ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން ދަތުރުފަތުރު ކުރުން މަނާކޮށްފައިވާތީ، ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ ގޮތެއް ނެތި، އުފަން ރަށުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ތާށިވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިޓަލީގެ ސަރުކާރުން އިޓާލިއަން ލީގުގެ ކުލަބުތަކުގެ ފަރިތަކުރުންތައް “އިންޑިވިޖުއަލް” ކޮށް ކުރިއަށް ގެންދިއުމުގެ ފެހި ސިގްނަލް ދީފައިވުމުން، ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށްޓަކައި ރޮނާލްޑޯ ޓިއުރިން އަށް ދިއުމަށް ހަމަޖެހިފައި އޮތީ މިދިޔަ އާދީއްތަ ދުވަހުގައެވެ.
ޕޯޗުގަލްގެ ޓީވީ ޗެނަލް އެއް ކަމުގައިވާ “ޓީވީއައި” އިން “މެއިލް އޮންލައިން” އާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ މިވަގުތު އޭނާގެ އުފަން ރަށް މެޑެއިރާ ގައި ހުރި ނަމަވެސް، އޭނާގެ ޖެޓް އޮތީ ސްޕެއިންގެ މެޑްރިޑްގައެވެ. ސްޕެއިން ގައި މިހާރު ދަތުރުފަތުރު ކުރުން މަނާކޮށްފައި އޮތުމުގެ ސަބަބުން ރޮނާލްޑޯ އިޓަލީ އަށް ގެންދިއުމަށް އޭނާގެ ޖެޓް ފުރުމުގެ ހުއްދަ ނުލިބުނު ކަމަށް އެ ޓީވީ ޗެނަލް އިން ހާމަކޮށްފައިވެއެވެ. ރޮނާލްޑޯ ބަލާ މެޑެއިރާ އަށް ދިއުމަށް އޭނާގެ ޖެޓް މެޑްރިޑުން ފުރުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކުރި ނަމަވެސް، އެކަން ވަނީ ނާކާމިޔާބުވެފައެވެ. ކަން މިހެން ހުރުމާއި އެކު، ރޮނާލްޑޯ އިތުރު ދުވަސްތަކެއް ވަންދެން މެޑެއިރާ ގައި މަޑުކުރަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އިޓަލީގެ ބައެއް ސިޓީތަކުގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރި ކަމުގައި ވިޔަސް، ބޭރު ގައުމަކުން އިޓަލީ އަށް އެތެރެވާ ކޮންމެ މީހަކުވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ނިންމާފައިވާތީ، ރޮނާލްޑޯ ވެސް އިޓަލީ އަށް އެތެރެވުމުން ކަރަންޓީނު ކުރާނެއެވެ.
ރޮނާލްޑޯ ގެ “ގަލްފް ސްޓްރީމް ޖީ650” ޖެޓަކީ ދުނިޔޭގައި އުފައްދާ އެންމެ ފެންވަރު މަތީގެ ޖެޓު ތަކުގެ ތެރެއިން ޖެޓެކެވެ. ގަޑިއިރަކު 610 މޭލަށް އުދުހުމުގެ ގާބިލްކަން ލިބިފައިވާ މި ޖެޓުގެ އަގަކީ 30 މިލިއަން ޕައުންޑެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި