މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

މާގަނޑުން އޮހެމުންދިޔަ ފެންތަކާއެކުވެ، ފެން ހިންދާއަށް ދެމެމުންދިޔަ ލޭގެ ކޯރުތައް އެއީ ހިތްދަތި މަންޒަރެކެވެ. ވޭނެކެވެ. އިންތިހާ ދަރަޖައިގެ ކެކުޅުމެކެވެ. ނަމަވެސް ފާހާނައިގެ ކަނެއްގައި އިނދެގެން ހޭރެމުން ދިޔަ ލީނާގެ އެ ވޭނީ އަޑު އަހަން ހުރީ ހަތަރުފާރެވެ. އިހުސާސްތަކެއްވާނަމަ މިއަދު އެ ހަތަރުފާރުވެސް ރުއީހެވެ. އެހާވެސް އެފަކީރު ތަހަންމަލް ކުރަމުން އެދާ ވޭން ބޮޑެވެ. ލޭކޮށިފައިވާ ޖިސްމުގައި، ހުރަހެއްނެތި އައިސް ޖެހެމުން ދިޔަ ފެނުގެ އިހުސާސް އޭނާއަށް މިވަގުތުވެފައިވަނީ ކުޑަ ތަކުލީފަކަށެވެ. އެއަށްވުރެ ބޮޑު ތަކުލީފެއް މިއަދު އޭނާއަށް ޖެހިފައިވީތީއެވެ. އޭނާގެ ބަނޑުގައި ގަރުބަގަތް ނާޒުކު ފުރާނަ، ފުރާ ފުރިހަމަ ނުވަނީސް ފެނާ ތަގައްޔަރުވީއެވެ. ހިތްދަތި ދިރިއުޅުމަކުން ދިއްލާލި ހިތްހަމަޖެހުމުގެ ވޮށް ނިއްވާލީއެވެ. އިންސާނިޔަތު ކަމެއްގެ ޒައްރެއްވެސް ނެތުމުގެ ސަބަބުން އޭނާގެ ދަރިފުޅު ބައިގެން ދިޔައީއެވެ.

ލީނާ އިރުޝާދާ ކައިވެނި ކުރީ އޭނާގެ މައިންބަފައިންގެ ނުގަބޫލުގައެވެ. މާލޭގެ ގެދޮރު ހުރި ފުދުންތެރިއަކަށް އިރުޝާދުވުމުގެ އިތުރުން އޭނާ ދެކެ އިންތިހާއަށް ލޯބިވާތިއެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހިން ބުނާތީ ލީނާވެސް އެއްސެވެ. މައިންބަފައިންގެ ނުގަބޫލުގައި ކުރާ ކައިވެންޏެއްގައި ބަރަކާތެއް ނުލައްވާނެއެވެ. ނަމަވެސް އެހާވަރު ވެދާނެ ކަމަކަށް ލީނާގެ ހިޔާލަށްވެސް ގެނެވިފައި ނުވެއެވެ. ކުޑަކުޑަ ހިޔެއް ކުރެވުނު ނަމަވެސް ލީނާ އެކައިވެންޏެއް ނުކުރީހެވެ. އެމީހުންގެ ބަހަށް ބީރު ކަންފަތެއްދިނުމުގެ އިތުރަށް ލީނާ ޖެހީ ގޮނެކެވެ. ލޯބި އޮތިއްޔާ ބަރަކާތެއް ބޭނުމެއް ނުވާނޭ ކަމަށްބުނެ އިރުޝާދާއެކު ކައިވެނީގެ ގޮށްޖެހިއެވެ. ނަމަވެސް އޭނާ މިހާރު އެކަމާ މޮޔަހީވެއެވެ.

ފާހާނައިން ނުކުމެ ލޯގަނޑު ކުރިމަތީގައި ލީނާ އިށީންދެލިއެވެ. ނޭފަތް ދަމާލާފައި ތެމިފައިވާ ދެލޯ ހިއްކާލިއެވެ. ލައްޒަތުގެ އިފުރީތު އޭގެ ބަނޑު ފުރައިގެން އަރާ ހާލީގައި ގުގުރި ދަމަން އޮތެވެ. ކެހެރުވަކެކޭވެސް އޭނާއަށް ހީނުވާ ކަހަލައެވެ. ހީވާންވީވެސް ކީއްވެ ހެއްޔެވެ. މިރޭވެސް ލީނާއަށް އަނިޔާ ކުރީ، މާބަނޑުވުމާ ގުޅިގެން އުނދަގޫތަކެއްވާތީ އިރުޝާދު ބޭނުންވި ލައްޒަތަށް ލީނާ އިންކާރު ކުރީމައެވެ. ކުރާނީ ކީއްހެއްޔެވެ. ލީނާ ކިތަންމެ ބޭނުންވީ ނަމަވެސް ވީކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. އެހެންކަމުން މިރޭ އިތުރަށް ކަރުނަ ނާޅަން ނިޔަތްގަނެ ބޮލުގައި އައްސާފައި އޮތް ތުވާލި ނައްޓާލާ އިސްތަށިގަނޑު ނިއުޅާލިއެވެ. އަދި މޫނުމަތީގައި އަނިޔާވެފައި ހުރި ތަންތަނުގައި ބޭސް ހާކައިގެން ގޮސް އެނދުގައި އޮށޯއޮތެވެ.

މަގަތުގައި އޮތް ފިރިމީހާއަށް ފޫހި ނަޒަރަކުން ބަލާލުމަށްފަހު އޭނާގެ ގައިދަށުވެފައި އޮތް އައިފޯނު ލީނާ ނެގިއެވެ. އިރުޝާދު ދެފަރާތަކަށް ތެޅިލި ނަމަވެސް ލީނާ ފަރުވާލެއް ނުބަހައްޓައެވެ. ނިދުމަށްފަހު އެހާ ފަސޭހައިން ހޭނުލާނެކަން ލީނާއަށް އެނގޭތީއެވެ. ކައިވެންޏަށް ދެއަހަރުވީ ވިއްޔާއެވެ. ލީނާއަށް ކޮންމެވެސް ވަރަކަށް ފިރިމީހާ ދަސްވެފައިވެއެވެ. ފޯނުން ލީނާ ހުޅުވާލީ އޭނާގެ ފޭސްބުކެވެ. އެފަދަ ފުރުސަތެއްވެސް ލީނާއަށް ލިބޭނީ އިރުޝާދު ހޭވެރިކަމެއް ނުހުންނަ ވަގުތަކުއެވެ. ފޯނަކީ ލީނާގެ ފޯނެއް ނަމަވެސް ސާހިބުމީހަކީ އިރުޝާދެވެ. އިރުޝާދުގެ ހުއްދައެއް ނެތި ލީނާއަށް އޭނާގެ ފޯނަށްވެސް ޖަވާބުދާރީވެވޭ ކަމަކަށް ނުވެއެވެ. ޝައްކާ ވަހުމުން އިރުޝާދުގެ ހިތާ ސިކުނޑިވަނީ ތަގައްރުވެފައެވެ. އެއީ އިރުޝާދުގެ ކިބައިން ލީނާއަށް އަބަދުވެސް ފެނުނު ސިފައެއް ނަމަވެސް ލީނާ އެކަމަށް ލޯމަރާލީ ވެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ.

ލީނާ އެގޮތަށްއޮވެ ނިއުސްފީޑް ސްކްރޯލް ކުރާތާ އެތައް އިރެއް ވެއްޖެއެވެ. ކުރާނެ އިތުރު ކަމެއްވެސް ނެތް ވިއްޔާއެވެ. ނުގަބޫލުގައި ކުރެވުނު ކައިވެނީގެ ސަބަބުން ހާލު ބަލާލާނެ އާއިލާ މީހަކު ނުވަތަ ގާތްތިމާގެ މީހަކު ނެތެވެ. ވާހަކަ ދައްކާލާ ދެތިން ރަހުމަތްތެރިން ތިބި ނަމަވެސް އެއިން މީހަކާ ވާހަކައެއް ހިއްސާ ކުރާކަށް ލީނާއަކަށް ނުކެރެއެވެ. ލީނާގެ ސޯޝަލްމީޑިއާއަކީ އިރުޝާދުގެވެސް ހައްގަކަށްވަނީވެފައެވެ. އެފަދަ ކަމެއް އިރުޝާދަށް ފަޅާއަރާފާނެތީ ޖެހިލުންވުމަށްވުރެ ބޮޑަށް، ލީނާ އަސްލު އެކަންކަން ރައްޓެހިންނާ ހިއްސާ ކުރަން ބޭނުންނުވަނީއެވެ. ކައިވެނީގެ ކުރިން އޭނާއަށް ބުނެވުނު ބަހުގެ ސަބަބުންނެވެ. ފުރޭތައެއްފަދަ އިންސާނެއްގެ ވަކިތަކުގެ ދަށުގައި ދެއަހަރު ކެތްތެރިވީވެސް އެހެންވެއެވެ. އެއަނިޔާވެރި ކައިވެނީގެ ހިލަމެއް މީހަކަށްވުމަށް އޭނާ ބޭނުންނެތީމައެވެ. ނަމަވެސް މިރޭ އޭނާގެ ހިތް މުޅިން ބަދަލުވެއްޖެއެވެ. އިރުޝާދާއެކީ އުޅޭ ހިތް މުޅިން ކެނޑިއްޖެއެވެ. ދެމީހުންގެ ދަރިފުޅާމެދު އޭނާ ބެހެއްޓި ލާއިންސާނިއްޔަތު ކަމުން ލީނާގެ ހިތުގައި އިރުޝާދާމެދު އޮތް ކުލުނުވެސް މުޅިން ކެނޑިއްޖެއެވެ.

އިރުޝާދާއެކު ލީނާއަށް ދެއަހަރު ދުވަސް ވޭތު ކުރެވުނީ ލީނާ ހިތްވަރުގަދަވީމައެވެ. ކެތްގަދަވީމައެވެ. އިރުޝާދުދެކެ ލޯބިވީމައެވެ. ލީނާއަކީ ސަރުކާރުގެ އޮފީހެއްގެ އިދާރީ މުވައްޒަފެކެވެ. އިރުޝާދާއި ބައްދަލުވަނީ ގެއަށްދެވޭ ހިސާބުންނެވެ. އިރުޝާދަކީ އޭނާގެ ގޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދީގެން ގޭގައި އަރާމުގައި އޮންނަ މީހެކެވެ. އަނިޔާވެރި މީހެކެވެ. ނަމަވެސް އެކަން ބިނާވެފައި އޮންނަނީ އިރުޝާދުގެ މޫޑަށެވެ. ބައެއް ފަހަރު ވަރަށް ލޯބިން ފިރުމާވެސް ދެއެވެ. އަނެއްބައިފަހަރު ހަމަ އެއަތުން ވިހެލާ ގޮތްވެސް ހުރެއެވެ. ގިނަފަހަރަށް ރުޅިގަދަވަނީ އިރުޝާދުގެ މައުނަވީ ދުނިޔެއަށް ނުދެވި ހުންނަން ޖެހުމުންނެވެ. މަސްތުވެލާނެ ގޮތެއް ނެތުމުންނެވެ. ވެގެންއުޅޭ ގޮތަކީ އެއީއެވެ. މިހާރަކަށް އައިސް މާއަނިޔާވެރިވަނީ، ކޮވިޑް19ގެ ސަބަބުން މާލެ ފުރަބަންދު ކުރުމުގެ ސަބަބުން އިތުރު ތާކަށް ނުދެވި ދެމީހުން ގޭގައި ބަންދުވުމުގެ ސަބަބުންނެވެ. އިރުޝާދަށް އޭނާގެ މަސްތުގެ ބައިވެރިޔާއާއި ބައްދަލު ނުވެވޭތީއެވެ. އެހިސާބުން ކެކިގަންނަ ލޭގެ ޝިކާރަކަށްވަނީ ގޮތް ހުސްވެފައިވާ ނިކަމެތި ލީނާއެވެ.

ސްކްރޯލް ކުރަމުން ދިޔަ ލީނާ ހުއްޓުން އެރީ އޭނާގެ ނިއުސްފީޑުން ފެނުނު އެއްޗަކުންނެވެ. އެއީ އޭނާގެ ރައްޓެއްސަކު ހިއްސާ ކޮށްފައިވާ އިތުރު މީހެއްގެ ޕޯސްޓެކެވެ. އޭގައިވެއެވެ. އަނިޔާވެރިޔަކާއެކު ލޮކްޑައުންވެފައިވާނަމަ، އަހަންނަށް މެސެޖެއް ކުރުމަށްފަހު އަދިވެސް މޭކަޕް ސާމާނު ލިބެން ހުރިތޯ ސުވާލު ކުރާށެވެ. އެހާ ހިސާބުން ތިބާގެ ހާލު ބަލާ ހާލަތު އޮޅުންފިލުވަން އަހަންނަށް އެނގޭނެއެވެ. އަދި ޚާއްސަކޮށް އައިލައިނަރގެ ވާހަކަ އަހައިފިނަމަ އަހަރެން ކަމާބެހޭ ފަރާތަށް ތިބާގެ މައުލޫމާތު ހުށަހަޅާ ޑެލިވަރ ކުރާނެ އެޑްރެސް އޮޅުން ފިލުވާނަމެވެ. ވީހާވެސް ގިނަ ފަރާތްތަކަށް މި ޕޯސްޓް ހިއްސާކޮށްދޭށެވެ. އަދި ގުޅޭނެ ނަމްބަރެއްވެސް ދީފައިވެއެވެ. ލީނާއަށް އިނގިލީގައި ދަތްއަޅާލެވުނެވެ. އަދި ކައިރީގައި އޮތް އިރުޝާދާ ދިމާއަށް ބަލާލުމަށްފަހު އަނެއްކާވެސް ފޯނަށް ބަލާލިއެވެ. އަދި މޭކަޕް ޖަހާފައި އެނަމްބަރު ފޯނުގައި ރައްކާކުރިއެވެ.

ބަނޑުހައިވެގެން އިރުޝާދަށް ހޭލެވުނީ މެންދުރުން އެނބުރިފަހުންނެވެ. މޯޅިއަކަށް ދެމިލީ ވަގުތު ކައިރީގައި ނިދާފައި އޮތް ލީނާ ފެނިފައި އޭނާގެ ނިދިވެސް ފިލައިގެން ދިޔައެވެ. ލީނާ ނިދާފައި އޮތްނަމަ ކާއެއްޗެއް ތައްޔާރުވެފައި ނުހުންނާނެކަން އިރުޝާދަށް ވިސްނުނު ނަމަވެސް ނުވިސްނުނީ އެފަކީރު ރޭގައި އުޅުން ހާލެވެ. އަރާމަކަށް އެހަށިގަނޑު ބޭނުންވެފައިވާ މިންވަރެވެ. ފިކުރެއް ހިޔާލެއްނެތި ކައްކާލި ލޭގެ ބާރުގައި އިރުޝާދު ތެދުވެ އޭނާގެ ލެދަރ ބެލްޓް އަތަށް މަހާލިއެވެ. ލީނާއަށް ލޯހުޅުވާލެވުނީ ބެލްޓް ހޫރާލި ވަގުތަށެވެ. އަނެއްކާވެސް އޭނާގެ ލޯމެރިގެން ދިޔައީއެވެ.

ލީނާގެ ފެންކަޅިވެފައިވާ ދެލޯވަނީ ރަތްވެފައެވެ. ހަމަލާއެރި އަނގަމަތީގައި ގަނޑުފެން ޖައްސަމުން ދިޔައިރު އޭނާގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ކުއްލިއަކަށް ހަނދާންވީ ރޭގައި ފެނުނު ޕޯސްޓްމަތިންނެވެ. އޭނާގެ ފޯނުގައި ސޭވްކުރި ނަމްބަރު މަތިންނެވެ. ބަދިގޭގެ މަސައްކަތްތައް އަވަސް އަވަހަށް ނިންމާލުމަށްފަހު ލީނާ ގޮސް ލޯގަނޑު ކުރިމަތީގައި އިށީނެވެ.

މޫނުގެ އެކި ހިސާބުގައި ފައުންޑޭޝަން އުނގުޅާލުމަށްފަހު ފިއްސަކުން ރަނގަޅަށް ހާކާލިއެވެ. އަނިޔާގެ ނިޝާންތައް ނުފެންނަ ވަރަށެވެ. ތުންފަތުގައި ރަތްކަންގަދަ ލިޕްސްޓިކެއް ހާކާލިއެވެ. ތުންފަތަށް ކަމެއްވެފައި ހުރިކަންވެސް ނޭނގޭ ވަރަށެވެ. ލޯމަތީގައި ފަލަކޮށް އައިލައިނަރ އަޅާލިއެވެ. ބޭރަށް ނުދެވުނު ނަމަވެސް ލީނާއަށް ލިބޭ ހިތްހަމަޖެހުމަކީ އެއީއެވެ. މޭކަޕްގެ އެހީގައި އެނިޝާންތައް ފޮރުވާލެވުމެވެ.

އިރުޝާދު ފާހާނާއިން ނުކުތީ ލީނާ ލޯގަނޑު ކުރިމަތީގައި އިންދައެވެ. ކާން ހެދިފައި ހުރި ވާހަކަ ބުނުމުން އެނދުމައްޗަށް ތުވާލި އެއްލާފައި ލީނާގެ ފޯނު ހިފައިގެން އިރުޝާދު މިސްރާބުޖެހީ ކޮޓަރިން ނުކުންނާނެވެ. އިރުޝާދުގެ ހަރަކާތްތަކަށް ސިއްރުން ބަލަން އިން ލީނާ އޭނާގެ ފޯނު ބާއްވާފައި ދިއުމަށް އިރުޝާދު ކުރެން އެދުނެވެ. ލީނާ ހީކުރި ފަދައިން އިރުޝާދު ކީއްކުރަންތޯ ސުވާލު ކުރިއެވެ. ހުށިޔާރުވެގެން އިން ލީނާ ލަސްކަމެއްނެތި ޖަވާބުދިނެވެ. މޭކަޕް ސާމާނު ހުސްވާތީ އޯޑަރެއް ދިނުމަށް ކަމަށް ބުނެއެވެ. ބަދިގެއަށް ދިއުމުގެ ބަދަލުގައި އިރުޝާދު އެނދުމަތީގައި އިށީނެވެ. އަދި ލީނާއަށް ފޯނު ދިއްކުރުމަށްފަހު އޭނާގެ ކުރިމަތީގައި ގުޅުމަށް ބުންޏެވެ.

މޭކަޕަށް ޑައިލްކޮށްލަމުން ލީނާ ލޯގަނޑާކުރިމަތިލިއެވެ. އަދި އިރުޝާދުގެ ހަރަކާތްތަކަށް ލޯގަނޑުން ބަލަންއިނެވެ. އެކޮޅުން ފޯނުނެގީ އަންހެނެކެވެ. ލީނާ ވާހަކަ ދައްކަން ޖެހިލުންވީ ނަމަވެސް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. އޭރުވެސް ކަޅިޖަހާނުލާ އިރުޝާދު ބަލަހައްޓައިގެން އިނީ ލީނާއަށެވެ. ޕޯސްޓުގައި ވާފަދައިން ލީނާ މޭކަޕް ސާމާނު ލިބެންހުރިތޯ ސުވާލުކުރިއެވެ. އެކޮޅުން ވާހަކަ ދެއްކި އަންހެންމީހާ، ވެގެން އުޅޭ ގޮތް ދެނެގަތެވެ.

“ކިހާވަރަކަށް އެހީތެރިކަން ބޭނުންވޭތޯ؟”

“ވަރަށް ބޮޑަށް ބޭނުން. ވަރަށް އަވަހަށް ބޭނުން. ފައުންޑޭޝަންވެސް ހުސްވަނީ.”

“އަނިޔާވަނީ ފިރިމީހާގެ ފަރާތުންތޯ؟”

“އާދެ. ރަތްގަދަ ލިޕްސްޓިކެއް ރަނގަޅުވާނެ. ކިހާ އިތުބާރެއް ހިފޭ ބްރޭންޑެއްތޯ ތިއީ؟”

“އަޅުގަނޑަށް %100 އިތުބާރު ކުރައްވާ. އެހީތެރިވެދޭން އަޅުގަނޑު މިހުރީ ތައްޔާރަށް. ބޭނުންފުޅުވާނަމަ މިހާރުވެސް އޮތޯރިޓީއަށް ގުޅާދީފާނަން.”

“ނޫން. އައިލައިނަރ ބޭނުންވީމަ ބުނާނަން. އެހެން އެއްޗެހި ރިޒާވްކޮސްދީފަ ބަހައްޓާ. ފައުންޑޭޝަންވެސް ލިބުނީމަ އަންގާލަ ދެއްވާ. ޑެލިވަރކޮށްދޭނީ ގާފު ރިހިވެލި ފަސްވަނަ ފަންގިފިލާއަށް.”

ލީނާގެ ވާހަކަދެއްކުމުން އިރުޝާދަށް ކަމެއް ރޭކާވެސް ނުލިއެވެ. ނަމަވެސް އެފަހުން ކޮންމެ ދުވަހަކު މޭކަޕަށް ލީނާ ގުޅައެވެ. ކޯޑް ލޭންގްއޭޖުން އިރުޝާދުގެ ވާހަކަތައް ކިޔާދެއެވެ. އިރުޝާދަށް މާ ރަނގަޅަށް ފަހުމް ނުވި ނަމަވެސް ހިތުގައި ޝައްކުތަކުގެ ނާރު ހަރަކާތް ކުރަންފެށިއެވެ. އެހެންކަމުން އެނަމްބަރަށް އިރުޝާދުވެސް ގުޅިއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. އެނަމްބަރުން ދެއްކީ ހަމަ މޭކަޕްގެ ވާހަކައެވެ. އިރުޝާދު ހޯދި ހޯދުމުންވެސް އެއީ ލީނާއާއި ގުޅުންހުރި މީހެއްގެ ނަމްބަރެއް ނޫނެވެ. އެގޮތުގައި ދުވަސްތަކެއް ހޭދަވެގެން ދިޔައިރުވެސް ލީނާގެ މޭކަޕް ސާމާނު ހަމަވާތަނެއް ނައެވެ.

މަސްތުގެ ދުނިޔެއަށް ނުދެވި އިރުޝާދު ރޭރުވި ރެއެކެވެ. ބަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރިއްސާވަރުން ލީނާއަކަށް ނުނިދުނެވެ. ނަމަވެސް އިރުޝާދު އޮތީ ނިދާފައެވެ. ނޫނީ ނިދާފައިކަމަށް ހެދިގެންނެވެ. ފިކުރުތަކުގައި ހިތްދަތިވެ ލީނާ ބޭނުންވީ އޭނާގެ މިހާރުގެ އެކުވެރިޔާއާއި ވާހަކަ ދައްކާލާށެވެ. މަޑުމަޑުން ނުކުމެ ސޯފާގައި އިށީންދެ މޭކަަޕަށް އޭނާ ގުޅާލިއެވެ. އެއޯގާތެރި ނިޔަނެތި އަޑު ކަންފަތުގައި ޖެހުނު ހިނދު ލީނާގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. ހިފަހައްޓައިން ހުރި ޖަޒުބާތުތައް އެފޯނުކޯލަށް ބަންޑުންވިއެވެ. ގާތް މީހަކާ ހިއްސާ ކުރުމަށްވުރެ، ކަންކަން ނޭނގޭ ދުރުހިލޭ މީހަކާ ވާހަކަތައް ހިއްސާ ކުރަން ފަސޭހައެވެ. ލީނާއަށްވީ އެކަހަލަ ގޮތެކެވެ. މީހަކާ ހިއްސާނުކޮށް ހުރި އޭނާގެ ހިތްދަތި ދިރިއުޅުމުގެ ފަރުދާ ފުރަތަމަ ފަހަރަށް ކަހާލިއެވެ.

މައިންބަފައިންގެ ނުރުހުމުގައި ކައިވެނި ކުރި ނަމަވެސް، އިރުޝާދުގެ ފުދުންތެރިކަމުން ރަނގަޅު ދިރިއުޅުމެއް ފެންނާނެ ކަމަށް ލީނާ ހީކުރިއެވެ. ނަމަވެސް އެ “ހީ” ގައި ފުރަތަމަ ލައްގަނޑެއް ޖެހުނީ ކައިވެނީގެ ކުރިން އޭނާއަށް ނޭނގޭ ސިއްރެއް ފަޅާ އެރުމުންނެވެ. އިރުޝާދާ ކައިވެނި ކުރިއިރު އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމެއް ލީނާއަކަށް ނޭނގެއެވެ. އެނގުން ހިސާބުން ވަކިވާން ބޭނުންވި ނަމަވެސް އޭނާއަށް ބުނެވުނު ބަހުގައި ހިފެހެއްޓުން އޭނާއަށް މާ މުހިންމު ކަމަކަށްވިއެވެ. އަދި ފިރިމީހާގެ އައިބު ފޮރުވާ ކިމަންތެރި އަންބަކަށްވުމަށް ނިންމާ އިރުޝާދާއެކު ދިރިއުޅެން ނިންމިއެވެ. ކަންކަން ބޮއްސުންލީ އެހިސާބުންނެވެ. ފާޅުގައި އުޅުމަށް އިރުޝާދަށް ފުރުސަތު ލިބުނު ހިސާބުންނެވެ. ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް ދޫކޮށްލާފައި ދާން ލީނާއަށް ނުކެރޭނެކަން އިރުޝާދަށް ޔަގީންވި ހިސާބުންނެވެ. އިރުޝާދު ޖެހިހާ ބެރަކަށް ނަށަމުން، ކުރިހާ އަނިޔާއެއް ތަހަންމަލްކޮށް އެޅިހާ ވޭން އެތެރެއަށް ހިންދާލައިގެން ހުރީ އިތުރު ގޮތެއް ލީނާއަށް ފެނިފައިނުވާތީއެވެ.

ދިރުމެއް ނެތް ދިރިއުޅުމެއް ނަމަވެސް ދިރިހުރުމުގެ އުންމީދު ލީނާއަށް އައުވީ އަލަތު ދަރިފުޅަށް ބަނޑުބޮޑުވީ ހިސާބުންނެވެ. އިރުޝާދުގެ ކިބައިންވެސް ބަފައެއްގެ ކުލުނު ފެންނާނެ ކަމަށް އުންމީދުކޮށް އޭނާގެ ދަރިފުޅުގެ މައިމީހާއަށް އޯގާތެރިވާނެ ކަމަށް ހީކުރެވި ލީނާއަށް އުފާކުރެވުނެވެ. ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް އިރުޝާދުގެ ކިބައިން އެދެވޭ ތަރުހީބެއް ނުލިބުނެވެ. އެހިތުގައި ކުލުނެއް ނެތް ކަމުގެ ނަތީޖާއަކަށްވީ އެމައުސޫމު ފުރާނަ ލީނާގެ ބަނޑުގައި އޮވެ ވަކިވެގެން ދިއުމެވެ.

ލީނާގެ ހިތްމަރުވީ އެހިސާބުންނެވެ. އެދިރިއުޅުން މަތިން މުޅިން ފޫހިވީ އެވަގުތުން ފެށިގެންނެވެ.

ވާހަކަ ދެއްކުނީ އެހިސާބަށެވެ. ފުރަގަހުން ލެފުނު އިރުޝާދު، ރޮވިފައި އިން ލީނާގެ ކަރުގައި ފޮތިގަނޑެއް ބައްދާ ބާރުކޮށްލިއެވެ. އެޖަނަވާރުގެ ލޮލުން ވިދަމުންދިޔަ ނަފްރަތާއެކު އަތަށް ލެވުނުހާ ބާރެއްލާފައި އެފޮތިގަނޑަށް ވާން ކުރަމުން ދިޔައެވެ. ކަޅިވިދިފައި ހުރި ލީނާ ރޯމަހެއް ހެން ތެޅެމުން ދިޔައިރު އޭނާގެ އަތުން ފޯނު ދޫވެ،ކޮށްގެން ހުރި ކޯލު ވަނީ ކެނޑިފައެވެ. އެހާލަތުގައި ހިކުމަތްތެރިކަން އިސްކޮށް، ހުށިޔާރު ކަމާއެކު ލީނާ ފަހަތަށް ފައި އެއްލާ އިރުޝާދުގެ ލަދުވެތި ގުނަވަނަށް ނިކަން ބާރު ހަމަލާއެއް ދިނެވެ. ބަނޑަށް އެރި ތޫނު ތަދާއެކު އިރުޝާދަށް މަޖުބޫރުވީ ލީނާ ދޫކޮށްލާށެވެ. ލެފުނު ފުންނޭވާއާއެކު ކެއްސަމުން ދިޔަ ހާލު، ލޮލުން އޮހޮރިގެން ކަރުނައިގެ ތެރެއިން ލީނާއަށް ފެނުނީ ބިންމަތީގައި ރަނގަބީލުވަމުންދިޔަ އޭނާގެ ފޯނެވެ.

އަވަސްއަވަހަށް ފޯނުނަގާ މުށުތެރެއަށް ލަމުން ލީނާ ގޮސް ކޮޓަރިއަށްވަދެ ދޮރުތަޅުލިއެވެ. ފަހަތުން މިނިކާވަގެއް ފަދައިން އައި އިރުޝާދު ނިކަން ބާރަށް ދޮރުގައި ޖެހިގަތެވެ. އިރުޝާދު މަސައްކަތް ކުރަމުން ދިޔައީ ދޮރު ވައްޓާލުމަށެވެ. ލީނާ އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ. އޭނާއަށް ބުނެވުނީ “އައިލައިނަރ” އެވެ. މާނައަކީ އެހީ ފޮނުވާށޭއެވެ. ލީނާ ދެން ގޮސްވަނީ ފާހާނާއަށެވެ. އިރުޝާދު ކޮޓަރީގެ ދޮރު ވައްޓާލި އަޑު އިވުނީ ލީނާ ފާހާނައިގައި އިރުކޮޅެއްވީ ފަހުންނެވެ. އުންމީދު ހުސްވެ ލީނާ ގޮތް ހުސްވިއެވެ. ހަދާނެ ގޮތެއް ނޭނގި މާޔޫސްވެ ފާހާނައިގެ ކަނަކަށް އޭނާ ބިއްޖެހުނެވެ. އިރުޝާދު ފާހާނައިގެ ޕްލާސްޓިކް ދޮރު ހަލާކުކޮށްލާކަށް މާ ގިނައިރެއް ނުނެގިއެވެ. އިރުޝާދުވަދެގެން އައިރު އޭނާގެ މޫނުމަތީގައިވަނީ ލާނެއް ހިނިތުންވުމެކެވެ. ކާމިޔާބު ލިބުމުން އުފާވެފައިވާ ކަހަލައެވެ. އަތުގައި އޮތީ މަސްކަނޑާ ވަޅިއެވެ. ދިއްކޮށްލީ ލީނާއާ ދިމާއަށެވެ. ލީނާ ލޯމަރާލިއެވެ. ފުރާނަވެސް ގެންދާށޭ ބުނާ ފަދައަކުންނެވެ.

ނަމަވެސް ލީނާގެ ލޯ ހުޅުވުނީ އަމާން މާހައުލަކަށެވެ. ފުލުހުން އިރުޝާދު ހައްޔަރުކޮށްގެން ގެންދިޔަތަން ދުށުމަށެވެ. ލީނާގެ އެހީތެރިޔާގެ އެހީ ލިބުނީތީއެވެ. “ޑެލިވަރީ” ވަގުތަށް ލިބުނީތީ ލީނާގެ ފުރާނަ މިއަދު އެވަނީ ސަލާމަތްވެފައެވެ.

މިއަދު ލީނާ ހުރީ އޭނާގެ އާއިލާގެ މީހުންނާއެކު އަމާން މާހައުލެއްގައެވެ. ފުރިހަމަ މިނިވަނެއްގެ ގޮތުގައެވެ. ލީނާގެ އެހީތެރިޔާއަށް ލީނާ ފަށްފަށުން ޝުކުރުވެރިވެއެވެ. ފޭސްބުކުގައި އޭނާ ކޮށްލި ޕޯސްޓެއްގެ ސަބަބުން މިއަދު މިވަނީ ނިކަމެތި އަންހެން ކުއްޖަކު އަނިޔާވެރިއެއްގެ ކިބައިން ސަލާމަތްވެފައެވެ. ފުރަބަންދު ނިމުމުން ބައްދަލުވާނެ ކަމުގެ އުންމީދުކުރާ ހާލު ލީނާވެސް އެހީތެރިޔާގެ ޕޯސްޓް ހިއްސާ ކުރިއެވެ. އޭނާއަށް އެހީ ލިބުން ފަދައިން އޭނާވެސް ބޭނުންވަނީ އެހީތެރިވާށެވެ. ގޭގައި ތިބި ނަމަވެސް، ފުރަބަންދުގައި ތިބި ނަމަވެސް އެހީތެރިވެވޭނެއެވެ. އެހީތެރިވާށެވެ. ގޭގައި ތިބޭށެވެ. ފުރާނަތައް ސަލާމަތްކޮށްދޭށެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

ޢަބްދުﷲ ޝާހިދު