މި ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން ގިނަ އަދަދަކަށް ކޮވިޑް-19 އަށް ފައްސިވަމުން ދިޔުމާއި ގުޅިގެން ދިވެހިންގެ ހިއްތަކުގައި ނުތަނަވަސްކަން އުފެދެން ފެށިއެވެ. ބިދޭސީންގެ މައްސަލަ ނުފެންނަ ކަމަށް ހަދައިގެންތިބި އެތައްބަޔަކަށް އެ މަންޒަރު ފެންނަން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. ފަރުވާއެއް މިހާހިސާބަށް ހޯދިފައިނުވާ މި ވަބާ ދިވެހި މުޖުތަމަޢުގައި ފެތުރެން ފަށާފައިވާއިރު، ދިވެހިންގެ ގައިން ފެންނަ ވަރަށް ވުރެ އިތުރަށް މި ބަލި ފެންނަމުން މިދަނީ އާދައިގެ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުންނެވެ. ޙާއްސަކޮށް އަވައްޓެރި ބަނގުލަދޭޝްގެ މަސައްކަތްތެރިންގެ ކިބައިންނެވެ.

ދިވެހިރާއްޖޭގައި އެންމެ ގިނަ ބިދޭސީން ހަރަކާތްތެރި ވަމުންދާ އެއް ދާއިރާއަކީ އިމާރާތް ކުރުމުގެ ދާއިރާއަށް ވެފައި، އެ ދާއިރާގެ ބިޔަ މަސައްކަތްތަކަކީ ގިނައިން މާލޭގައި ނުވަތަ މާލޭ ސަރަހައްދުގައި ހިނގާ ކަންކަމަށް ވީއިރު، މިމައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައި ވެސް މި އޮތީ ވެރިރަށް މާލެއަށެވެ. މިފަދަ ބޮޑެތި ޕްރޮޖެކްޓްތަށް ނަގައިގެން ހިންގަމުންދާ ފަރާތްތަކުން އިންސާނުން ދިރުއުޅުމަށް އެކަށީގެންނުވާ ތަންތަނުގައި އެބައި މީހުންގެ ބެލުމުގެ ދަށުގައިވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭކަމީ އެންމެންވެސް ދަންނަ ހަޤީޤަތެވެ.

މާލޭގެ ކުދިކުދި ތަންތަންކޮޅުގައި އެތައް ބިދޭސީންނެއް ދަންފަޅި ބަހައިގެން ނިންދަވައިގެން ވެސް ގެންގުޅެއެވެ. އެފަދަ ތަންތަނުގައި އެ މީހުން ދިރިއުޅެނީ އެގޮތް ބޭނުން ވާތީ އެއް ނޫނެވެ. ޒިންމާވާ ފަރާތުން އެފަދަ ތަންތަނުގައި ދިރިއުޅެން އެމީހުންނަށް މަޖުބޫރުކުރުކޮށްފައި އޮތުމުގެ ސަބަބުންނެވެ. މީގެއިތުރުން، އެކަށީގެންވާ ދިރިއުޅުމުގެ ވަސީލަތްތައް ވެސް  ފޯރުކޮށްނުދީ، ނުވިތާކަށް އެ މީހުންލައްވައި ބުރަމަސައްކަތްކޮށް  އެކަމަށް  ދޭންޖެހޭ އުޖޫރަނުދީ ފައިސާވެރިންނަށް ވެފައިތިބި ދިވެހިން މި މުޖުތަމަޢުގައި ވެސް އެބައުޅެއެވެ.

އިންސާނުން އުޅުމަށް އެކަށީގެން ނުވާ ތަންތަނުގައި އެ މީހުން ތޮއްޖައްސައިގެން ގެންގުޅުމަކީ އިހުމާލެއްކަން ޔަޤީނެވެ. އެއީ އިންސާނީ ކަރާމާތާވެސް މުޅިން ޚިލާފުކަމަކަށް ވީ އިރު، އެކަންކަމަށް އަޅައިނުލާ ދޫކޮށްލާފައި އޮތުމަކީ އެ މީހުންނާއި ޒިންމާވާ ފަރާތުގެ އިހުމާލު ނޫންތޯއެވެ؟ އެކަމުގެ ޒިންމާ އެ ފަރާތްތަކުން އުފުލަން ޖެހޭނެ ނޫންތޯއެވެ؟ އިހުމާލުވެފައިވާ ފަރާތްތަކަށް ޤާނޫނީ އަދަބު  ނުދެވިއޮތުމަކީ މިކަންކަން ހައްލުނުވާ މައިގަނޑު ސަބަބު ކަމުގައި ބުނެވިދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މި މަޢުޟޫ ފެންމަތިވެފައި މިވަނީ ބިދޭސީން މި ބައްޔަށް ފައްސިވާ މިންވަރު އިތުރުވުމާއި، އެ މީހުންގެ އާބާދީ އަތްނުފޯރާހާ ބޮޑުވުމުގެ ސަބަބުން މި ބަލިން އަރައިގަތުމަށް ސަރުކާރުން އެބައި މީހުންނަށް ބޮޑެތި ޚަރަދުތައް ކުރަން ޖެހުމުންނެވެ. ބަލިޖެހޭ ދޭސީންނާއި ބިދޭސީންގެ ކަންކަން ސަރުކާރުން ފުރިހަމަކަމާއި އެކު އެއްވެސް ތަފާތުކުރުމެއްނެތި ބަލަހައްޓަމުންދާއިރު، ބިދޭސީ މަސައްކަތްތެރިން ލައްވައި ރެޔާއި ދުވާލު ބުރަ މަސައްކަތް ކުރުވައިގެން ބޮޑުފައިދާ ހޯއްދެވި ފަރާތްތައް ކޮބައިތޯ މިއީ ދިވެހިން މިއަދު ކުރަމުންދާ ސުވާލެކެވެ. އެބައި މީހުންގެ ޒިންމާއެއް ހަމަ މިކަމުގައި ނެތީތޯއެވެ؟

އުފެދޭ ސުވާލަކީ މި ބިދޭސީންނަކީ ކަނޑު ބޯޓެއްގައި ވަގަށް ރާއްޖެ އެތެރެވެގެން އުޅޭ ބައެއްބާވައެވެ. މިހެން ހިތަށް ނާރަންވީ ސަބަބެއްވެސް ނެތެވެ. ޒިންމާވާނެ ފަރާތެއްނެތި ރާއްޖެގައި ޙާއްސަކޮށް މާލޭގައި ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން އެ މީހުން އުޅޭއުޅުމަކީ މިފަދަ ބަލިމަޑުކަމަކާއި ދެކޮޅަށް މަސައްކަތްކުރާއިރު ބޮޑު ގޮންޖެހުމަކަށް މިވަނީ ވެފައެވެ. ޔަޤީންވާ އެއްކަމަކީ ދިވެހިރާއްޖެއަށް ޒިންމާވާނެ ފަރާތެއްނެތި އެއްވެސް މީހަކު އެތެރެވެފައި ނުވާނެކަމެވެ. މި ބިދޭސީންނަކީ އެ މީހުން އެތެރެ ކުރުމުގެ ފުރިހަމަ ހުއްދައާއިއެކު ދިވެހިން އިސްވެތިބެ އެކަންކަން މަތިކޮށްފައިވާ މުއައްސަސާތަކުން ތައްގަނޑު ޖެހިގެން އެތެރެވެފައިވާ މީހުންކަމެވެ. ވީއިރު އެ މީހުންގެ ކަންކަން މިހެން ދޯދިޔާވެގެން ދިއުމުގައިވެސް އިހުމާލުވީ ބަޔަކުތިބޭނެކަމީ ދެބަސްވެވެން ނެތް ހަޤީޤަތެވެ. އެފަރާތްތައް ހޯދައި ހައްޤުއަދަބު ދިނުމަކީ ވެސް ސަރުކާރުގެ ޒިންމާއެކެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރަން މިއަދު މިވަނީ ހުރިހައި ގޮތަކުން ވެސް މަޖުބޫރުވެފައެވެ. މާދަމާއަށް ލަސްކުރެވޭކަށް ނެތެވެ. ދިވެހިރާއްޖޭގައި އުފަންވާ މީހުންނަށްވުރެ ރާއްޖޭއަށް އެތެރެވާ ބިދޭސީންގެ އަދަދު މައްޗަށް ދާންވެއްޖެނަމަ ޤައުމުގެ މިނިވަން ކަން ގެއްލޭ ހިސާބަށް ވެސް މިކަން ނުފޯރާނުދާނެކަން ކަށަވަރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.