ފުޓްބޯޅަ ސީޒަން ފެށުމުގެ ވާހަކަ ދައްކަން އަދި ތަންކޮޅެއް އަވަސް ކަމަށް އިޓަލީގެ ސްޕޯޓްސް މިނިސްޓަރ ވިންސެންޒޯ ސްޕަޑަފޯރާ ބުނެފިއެވެ.

އިޓަލީގެ ކުލަބުތަކަށް މިއަދުން ފެށިގެން “އިންޑިވިޖުއަލް” ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައި އޮތްނަމަވެސް، ޓީމު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އެންމެ އަވަސްކޮށް ވެސް ދޭނީ މެއި މަހުގެ 18 ވަނަ ދުވަހުގައެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނާއި އިޓާލިއަން ސީރިއާ އިން ފުޓްބޯޅަ ސީޒަން ފުރިހަމަކުރުމަށް ބޭނުންވާކަން ހާމަކޮށްފައި އޮތްނަމަވެސް، އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ ލީގު ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމާއި މެދު އަދި ގޮތެެއް ނުނިންމާ ކަމަށެވެ.

“ފުޓްބޯޅަ ސީޒަނާއި ގުޅިގެން އަހަރެންނަށް ވަރަށް ތަފާތު ވާހަކަތައް އަޑުއިވޭ. އެކަމަކު އަދި އެއްވެސް ކަމަކަށް ބަދަލެއް ނާދޭ. ފުޓްބޯޅަ ސީޒަން ފެށުމާއި ބެހޭގޮތުން މިވަގު ވާހަކަ ދައްކަން ބޭނުމެއް ނޫން.” އިޓަލީގެ ސްޕޯޓްސް މިނިސްޓަރ ސްޕަޑަފޯރާ ބުނެފައިވެއެވެ.

ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ލީގުތަކުގެ ތެރެއިން ފްރާންސް ލީގު ކެންސަލްކުރި ނަމަވެސް، އިނގެރޭސި ލީގާއި، ސްޕެއިން ލީގާއި، ޖަރުމަނު ލީގާއި އަދި އިޓަލީ ލީގުން ވެސް މަސައްކަތް ކުރަމުންދަނީ ލީގުގެ ބާކީ ބައި ނިންމާލުމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.