ޕްރޮޑިއުސަރުން ފިލްމެއް ތައްޔާރުކޮށް ބެލުންތެރިންނާއި ހަމައަށް ގެނެސްދެނީ ވަރަށް ފޮނި އުއްމީދު ތަކަކާއި އެކުގައެވެ. ކާާމިޔާބު ފިލްމަކަށް ވުމުގެ އުއްމީދެވެ. ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވުމުގެ އުއްމީދެވެ. ފިލްމަށް ޚަރަދުކުރި ފައިސާއިން އެދެވޭ ނަފާއެއް ލިބޭނެކަމުގެ އުއްމީދެވެ.
މިއަދު ދިވެހިރާއްޖޭގައިވެސް ފިލްމެއް އުފައްދަނީ ހަމަ އެކަނި ހާހުން ދެހާހުން ޚަރަދުކޮށްގެންނެއް ނޫނެވެ. މިއަދު މިއީވެސް މިލިޔަނުން ކުރެވޭ އިންވެސްޓް ތަކެކެވެ. ފިލްމު އުފައްދާ ފަރާާތުން އުއްމީދު ކުރާާނީ ބޮޑު ނަފާއެއް ލިބުމަށެވެ. ނަމަވެސް ބައެއް ފަހަރަށް މި އުއްމީދު ރޫޅިގެންދަނީ ކޮންމެވެސް މީހެއް، ނުވަތަ ބައެއްގެ އިހުމާލުންނެވެ. ފިލްމު ބެލުންތެރިއެއްގެ ފަރާތުން ކަމަށްވެސް ވެދާނެ އެވެ. ނުވަތަ ރަށްރަށުގައި ފިލްމު ސިނަމާ ކުރުމަށް ފިލްމު ހިފައިގެން ދާ ފަރާތުގެ އިހުމާލުން ކަމަށްވެސް ވެދާނެ އެވެ. އެގޮތުން ފާތުމަތު ނަހުލާ ގެ ފިލްމު ‘ޔޫސުފް’ ލީކްކޮށްލުމުގެ ހާދިސާ އާއި ދާދިފަހުން ‘ނޯޓީ40’ ލީކްކޮށްލުން ހާދިސާ އަކީ ފާހަގަކޮށްލެވޭ ދެ ހާދިސާ އެވެ.
ދައްކަން މިއުޅެނީ ފިލްމު އުފައްދާ ފަރާތްތަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއްގެ ވާާހަކަ އެވެ. އަދި މިއަދު އެ ގޮންޖެހުން އެއްކޮށް ހައްލު ނުވިޔަސް، ރަށްރަށަށް ފިލްމު ހިފައިގެންދާ ‘ބަރާބަރު އެޖެންޓެއް’ އުފެދި، ޕްރޮޑިއުސަރުންގެ ސިކުނޑިއަށް ލުޔެއް ލިބުނު ވާހަކަ އެވެ. މިއީ ނެށުމުގެ ދާއިރާގެ އިތުރުން ފިލްމީ ދާއިރާ ގައި މިއަދު ފައިތަލަ ސާބިތުކޮށްފައިވާ ‘ސްޓެޕް އައްޔަ’ ގެ ވާާހަކަ އެވެ.
ފިލްމީ ދާއިރާ އާއި ތަންކޮޅެއް ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު 2016 ވަނަ އަހަރު ސްޓެޕް އައްޔަ ނުވަތަ ޢަލީ ޝާހިދު ފިލްމީ ދާއިރާއަށް އަލުން އަނބުރައި ގެނެސްދިނީ މަޝްހޫރު އެކްޓަރ އަޙްމަދު ސަޢީދު އެވެ. ފިލްމީީ ދާާއިރާގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ކުރިމަތީގައި ޢަލީ ޝާހިދަކީ ހަމައެކަނި ނެށުމަށް ސްޓެޕް ހެދުމުގެ އިތުރަށް ފިލްމީ ދާއިރާގެ ތަފާތު މަރުހަލާ ތަކުގައި ސްޓެޕަކަށްފަހު ސްޓެޕެއް އަޅަމުންގޮސް ފައިތިލަ ސާބިތުކޮށްލާނެ އިޚްލާސްތެރިއެއްކަން ދައްކައިދިނުމަށް ފުރުޞަތު ލިބުނީ ސައީދުގެ ފަރާތުން ކަން ސްޓެޕް އައްޔަ ފާހަގަކުރަނީ ޝުކުރުވެރިކަމާއި އެކުގައެވެ.
“2016 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ރާއްޖޭގެ 100 އަށްވުރެން ގިނަ ރަށްރަށުގައި ފިލްމު ދެއްކުމަށް އަޅުގަނޑަށް ދެވިއްޖެ. އެއީ އެކިއެކި ޕްރޮޑިއުސަރުންގެ ފިލްމުތައް. ޔޫއްޕެ، ޝަފީޤް، މާއެނބޫ ގެ ފިލްމުތައް ހިފައިގެން ރަށްރަށަށް ފިލްމު އެޅުވުމަށް އަދި ފިލްމު ޕްރޮމޯޓްކުރުމަށް ދެވިއްޖެ.” މިވަގުތު ފާތިމަތު ނަހުލާގެ ފިލްމު ‘ބޮސް’ ދެއްކުމަށް ނ. އަތޮޅުގެ ރަށްތަކުގައި ހަރަކާތްތެރިވަމުންދާ ޢަލީ ޝާހިދު ބުންޏެވެ.
އެކްޓަރ އަޙްމަދު ސައީދު ބުނީ ފިލްމުތައް ލީކްވަމުން އަންނަ މިފަދަ ދުވަސްވަރެއްގައި ސްޓެޕް އައްޔަ އަތަށް އެއްވެސް ޖެހިލުންވުމެއް ނެތި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފިލްމު ހަވާލުކުރާނީ ސްޓެޕް އައްޔަގެ ފަރާތުން ފިލްމު ލީކުވުންފަދަ އިހުމާލުވުމެއް ފެނިފައި ނުވާތީ އާއި ކުރެވޭ އިތުބާރުގެ ބޮޑުކަމުންނެވެ.
“އެޖެންޓެއްގެ ގޮތުގައި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަޅުގަނޑު އިޚްތިޔާރުކުރަނީ އަޅުވަން ހަވާާލުކުރާ ފިލްމު ލީކު ނުކުރާނެ ކަމުގެ އިތުބާރު އޮންނާތީ ކަމަށް ޤަބޫލުކުރެވެނީ.” ޢަލީ ޝާހިދު ބުންޏެވެ. އޭނާ އިތުރަށް ބުނީ ފިލްމެއް އެޅުވުމުގެ މަސައްކަތާއި ހަވާާލުވުމަށްފަހު މަސައްކަތް ކުރަނީ ވަރަށް ކުރާހިތުންނެވެ. އެއްމެންނަށްވެސް ފައިދާވާނެ ގޮތަށް ވިސްނައިގެން ނެވެ. އެގޮތުން ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރުމާއި ރަށްރަށަށް ދިއުމުގެ ކުރިންވެސް ރަށްރަށުން ހަމަޖައްސާ އެޖެންޓުންނާއި ބަރާބަރަށް ގުޅައިގެން ކަންތައްތައް ކުރިއަށްދާގޮތް ވަރަށް ކައިރިން ބަލާކަމަށްވެސް އައްޔަ ބުންޏެވެ. ނަތީޖާއެއްގެ ގޮތުން އައްޔަ ގެ ވެސް މަސައްކަތާއި އެކު ޕްރޮޑިއުސަރުންނަށް ލިބޭ ފައިދާ އިތުރުވެފައިވާކަން ފާހަގަ ކުރެއެވެ.
ފިލްމު ‘ބައިވެރިޔާ’ ގެ އެއް ޕްރޮޑިއުސަރ ޝަފީޤް ބުނީ ރަށްރަށަށް ފިލްމު ދެއްކުމަށް އައްޔަ ދާންފެށި ފިލްމެއް ކަމަށް ‘ބައިވެރިޔާ’ ވާނެ އެވެ. އެ ފިލްމު ރާއްޖޭގެ އެއްމެ ގިނަ ރަށްރަށުގައި އެޅުވުމަށް އެޖެންޓެއްގެ ގޮތުގައި ވަރަށް ތެދުވެރިކަމާއިއެކު އައްޔަ މަސައްކަތް ކޮށްފައި ވާކަމަށްވެސް ޝަފީޤް ބުންޏެވެ. ‘ބައިވެރިޔާ’ އެޅުވިތާ މިއަދާއި ހަމައަށް މިހާ ދުވަސްވެފައި ވާއިރު އެ ފިލްމު ލީކްވެފައި ނުވާކަން ފާާހަގަކުރަމުން ޝަފީޤް ބުނީ އެއީވެސް އައްޔަ ގެ ތެދުވެރިކަން ހާމަކޮށްދޭ ކަމެއް ކަމުގައެވެ.
ސްޓެޕް އައްޔަ ވަނީ މީ-ޕްރޮޑަކްޝަން އިން އުފެއްދި ފިލްމު ‘ނޭދެން ވަކިވާކަށް’ ގައި ހަރަކާތްތެރިވުމުގެ އިތުރުން ފިލްމު ސިނަމާކުރުމަށް އަތޮޅުތެރެއަށް ދަތުރުތަކެއް ކޮށްފަ އެވެ. ފިލްމު ގެ ޕްރޮޑިއުސަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ބުނީ ސްޓެޕް އައްޔަ އަކީ ވަރަށް އިތުބާރުކުރެވޭ، މަސައްކަތަށް އިޚްލާސްެރިއެއް ކަމަށެވެ. އަދި މިއަދާއި ހަމައަށް އެނބޫމާ ޕްރޮޑަކްޝަން (މިހާރު ‘މީ-ޕްރޮޑަކްޝަން’) ގެ މުވައްޒަފެއްގެ ގޮތުގައި ގެންގުޅެމުން އަންނަނީ ވަރަށް ބޮޑަށް އިތުބާރުކުރެވޭތީ ކަމަށްވެސް މާއެނބޫ ފާހަގަ ކުރި އެވެ.
މީގެ އިތުރުން މިއަހަރު ރިލީޒް ކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު ‘ނޯޓީ40’ ރަށްރަށުގައި ދެއްކުމަށް އެއްމެ ގިނަ ދަތުރުތައް ކޮށްފައިވަނީވެސް އައްޔަ އެވެ. އެގޮތުން ވަރަށް ގިނަ ރިޒޯޓްތަކުގައި ފިލްމު ސިނަމާކުރުމަށްވެސް އައްޔަ ދިޔަކަން ފާހަގަކޮށްލެވެ އެވެ.
ރާއްޖޭގެ އެއްމެ ފުންނާބު އުސް ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ ގެ ފިލްމު ‘ބޮސް’ އެޅުވުމަށް މިހާރުވެސް އަތޮޅުތެރޭގައި ހަރަކާތްތެރިވަމުން އަންނަ ސްޓެޕް އައްޔަ އަށްވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފިލްމު ސިނަމާކުރަން ދިއުމަށް ފުރުޞަތު ލިބިފައެވެ. އެގޮތުން ފ. އަތޮޅާއި އއ. އަތޮޅުގެ ރަށްތަކެއްގައި ފިލްމު ‘ބޮސް’ ދެއްކުމަށްފަހު މިހާރު އައްޔަ ހުރީ ނ. އަތޮޅުގައެވެ. ނ. އަތޮޅުގެ ރަށްތައް ނިންމުމަށްފަހު މިމަހުގެ 21 ން 27 އަށް ތ. އަތޮޅުގެ 6 ރަށަކަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
‘ބޮސް’ ގެ ޕްރޮޑިއުސަރ ނަހުލާ ބުނީ ‘ބޮސް’ ސިނަމާކުރުމުގެ ޓީމްގައި އައްޔަ ހިމެނީ އައްޔަ އަށް ވަރަށް ބޮޑަށް އިތުބާރު ކުރެވޭތީ ކަމަށެވެ. އަދި އެހެން ޕްރޮޑިއުސަރެއްވެސް އައްޔަ އާއި ހަވާލުކުރުމަށް ރިކޮމެންޑް ކުރުމުން ކަމަށްވެސް ނަހުލާ ފާހަގަކުރިއެވެ.
“އިތުބާރުކުރާ މީހުން އަތަށް ފިލްމު ދެނީ. ދާއިރާގެ ބައެއް އެހެން މީހުންވެސް އިތުބާރުކުރާ މީހަކަށް ވާތީ. ވަރަށް ރަނގަޅަށް މަސައްކަތް ދަނީ. ވަރަށް ހިތްހަމަޖެހޭ.” އައްޔަ އަށް ފިލްމު ބޮސް ހަވާލުކުރުމާއި މެދު ހިތްހަމަޖެހިފައި ހުރި ނަހުލާ ބުންޏެވެ.
ނަހުލާ ގެ ފިލްމު ސިނަމާކުރުމުގެ މަސައްކަތް ލިބުމުން މިވަގުތު ވަރަށް ހަރަކާތްތެރިކޮށް ފިލްމު ޕްރޮމޯޓްކުރުމާއި ސިނަމާ ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ސްޓެޕް އައްޔަ ބުނީ ‘ބޮސް’ އަކީ މިއަދުގެ ޒުވާން ޖީލަށް ވަރަށް ކަމުުދާނެ އިބްރަތްތެރި މޮޅު ފިލްމެއް ކަމަށެވެ. ‘ބޮސް’ ފިލްމުވެސް ސްޓެޕް އައްޔަ ގެންގުޅެމުން ދަނީ ‘ބޮސްދޭހާ ލޯބިން ނަހުލާ އާއި ޝިނާން އޭނާއަށް ކުރި އިތުބާރުގެ އަގު ހިފަހައްޓަމުންނެވެ.
އައްޔަ އަށް އިތުބާރުކޮށް ފިލްމު ހަވާލުކޮށްފައިވާ ޕްރޮޑިއުސަރުން ނަށް އައްޔަ ގެންދަނީ ވަރަށް އިޚްލާސްތެރިކަމާއިއެކު މަސައްކަތް ކޮށްދެމުންނެވެ. އެ ފަރާތްތަކަށް އައްޔަ ގެ ހިތުގައި އުފެދިފައިވަނީ އިހްތިރާމެވެ. އައްޔަ އެ ފަރާތްތަކަށް އިޚްލާސްތެރި ހިތަކުން ޝުކުރު އަދާކުރަނީ ފިލްމު ދެއްކުމަށް ރަށްރަށަށް ދިއުމުގެ މަސައްކަތަކީ ވަރަށް ބޮޑަށް ކުރާހިތުން ކުރާ ކަމެއްކަން ފާހަގަ ކުރަމުންނެވެ.
ފިލްމު ސިނަމާ ކުރުމަށް މިވަގުތު ރާއްޖޭގައި ހުރި އެއްމެ ‘ބަރާބަރު އެޖެންޓް’ ގެ ގޮތުގައި އައްޔަ ހަރަކާތްތެރިވަމުން ދިއުމަކީ ހަމަ ގައިމުވެސް ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް އަދި ދިވެހި ފިލްމީ ދާާއިރާއަށް ވެސް ލިބިގެންދާ ކުރިއެރުމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!