ހެނދުނު ހެނދުނާ ކިރު ސަޔާއި އަލްސަފާ ފާރޮށި ޖަހައިގެން ކައިގެން ނުކުމެ އަހަރެން އޮތީ އަހަރެންގެ ކޮޓަރީގައި އަރާމުކޮށްލާށެވެ. އެހެން އޮތްއިރު އަހަރެންގެ ހިތަށް އެތައް އެއްޗެއް އަރަމުން ދިޔައެވެ. މިދުވަސްކޮޅަކީ ރަށުތެރެއަށް ކުޑަކުދިން ނެރުން މަނާކޮށްފައިވާ ދުވަސްވަރެކެވެ. ސަބަބަކަށް ވަނީ ސަންތިމަރިޔަނބު އަރާތީޔޯލައެވެ. ޚުދު އަހަރެންނަށްވެސް މަންމަ އޮންނަނީ ބޭރަށް ނުކުތުން މަނާކޮށްފައެވެ. އަހަރެންނަށް އަށާރަ އަހަރު ނުފުރޭތީއެވެ.

އަހަރެން މިފަދަ ޚިޔާލުތަކެއްގައި އޮއްވާ ކުއްލިއަކަށް ހަނދާންވީ މަންމަ އަހަރެން ކުޑައިރު ނިންދަވަން ވަދެފައި ކިޔައިދޭ ސަންތިމަރިޔަނބު ވާހަކަ މަތިންނެވެ. އޭރު މަންމަ ކިޔައިދިން ގޮތުންނަމަ ސަންތިމަރިޔަނބު އަރާނީ ރަށުގައި ބަސްނާހާ ކުދިން ގިނަވީމައެވެ. އަދި އޭނާ ގެންދާނީވެސް ބަސްނާހާ “ހަޑިގިއްލާ” ހެދިގެން އުޅޭ ކުދިންނެވެ. ވީއިރު މައިންބަފައިން އެމީހުންގެ ދަރިން ހަމަ މަގަށް އެޅުވީމާ ނިމުނީ ނޫން ހެއްޔޭ އަހަރެންގެ ހިތަށްއެރިއެވެ. ކޮންމެހެން ސަންތިމަރިޔަނބު އަރާތީއޭ ކިޔާފައި ބޭރަށް ނުނިކުމެ ތިބެންޖެހޭ ހެއްޔެވެ؟

އަހަރެން އޮށޯވެގެން އޮއްވާ ކުއްލިއަކަށް މަންމަ އައިސްފައި އަހަރެން ގާތުގައި އަޔޮޑިން ލޮނު ޕެކެޓެއް ގަންނަން ފިހާރައަކަށް ގޮސްދޭން ބުންޏެވެ. އެވަގުތު އަހަރެންނަށް މޮޅު ޚިޔާލެއް އައެވެ. މިހާރު ކުޅެން ނުދެވޭތާ ހަފްތާއެއް ވަނީއެވެ. އެކިޔާ ސަންތިމަރިޔަނބެއްގެ ކަންތައް ބޮޑުކަމުން މަންމަ އަހަރެން ގެއިން ނުކުތަ ނުދޭތީއެވެ. ސްކޫލް ބަންދު ދުވަސްކޮޅެއްކަމުން ޓިއުޝަނަށްކަމަށް ބުނެ ދޮގެއް ހަދާލާފައިވެސް ދެވޭނެ ފުރުސަތު ނެތުމުންނެވެ. ސަންތިމަރިޔަނބުގެ ވާހަކައިން މަންމަ ބިރުގަންނަވާލަންވީއެވެ.

“ސަންތިމަރިޔަނބު އަރާނެ..” އަހަރެން ބުނެލީމެވެ.

“އަނެއްކާ އަނެއް ކަންތައް.. އެހެރަ އަލިބެ ފިހާރައަށް ގޮސްލާފައި އަންނަންވާއިރަކަށް ނާންނާނެޔޭ ސަންތިމަރިޔަނބެއް.. މިހާރު ތިހުރީ ބާރަ އަހަރުވެފައޭ.. ބޮޑުވެފައި ތިހުރީ.. ދެން ދޭބަލަ އަވަހަށް.. މަންމަ މި ރޮށިކޮޅު ފިހެލަންވެގެން އުޅޭތީ ނެތޭ މިގަޑީގައި ދެވޭކަށް.. އަނެއްކާ މިހާރު އެއޮއްގެން ބައްޕަ ސައިބޯން އަންނަ ގަޑި ޖެހެނީ.. މި ފިހެ ނިންމާފައި ތި ގަނެގެން ރިހައެއް ނުކެއްކޭނެ ބައްޕަ އަންނަންވާއިރަކަށް.. ދެން ދޭ..” މަންމަ ބުންޏެވެ.

“ތަނަކަށް ދާންވީމަ ބޮޑުވީ.. އެކަމު ކުޅެން ދާންވީމަ ކުޑަކުއްޖެއް..” އަހަރެން ބޮޑާ ހާކާލީމެވެ.

“ހޫނ.. ދެން ދޭ.. ހަވީރު ކުޅެން ފޮނުވާނަމޭ..” މަންމަ އެހެން ބުނެލުމުން އަހަރެން ވީ އުފަލުން، މަންމަ ދިން ފަސް ރުފިޔާ ހިފައިގެން ނުކުމެ އަހަރެންގެ ބާރަވަނަ އުފަންދުވަހުގެ ހަދިޔާއަކަށް ބައްޕަ ދިން ބައިސްކަލަށް އަރައި އަލިބެ ފިހާރަ ހުންނަ ދިމާއަށް ދުއްވާލީމެވެ. އަލިބެ ފިހާރައަކީ އަހަރެމެން ގެއިން ނުކުމެގެން ހިނގާފައި ދެތިން މިނެޓުން ދެވޭހާއި ކައިރީގައި ހުރި ފިހާރައަކަށްވީ ނަމަވެސް އެ ބައިސްކަލެއް ގަނެދިން ފަހުން އަހަރެން ހިނގާފައި ފިޔަވަޅެއް ނާޅަމެވެ.

އަހަރެން ފިހާރައިން އައިސް ލޮނު ޕެކެޓް މަންމަ އަތަށް ދިނުމުން އަވަހަށް ގޮސް ފޮތެއް ހިފައިގެން ކިޔާލާށޭ ބުންޏެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން އަހަރެންނަށް ވަގުތުން ރައްދުވެސް ދެވުނެވެ. އެއީ އަހަރެން ކޮށްއުޅޭ ކަމެއްވެސް ނޫނެވެ. އެކަމަކު ކުޅެން ނުދެވޭތާ ގިނަ ދުވަސްވެގެން އެކަމުގެ ހިތްހަމަނުޖެހުން އޮތްލެއް ބޮޑުކަމުން ވީގޮތެވެ. މަންމައަށްވެސް އެކަންވީ ހައިރާންވީ ކަމަކަށެވެ.

“މިހާރު އާކަމެއް ދަސްކުރީ ދޯ.. މިހާރު މޫނުމަތީ ޒުވާބުކުރަންވެސް ފެށީއޭ.. ބަލަ ތި ފޮތެއް ކިޔާލިޔަކަސް ހަރީޝްގެ ގަޔަކުން ތަނެއް މަދެއް ނުވާނެޔޭ.. ތިހެން އުޅެންޏާ ދެން އެއްދުވަހަކުވެސް ކުޅޭކަށް ނުފޮނުވާނަން.. ބައިސްކަލުވެސް އަތުލާނަން..” މަންމަ ގާތަށް ރުޅިއައެވެ.

“މަންމަވެސް ކީއްތަ ވާނީ އެއްފަހަރު ކުޅެލަން ދާށޭ ބުނިއްޔާ.. އަބަދުވެސް ކިޔަވާ ވާހަކަ.. ކޮންމެ ފަހަރަކު އޭ ރިޕޯޓެއް ގެނައިމަވެސް މަންމަމެންނަކަށް އަހަރެން ކިޔަވާ ކަމަކަށް ނުވޭ.. އެހެންވެގެންނޭ ކިޔަވާހިތް ނުވަނީ..” އަހަރެންވެސް ރައްދުގައި ބުނެލީމެވެ. އެކަމަކު އެކަމާ ފަހުން ވަރަށް ދެރަވިއެވެ.

“އާނ.. އޮޅުމަކުންވެސް ފޮތެއްގައި އަތްނުލާތި.. ސައުވީސް ގަޑިއިރު ކުޅެން ހުރޭ.. މަށަށް ވަރިހަމަ އެއްކަމެއް ނުކުރިޔަސް..” މަންމަ ރުޅިގަދަވެފައި ބަދިގެއަށް ވަދެ އެއްޗެހިތައް ތަޅުވައިގަތް އަޑުން ގޭތެރޭގެ ހިމޭންކަން ނަގާލިއެވެ. އަހަރެން ސިޓިންގރޫމުގައި އިންއިރު މަންމަ އެއްޗެހިތައް ތަޅުވާ އަޑު ގަދަކަމުން ރުޅިގަދަވެފައި އަހަރެން ގޮސް ކޮޓަރިއަށް ވަދެ އަތުގައި ހުރި ބާރެއްލާފައި ދޮރު ޖެހީމެވެ.

“އެބުނާ ސަންތިމަރިޔަނބެއް އައިސް އަހަރެން މިތަނުން ގެންދާނެނަމަ.. އޭރަކުން އަބަދު ކިޔަވާކަށް ނުޖެހޭނެއެއްނު..” އައިސްފައި ހުރި ރުޅީގައި އަހަރެންނަށް ބުނެވުނީ މޮޔަ އެއްޗެކެވެ. މަންމަމެން ބުނާ ގޮތުންނަމަ ސަންތިމަރިޔަނބު ހުންނާނީ ރަތް ލިބާހާއި ކަނޑިކި ލާފައި ދަތް ގޯންޏެއް އެލުވައިގެން ހުތުރު ބިރުވެރި ސިފައަކަށެވެ. މޮޔަވެގެން އަހަރެންނަށް މި ބުނެވުނީ އެވަރުގެ އެއްޗެއްގެ ކައިރިއަށް ދާންވިއްޔާއެވެ.

“އޭތް.. ހިނގާ ކުޅެން ދާން.. މިހާރު އެއޮއްގެން ހަތަރު ފަނަރަ ވަނީ.. ހަތަރު ބައިވާއިރު ނުދެވިއްޖެއްޔާ ނުލަވާނެ..” އަހަރެންނަށް ނިދިފައި އޮއްވާ ހޭލެވުނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޔަޒްދާން އައިސް ގޮވުމުންނެވެ. އަހަރެމެންގެ އެކުވެރި ނަމުންނަމަ “ޔަޒޭ”އެވެ.

“މަށަކަށް ނުދެވޭނެ.. މިއަދު ހެނދުނު މަށާ މަންމައާ ހާޑުވެގެން މަންމަ ބުނީ ނުދެވޭނެޔޭ.. އެހެންނޫނަސް މަ މިއުޅެނީ މެންދުރު ނަމާދާއި އަޞްރު ނަމާދުވެސް ނުކޮށް.. ނަމާދުކޮށްލައިގެން މަށަށް ދެވޭނީ.. ވަރަށް ބަނޑުހައިވެސް ވެފައި މިހުރީ..” އަހަރެން ދެލޯ އުނގުޅާލަމުން ބުނެލިއެވެ.

“މަ މިއައީ މަރީނާއްތަ ކައިރީ އަހާފައޭ.. ތެދުވޭ އަވަހަށް.. މަރީނާއްތަ ހުރީ ހަމަ އޯކޭވެފައި.. ދެނަމާދު ކޮށްލައިގެން ނުކުމޭ އަވަހަށް.. ދެން ދަމުން ޕެކެޓެއް ބޯލާނީ.. އޯކޭ ވާނެޔޭ..” ޔަޒޭ އަހަރެންގެ އަތުގައި ހިފައި ނަގަމުން ބުނެލިއެވެ.

އަހަރެން ފާޚާނާއަށް ވަދެ މޫނު ދޮވެލައި ދަތް އުނގުޅާލައި ހަދައިގެން ނުކުމެ ނަމާދުކޮށްލީމެވެ. ދެން ނުކުމެ މަންމަ އަތުން ވިހި ރުފިޔާ ހޯދައިގެން ޔަޒޭއާއެކު ދިޔައީ ފުޓުބޯޅަ ދަނޑާއި ދިމާއަށެވެ. ދަމުން ފިހާރައަކަށް ވަދެ ދެމީހުންނަށް ކެވިންސް މިލްކްޝޭކް ދެ ޕެކެޓް ގަނެގެން އެ ބޮމުން އަހަރެމެން ދެމީހުންނަށް ދަނޑަށް ދެވުނުއިރު ޓީމު ބަހަނީއެވެ. އަހަރެމެންނަށް ލައްވާލީ ހަމަ ކިރިޔާއެވެ. ކުދިން މަދުވުމުން އެމީހުން ޓީމު ނުބަހައި މަޑުކޮށްލީއެވެ. ވަރަށް ފޯރީގައި ކުޅެ ނިންމާލާފައި މަޣްރިބު ނަމާދަށް ބަންޤި ގޮވަން ވިހި ވަރަކަށް މިނެޓަށްވެފައި އޮއްވާ އަހަރެންނާއި ޔަޒޭ ކުޅުން ހުއްޓާލާފައި ގެއަށް ދާން ހިނގައިގަތީއެވެ. ބަންޤި ގޮވަންވާއިރަށް އަހަރެމެން ދެމީހުން އަބަދުވެސް ގެއަށް ދަމެވެ. ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ ހަދާތީއެވެ.

“ހިނގާ މިތާ ގަސްދޮށުގައި ޖައްސާލަން.. ވަރަށް ވަރުބަލިވެއްޖެ..” ގެއަށްދިޔަ މަގުމަތީގައި ޔަޒޭ ބުނެލިއެވެ. އަހަރެންވެސް ވެފައިހުރި ވަރުބަލިކަމުގައި އެކަމަށް އެއްބަސްވެ ދެމީހުން ފުޓުބޯޅަ ދަނޑާއި މާދުރު ނޫން ހިސާބެއްގައި ހުރި ކާނި ގަސް ދޮށުގައި ޖައްސާލީމެވެ. ދެމީހުން ކައިރި ކައިރީ ތިބިއިރު އިރުއިރުކޮޅާ ގަޑި ބަލާލަމެވެ. ބަންޤި ގޮވާ ގަޑި ބަލަންވެގެންނެވެ.

އަހަރެމެން ވަރުބަލި ފިލުވާލަން ޖައްސާލައިގެން ތިއްބާ އެންމެ ޒަމާނީ ސައިކަލެއްގައި ވަރަށް ތުއި ގޮތަކަށް އިށީނދެލައިގެން އިން އަންހެނެއް އަންނަތަން ފެނުނެވެ. ފަލަ މަސްގަނޑާއި ހަމައަށް އަރާ ރަތް ކުލައިގެ ހެދުމުގައި އޭނާ އިންއިރު އަރިއަރިއަށް ބޯ ގުދުކުރަމުން މޮޅު ގޮތްގޮތަށް ސައިކަލު އަރިކުރަމުން އަންނަތަން ފެނުމުން އަހަރެން ވަރަށް މަޑުމަޑުން ޔަޒޭއަށް ގޮވާލާފައި އެއަންހެންމީހާ ދައްކާލީމެވެ. ކުރިން ރަށުން ފެންނަ މީހަކަށް ނުވާތީއާވެސް އެކުގައެވެ.

“ގަދަ އަންހެނެއް ދޯ..” ޔަޒޭ މަޑުމަޑުން ބުނެލިއެވެ.

އެ އަންހެންމީހާ ސައިކަލުގައި އައިސް ކަހުވާލާފައި މަޑުކޮށްލީ ސީދާ އަހަރެމެން ކައިރިއަށެވެ. އަހަރެމެން ހައިރާންވެފައި ބަލަން ތިބީ އޭނާ އަހަރެމެންނާ ހަމައަށް މަޑުކޮށްފައި އަހަރެމެންނާ ދިމާއަށް ބަލަން އިނީމައެވެ.

“ކޮއްކޮމެން ގެއަކަށް ނުދަންތަ؟ މިހާރު އެއޮއްގެން އިރުއޮއްސެނީއެއްނު..” އެމީހާ ވަރަށް މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު ބުނެލިއެވެ. އެމީހާގެ ވާހަކަދެއްކުމުގައި ހުރި ގާތް ގޮތަކުން އަހަރެމެންނަށް އިތުރު ހައިރާންކަމެއް ލިބުނެވެ. މީ ކޮންކަހަލަ މީހެއްބާއޭ ހިތަށްއެރިއެވެ.

“މިހާރު ދެން ދާންވީ.. މިހާރު ބަންޤި ގޮވާހާއިރުވެސް ވަނީ.. ނަމާދަށް ދާންޖެހޭނެއެއްނު..” އަހަރެން ޖަވާބުދިނީމެވެ.

“އާނ.. ވަރަށް ރަނގަޅު..” އެމީހާ ހީލާފައި ބުނެލިއެވެ.

“ކޮއްކޮ ނުދަންތަ؟” އެމީހާ ޔަޒޭއާއި ސުވާލުކޮށްލިއެވެ.

“ނޫން..” ޔަޒޭ އެހެން ބުނެލުމުން އެމީހާ ކުއްލިއަކަށް އޭނާގެ އަތްދަބަސް ހުޅުވާލާފައި ނެގީ ދެ ޑޮލަރު ބޮނޑިއެވެ. އެއްބޮނޑި އަހަރެންނަށް ދިއްކޮށްލުމުން އަހަރެންނަށް އޭގައި ހިފަން ނުކެރިފައި ހުރީމެވެ. އަނެއް ބޮނޑި ޔަޒޭއަށް ދިއްކޮށްލުމުން އޭނާވެސް އޭގައި ހިފަން ނުކެރި ހުރެފައި އަހަރެންނަށް ބަލާލިއެވެ.

“މީ ތިދެކުދިން ބަސްއަހައި ނަމާދުކޮށް ހަދާތީ ދޭ ހަދިޔާއެއް.. އަވަހަށް ހިފާ..” އެމީހާ ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ. އެހެންކަމުން އަހަރެމެން ދެމީހުންވެސް އޭގައި ހިފީމެވެ.

“އެކަމަކު ތީ ކާކުކަމެއް އަހަރެމެންނަކަށް ނޭނގެ..” އަހަރެން ބުނެލީމެވެ.

“އަހަރެންގެ ވާހަކަ އެނގިއްޖެއްޔާ ތިކުދިން ބިރުން ފިލާނީ..” އެމީހާ އެހެން ބުނެލުމުން އަހަރެންނަށް ބަލާލެވުނީ ޔަޒޭއާއި ދިމާއަށެވެ.

“އެއީ ކީއްވެ؟” އަހަރެން ހައިރާންވިއެވެ.

“އެއީ އަހަރެންނާ ބެހޭގޮތުން މީހުން ދައްކާ ވާހަކައިން..” އެމީހާ އެހެން ބުނެލުމުން އަހަރެން ހިތަށް ކުއްލިއަކަށް އެރީ ސަންތިމަރިޔަނބުގެ މަތިންނެވެ. ނަމަވެސް ސަންތިމަރިޔަނބާއި މި އަންހެންމީހާއާއި އަޅާ ކިޔާލެވުމުން އަހަރެންގެ މޮޔަކަމާއިމެދު ވިސްނިފައި އަހަރެން ގާތަށް ހިނިވެސް އައެވެ.

“ރަނގަޅަށް ތި ހީވީ.. މީ ސަންތިމަރިޔަނބު..” އެއަންހެންމީހާ އެހެން ބުނުމާއެކު އަހަރެންނާއި ޔަޒޭއާއި ދެމީހުންނަށް އެއްއަޑަކުން ހަޅޭއްލަވައިގެންފައި ދުއްވައިގަނެވުނެވެ. ނަމަވެސް ތަންކޮޅަކަށް ދިޔަތަނާ ސަންތިމަރިޔަނބުކަމަށް އެބުނާ މީހާ ސައިކަލުގައި އައިސް އަހަރެމެންގެ ކުރިމައްޗަށް ސައިކަލު ކަހާލާފައި މަޑުކޮށްލިއެވެ.

“އިހަށް މަޑުކޮށްބަލަ.. އަދި އަހަރެންގެ ވާހަކަ ނުނިމެޔޭ..” އޭނާ ބުނެލިއެވެ.

“ތީ ސަންތިމަރިޔަނބަކަށް ނުވާނެ.. ސަންތިމަރިޔަނބު ހުންނާނީ ރަތް ލިބާސް ލާފައި ކަނޑިކި ލާފައި ބޯ ހާވާލާފައި.. ދަތް ގޯންޏެއްވެސް އޮންނާނެ..” ޔަޒޭ ވަރަށް ކެރޭ މީހަކު ފަދައިން ބުނެލިއެވެ. އޭނާ އެބުނި ވާހަކައަކުން އަހަރެންނަށްވެސް ވިސްނާލެވުނެވެ. އަދި އަމިއްލަ ފިނޑިކަމާއިމެދު އަމިއްލަ ނަފްސަށް މަލާމާތްކުރެވުނެވެ.

“ބަލަ ކޮއްކޯ.. އަހަރެމެންވެސް ޒަމާނާ އެއްގޮތަށް ބަދަލުވަމޭ.. އޭރުގައި ލާ ރަތް ލިބާހުގެ ބަދަލުގައި މި ހެދުން.. ކަނޑިކީގެ ބަދަލުގައި ސްކިނީއެއް ނޫނީ ސްކާރޓެއް.. ދަތް ގޯނީގެ ބަދަލުގައި ހޭންޑް ބޭގް.. ބޯ ހާވާލުމުގެ ބަދަލުގައި ސަޅިކޮށް ފުނާ އަޅައި ސަޅި ހެއަރ ސްޓައިލެއް.. ހުސްފައިގެ ބަދަލުގައި ހައި ހީލްއެއް.. ކުރީގަ އުޅެނީ ދުވެފައި ނޫނީ ހިނގާފައި.. މިހާރު މުޅިންވެސް ސައިކުގައި.. އަދި އެނގޭތަ؟ މިހާރު މޯބައިލެއްވެސް ގެންގުޅެމޭ.. އައިފޯން އެކްސްއެއް.. ސަޅިއެއް ނޫންތަ؟” ސަންތި މަރިޔަނބު ތަފްސީލް ދިނެވެ.

“ދެން ތި ހުރިހާ ކަމެއް ބަދަލުވީއިރު ނަން ބަދަލުނުވަނީ ކީއްވެ؟” އަހަރެން ބުއްދިވެރި ސުވާލެއް ކޮށްލީމެވެ.

“މިހާރު ނަންވެސް ބަދަލުވެފައޭ ވަނީ.. މިހާރު ކިޔަނީ ސަންމޭރީ.. ލޯބިން ކިޔާނީ މޭރީ..” ސަންތިމަރިޔަނބު ބުނެލިއެވެ.

“ސަޅި..”

“އަން.. މިއޮތީ ދެންމެ ބިރުން ދުއްވައިގަތްއިރު ވެއްޓުނު އެއްޗެހި..” ދެ ޑޮލަރު ބޮނޑި ދެމީހުންނަށް ދެމުން ސަންމޭރީ ބުނެލިއެވެ.

“އެކަމަކު ސަންތިމަރިޔަނބު.. އައި މީން ސަންމޭރީއަކީ ކުދިންނަށް ހަދިޔާދޭ މީހެއް ނޫންކަމަށް އަހަރެމެންނަށް އެނގިފައި އޮންނަނީ.. އަބަދުވެސް ބަސްނާހާ ކުދިންގެ ދަތް އުފުރައި ދަތް ޖަހައިދޭ ވާހަކަ އަޑުއިވެނީ..” އަހަރެން އެހެން ބުނެލުމުން ސަންމޭރީ ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ.

“ބަސްނާހާ ކުދިންނަށް އަދަބު ދޭގޮތަށް ބަސްއަހާ ކުދިންނަށް އިނާމުވެސް ދެމޭ.. ހޫނ.. ދެން ދޭ އަވަހަށް.. މިހާރު ބަންޤި ގޮވާ ގަޑި ވަރަށް ކައިރިވެއްޖެ..” ސަންމޭރީ އެހެން ބުނެލުމުން އަހަރެންނާއި ޔަޒޭ އަވަސްއަވަހަށް ގެޔާއި ދިމާއަށް ދުއްވައިގަތީމެވެ. ބަންޤި ގޮވިއިރަށް އަހަރެންނަށް ގޮސް ފެންވަރައިގެން ނުކުމެވުނީ ހަމަ ކިރިޔާއެވެ. ޑޮލަރުކޮޅު ފޮރުވާފައި ތައްޔާރުވެގެން އަހަރެން ދިޔައީ މިސްކިތަށެވެ. މިސްކިތުން އައިސް ވަދެފައި އަހަރެން މަންމައާއި ބައްޕަ އަތަށް ޑޮލަރު ބޮނޑި ދިނީމެވެ.

“މީ ކޮންތާކުން ހޯދި އެއްޗެއް؟ މިހާރު ތަންތަނުން ވައްކަންކުރަންވެސް ފެށީތަ؟” މަންމަ ވަރަށް ރުޅިއައިސްފައި އެހިއެވެ.

“ނޫން މަންމާ.. މީ ސަންމޭރީ ދިން އެއްޗެއް.. އަހަރެން ބަސްއަހާތީ..” އަހަރެން ވަރަށް އުފާވެފައި ބުނެލީމެވެ.

“ސަންމޭރީއޭ؟؟! އެއީ ކޮން ޤައުމެއްގެ މީހެއް؟ ހާދަ ރަނގަޅު މީހެކޭ ދޯ އެއީ..” މަންމަ ހައިރާންވެފައި ބުނެލިއެވެ.

“އެއީ ކުރީގެ ނަމުންނަމަ ސަންތިމަރިޔަނބު..” އަހަރެން އެހެން ބުނުމާއެކު ހީވީ ބޮމެއް ގޮވިހެންނެވެ. މަންމަމެން އައިސް އަހަރެން މޮޔަވީކަމަށް ހީކޮށް ފަންޑިތަ ހަދަން މީހަކު ހޯދަންވެސް އުޅުނެވެ. އަހަރެން އެތައް ގޮތަކުން އުޅެ އެވާހަކަތައް ކިޔައިދިނުމުންވެސް މަންމަމެން އެވާހަކަ ޤަބޫލުކުރީ ޔަޒޭ ގެނެސް އޭނާވެސް އަހަރެން ހެދީ ތެދުކަމަށް ބުނުމުންނެވެ. އިސާހިތަކު މުޅި ރަށަށް އެވާހަކަ ފެތުރި ސަންތިމަރިޔަނބާއިމެދު މީހުން ދެކޭގޮތް ބަދަލުވެ ސަންމޭރީއަށް ހިތްހެޔޮކޮށްފިއެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.