[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]
މިއީ ހަތަރު ކުދިންގެ މަންމައަކު، ފޫޅުމައެއް އަދި ޑޮކްޓަރީ އެއްވެސް ވަޞީލަތަކާއި ނުލައި ފެންގަނޑެއްގެ ތެރެއަށް ވިހޭއިރު ކޮށްފައިވާ ވީޑިއޯ އެއް މުޅި ދުނިޔެއަށް ޢާއްމުކޮށް، އޭނާއަށް ކުރެވުނު ޖާދޫއެއްފަދަ އާދަޔާޚިލާފް ތަޖްރިބާ ކިޔައިދީފައިވާ ލިޔުމެއްގެ ތަރުޖަމާ އެކެވެ. މި ލިޔުމުގައި ވީޑިއޯ ހިމަނާލެވިފައި ނުވަނީ ‘ބަރަހަނާ’ މަންޒަރު އެކުލެވޭ ވީޑިއޯއަކަށް ވާތީ އެވެ.
މިހާރު އުމުރުން 43 އަހަރުގެ ސިމޯން ތަރބަރ އޭނާގެ އަންހެން ދަރިފުޅު ޕެރޯޒް (މިހާރު އުމުރުން 4 އަހަރުގެ) ވިހޭ މަންޒަރު ޔޫޓިއުބް ގައި ޢާއްމުކުރުމާއި އެކު އެ ވީޑިއޯ އަށް ހީވެސް ނުކުރާވަރަށް ހިޓްސް ލިބެން ފެށިއެވެ. އެގޮތުން މިހައިތަނަށް އެ ވީޑިއޯއަށް ވަނީ 52 މިލިއަން ހިޓްސް ލިބިފައެވެ.
ސިމޯން އޭނާގެ ދަރިފުޅު ވިހޭއިރު ފޫޅުމައެއް ނުވަތަ ތަދުކަނޑުވަން ބޭނުންކުރާ އެއްވެސް ބޭހެއް (ޕެއިން ކިލަރ) ނުވަތަ ޑޮކްޓަރެއްވެސް ބޭނުންކޮށްފައެއް ނުވެ އެވެ.
“އަހަރެން އެ ވީޑިއޯ އޮންލައިން ކުރީކީ ހޮސްޕިޓަލަކަށް ނުގޮސް ކޮންމެހެން އަހަރެން ވިހޭގޮތަށް ވިހެއުމަށް އެހެން އަންހެނުންނަށް ބާރު އެޅުމަކަށް ނޫން.” ސިމޯން ކިޔައިދިނެވެ.
ސިމޯން ހަމައެކަނި ބޭނުންވީ އެކަމުގެ ތަޖުރިބާ ކޮށްލުމަށެވެ. އެއްގޮތަކަށްވެސް އޭނާ އެކަން ކުރީކީ ބޮޑު އޯޑިއަންސެއް ހޯދުމަކަށް ނޫނެވެ.
“އަހަރެން ހިއެއްވެސް ނުކުރަން އެ ވީޑިއޯ އަށް އެވަރުގެ ބޮޑު ޝައުޤުވެރިކަމެއް ލިބިގެންދާނެ ކަމަކަށް.” ސިމޯން ގެ ތަޖްރިބާ ކިޔައިދެމުން ބުންޏެވެ.
“އަހަރެންގެ އެއްމެ ފުރަތަމަ ތިން އަންހެންކުދިން ވިހެއީ ގޭގައި. އެކަމަކު އަހަރެން އަބަދުވެސް ބޭނުންވޭ ޤުދުރަތީ މާހައުލެއްގައި ޤުދުރަތީ ގޮތުން ވިހެއުމަށް.”
“އަހަންނަކީ ޢާއްމު އުޞޫލުތައް ޤަބޫލުނުކުރާ ގަޅި މަންމައެއް ނޫން. އަހަރެން ބޭނުންވީ ހޮސްޕިޓަލުގެ މާހައުލުން އެ އިވޭ ‘ބީޕް’ އަޑު ތަކާއި ދުރުގައި އޮވެގެން ކުއްޖެއް ވިހެއުމަށް.” ސިމޯން ތަފާތު ގޮތަކަށް ދަރިއަކުވިހަން ނިންމި ސަބަބު ކިޔައިދެމުން ބުނީ މިހެންނެވެ.
“ޙަޤީޤަތާއި ކުރިމަތިލަމާ ހިނގާ، މީގެ އެތަކެއްހާސް އަހަރު ކުރިން އަންހެންވެރިންވަނީ މާސިންގާ ޖަންގަލިތަކުގައި ދަރިން ވިހާފަ. އެކަމަކު މި ޒަމާނުގެ އަންހެނަކު އުޑަފައިން ނުވަތަ ގުދަށް އޮވެ ޖަންގަލިތެރޭގައި އޮތް ފެންގަނޑެއްގެ ތެރެއަށް ވިހެއުމަށް ހިތަށް އަރުވާލުމަކީވެސް އަހަރެން މިކަން ކުރުމުގެ ކުރިން އެތައް ބަޔަކު ބިރުގަންނާނެ ކަމެއް.” ފޫޅުމައެއް ނޫނަސް މީހުން ވިއްސުމުގައި އެހީތެރިވެދީ އުޅުމުގެ ތަޖްރިބާ ލިބިފައިވާ ސިމޯން ބުންޏެވެ.
ސިމޯން ދިރިއުޅެމުން އަންނަނީ އުޓާހ ގެ ޕާރކް ސިޓީ ގައެވެ. ޤުދުރަތީ މާހައުލެއްގައި ކުއްޖެއް ވިހެއުމުގެ ތަޖްރިބާކޮށްލުމަށް ނިންމުނީ އޭނާއަށް ލިބިފައިވާ ތަރުބިއްޔަތުގެ ސަބަބުންނެވެ. ސިމޯން ގެ މަންމައާއި ބައްޕަ އަކީ ‘މިޝަނަރީސް’ ގެ ގޮތުގައި ޕަޕުއާ ނިއުގިނީ ގައި ދުވަސްތަކެއް ހޭދަކޮށްފައިވާ ބައެކެވެ.
“އަހަރެން ހަނދާންހުރޭ މަންމަ ވަރަށް ގިނައިން އަހަރުމެން ކައިރީ ބުނާނެ، (ޕަޕުއާ ނިއުގިނީގެ) ރަށްފުށުގެ އަންހެންވެރިން ވިހަންވީމާ އެކަމަކަށް އެކަށީގެންވާ ތަނެއްގައި އެކަހެރިވެގެން، އަމިއްލައަށް ވިހައި، ގާތުން ބުއްދިނުމަށްފަހު (ކޮނޑުގައި ނުވަތަ ބުރަކަށީގައި ކުދިން އެލުވައިގެން ގެންގުޅޭ) ފޮތިގަނޑަކަށް ލައިގެން މަސައްކަތް ކުރަން ނިކުންނަވާހަކަ.”
“އަހަރެންގެ ދަރިފުޅު ޕެރޯޒް މިގޮތަށް ވިހެއުމަށް އަހަރެން ނިންމީ އެ ވާހަކަ ހަނދާންކޮށްފަ.” ހަތަރުވަނަ ދަރިފުޅަށް ބަލިވެ އިނުމާއިއެކު އޭރު ސިމޯން ގެ ބައިވެރިޔާ ނިކް ކައިރީގައި އޭނާ ދެކެމުން އަންނަ ހުވަފެނުގެ ވާހަކަ ބުންޏެވެ. ބައިވެރިޔާގެ ފަރާތުން އެކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނެވެ. އެހިސާބުން އޭނާ ވިހެއުމަށް އެއްމެ ރަނގަޅުވާނެ ތަނެއް ހޯދުމުގެ މަސައްކަތް ފެށި އެވެ.
އެއްމެ ފުރަތަމަ ސިމޯން ނިންމީ ހިލަފަރުބަދަ ސަރަހައްދުން ފެންގަނޑަކާއި މޫދެއް ހިމެނޭ ތަނެއްގައި ވިހެއުމަށެވެ. ނަމަވެސް އޭނާ ދިރިއުޅެނީ މެލްބަން ގައި ކަމަށްވެފައި އެ ދުވަސްވަރުގެ މޫސުމަކީ ‘ވާނުވާއެއް ބުނަން ނޭނގޭ ފަދަ މޫސުމެއް ކަމުން’ އެގޮތަށް އެކަން ނުކުރެވުނީ އެވެ. މީގެ އިތުރުން ފަންނު (ބީޗް) ސަރަހައްދަކީ މާބޮޑަށް ހާމަ ތަނަކަށްވާތީވެސް އެކަން ނުކުރީ އެވެ.
“ރައްޓެއްސެއް ކައިރީ މިވާހަކަދެއްކުމުން ކުއީންސްލޭންޑް ގެ ‘ޑެއިންޓްރީ ފޮރެސްޓް’ ގައި އުޅޭ އޭނާގެ ރައްޓެއްސެއްގެ ގެއެއް ހޯދައިދިން. އެއީ ޖަންގައްޔާއި 56 މިނެޓް ކައިރި ހިސާބެއްގައި ހުރި ގެއެއް.” ހަނދާންތައް އާކޮށްލަމުން އޭނާ ކިޔައިދިނެވެ.
މިފަދަ ގޮތަކަށް ވިހާއިރު ހުރިހައި ކަމެއްވެސް ރަނގަޅަށް ދާން ޖެހޭނެކަން ސިމޯން އަށް އެނގެ އެވެ. “އަހަރެން ނިންމީ އެ ސަރަހައްދުގައި އެކަން ކުރުމަށް- އެ ގެއަކީ ވަރަށް ފައްކާ ގެއެއް. ކަންތައް ގޯހުން ގޯހަށް ހިނގައްޖެނަމަ ‘ބާރތިން ޕޫލް’ (ވިހަން އެރި އިންނަން ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފެންހަރުލާ ކަންވާރެއް) ގައި ވިހެއުމަށްވެސް ނިންމިން.”
ދުވަސްފުރެން ދެ ހަފުތާކުރިން، ސިމޯން އާއި އޭނާގެ އާއިލާ އެ ގެއަށް ބަދަލުވި އެވެ. އެތަނަށްގޮސް އެ ސަރަހައްދުން ތަންތަން ބަލަމުން ދިޔައެވެ. އެމީހުންނަށް ފަންނު (ބީޗް) ބޭނުންނުކުރެވުނީ އެ ދުވަސްވަރު މޫދުން ގިނަ ޢަދަދަކަށް ފިރުއައުނުމުދާ ފެންނަމުން ދިއުމާއި ގުޅިގެންނެވެ. އެހެންކަމުން ސިމޯން ގެ އާއިލާއިން ނިންމީ ‘ރެއިން ފޮރެސްޓް’ އެއް ހޯދުމަށެވެ.
އެއްމެފަހުން އެމީހުންނަށް އެހިސާބުގަނޑުގައި އޮތް އޮއެދެމޭ ފެންގަނޑެއް ފެނުނެވެ. ސިމޯން ގެ ތިން އަންހެން ކުދިންނާއި ސިމޯން ނިންމީ އެތަނުގައި ވިހެއުމަށެވެ.
“އަހަރެން އެތަނަށް ރޭގަނޑާއި ދުވާލުވެސް ގޮސްއުޅުނިން.’ ސިމޯން ބުންޏެވެ. “ރޭގަނޑު އެތަން ވަރަށް އަނދިރި. ރޭގަނޑު ވިހަން ޖެހިއްޖެނަމަ އަހަރެން ނިންމައިގެން ހުރީ އަހަރުމެން ތިބި ގޭގޭ ބޭރުގައި ޓިނުން ހަދާފައިހުރި އެއްޗަކަށް ފެންއަޅައިގެން އެއަށް އެރި އިނދެ ވިހެއުމަށް.”
ސިމޯން ގެ ބަނޑުގައި ރިއްސަން ފެއްޓީ ރޭގަނޑު 11 ޖެހިއިރުއެވެ. ކުރިން ތިންކުދިން ވިހެއުމުގައިވެސް ގިނައިރުތަކެއް ވެފައި ނުވާތީ އޭނާ ހީކުރީ ވަރަށް އަވަހަށް ވިހޭނެ ކަމަށެވެ. އޭގެ މާނައަކީ ސިމޯން ބޭނުންވިގޮތަށް ފެންގަނޑު ހިމެނޭ ޤުދުރަތީ މާހައުލުގައި ނުވިހޭނެ ކަމެވެ. ނަމަވެސް އޭގެ އަނެއްދުވަހު ހެނދުނު 9 ޖެހިއިރުވެސް ބަނޑަށް ވޭންވަރުވަރު އަރަމުން ދިޔައެވެ.
ޢާއިލާ އެކުގައި ކާރަށް އަރައިގެން ނައްޓާލީ ފެންގަނޑު އޮންނަ ސަރަހައްދަށެވެ. ދެ ގަޑިއިރު ފަހުން ސިމޯން ގެ ދަރިފުޅު ޕެރޯޒް މި ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލީ ސިމޯން އުޑަފައިން އިށީންދެގެން ފެންގަނޑުތެރޭގައި އިންދަ އެވެ.
“އަހަރެން ގެންދިޔައިން ތުނި ފުޅިމަދުން ހަދާފައިވާ މެޓެއް. އެއީ ޔޯގާ ކަސްރަތު ކުރަން ބޭނުންކުރާކަހަލަ މެޓެއް. ދަރިފުޅުގެ ބޯ ބޭރަށް ނިކުތުމުން އަހަރެން އުޑުތިލަމައްޗަށް ވާގޮތަށް ފުރޮޅިލިން. އޭރު ދަރިފުޅު އޮތީ ކުޑަކޮށް ތާށިވެފަ.” ސިމޯން ކުރި އާދަޔާޚިލާފް ތަޖްރިބާގެ ކުންނު ކިޔައިދެމުން ބުންޏެވެ.
“ނިކް އޭރު ގެންދިޔައީ ވީޑިއޯ ކުރަމުން. އޭނާ ކެމެރާ އަހަރުމެންގެ ރައްޓެހި މީހާ އަތަށް ދީފަ ދަރިފުޅުގެ ބޮލާއި ކޮނޑުގައި ހިފާފައި ތަޅުވާލިތަނުން ދަރިފުޅު އެއްކޮށް ނިކުމެއްޖެ.” ސިމޯން މި ތަޖްރިބާ ކުރީ ކެންސަރު ޖެހިގެން މި ދުނިޔެ ދޫކޮށްފައިވާ އޭނާގެ އޭރުގެ ބައިވެރިޔާ ނިކް ގެ ފުރިހަމަ އެހީތެރިކަމާއި އެކުގަ އެވެ.
“އަހަރެން އަވަސް އަވަހަށް ދަރިފުޅު ނަގައި އަހަރެންގެ މޭމަތީގައި ބާއްވާލިން.”
‘މަސް’ ނުވަތަ ޕްލެސެންޓާ ވިހެއުމަށް އިތުރު 2 ގަޑިއިރު ހޭދަވި އެވެ.
“އަހަރެން ކުރިން ވިހޭ ތިންކުދިން ވިހެއުމަށްފަހު ‘ޕޯސްތަލް-ނޭޓަލް ޑިޕްރެޝަން’ އާއި ކުރިމަތިލާން ޖެހުނު. އެކަމުން އަރައިގަނެވުނީ މި ދަރިފުޅު ވިހެއުމަށް ކުރި ތަޖްރިބާއަށްފަހު. އަހަންނަށް އިތުރު ހަކަތައަކާއި ޖޯޝެއް ލިބިގެން ދިޔަ. މުޅި މި ތަޖްރިބާއިން އަހަންނަށް ވަރަށް ބާރުވެރިކަން އިހްސާސް ކުރެވުނު. ދަރިފުޅުވެސް ވީ ސިއްހަތު ސަލާމަތުން ހުރި މުޅިން ރަނގަޅު ކުއްޖަކަށް.”
ސިމޯން މިކަން ތަޖްރިބާ ކޮށްފައިވަނީ އުމުރުން 39 އަހަރުގަ އެވެ. އޭނާ ބޭނުންވިގޮތަށް އެކަން ކުރެވުނީތީ މިއަދުވެސް އެކަމާ ފަޚްރުވެރިވެ އެވެ.
“އެކަން ކުރިއިރު އެތަނުގައި ޑޮކްޓަރެއްވެސް ނެތް. ކަމެއް ގޯސްވި ނަމަ ހޮސްޕިޓަލަކާއި ހަމައަށް ދިއުންވެސް ވާނީ ވަރަށް ދަތި ކަމަކަށް.” އޭނާ ބުންޏެވެ.
‘އެހެންނަމަވެސް އަހަންނަކީ މީހުން ވިއްސުމުގައި އެހީތެރިވެދީ އުޅޭ މީހެއްކަމުން އަހަންނަށް އެނގޭ ކުއްޖާގެ ބޯ އޮތީ ކިހާ ހިސާބެއްގައިކަން. އަހަރެންގެ ހަށިގަނޑު ބުނަމުން ދިޔަ އަހަރެން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް.”
ސިމޯން ގެ އެއްމެ ހަގު ދަރިފުޅު އުފަންވި ވީޑިއޯ ޔޫޓިއުބަށް ލީ އެހެން އަންހެނުންނަށް ކޮންމެ ކަމަކީވެސް ވެދާނެ ކަމެއްކަން ދެއްކުމަށެވެ. އެ ވީޑިއޯ ފަހުން ނެގުމަށްވެސް އޭނާ ބޭނުން ނުވީ އެވެ.
“މިގޮތަށް އެކަނިމާއެކަނި ވިހެއުމަށް އަހަރެން ހިތްވަރެއް ނުދޭނަން ޑޮކްޓަރެއް ނުވަތަ ފޫޅުމައެއްގެ މަޝްވަރާއް ނެތިއެއް. ނަމަވެސް އަހަރެންގެ މި ނިންމުމާމެދު މިއަދުވެސް އަހަރެން ދެކެނީ ހަމަ އެއްމެ ރަނގަޅު ނިންމުމެއް ކަމަށް.”
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!