ސިންގަޕޫރު ގެ ބިލިއަނަރ އޮންގް ބެންގް ސެންގް ހަދިޔާކުރި 15 ވެންޓިލޭޓަރު ރާއްޖެ ގެނެސްފިއެވެ. 

އޮންގް ހަދިޔާކުރި 15 ވެންޓިލޭޓަރު ލިބުނު ކަން ހާމަކުރައްވަމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑްގެ ވެރިޔާ، އޮންގް ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި، އަދި މި އެހީތެރިކަން ދުވަހަކު ވެސް ހަނދާނުން ނުފިލާނޭ ކަމުގަައެވެ.

15 ވެންޓިލޭޓަރުގެ އިތުރުން އޮންގް ވަނީ ރާއްޖެއަށް 150،000 ފޭސް މާސްކް ހަދިޔާކޮށްފައެވެ. މި މާސްކުތައް ރާއްޖެއަށް މި މަހުގެ 13 ވަނަ ދުވަހު ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެެވެ.

މީގެ އިތުރުން، މިނިސްޓަރު ޝާހިދު ވަނީ ސިންގަޕޫރުގެ ހިއަޕް ހުއަތު ޕެއިންޓްގެ އެހީތެރިކަމަށް ވެސް ޝުކުރުއަދާކުރައްވާފައެވެ. އެ ކުންފުނިން ވަނީ ރާއްޖެއަށް 5000 ފޭސް މާސްކް ހަދިޔާކޮށްފައެވެ. 

ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވެ، ރާއްޖޭގައި ވެސް ހަލުވިކަމާއެކު އެ ވައިރަސް ފެތުރެމުންދާތީ ރާއްޖޭގެ ސިއްޙީ ފަރުވާދޭ ނިޒާމު ހަރުދަނާ ކުރުމަށް ބޭރުގެ އެކި ފަރާތްތަކުން އަންނަނީ ގިނަ އެހީތައް ފޯރުކޮށްދެމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.