މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

މެންދަމުގެ ތެތްކަމުން ޖައްވު ފިނިވެފައިވާއިރު، ޖެހެމުންދާ މަޑުމަޑު ވައިރޯޅިތައް ހުޅުވާފައި ހުރި ކުޑަދޮރުގެ ތެރެއިން ގޮސް ހޭވިފައި އޮތް ރަމްލާގެ އިސްތަށިގަނޑުގައި ބީހެމުންދިޔައެވެ. ނަމަވެސް ކޮޓަރި ފާރުގައި ލެނގިލައިގެން އިށީންދެއިން ރަމްލާއަށް މި ހިތްގައިމު ވައިރޯޅިތަކުންއެއްވެސް ހިތްހަމަ ޖެހުމެއް ނުގެނުވާކަން އެދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ހާމަކުރަމުންދެއެވެ. ފުންހިޔާލަކަށް ގެއްލި އިނދެ އެދެލޮލުން ބަލަމުން އެދަނީ އަތުގައި އޮތް ތަސްވީރަށެވެ.

އަހަރެން ދޫކޮށްފަ އާއިދު ދިޔައީ ކީއްވެ؟ އަހަރަން އާއިދު ދެކެ އިންތިހާ ލޯބިވިން. އަދިވެސް ބޭނުންވަނީ އާއިދު އާއެކީ އަހަރެންގެ ދިރި އުޅުން ހޭދަކުރަން..

ހިތުގައި ފުނިޖެހިފައިވާ އެތަށް ޝަކުވާތަކެއް ރަމްލާ ބޭރުކުރަމުންދިޔައީ އަތުގައި އޮތް ތަސްވީރުގެ ބަދަލުގައި އޭގައިވާ އިންސާނާ ރަމްލާގެ ކުރިމަތީގައި ހުރިފަދައިންނެވެ. ނަމަވެސް މިޝަކުވާ އަޑުއަހަން މިއަދު އާއިދު ރަމްލާ ކައިރީގައި ނެތެވެ. ފަސް އަހަރުވަންދެން އެކުގައި ލޯބިން އުޅުމަށްފަހު އާއިދު އާއި ރަމްލާ ދުރުވާންޖެހުނީ އެންމެ ހިނދުކޮޅެއްގެ ތެރޭގައެވެ. ފެނުނު އެންމެ މަންޒަރަކުންނެވެ. މާޒީގެ ފޮނި ދުވަސްތަކުގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ރަމްލާގެ ހިތް ރޮއްވާލަނީ އެދުވަހު ކަންތައްވެގެންދިޔަ ގޮތް ރަމްލާގެ ލޮލަށް ސިފަވެގެންދާތީއެވެ. އެދުވަހު ރަމްލާ ދޫކޮށް ދިޔުމުން ކުރެވުނު ހިތްދަތި އިޙްސާސްތައް އަދިވެސް އެހިތުގައި ތާޒާވެފައިވެއެވެ.

*** *** *** *** ***

އެއީ މީގެ ތިން އަހަރުކުރިއެވެ. ރަމްލާ އާއި އާއިދު ދިޔައީ އެދެމެދުގައިވާ ލޯބި ކައިވެނީގެ ގުޅުމުން ގޮށްޖަހާލުމަށް ތައްޔާރުވަމުންނެވެ. ކައިވެނީގެ ހުރިހާ ތައްޔާރީތަކެއްވުމުގައި ދެމީހުން އަވަދިނެތި އުޅެމުންދިޔައެވެ. ކައިވެނީގެ ހުރިހާ ކަމެއްގައި އެންމެ އިސްސަފުގައި ހުރީ އާއިދުގެ އެންމެ ގާތް އެކުވެރިޔާ ހުމޭދުއެވެ. ކައިވެނިކޮށްގެން އުޅޭނެތަނަކާއި، ޕާޓީބާއްވާ ތަނާއި އަދި ކައިވެނީގެ ހެދުމަށް ދަންދެން ހޯދައި ފައިނަލް ކުރުމުގައިއާއިދުއަށް އެތަށް ގޮތަކުން ހުމޭދު ދިޔައީ އެހީތެރިވަމުންނެވެ. ބައެއް ފަހަރު ހުމޭދު ކަންކަން ރާވަމުންދާއިރު އަމިއްލަ ކައިވެންޏަށް ތައްޔާރު ވަމުންދާހެންވެސް ހީވެއެވެ. އެހާވެސް ކަމާ ގަޔާވެގެން ހުރިހާ ކަމެއްކުރުމުގައި އެހީތެރިވަމުންދިޔައެވެ.

ފުރި ބާރުވެފައިވާ މާލެއިން ރަގަޅު އެޕާރޓްމެންޓެއް ހުމޭދުގެ އެހީތެރިކަމާއެކު ލިބުމުން ކައިވެނީގެ އެއްހަފްތާ ކުރިން ހުރިހާ ފަރުނީޗަރެއް ގެނެސް ރާވާ ގޭތެރެ ސާފުކުރުމަށް ރަމްލާ އާއި އާއިދު ދިޔައެވެ. ފަރުނީޗަރުތައް ރާވާ ނިމުމުން އާއިދު ގެއިން ނިކުތީ އޮފީހުން އައި ފޯނެއްގެ ސަބަބުން ވަރަށް އަވަހަށް އޮފީހަށް ދާން ޖެހިގެންނެވެ. ނަމަވެސް ރަމްލާ އެގޭގައި މަޑުކުރީ ގޭތެރެ ސާފުކޮށް ނުނިމޭތީއެވެ.

ލިފްޓުގެ އިންތިޒާރުގައި އިރުކޮޅަކު މަޑުކުރުމަށްފަހު، ހަވަނަ ބުރިން އަވަސް ހިގުމެއްގައި އާއިދު ސިޑިން ފައިބަންފެށިއެވެ. ނަމަވެސް އެންމެ ތިރިޔަށް ފޭބިތަނާ އާއިދުގެ ފިޔަވަޅުތައް ހުއްޓުނީ، ފަޓުލޫނު ޖީބުގައި އަތްޖައްސާލުމުން ސައިކަލުގެ ތަޅުދަނޑި ނެތްކަން އެނގުމުންނެވެ. އެހާމަތިން ފޭބުމުގެ ސަބަބުން ވެފައި ހުރި ވަރުބަލި ކަމުގެ ސަބަބުން ފުންނޭވާ ލެމުންދިޔައެވެ. އަދި ކިތަންމެ ލަސްވިޔަސް މިފަހަރު ލިފްޓް އަންނަންދެން އާއިދު މަޑުކޮށްލީ ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލުވައިލުމަށެވެ. ލިފްޓް އައުމާއެކު ލިފްޓަށް އަރާހަމަޖެހިލިއެވެ. އަދި ލިފްޓުން ނިކުމެ ގޭގެ ދޮރު މަޑުމަޑުން އާއިދު ހުޅުވާލީ ރަމްލާ ސިއްސުވާލުމުގެ ނިޔަތުގައެވެ. ނަމަވެސް ލޮލުން ފެނިގެންދިޔަ މަންޒަރުން ސިހިގެން ދިޔައީ އާއިދުއެވެ. އެމަންޒަރު ފެނި އާއިދުގެ ހިތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޙަމްކޮށްލިފަދައެވެ. ބޮޑުވެފައިވާ އާއިދުގެ ލޯމައްޗަށް ފެންނަމުން އެދަނީ ހަޤީޤަތެއްބާއޭވެސް އާއިދުގެ ނަފްސު ސުވާލުކުރަމުންދިޔައެވެ. ނަމަވެސް ފެންނަމުންދާ އެ މަންޒަރު ދޮގަކަށްވާނީ ކިހިނެއްހެއްޔެވެ؟ އާއިދު އަށް ފުރަގަސްދީގެން ހުރި ރަމްލާގެ އުނަގަނޑުގައި ހިފަހައްޓައިގެން އެހުރީ އާއިދުގެ އެންމެ ގާތް އެކުވެރިޔާ ހުމޭދުއެވެ. ރަމްލާގެ ހަށިގަނޑު ހުމޭދަށް ދީގެން ހުރިއިރު އެއީ އާއިދުގެ ވާން އުޅޭ އަނބިމީހާކަން ރަމްލާ ހަނދާންނެތީ ހެއްޔެވެ؟ މިހުރިހާ ދުވަހު ރަމްލާ އާއިދަށް އޮޅުވާލީ ހެއްޔެވެ؟

ރަމްލާ…. އައިސްހުރި ރުޅީގެ ސަބަބުން އަޑުގައި ހުރި ބާރުމިނެއްލައިފާ އާއިދަށް ހަޅޭއްލަވައިގަނެވުނެވެ.

އާއިދުގެ އަޑަށް ސިހިގެންގޮސް ރަމްލާ އާއި ހުމޭދަށް ދުރަށްޖެހިލެވުނެވެ.

ރަމްލާ.. އަހަރެން ހީވެސް ނުކުރަން ރަމްލާ ތިފަދަ ކަމެއްކޮށްފާނެ ކަމަކަށް. ހުމޭދު އަހަރެން ދެކުނީ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމަށް. އެކަމަކު މިއަދު އަހަރެންގެ ފުރަގަހުގައި އަހަރެންގެ ވާން އުޅޭ އަނބިމީހާ އާއެކު.. ޗީ.. އަހަރެން ދެން ނެތިން މިކައިވެނި ކުރާކަށް.. ރަމްލާ އަހަންނަށް ބޭވަފާ ތެރިވީ. އަހަރެން ބޭބުމެއްނޫން ތިކަހަލަ ކެހިވެރި ލޮތްބެއް.

އުތުރި އަރަމުންދިޔަ ރުޅިވެރިކަމުގެ ސަބަބުން ރަމްލާއަށް އެއްޗެއް ނުބުނެވެނީސް އާއިދު ނުކުމެގެންދިޔައީ އެދެމެދުގައިވާ ލޯތްބަށް އަލްވަދާޢު ކިޔުމަށްފަހުއެވެ.

*** *** *** *** ***

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ރަމްލާ ސިހިގެންގޮސް ގެނބިފައިވާ ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފުހެލުމަށްފަހު ފޯނުނަގައި އީމެއިލް ހުޅުވާލިއެވެ. އަދި ބޭއިޙްތިޔާރުގައި ހިތުގައިވާ ހުރިހާ އުދާސްތަކެއް އެ މެއިލްގައި ލިޔުމަށްފަހު އާއިދަށް ފޮނުވާލެވުނެވެ. ފާއިތުވި ތިން އަހަރު ހާމަ ނުކުރެވުނު ހަޤީޤަތް ހާމަކުރުމުގެ ހިތްވަރު މިއަދު ރަމްލާއަށް ލިބުނީ ކީއްވެ ހެއްޔެވެ؟ ހަމަ އާއިދު ދެކެވާ ލޯބީގެ ސަބަބުންނެވެ. އާއިދުގެ އަންބަކަށް ނުވިތާ އެހެން މީހެއްގެ ހައްޤަކަށް ވާން ބޭނުން ނުވާތީއެވެ.

ރަމްލާގެ ކައިވެނި ކުރަން ވަނީ ރަމްލާގެ އާއިލާއިން ނިންމާފައެވެ. އެކަމާ ދެކޮޅު ހެދެން މިއަދު ރަމްލާއަކަށް ނެތެވެ. ދެއްކޭނެ ބަހަނާއެއްނެތީމައެވެ. މިއޮތްހުރިހާ ދުވަހު ރަމްލާ އާއިލާއަށް ބުނެދެމުންދިޔައީ އާއިދު އަންނާނެ ކަމަށެވެ. ނަމަވެސް މިހާރު ހަޤީޤަތެއްނެތް އެވާހަކަތައް ރަމްލާގެ އާއިލާއިން ޤަބޫލުކުރަން ބޭނުންނުވަނީއެވެ. އެހެންވެ ރަމްލާއަށް ރަނގަޅަށްޓަކައި އަދި ރަމްލާގެ މުޅި އުމުރު އާއިދުގެ އިންތިޒާރުގައި ހޭދަކުރުމަށް ނޭދޭތީ ރަނގަޅު އާއިލާއެއްގެ މީހަކާ ރަމްލާ ދެވަން ނިންމީއެވެ.

ދުވަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު، އާއިދު ގެޔަށްދާން އޮފީހުން ނުކުމެ ގޮސް ކާރުގައި ހަމަޖެހިލައިގެން އިށީނެވެ. އަދި ދުވަހުގެ ހުރިހާ ކަމަކުން އަވަދިވެ ފޯނުގައި އަތްލާނެ ފުރުސަތެއް ލިބުމުން މަންމައަށް ގުޅުމަށް ފޯނު ހުޅުވާލިއެވެ. އެވަގުތު އާއިދުގެ ކަޅި ހުއްޓުނީ ރަމްލާ ރަޝީދުގެ ނަމުގައި އައިސް އިން މެއިލްއަކަށެވެ. ފުންނޭވާއެއް ލުމަށްފަހު އާއިދު މެއިލް ހުޅުވާލީ ހައިރާންވެ ހުރެއެވެ. އެތަށް އަހަރުތަކަކަށްފަހު ރަމްލާ މެސެޖް ކުރީމައެވެ.

“އަހަންނަށް އިނގޭ އާއިދުގެ ހިތުގައި އަހަންނާއި ދޭތެރޭ މިހާރު ހަމައެކަނި އޮތީ ނަފްރަތުކަން. އެދުވަހު އާއިދަށް ފެނުނު މަންޒަރުން އިތުރު އެހެން އެއްޗެއް ނުވިސްނޭނެކަންވެސް އިނގޭ. ނަމަވެސް އާއިދުގެ ލޮލަށް ފެނިގެން ދިޔައީ ހަޤީޤަތެއް ނޫން. އެއީ އަހަރެމެން ދެމީހުން ދުރުކުރަން ހުމޭދު ރޭވި ރޭވުމެއް. އެދުވަހު އަހަރެންގެ ނުރުހުމުގައި ހުމޭދު އަހަންނާ ކައިރިވީ.

މިހުރިހާ ދުވަހު އެކަމުގެ ހިތާމައިގަ އަހަރެން އިންތިޒާރުކުރަމުން ދިޔައީ އާއިދު އެންމެ ފަހަރަކުވެސް އަހަރެންގެ ފަރާތުން އެދުވަހު ކަންތައްވީގޮތް އޮޅުން ފިލުވަން މަސައްކަތް ކުރާނެ ކަމަށް. އާއިދު. އަހަރެން ވަރަށް އިންތިޒާރުކޮށްފިން.. އަހަރެންގެ އާއިލާ މިހާރު ބޭނުންވަނީ އެހެން މީހަކާ އަހަރެން ކައިވެނި ކުރަން. އަހަރެންގެ ކައިވެނި ހަމަޖެހިއްޖެ. މިކައިވެނި ހަމަ އެކަނި ހުއްޓުވޭނީ އާއިދުއަށް. އަހަރެން އަދިވެސް އާއިދު ދެކެ ލޯބިވޭ. އަހަރެން މިހިރީ އާއިދުގެ އިންތިޒާރުގައި.

ދެއްވާތޯ ތިލޯތްބާ ވަފާ ހަޟްރަތުގައި އަޅާ ދަންނަވަން، ދެއްވުން އެދި މަކުރަމޭ ދުޢާ ޖަންނަތުގައި ދެހިތް އެކު އެތާ.. ދުރުވާކަށް ތިލޯތްބަށް މަނޭދެން. ދުރުގައިވާން ހިތެއް އަދު މަ ނޭދެން. ހުރުމަށް އަރިހުގައި ލޯބިވާ އަދު ބޭނުންވޭ ވުމަށް ގާތުގާ. އާދޭތޯ އިންނާނަން ލޯބިން ތިޔަ އިންތިޒާރުގާ. ލިބިދޭތޯ އިންނާނަން ލޯބިން ތިޔަ އިންތިހާ އުފާ…..

ރަމްލާގެ މެސެޖް ނިންމާލީ ލޯބީގެ އަސަރުގަދަ ލަވަޔަކުންނެވެ. އެ ލަވައިން ރަމްލާގެ އިޙްސާސްތައް ވަރަށް ރަނގަޅަށް ބަޔާންކޮށްދިންކަހަލައެވެ. އާއިދުގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތަކުން ހާމަވެގެންދަނީ އަދިވެސް އެލޯބި ބޭނުންވާކަމެވެ. ހުރިހާ ހަޤީޤަތެއް އެނގުމުން އިތުރަށް އެހިތުގައި ރަމްލާއަށް އޮތް ލޯބި ކަފުންކޮށްފައި ބާއްވަން އާއިދު ބޭނުން ނުވިއެވެ.

އަވަސްއަވަހަށް ފޯނުގައި އިން ހުމޭދުގެ ނަންބަރަށް ގުޅޭތޯ އާއިދު މަސައްކަތް ކުރަންފެށިއެވެ. އެދުވަހު ކަންތައްވީގޮތް ހުމޭދުގެ ދުލުން އަޑުއެހުމަށެވެ. ދެފަހަރު ރިންގް ވިތަނާ ފޯނުނެގިއެވެ.

ހެލޯ. ހުމޭދު… އާދޭސްކޮށްފަ މިބުނީ އެދުވަހު ކަންތައް ވީގޮތް އަހަންނަށް ކިޔައިދީބަލަ. ހެޔޮނުވާނެ. އަހަރެން ތިދެމީހުން އެކީ އުޅުމަށް ދޫކޮށްލިން. ދެން ކީއްވެ މިއަދު ރަމްލާ އެއުޅެނީ އެހެން މީހަކާ ކައިވެނި ކުރަން.

ހަޤީޤަތް ހޯދުމަށް ކެތްމަދުވެފައިވާ އާއިދު ހިތުގައިވާ ހުރިހާ ސުވާލެއް ބޭރުކޮށްލިއެވެ.

ނަމަވެސް އާއިދުގެ ބަސް ހުއްޓުނީ ހުމޭދުގެ ހުނުމުގެ އަޑަށެވެ.

އެދުވަހު އެއްވެސް ކަމެއް އަހަންނާއި ރަމްލާ އާއި ދޭތެރޭ ނުހިނގާ. އެކަހަލަ އެއްވެސް ގުޅުމެއް އަހަރެމެންގެ ދޭތެރޭ ނެތް. އެޔައީ އާއިދު ލޮލުގަ އެޅުވި އަނދުނެއް. ނިކަން ބަލާބަލަ. އެދުވަހު އާއިދަށް އަހަރެން ދެއްކި މަންޒަރު ފެނި ޤަބޫލު ނުކުރިނަމަ މިއަދު އަހަންނާއި ރަމްލާގެ ކައިވެނި ހަމަ ނުޖެހުނީސް. އަހަރެން ވަރަށް މަސައްކަތް ކޮށްގެން އެއާއިލާ ތެރެއަށް ވަދެވުނީ. އެވެސް ރަމްލާއަށް ނޭންގި.

ހުމޭދުގެ ނުލަފާކަން އެނގި އާއިދު އިތުރަށް އެންމެ ވާހަކައެއްވެސް ދައްކަން ބޭނުމެއްނުވިއެވެ. ފޯނު ކަނޑާލުމަށްފަހު ވަގުތުން ރަމްލާ އާއި ބައްދަލުކުރުމަށް ދާން މިސްރާބު ޖެހިއެވެ.

މީގެ ތިން އަހަރުކުރިން އަލްވަދާޢު ކީ އެލޯބި އަނބުރާ ޙަޔާތަށް ގެނައުމުގެ އުންމީދުގައެވެ. ލޯބީގެ ފުން ހިޔާލުތަކަށް ގެނބިފައި އިން އާއިދު ސިހިގެންދިޔައީ ހ.އަލިވާގެ ކުރިމަށްޗަށް ކާރު މަޑުކޮށްލުމުންނެވެ. ފުން ނޭވާއެއް ލުމަށްފަހު ދުވެފައިގޮސް ރަމްލާ ގެ ދޮރުގައި އާއިދު ޓަކި ދިނެވެ. މާގިނަ އިރުތަކެއް ނުވަނީސް މަޑުމަޑުން ދޮރު އެ ހުޅުވާލީ އާއިދުގެ ހިތް ދެވިފައިވާ ރަމްލާއެވެ. ކަޅި ޖަހާނުލައި އާއިދަށް އެތަށް އިރެއްވަންދެން ރަމްލާގެ މޫނަށް ބަލަން ހުރެވުނެވެ. އެތަށްދިގު އިންތިޒާރަށްފަހު އާއިދު ފެނުމުން ރަމްލާގެ ހިތް އުފަލުން ނަށަމުންދިޔައެވެ.

އާއިދު… އަހަރެން..

އިތުރަށް އެންމެ ލަފުޒެއްވެސް ނުބުނެވެނީސް ރަމްލާގެ އަނގަ މަތީގައި އާއިދު އަތް އެޅިއެވެ.

އަދި މަސްތީ ރާގަކުން އާއިދު ކިޔަންފެށިއެވެ.

ހުރެލަން ބޭނުމޭ އަރިހުގާ، ދުރުކޮށްލަން އުދާސް ހިތުގަވާ.. ނިމިދާނީ އެކީ އުޅެމިތާ، ލެވިދާ ފަހު މިނޭވާ މިތާ. ހިއްސާކޮށްލަމޭ ލޯބި ވާވަރު، ނުމެދާނަން އެކަނިކޮށް ތިމާ އަދު، ހުވައޭމީ ހިތަށް މިއަދު ވާވަރު، ދޫކޮށް ދެން ނުދާނަން ހިތާ އަދު…

ރަމްލާ ވީ އުފަލުން ބޭއިޙްތިޔާރުގައި އާއިދުގެ ގައިގާ ބައްދާލެވުނެވެ. އަދި ދިގު އިންތިޒާރަކަށްފަހު ހިތުގައިވާ ލޯބި ލިބުނީތީ އެކަމާ އުފާ ކުރިއެވެ.

– ނިމުނީ-

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒަހްރާ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް