‏”ހަދާ ކައެ ބިލާހަކަށް، ފުރާޅުނެތް ބިނާއަކަށް

ކުރާނަމޭ ބިމާ ހަމަ، ނުވާނެ އަތެއް ހިލާ ހަމަ”

އާނއެކެވެ. ރައިޑޭގެ ޝާއިރީ ގުލްޝަނުން މުގުރާލި އިޙްސާސުން ފުރިފައިވާ، އޭނާގެ ޝުއޫރުތައް އަޅުގަނޑުމެންގެ ހިތަށް ވަދެ ބަންދުވެއްޖެއެވެ. ކޮންމެ ގޮތެއް ވިޔަސް ހިތުގެ ހިމަނާރުގައި ތަތްވި އެ ބަސްތަކަށް ބުނެވޭނީ އެއީ ސީދާ ތެދުކަމަށެވެ. ރައިޑޭ އަތެއް ނުވާނެއެވެ. ރެޕްގެ ރޭސްގައި ރައިޑޭގެ ޖޯޝާއި ފޯރިއަށް ހަމަހިލާ ބަަދަލެއް ނާދެއެވެ. އެ ފޯރި އަޅުގަނޑުމެންގެ ލޯތަކުން ފަނޑެއް ނުވެއެވެ. އެއީ ރެޕްގެ ގަނޑުވަރަށް އުފަންވި، ރެޕްގެ ހުނަރުހުރި، އެކަމުގެ ފަންނާއި ޤާބިލުކަން ހުރި ޒުވާން ރެޕް އާރޓިސްޓެކެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ގަލަމުގެ ތުނޑު މި އަމާޒު ކޮށްލަނީ އއ. މަތިވެރިއަށް އުފަން، އުމުރުން 21 އަހަރުގެ ރައްޔާން މުހައްމަދު (ރައިޑޭ) އަށެވެ. ރައިޑޭ އަކީ ރެޕްގެ ފަތިހަށް އަލިވިލުނު ޒުވާން، ކެރޭ ފަންނާނެކެވެ. ރެޕްގެ ފަތިހަށް ދެލޯ ހުޅުވާލަމުން، ކޮވެލިތަކުގެ އަމިއްލަ ލަހުޖާގައި އެސޮރުމެން ކިޔަމުންދިޔަ މޮޅެތި ރެޕްތަކާއި އެކު، ރެޕްގެ ޢާއިލާއަށް ރައިޑޭއަށް ހަމަ ރަނގަޅަށް ވެސް މިވަނީ ވަދެވިފައެވެ.

ރެޕްގެ ބަސްތައް ޅެމުގެ އުނދުނުގައި ރައިޑޭ ކައްކަމުން ދާއިރު، އުދާފައިވާ ތެލީގެ ފުލަށް ވެސް ރައިޑޭ ބޭނުން ކޮށްފައިވާ މާނަ ފުން ބަސްތަކުން ކެތެއް ނުވެއެވެ. ދިރުމެއް، ހިއްސެއް ނެތް އެ ތެލިތަކަށް ވެސް ރައިޑޭ ބޭނުން ކޮށްފައިވާ ބަލާޣަތްތެރި ބަސްތަކުން ދިރުން ލިބިގެންދާ ފަދައެވެ. މިއަދު އެތެލިތަކަށް ވީވަރަށް ވުރެ ބޮޑުވަރު އަޅުގަނޑުމެންނަށް މިވަނީ ވެފައެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރޭގައި އޮތް ހިތާއި ރައިޑޭ ކުޅެމުން އެދަނީ އޭނާގެ ޖާދުވީ އަޑުންނާއި، ރެޕްގައި ބޭނުން ކުރަމުންދާ ސިހުރެއްފަދަވި ބަސްތަކުންނެވެ. އަޅުގަނޑުމެން މިތިބީ ރައިޑޭ ކިޔާފައިވާ ރެޕްތަކުގެ ޅެންތައް އިވި، ޝޯހުވެފައެވެ. އެހާވެސް ބަސްތައް އަތުރާލާފައިވާ ގޮތް މޮޅެވެ. ވަޒަނަށް ފައްތަމުން ބަސްތައް އަތުރަމުން، ރައިޑޭ އަޅުގަނޑުމެންގެ މެޔަށް އެތައް ވަޒަނެއް ޖަހައިފިއެވެ. ނަމަވެސް ހިތަށް ލިބުނީ ވޭނެއް ނޫނެވެ. އިޙްސާސުން ފުރިފައިވާ ލަފުޒުތަކުން ގަތާލެވިފައިވާ ވަޒަނުން ލިބުނީ ހިތަށް އަރާމެވެ. ލުއެވެ. ފަސޭހަކަމެވެ.

މި ކުޅަދާނަ ފަންނާނު ރެޕް ކުރުމަށް ޝައުޤުވެރިކަން އުފެދުނު ގޮތް މުނިއަވަސްއާ ޙިއްޞާ ކުރިއެވެ.

“ރެޕް ކުރަން އެންމެ ފުރަތަމަ ޝައުޤުވެރިކަން އުފެދުނީ މަދަރުސީ ދައުރުގަ 2012ގެ ބޮޑު ޗުއްޓީއަށް ރަށަށް ގޮސް އުޅެނިކޮށް ވަރަށް ގާތް އެކުވެރިއެއް ދެއްކި ލަވައެއްގެ ސަބަބުން. އެ ލަވަޔަކީ ޕެސްޓް، އެޑިލް އަދި ބޭގެ “ގިނި” ކިޔާ ލަވައެއް. އެ ލަވަ އަޑު އަހާފަ ދިވެހިން ރެޕްކޮށްފަ ހުރި ގޮތް ވަރަށް ކަމުދިޔަ.” ރައިޑޭ ކިޔައި ދިނެވެ.

“ގިނި” އަޑު އަހާފައި ރެޕަށް ޝައުޤުވެރިކަން އުފެދުނު ރައިޑޭއަކީ މިއަދު އޭނާގެ ހުނަރުވެރިކަން ގިނި އަލިފާނުންވެސް އަޅިއަށް ހަދާނުލެވޭނެ ފަދަ ހުނަރުވެރިއެކެވެ.

ކިޔުންތެރިންނަށް އެނގޭ ހެއްޔެވެ؟ ރައިޑޭ އަކީ ވަރަށް ބަސްމަދު ޒުވާނެކެވެ. އެއްވެސް އިރެއްގައި އަނެއްހެން މާގިނައިން ވާހަކަ ދައްކައެއް އޭނާ ނޫޅެއެވެ. އެހެންކަމުން އޭނާގެ ހިތުގައި އުފެދޭ ޝުއޫރުތަކާއި، އިޙްސާސްތައް ބަންޑުން ކޮށްލެވޭނެ އެންމެ ގާތް މިތުރަކަށް ލިޔުންވެގެން ދިޔައެވެ. ހިތުގައި އުފެދޭ ނުތަނަވަސްކަމާއި، މޮޅިވެރިކަން އަދި ހިތަށް ލިބޭ އުފާވެރި އިޙްސާސްތައް ރެޕްގެ ހަމައިން އަކުރާ ފިލިތައް ބަދަހިކޮށް އަމުނާލުމުން، ރައިޑޭގެ ހިތަށް ލިބޭ އުފަލާއި ހިތްހަމަ ޖެހުން ބޮޑުވެގެން ދެއެވެ. ކުރުކޮށް ބުނާކަމަށް ވާނަަމަ ލިޔުމަކީ ނަފްސަށް ދެވޭ “ތެރެޕީ” އެއްގެ ގޮތުގައި ރައިޑޭ ދެކެއެވެ.

މިއަދު ރައިޑޭ އަކީ ރެޕްގެ އުދަރެހަށް ރަތާއި ކަޅުން ކުލަޖެހިގެން ނުކުތް ވަރުގަދަ ލަޝްކަރެއް ކަމުގައިވާ ސިމްބޮލިކްސްގެ ޒުވާން، ލޭފިނި ނުވާނެ، ކެރޭ ހިތްވަރުގަދަ ފަހުލަވާނެކެވެ. ރެޕަށް ލޯބިކުރާ އެތައް ދިވެހިންގެ ހިތުގެ “ފަރުވާ” އަކަށް މިއަދު ރައިޑޭ ވެއްޖެއެެވެ. “ނޭނގެ” ތިބެ އެތައް ޒުވާނުންގެ ހިތްތައް ރައިޑޭއަށް ލެނބިއްޖެއެވެ. ރައިޑޭގެ ރީތި ޗާލު ރެޕްތަކުން ގައިގައި ބީހިލާ ރޯޅިތައް މިއަދު އަޅުގަނޑުމެންގެ ހިތްތަކުން ރައިޑޭއަށް ލޯބިން “ހައިހައި” ކިޔަން ފަށައިފިއެވެ. “ހުސް” ވެފައިވާ ހިތްތައް އިޙްސާސުން ރައިޑޭ ބަންޑުން ކޮށްލައިފިއެވެ. “އަދަބެއް”ގައި ހައްޔަރުވެފައިވާ ސިކުނޑިތައް ރައިޑޭގެ ހުޝިޔާރު ކަމުން މިނިވަން ވެގެން ގޮސްފިއެވެ. މިއީ ހަމަ ރައިޑޭގެ ރެޕްގެ ކުރުމުގެ މޮޅުކަމެވެ. ކުޅަދާނަކަމެވެ.

އަޅުގަނޑުމެން މުނިއަވަސް ޓީމްގެ ފަރާތުން ރައިޑޭއާ އިންޓަރވިއު ކޮށްލީމެވެ.

އަމިއްލަ ނަޒަރުުގައި “ރެޕް” ކުރުމަކީ ކޮބާތޯ؟

އަޅުގަނޑަށް ފެންނަ ގޮތުގަ ރެޕް ކުރުމަކީ ތިމާގެ ހިތުގަ އުފެދޭ އިޙްސާސްތަކެއް ނުވަތަ ފާޅުކުރަން ބޭނުންވާ ޝުއޫރުތަކެއް ބަސްބަހުގެ ފިލިތައް އެއްގޮތް ކޮށްގެން އަދި އެނޫން ވެސް ޅެންވެރިކަމުގެ އެކި އުކުޅުތައް ބޭނުން ކޮށްގެން ތަފާތު ވަޒަންތަކަށް ފަށުވި ގޮތެއްގަ ހުށައަޅާ ދިނުން.

އެންމެ ފުރަތަމަ ރެޕެއް ހަދާފަ އިންނާނީ އުމުރުން ކިތައް އަހަރުގަތޯ؟

އެންމެ ފުރަތަމަ ރެޕެއް ލިޔުމަށް މަސައްކަތް ކޮށްފާ ވާނީ އުމުރުން 17 އަހަރުގަ. އެއި ލިމިޓްސްއާ ދިމާވެ، ދެމީހުން ލަވައެއް ހެދުމަށް މަސައްކަތް ކުރަން ފެށި ހިސާބުން. އޭރު ދެމީހުންވެސް ވަޒީފާގަ އުޅެނީ. ދެން ވަޒީފާ ނިންމާފަ ލިބޭ ވަގުތުކޮޅު ދިމާވެގެން މަސައްކަތް ކުރީ. އެގޮތުން އެންމެ ފުރަތަމަ ހަދާފަ އިންނާނީ “ނަޔާ” ކިޔާ ލަވައެއް.

ކޮން އަހަރަކުތޯ ސިމްބޮލިކްސް އަށް ވަނީ؟ އަދި އެއީ ކިހިނެއް ލިބުނު ފުރުޞަތެއްތޯ؟

ސިމްބޮލިކްއާ ގުޅުނީ 2016 ވަނަ އަހަަރު. އެއީ ފުރަތަމަ ލަވައެއް ލިޔެފަ އެހެން ސްޓޫޑިއޯ އަކުން އޭތި ރެކޯޑް ކޮށްފަ އިންދާ އެލަވައިގެ މަސައްކަތް ހުއްޓުން އެރުމުން. ދެން ސިމްބޮލިކްގެ ފޭސްބުކް ޕޭޖަށް ދިގު ސިޓީއެއް ފޮނުވީ. އެ މެސެޖުގަ ބުނިން ލަވަ ލިޔެ، ރާގު ހަދަމޭ. ސިމްބޮލިކްގެ ލަވަތައް ކަމުދާ ވާހަކަ. އަދި ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީ ކުރި އަރުވަން ބޭނުމިއްޔާ ރައްޔާނަކީ މުހިންމު މީހެއް ކަމަށް. ދެން ސިމްބޮލިކްގެ އެމްޑީ އޭޑީ ގުޅާފަ ބުނި ބައްދަލު ކޮށްލަން. ބައްދަލު ކޮށްލާ ދެވަރަކަށް ރެޕް ކިޔާލިން. އޭރުވެސް އެހާ މޮޅެއް ނޫން. އެކަމު އުއްމީދީ ކަމުންހެން ހީވަނީ އޭރު ކަމުދިޔައީ.

އާރޓިސްޓެއްގެ ގޮތުގަ ހަރަކާތްތެރިވަމުން ކިހިނެއްތޯ ޕްރޮޑިއުސް ކުރުމުގެ ތެރެއަށް ވަދެވުނީ؟

ރެޕް ކުރުމުގެ ކުރިން ޕްރޮޑިއުސް ކުރަން ފަށައިފިން. އެއީ 2013ގަ ކްލާސް ކުއްޖެއް އަތުން ލިބުނު މިޔުޒިކު ހަދާ ޕްރޮގްރާމް އަކަށް ކުޅެން ފެށި ހިސާބުން. ދެން އެޕްރޮގްރާމްގަ އެކި ކަހަލަ މިޔުޒިކް ހެދޭތޯ ބެލީ. އެންމެ ފުރަތަމަ ލިޔުނު ރެޕްވެސް، ފުރަތަމަ އެހެން ކުއްޖެއް ކިޔާ ގޮތަށް އިނީ. ރެކޯޑް ކުރި ދުވަހު އެކުއްޖާއަށް ނާދެވިގެން އަމިއްލައަށް ކީ. އެހިސާބުން ރެޕް ކުރުމަށް އަސްލު ވަދެވުނީ.

ގާތް ގަނޑަކަށް ކިހާ އުފެއްދުމެއް ޕްރޮޑިއުސް ކުރެވިއްޖެތޯ؟

ސިމްބޮލިކްގެ އާރޓިސްޓްސް އަށް އެކަނި 60 އަށް ވުރެ ގިނަ ލަވަ ޕްރޮޑިޔުސް ކުރެވިއްޖެ. އޭގެ ތެރޭގަ 3 އަލްބަމް ހިމެނޭ. އޭގެ އިތުރުން އެކި ކަންކަމުގަ އެކި މީހުންނަށް ހުންނާނެ ޕްރޮޑިއުސްކޮށްދީފަ. އޭގެ ތެރޭގަ ތުއްތު ޕާރކްގެ “މީ މާލެ” އަލްބަމް ވެސް ހިމެނޭ.

އެންމެ ކަމުދާ ގޮތަށް ކިޔުނު 3 ރެޕަކީ ކޮބާ؟

އަބަދުވެސް ލިޔުމުގެ ވައްޓަފާޅިއާ އުކުޅުތައް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރެވޭތީ އެންމެ ކަމުދަނީ ފަހުގެ މަސައްކަތްތައް. ރިލީޒް ނުވެ ހުރި ލަވަތަކުގަ އެބަހުރި ވަރަށް ހިތްހަމަ ޖެހޭ ރެޕްތައް. އެކަމު ރިލީޒް ވެފަ ހުރި އެއްޗިއްސަށް ބަލަންޏާ “ނޭނގެ” “ހުސް” “ބިރު”

މޮޅު ރެޕެއް އާންމުންނަށް ދޫކޮށްލާ އިރު ކޮންކަންތައް ތަކަކަށް ވިސްނަނީ؟

މޮޅުކަމަށް ހިތައިގެނެއް ނޫން ލަވަ ދޫކޮށްލަނީ. އެކަމަކު ލިޔަންޏާ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެވެނީ ހިތުގަވާ އިޙްސާސް ހުރަހެއް ނެތި ބަސްތަކާ ރާގުން ހާމަކޮށް ދިނުމަށް. ދެން ބަލަން ކޮންމެ ލަވައެއްގަ ވެސް ކުރިން ބޭނުން ކުރެވިފައިވާ ނުވާ އުކުޅެއް ބޭނުން ކުރެވޭތޯ. އެއީ ލިޔުމުން ވިޔަސް، ކިޔުމުން ވިޔަސް ނުވަތަ މިޔުޒިކުން ނަމަވެސް ތަފާތެއް ގެންނަން މަސައްކަތް ކުރަން.

ރެޕްގަ ބޭނުން ކުރާޅެމަކީ، އެ ރެޕެއް ފުރިހަމަ ވުމަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗެއް. ޅެން ލިޔުއްވުމުގައި އަމިއްލައަށް ވިސްނައިގެން އެކަނިތޯ ޅެން ލިޔަނީ؟ ނޫނީ ޓީމަކާ އެކުތޯ ޅެން ހައްދަވަނީ؟

ސިމްބޮލިކް އިން މިހާ ދުވަސް ވަންދެން ހިފެހެއްޓި އުސޫލެއް އެއީ އެމީހަކު ކިޔާ އެއްޗެއް އެމީހަކު ލިޔުން. އެހެންކަމުން ލިޔުމުގަ އާންމުކޮށް ކޮންމެ އާރޓިސްޓެއް ވެސް މަސައްކަތް ކުރާނީ އެކަނި. ނަމަވެސް ލިޔުމުގަަ ޚިޔާލު ބަދަލުކޮށް، އެކަކު އަނެކަކަށް ދައްކާ ފާޑު ކިޔާ ހަދާނެ އެންމެންވެސް. އާންމުކޮށް ލަވައިގެ މައިގަނޑު ހަދާނީ އެކި މީހުން ގުޅިގެން. ރެޕް އަމިއްލައަށް ލިޔުނަސް، ކޮންމެ މީހަކުވެސް ދެން ހުރި މީހުންގެ ފަރާތުން ޚިޔާލު ހޯދާ އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރޭ. އެެހެންކަމުން އެއީ ގުޅިގެން ކުރެވޭ މަސައްކަތެކޭ ބުންޏަސް އެއީ ދޮގަކަށް ވާނެ ކަމަކަށް ނުފެނޭ.

ދިވެހި އެންމެ މޮޅު ރެޕް އާރޓިސްޓަކީ ކޮބާ؟

އެންމެ މޮޅު ރެޕް އާރޓިސްޓް ޚިޔާރު ކުރުމަކީ އަޅުގަނޑަށް ލިބިފައިވާ އިޚުތިޔާރެއް ނޫން. ސަބަބަކީ ދިވެހި ރެޕަރުންގެ ތެރެއިން އެންމެ ކަމުދާ މީހުންނަށް ބަލާލިޔަސް ފާހަގަ ވާނެ ކަމަކީ އެއިން ކޮންމެ މީހެއް ވެސް ރެޕް ކުރުމުގަ އެމީހެއްގެ އަމިއްލަ ވަންތަކަން ދައްކާދޭތީ. ދުވާލަކީ ދުވަހުގެ ބައެއް. އަދި ރޭގަނޑަކީ ވެސް ދުވަހުގެ ބައެއް. ނަމަވެސް އެއީ އަޅާ ކިޔޭނެ ދެއެއްޗެއް ނޫން. އެެ ދެވަގުތަކީ ވެސް ދުވަސް ފުރިހަމަ ވުމަށް ލާޒިމު ދެ ވަގުތު. ނަމަވެސް އެންމެ ކަމުދާ ރެޕަރުންގެ ތެރޭ ޕެސްޓް، މާޓު، ސައްލު، ޑެނީ، ޓޯއީ ހިމެނޭ. އަދި އެއިން ކޮންމެ މީހެއްގެ ފަރާތުން ވަނީ ވަރަށް ގިނަ ކަންކަން ދަސްވެފަ.

މި ދާއިރާގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟

ގޮންޖެހުމެއް ނެތް. ސިފަވާ އެއްވެސް ކަމެއް ނެތް. ސަބަބަކީ މީހަކު ނުވަތަ ބައެއް ކަމެއް ހާސިލު ކުރަން ބޭނުންވެ، ހިތްމަތާ ކެތްތެރިކަމާ އެކު މަސައްކަތް ކޮށްފިއްޔާ އެކަން ވާނެކަން ޔަޤީންވާތީ. ސިމްބޮލިކްއަކީ އޭގެ ލާމަސީލު މިސާލެއް. ވަރަށް އުފާވެ، ފަޚުރުވެރިވޭ އެކީގަ ދަތިތަކާ ކުރިމަތިލާނެ ހިތްވަރުގަދަ ބަޔަކު ތިބޭތީ. މައްސަލަ ހޯދުމަށްވުރެ، ބޮޑަށް އިސްކަންދެވެނީ ހައްލު ހޯދުމަށް.

ލަވަ ކިޔަން ޝައުޤުވެރިކަން ހުރޭތޯ؟

ލަވަ ކިޔާ އުޅެން. މާ ރީތިކޮށް ނޫނަސް އެވެސްް ތަމުރީނާ އެކީ އިތުރަށް ރަނގަޅުވާ ކަމަކަށް ވާތީ މަސައްކަތް ކުރަން ދުވަހަކަށް ވުރެ، ދުވަހެއް ރީތި ކުރަން.

ފިލްމަކުން ފުރުޞަތު ލިބެއްޖިއްޔާ އެކްޓް ކުރާނަންތޯ؟

ފިލްމު ކުޅުމަށް ޝައުޤުވެރިކަމެއް ނެތް. ނަމަވެސް ކެމެރާ ފުރަގަހުގަ މަސައްކަތް ކުރެވިދާނެ.

ރެޕް ކުރުން ހުއްޓާލާފާނަންތޯ އެއްވެސް މީހެއް ބުނެގެން؟

މީހެއް ބުނެގެން ނުހުއްޓާނަން. ރެޕް ކުރުން ހުއްޓާލާނީ އަމިއްލައަށް އެކަން ކުރަން ފެނިގެން.

އެއްވެސް ރެޕް އާރޓިސްޓެއް ކޮޕީ ކުރަންތޯ؟

އެއްވެސް ރެޕާއެއް ނަކަލެއް ނުކުރަން، ނަމަވެސް އެކި މީހުންގެ ނުފޫޒު ފޯރާ. އަމިއްލަވަންްތަަކަން ނެރެވޭތޯ މަސައްކަތް ކުރެވޭނީ.

މިހާތަނަށް ލިބުނު އެންމެ ޕޮޒިޓިވް އަދި އެންމެ ނެގެޓިވް ކޮމެންޓަކީ ކޮބާ؟

އެންމެ ޕޮޒިޓިވް ކޮމެންޓަކަށް ލިބުނީ ލަވައެއްގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވީ ވާހަކަ. އެއީ ވަރަށް އަސަރު ކުރި ކަމެއް. ނެގެޓިވް ކޮމެންޓަކަށް އެންމެ ހަނދާން ވަނީ “ޕިޗް ކުރާކަށް ނޭނގެ”

ރެޕް ކުރުން އަދި މިޔުޒިކް މިދާއިރާ ނޫން އިތުރު އެއްވެސް ހުނަރެއް ހުރޭތޯ؟ ކޮން ހުނަރެއްތޯ؟

ކްރިއޭޓިވް އާރޓްސްގެ ވަރަށް ގިނަ ކަންކަމަށް ޝައުޤުވެރިކަން ހުރޭ. ގްރެފިކް ޑިޒައިނިންގް، ކުރެހުން، ސިނެމޮޓޯގްރެފީ އެއި އާންމު ކޮށް އުޅެވޭ ދާއިރާތައް.

ފޭންއެއްގެ ފަރާތުން ލިބުނު އެންމެ ތަފާތު، ލޯބި ސަޕްރައިޒަކީ ކޮބާ؟

ފާހަގަ ކޮށްލެވޭ ކަމެއް ނެތް.

އަމިއްލަ ދިރިއުޅުން ކިހިނެއްތޯ؟

ލިބިފައިވާ އަދަދު ނުކުރެވޭ ނިޢުމަތްތަކަށް ޝުކުރުވެރިވަން.

ކިތައް ކުދިންނާ ރައްޓެހިވިން؟ މިހާރު ލޯބިވެރިޔަކު ހުރޭތޯ؟

މިހާތަނަށް ރައްޓެހިވީ އަދި 2 ކުދިންނާ. މިހާރު ލޯބިވެރިއެއް ނެތް.

ކައިވެނި ކުރުމާ މެދު ވިސްނުން އެބަހުރިތޯ؟

ކައިވެނި ކުރުމާ މެދު ވިސްނުން އެބަހުރި. އޭގެ ކުރިން ޙަޔާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މި މަސައްކަތް ކުރަނީ.

ލޮކްޑައުންގެ މި ހާލަތުގައި، ދުވަސްތައް ހޭދަކުރާ ގޮތް އަޅުގަނޑުމެންނަށް ޙިއްޞާ ކޮށްލެވިދާނެތޯ؟

ދުވަސް ފަށަނީ ފަތިސް ނަމާދުން. އެއަށް ފަހު ސްޓްރީމް އޮފް ކޮންސިއެސްނެސް ގެ 3 ސަފުހާ ލިޔަނީ. އޭގެ އިތުރުން ފޮތްތައް ކިޔުމާ، ލިޔުމަށް އިސްކަންދެން. ދެން ކޮންމެ ދުވަހަކުވެސް ބަލަން ދުރުގަ ތިބި އެކުވެރިންގެ ހާލު ބެލޭތޯ. ކޮއްކޮމެންނާ އެކީ ވަގުތު ހޭދަކުރުމުގެ އިތުރުން، ތަފާތު ޑޮކިޔުމެންޓްރީ އަދި ފިލްމުތައް ވެސް ބަލަން.

އެއްވެސް އަންހެން ކުއްޖަކަށް ބޭވަފާތެރިވިންތޯ؟

ބޭވަފާތެރި ވެފައެއް ނުވާނެ. ނަމަވެސް ދެރަ ކުރެވިފަ ހުންނާނެ.

ރެޕްގެ ދާއިރާއަށް ވަންނަން ބޭނުންވާ ކުދިން ގާތު ކީކޭތޯ ބުނެލާނީ؟

ކަމެއް ހާސިލު ކުރަން ބޭނުމިއްޔާ ހިތްވަރާ އެކު ކެތްކޮށްގެން މަސައްކަތް ކުރުން އޮތީ. އެންމެ މުހިންމު ކަމަކީ އިލްމު އުނގެނުން. އެހެން ކަމުން ތަފާތު ފޮތްތައް ކިޔާ، ދިރާސާ ކުރުން މުހިންމު. ތިމާގެ ހަމައެކަނި ވާދަވެރި އަކީ އަމިއްލަ ނަފުސު. އެހެން ކަމުން މީހަކަށް ވުރެ މޮޅުވާން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް. އިއްޔެއަށް ވުރެ މިއަދު ރަނގަޅުކުރަން މަސައްކަތް ކުރަންޏާ އެވީ.

މި ނުރައްކާތެރި ދަނޑިވަޅުގަ، ދިވެހިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ކޮބާ؟

އެންމެންނަށް ވެސް ބުނެލަން ބޭނުންވަނީ މީ ރުޅިވެރިކަމާ ދެކޮޅުވެރިކަމުގެ ބަދަލުގަ އެކުވެރިކަމާ އޯގާތެރިކަން އިސްކުރަންވީ ވަގުތޭ. މީ އެއްވެސް މީހަކަށް ފަސޭހަ ވަގުތެއް ނޫން. ވަރަށް ދަތި. އެހެން ކަމުން އެކަކު އަނެކަކުގެ ބޮލުގަ އިލްޒާމުތައް އެޅުވުމުގެ ބަދަލުގަ އެންމެން ގުޅިގެން ހައްލުތަކާ މެދު ވިސްނަންވީ. ހަމަ ގައިމުވެސް ވައިރަސްއެއް ނުބަލާނެ ކޮން ނަސްލެއްގެ، ކޮން ޤައުމެއްގެ، ކޮން ފިކުރެއްގެ މީހެއްތޯއެއް. އިންސާނުންނަކީ އެއްބައެއް. މިތާނގަވާ ހަމައެކަނި ދުޝްމިނަކީ މި ނުރައްކާތެރި ވައިރަސް. ކުރިޔަށް މިއޮތީ ދަތި ދުވަސްތަކެއް. ކޮންމެ މީހެއްވެސް ކެތްތެރިކަމާ، އޯގާތެރިކަން އިސްކުރޭ. ކަމާ ބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ތަބާވާން ޖެހޭ. ވަރަށް ގިނައިން ހަނދާންނެތޭ ކަަމެއް އެއީ. އެކަމު މީ އެއްބައެއް.

މުނިއަވަސްއާ މެދު ދެކެނީ ކިހިނެއްތޯ؟

ޚަބަރުގެ އިތުރުން އެކި ދާއިރާތަކުގެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ހިމަނާތީ ވަރަށް އުފާވޭ. އެގޮތުން އަދަބިއްޔާތާ ސަޤާފަތުގެ ލިޔުންތައް ފާހަގަ ކޮށްލެވޭ. އެފަދަ ލިޔުންތައް ދިވެހި ނޫޫސްތަކުން މިއަދު ފެންނަނީ ވަރަށް މަދުން. މުނިއަވަސް ޓީމުން ކުރާ މަސައްކަތައް ޝުކުރާއި ސާބަހާ ހިތްވަރު ދެން.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.