ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢަކަށް މި ގައުމު ވާއިރު އިސްލާމްދީނާ ދިމާ އިދިކޮޅު އަމަލުތައް ދުވަހެއް ދުވަހަކަށް މިދަނީ މިމުޖުތަމަޢުގައި އިތުރު ވަމުންނެވެ. މިމުޖުތަމަޢުގައި ދިވެހީން، ޚާއްޞަ ގޮތެއްގައި ކަނބަލުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަލައިލަމާތޯއެވެ؟ އިސްލާމީ ރީތި ހިޖާބުން ހިޖާބުވެގެން އުޅޭ ފަރާތްތައް އުޅޭއިރު ނިވާކަން ކުޑަ ގޮތެއްގައި ހެދުން އަޅައި، ދެއްކުންތެރިކަމުގައި މޮޑެލް ކުރަމުންދާ ފަރާތްތައް ނުހަނު ގިނައިން މިފަހަކަށް އައިސް ފެންނަމުންދެއެވެ. ހަމަ އެއާއި އެކު ނަމެއްގައި ބުރުގާ އަޅައިގެން އުޅޭ ފަރާތްތައް ވެސް މަދެއްނޫނެވެ.

ކަމަކަށް ފަހު ކަމެއް ދިވެހިން ބަލައިގަންނަން ފަށައިފިއެވެ. ފަހަރަކު ކަމެއް އެއީ އާދައިގެ ކަމަކަށް ވާން ފަށައިފިއެވެ. ކިތައް ކަންތައް ހެއްޔެވެ؟ އޮންލައިން ޕްލެޓްފޯމް ތަކުން ފަށާނަމެވެ.

ދިރިއުޅުން ހަތަރު ފާރުގެ ތެރޭގައި ތަހަންމަލު ކުރަންޖެހުމާއެކު، މީސްމީޑިއާގައި ތަފާތު ނަންނަމުގައި ގިނަ “ޗެލެންޖު” ތަކެއް ކުރިއަށްދެއެވެ. ރަގަަޅު ކަންކަމާއި ގޯސްކަންކަމެވެ. އޭގެ ތެރެއިންވެސް މީސްމީޑިއާގައި އެންމެ ބޮޑަށް ވައިގަ ހިފާފައި މިވަނީ، ނިވާކަން ކުޑަކޮށް ފޮޓޯ ނެގުމުގެ ޗެލެންޖު ތަކާއި، ދިވެހި އަންހެން ކުދިން ނިވާކަން ކުޑަ ކޮށް އެކްޓު ކޮށްފައިވާ ވީޑިއޯތަކެވެ. މިއާއެކު މޮޅު ނަމެއްގައި އަނެއްކާވެސް ކަނބަލުން އޮރިޔާން ވާން ފަށައިފިއެވެ. ޗެލެންޖަކަށް ޓަކައި ރައްބުގެ އަމުރުތަށް ބޮލާލާޖަހައިފިއެވެ.

މިހާރު ދިވެހި ނޫސްތަކާ މަޖައްލާތަކުގެ ފަލަ ސުރުޚީތަކުން އެމީހުން ޖާގަ ހޯދައިފިއެވެ. ނޫސްތަކުންނާ މަޖައްލާތަކުން ޖިސްމު ނީލަން ކިޔަމުންދާ މީހުން އެއީ “މޮޑެލުން” ގޮތުގައި ޕްރޮމޯޓް ކުރަން ފަށައިފިއެވެ. ބޮޑެތި ކުންފުނިތަކުގެ ބްރޭންޑް އެންބެސަޑަރުންގެ ގޮތުގައި އެވެރިން ހަދައިފިއެވެ. ޓީވީ ޝޯތަކަށް އެވެރިން އަރުވާ އެވެރިންގެ ހަޔާތަކީ ދިވެހިންނަށް ނަމޫނާއެއް ކަމުގައި ޕްރޮމޯޓް ކުރަން ފަށައިފިއެވެ. މިއުޒިކާއި ލަވައިގެ ވާހަކަ އިހަށް ބާއްވާށެވެ. މިއުޒިކާއި ލަވައިގެ ނަމުގައި މައިންނާ ދަރިން އެއްތާ ތިބެގެން އަޑުއަހަން ހެޔޮނުވާ ވަރުގެ ބަސްތައް ފަތިފައްޗަށް އަމުނަމުން ދިއުމުން ވެސް ދިވެހިން ތިބީ އެކަން ބަލައިގަނެ އަތްޖަހާށެވެ.

ދެން އޮތީ މިހާރު މަޝްހޫރުވެގެން އުޅޭ “ޓިކްޓޮކް” ގެ ވާހަކައެވެ. ޓިކްޓޮކް ވުޖޫދަށް އައުމާ އެކު މަންޒަރު ސިފަވެގެން ދިޔައީ ދިވެހިން ތިބީ ބަރަހަނާވެ އިސްލާމީ ރިވެތި އަޚްލާގު ބޮލުކޮޅުން ނަގާ އެއްލާލާނެ ޕްލެޓްފޯމަކަށް ނުހަނު ބޭނުންވެ ކެތްމަދުވެފައި ކަމެވެ. ހަވާނަފުސުގެ އެދުންތަކަށް ދީލިގެން ގޮސް ހެއްލިގެން ދިޔަލެއް އަވަސްކަން ފެނި ހައިރާންވެ އަންތަރީސްވެއެވެ.

މުންކަރާތްތަކަށް ދެކޮޅު ހަދާ އެކަން ނަހީކޮށް އިސްލާހުކުރަން މަސައްކަތްނުކުރާ ނަމަ ޤައުމެއް ހަލާކުވެގެން ހިނގައިދާނެއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ޝައިތާނާގެ ފަސްފަހަތުން ހިންގަމުން ގެއްލި ހިނގައިދާނެއެވެ. މުޖުތަމަޢު އިސްލާހު ކުރުމުގައި އާންމު ފަރުދުންގެ އިތުރުން ނޫސް މަޖައްލާ ތަކުގެ ހިއްސާ ވެސް ނުހަނު ބޮޑެވެ. އިސްލާހު ކުރުމަށް އެންމެން އެކީގައި މަސައްކަތް ކުރަންޖެހެއެވެ.

މިހެން ބުނާތީ، ބުނާ މީހާ ގޯސްވެ އެމީހަކު ސަފުން ބާކީވެދާނެއެވެ. މިއީ އެހެން މީހުންގެ މިނިވަންކަމާ ބެހުން ކަމުގައި މިހާރު ގިނަ ބަޔަކު ދެކިދާނެއެވެ. މާފުކުރާށެވެ. ހިތާމައާ އެކު ދަންނަވަން ޖެހެނީ މިއީ ދިވެހިންގެ ވިސްނުން މިހާރު ހުރި ގޮތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.