމާ ފިލްމު ކުޅުން ހުއްޓާލައިފި. 

ލަވަ ކިޔަން ޝައުޤުވެރިކަން ހުރޭތޯ؟

ހުރޭ. މީހުންގެ ކަންފަތަށް ވޭނަކަށް ވެދާނެތީ ލަވަ ނުކިޔަނީ. 

ވަރަށް މަޖާ ޗެލެންޖްސްތައް ޔުނާންމެން ހަދާފަ އެބަހުރި ފޭސްބުކަށް ލާފަ. އެއީ ކިހިނެއް ފެށުނު ކަމެއްތޯ؟ 

ޔުނާން އަންހެނުން އަބަދުވެސް ވަރަށް ލަނޑު ދޭނެ. އަބަދުވެސް ވަރަށް ފަންކޮށް ގޭގަ ހަމަ އުޅޭގޮތް އެއީ. ވަރަށް ފަހުން ފޭސްބުކަށް ވީޑިއޯސް ލާން ފެށީ. އަންހެނުންގެ މޮޅުކަން.

“އެހެނަސް” ސީރީޒްގެ ޕްރޮމޯ އެއްގައި ޔުނާން

ޔުނާނަކީ ވަރަށް ރުޅިގަދަ މީހެއްތޯ؟ 

ޔެސް، ބުނެވިދާނެ ވަރަށް ރުޅިގަދަ މީހެކޭ.

އެއްވެސް އަންހެން ކުއްޖަކަށް ބޭވަފާތެރިވިންތޯ؟ 

ބޭވަފާތެރިވިން. އެކަމު، ސަބަބުތަކެއް ނެތިއެއް ނޫން. ވަރަށް ބޮޑެތި ބައިވަރު ކަންތައްތަކާ ހެދި ފެޑްއަޕް ވެގެން.

ލޮކްޑައުންގެ މިދުވަސްތަކު ގޭގަ އޮވެގެން ކޮންކަންތައް ތަކެއްތޯ ކުރަނީ؟ 

ޖެއްސުންކުރުން ގޭ އެންމެންނަށް، ވައިފަށް ހެލްޕްވުން، ކުދިންނާ އެއްކޮށް ޓައިމް ސްޕެންޑު ކުރުން. އެންމެ ބޮޑު ކަމަކަށް، ރޯދަމަސް ނިމެންވާ އިރަށް ޚަތިމް ކުރަން މަސައްކަތް ކުރަން އެބަ.  

ކިތައް އަންހެން ކުދިންނާތޯ ރައްޓެހިވީ؟ 

4 ކުދިން. ވައިފް ލައިގެން.

ރިހޫ އެންމެ ބަހަކުން ސިފަ ކޮށްލަ ދޭން ވީނު؟

ކިޔަމަންތެރި 

ކިހިނެއް ރިހޫއާ ދިމާވީ؟ 

ރިހޫ މަސައްކަތް ކުރި ޗެނަލްއަށް ވީޑިއޯ ލަވައެއް ކުޅެން ވެގެން ގުޅައިގެން ދިމާވީ ފުރަތަމަ.

އެންމެ އުފާވި ދުވަހަކީ؟ 

ޔޫން މުހައްމަދު ޔުނާން (ދަރިފުޅު) ވެންޓިލޭޓަރގަ 1 މަސް ދުވަސް އޮވެފަ، ރިކަވާރ ވެގެން ފުރަތަމަ އުރާލަން ލިބުނު ދުވަސް.

އެންމެ ދެރަވީ ކޮން ދުވަހަކުތޯ؟ 

ޔުނާން އަތްމައްޗަށް ޔުނާންގެ ދަރިފުޅު ޔޫކް މުހައްމަދު ޔުނާން، މިދުނިޔެ ދޫކުރި ދުވަސް.​

ޓިކްޓޮކްގަ އުޅޭ ފަރާތްތަކުގެ ތެރެއިން އެންމެ މޮޅަށް އެކްޓު ކުރަން އެނގޭ އަންހެން އަދި ފިރިހެން ފަރާތަކީ ކޮބާތޯ؟ 

ފިރިހެން ޓިކްޓޮކް އެކްޓާރ އަކީ އިޝްފާން. އަންހެން ޓިކްޓޮކް އެކްޓާރ އަކީ ޝެރާ

މިދިޔަ އަހަރުގެ ރޯދަމަހާ ބަލާފަ، މި ރޯދަ މަހު އެންމެ މިސްވާނީ ކޮންކަމެއް؟

ފެމެލީ ރޯދަ ވީއްލުން.

ފިލްމީ ދާއިރާގަ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާތޯ؟ 

ނެތް.

ކުޅެވުނު އެންމެ ކަމުދާ ޓިކްޓޮކަކީ ކޮބާތޯ؟ 

އިންނާނެ ވައިފް ބަނޑު ބޮޑު އިރު ހެދި ޓިކްޓޮކެއް. ވައިފްއާ އެއްކޮށް. ފެނުނީމާ ބެލޭ، ނުބަލާ ނުހުރެވޭ. އެ ޓިކްޓޮކް.

އެންމެ ގިނައިން ފޭސްބުކް މެސެންޖާރ އިން ޔުނާން ވާހަކަދައްކާ ފަރާތަކީ ކޮބާތޯ؟ 

ރިހޫއާ ވާހަކަ ދައްކަނީ އެންމެ ގިނައިން. މެސެންޖާރ ވަރަށް ބޭނުން ނުކުރަން.

ޔުނާންތީ ވަރަށް ފޮނި، ހިތްމޮޅު މީހެކޭ އެއްވެސް މީހެއް ބުނެފަ އިންނާނެތޯ؟ 

އާނ ބުނި، ފޮނި ފަޤީރެކޭ ވެސް :ޕީ 

އެކުޓްކުރާއިރު، އެހެން މީހުން ކޮޕީ ކުރަންތޯ؟ 

ނޫން. އެއްވެސް ވަރަކަށް މީހަކު ކޮޕީއެއް ނުކުރަން. 

މުނިއަވަސްއާ މެދު ބުނެލާނީ ކީކޭތޯ؟ 

ތީ ވަރަށް ސަޅި އޮންލައިން ނިއުސްއެއް. ތޭންކްސް މިފުރުޞަތު ދިނީތީ. ސްޓޭ ސޭފް އޯލް.

މުނިއަވަސްގެ ފަރާތުން ޔުނާނަށް އެދެނީ އުފާވެރި، މުސްތަޤުބަލަކަށެވެ. އަދި ޔުނާންގެ ހުވަފެންތަކުގައި ކުލަޖެހޭތަން ފެނުނަމަކީ މުނިއަވަސް ޓީމުންް އަބަދުވެސްް އެކަމާ އުފާކުރާ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.