މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

މިއީ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

ސާލުނީ މާލޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާން ނަރުހެކެވެ. ކައިވެންޏަށް ލިބުނު ދަރިފުޅަށް އެންމެ އަށް އަހަރުގައި ފިރިމީހާ ވަނީ ނިޔާވެފައެވެ. އެހެންކަމުން ސާޒުލީ ޑިއުޓީއަށް ދަނީ އޭނާގެ މަންމަ އާއި ދަރިފުޅު ހަވާލުކޮށްފައެވެ. ސާޒުލީގެ މަންމަ އަކީ ވެސް އެކަނިވެރިއެވެ. ސާޒުލީ ވަރަށް ކުޑައިރު އޭނާގެ ބައްޕަވެސް ވަނީ މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އެހެންކަމުން އެ މަންމަ ސާޒުލީ ބަލާ ބޮޑުކުރީ ނުހަނު ލޯބިންނެވެ. މަންމަގެ ފުރާނައަށްވުރެ ބޮޑަށް އެ މަންމަ ސާޒުލީ ދެކެ ލޯބިވެއެވެ. އެއީ ސާޒުލީ ނޫން އިތުރު ދަރިއެއް އެ މަންމަގެ ނުހުންނާތީ އެވެ. ސާޒުލީގެ ފިރިމީހާ ނިޔާވުމާއެކު މަންމަ މާލެއަށް ބަދަލުވިއެވެ. އެއީ ސާޒުލީއަކީ މާލޭގެ ބޮޑު ހޮސްޕިޓަލެއްގައި ބަލި މީހުންނަށް އެހީތެރިވާ ނަރުހަކަށްވެފައި ބުރަކޮށް އުޅެން ޖެހުމާއެކުއެވެ.

ދުވަސްވަރަކީ ޗައިނާގައި ބަލިމަޑުކަމެއް ފެތުރިއްޖެކަމަށް ޚަބަރު ފަތުރާ ވަޞީލަތްތަކުން ހާމަކުރަމުން އަންނަ ދުވަސް ވަރެކެވެ. ސްކޫލުތަކުގެ ކިޔެވުން ފުރަތަމަ ޓާމަށް ބަންދުވުމާއެކު ސާޒްލީގެ މަންމަ ނިންމީ މާމަ ދަރިފުޅު ގޮވައިގެން ޗުއްޓީއަށް ރަށަށް ދިއުމަށެވެ. އެއީ ސާޒްލީއަށް މި ދުވަސްވަރު ޗުއްޓީއެއް ލިބެން ނެތުމާއެކު ދަރިފުޅު އެންމެ އުފާވާނީ ޗުއްޓީގައި ރަށަށް ދިއުން ކަމަށްވާތީ ސާޒްލީވެސް އެ ދުމުގެ މަތިން ސާޒްލީގެ މަންމަ އޭނާގެ ދަރިފުޅު ގޮވައިގެން ރަށަށް ދިއުމަށް ބޭނުންވެފައި އޮތްލެއް ބޮޑުކަމުންނެވެ.

ސާޒްލީގެ މަންމަ ރަށަށް ދިޔަތާ މާކަ ގިނަދުވަސްތަކެއް ނުވެއެވެ. ޗައިނާގެ ވޫހާން ސިޓީގައި ފެތުރެންފެށި ނޮވެލް ކޮރޯނާގެ އަސަރު މުޅި ދުނިޔެެއިން ފެންނަން ފަށައިފިއެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި މި ބަލި ހަލުވިކަމާއެކު ފެތުރި ގިނަބަޔަކު މަރުވަމުންދާ ޚަބަރުތައް އިވެން ފަށާއިފިއެވެ. މިއާއެކު ރާއްޖެއިންވެސް ސަލާމަތީ ފިޔަވަޅުތަކެއް އެެޅިއެވެ. ސްކޫލްތަަކާއި އޮފީސްތައް އަދި ރެސްޓޯރެންޓްތަކާއި ހޮޓާތަށް ބަންދުކުރިއެވެ. ބޭރުގަޢުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރަމުން ދިޔައެެވެ. އަދި ބޭރު ޤައުމުތަކުން ރާއްޖެ އަންނަ މީހުން ސާދަ ދުވަހަށް ކަރަންޓީނު ކުރަމުން ދިޔައެވެ. މިއާއެކު ސާޒުލީގެ މަސައްކަތް އިތުރަށް ބުރަ ވެގެން ދިޔައެވެ. އެހެންކަމުން ސާޒްލީގެ އެ ދުމުގެ މަތިން މަންމަ ނިންމީ ސްކޫލު ހުޅުވެންދެން ރަށުގައި މަޑުކޮށްލާށެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ފުރަމާލެއިން މި ބަލީގެ އަލާމާތްތައް ފެންނަން ފަށަިއފިއެވެ. ބައްޔަށް ޓެސްޓްކުރާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ. ރޯގާ ޖެހި ކަރަންޓީނު ކުރާ މީހުން އިންތިހާއަށް ގިނަވެއްޖެއެވެ. މިކަމާއި ގުޅިގެން ނަރުހެއްގެ ހައިސިއްޔަތުން ސާޒުލީއަށް ރިސޯޓެއްގެ ކަރަންޓީން ފެސިިޓީގައި ތިބި ބަލި މީހުންނަށް ޚިދުމަތް ކުރަން ދާންޖެހިއްޖެއެވެ. އެހެންކަމުން ސާޒުލީ އޭނާގެ މަންމައަށް މިކަން އެންގިއެވެ. ލޯބިވާ ދަރިފުޅާއި މަންމައާއި ދުރުގައި ހުންނަން ޖެހުމުން ދެރަވާ ކަމަށް ބުނަމުން ދިޔައެވެ. މަންމަވެސް މިކަމާ ދެރަވިއެވެ. އަދި މާލޭގައި ހުރެވޭނެ ގޮތެއް ހޯދުމަށް ސަޒުލީ ގާތު އެދުނެވެ. ނަމަވެސް ސާޒްލީ ބުނަމުން ދިޔައީ މި ވަގުތަކީ ބަލިމީހުންނަށް ޚިދުމަތް ކުރަން ވީ ވަގުތުކަމަށެވެ. ގަދަވެ ސަލާމަތުން އާދެވިއްޖެނަމަ މަންމަމެންނާއި ބައްދަލުވާނެކަމަށެވެ. މިގޮތުގެ މަތިން ސާޒްލީ ދިއުމަށް ކަނޑައެޅިފައިވާ ކަރަންޓީން ފެސިލިޓީއަށް ދިޔައެވެ. އަދި އެތަނުގައި ތިބި ބަލި މީހުންނަށް ރެއާދުވާލު ޚިދުމަތް ކުރަމުން ދިޔައެވެ.

ހަފުތާއެއް ފަހެވެ. މާލެއިން ބަލީގެ އަލާމާތް ފެންނަ މީހުންގެ އަދަދު އިތުރުވެ އެންމެ ފަހުން މާލެ ފުރަބަންދު ކޮށްފިއެވެ. މިޚަބަރު ސާޒުލީގެ މަންމައަށް އިވުމާއެކު ވަގުތުން ސާޒްލީއަށް ގުޅިއެވެ. ނަމަވެސް ސާބިތުކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުރި ކަމަށް ސާޒްލީ ބުންޏެވެ. އަދި މަންމައަށް ހިތްވަރުދެމުން ގެންދިޔައެވެ. ސާޒުލީ ބުނަމުން ދިޔައެވެ. އިރާދައިގައި ވަނީ ވިއްޔާ އަދި އެނބުރި މަންމަމެން ގާތަށް ދާނަމެވެ. ދަރިފުޅު އުރާލާ ހިތްވިޔަސް މިވަގުތު މުހިންމީ މި ދިވެހި ލޮބުވެތި ވަޠަނެވެ. މި ވަޠަން ގިސްލާ ރޮމުންދާއިރު ، ބަލި މީހުންނަށް ފަރުވާ ކުރުމުގައި ދެމި ހުންނާނަމެވެ. އެ މީހުން ދޫކޮށް ދިއުން މި ހިތަކަށް ކެތެއް ނުވާނެއެވެ. މި ވާހަކަތައް އަޑުއަހާ ސާޒްލީގެ މަންމަގެ ލޮލުން ކަރުނަ ހިލުނެވެ. ދަރިފުޅުގެ ހިތްވަރު ގަދަކަމާއި ސާބިތުކަމަށްޓަކައެވެ. ނަމަވެސް ސާޒްލީގެ ވާހަކަ ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ. މަންމާއެވެ. ލޯބިވާ މަންމަގެ ތި ފިރުމުންތަކުން މި ހިތުގައި ފިރުމާލަދިން ހަނދާން އަބަދުވެސް ވެއެވެ. މި ވަދާޢަށްފަހު އެނބުރި އައިސް އަދި ތި މަންމަގެ އުނގުގައި ބޯ އަޅާނަމެވެ. އަހަރެންގެ ދެލޮލުގެ ނޫރުފަދަ ދަރިފުޅުގެގައިގައި ލޯބިން ފިރުމާލާނަމެވެ.

މަންމާއެވެ. މަންމަ ދެން ދެރަނުވާށެވެ. އަހަރެންނަށް ދިން ލޯބި އަހަރެންގެ ލޯބިވާ ތުއްތު ދަރިފުޅަށްވެސް އޯގާތެރިކަމާއެކު ދޭށެވެ. މަންމާއެވެ. ތިޔަ މަންމަގެ މީރު ރަހަތަށް ތިން އިރަށް ކެޔަސް މިއަދު މި ހިތަށް ތަދުވެއެވެ. އެ ހަނދާން އާވާ ކޮންމެ ފަހަރަކު މަންމަ މަތިން ވަރަށް ހަނދާންވެއެވެ. އެކަމަކު ކެތްކުރާނަމެވެ. ޤައުމުގެ ހައްޤުގައެވެ.

މި ވާހަކަތައް އަޑުއަހައި ސާޒްލީގެ މަންމަ އުފަލުން ރޮވުނެވެ. ލޯބިވާ ދަރިފުޅު ޤައުމު ދެކެވާ ލޯބި ފެނިފައެވެ.  ނަމަވެސް އިތުރަށް ސާޒްލީ މަންމައާއި ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އަދި ބުނަމުން ދިޔައެވެ. ލިބޭ މަދު ވަގުތު ކޮޅުގައި ކޮޓަރިއަށް ވަނަސް އޮތީ ފަޅުކަމެވެ. ދަރިފުޅުގެ ހުނުމުގެ އަޑެއް ނީވެއެވެ. މަންމަގެ ފިރުމުންތަކެއް ނުލިބެއެވެ. ކޮޓަރިތެރޭގައި އޮތީ ހަމައެކަނި ހަނދުމައިގެ ކަންނޭލެވެ. އޮތީ ކެތްތެރިވުމެވެ. މިގޮތަށް ހޭނުމަށް މިއަދު މަސައްކަތް ކުރާނަމެވެ. މި ހެންބުނެ ލޯބިން ފޯނުގައި ބޮސްދިނުމަށްފަހު ވަގުތު ވީ މިންވަރަކުން މަންމައާއި ގުޅާނަމޭ ބުނެ ފޯނު ބޭއްވިއެވެ. އެ ހިނދު އެ މަންމަގެ ހިތުގައި ދަރިފުޅު ސާޒުލީއަށްޓަކައި އޮތް ލޯބި ދެ ގުނަ އިތުރުވި ކަހަލައެވެ. އެ ދަރިފުޅު ޤައުމަށްޓަކައި މިއަދު އެވާ ޤުރުބާނީ ފެނި އުފަލުން ރޮވުނެވެ. އަދި ލޯބިވާ މާމަ ދަރިފުޅު އުރާލުމަށްފަހު ލޯބިން ފިރުމާލިއެވެ. އަދި ހިތާހިތާ ކިޔާލެވުނެވެ. ﷲ އިރާދަފުޅުން އަދި ތިންމައިން އެކީ ބައްދަލުވާނެއެވެ. ދަރިފުޅު އެ ބުނީ ތެދެކެވެ. މިއަދު މި މަންމަވެސް މިހުރީ ތިޔަ ލޮބިވާ ދަރިފުޅުގެ ހަނދާނުގައެވެ. އަދިި އުރުގައިވާ މާމަ ދަރިފުޅަށް ބަލާލަމުން ފެންކަޅިވެފައި ހުރެ ބުނެލިއެވެ. މި މަންމަގެ އުރުގައިވެސް މިއަދު މިވަނީ ތިޔަ ހަނދުމައިގެ ކަންނޭލެކެވެ.

-ނިމުނީ-

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.