“މުނިއަވަސް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1441″ގެ ނަމުގައި އޮންލައިންކޮށް ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތަކީ މުނިވަސް އޮންލައިން ނޫހުގެ ފަރާތުން އިންތިޒާމުކޮށްގެން، “އިއްޔާ ރެކޯޑްސް” އާއި “ޑީބީ ރެކޯޑްސް”ގެ ހެޔޮއެދުންތަކާއެކު ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މަޤުޞަދަކީ ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިއުފެއްދުމާއި އަދި ޤުރުއާން ކިޔަވައި އެކަމުން ކުރިޔަށް ދިޔުމަށް ހިތްވަރުދިނުމެވެ.


ބައިވެރިވުން

– މި މުބާރާތުގައި ބައިވެރި ވެވޭނީ އުމުރުން 07 އަހަރާއި 11 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންނަށެވެ. އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 މެއި 2020 އަށް 07 އަހަރު ފުރިފައިވުން އަދި 01 މެއި 2020 އަށް 12 އަހަރުވެފައި ނުވުން.

– މުބާރާތުގައި ކުދިން ބައިވެރި ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 08 މެއި 2020 ވާ ހުކުރު ދުވަހުން ފެށިގެން 13 މެއި 2020 ބުދަދުވަހުގެ ހަވީރު 16:00 ނިޔަލަށް މި ނޫހުގެ ވައިބަރ ނަމްބަރަށް ބައިވެރި ކުރުވަން ބޭނުންވާ ކުއްޖާގެ އައިޑީކާޑުގެ ފޮޓޯއެއް ފޮނުވައި، ނަން ނޯޓުކުރަން ވާނެއެވެ.

– ބައިވެރިންގެ ކިޔެވުމުގެ ވީޑިއޯތައް ފޮނުވަން ޖެހޭނެ މުއްދަތަކީ 14 މެއި 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 20 މެއި 2020 ވާ ބުދަ ދުވަހުގެ ރޭ 23:00 ގެ ކުރިންނެވެ.

– މި ނޫހުގެ ވައިބަރ ނަމްބަރަކީ 7668101 އެވެ.

– މުބާރާތުގެ ބައިވެރިންނަށް އަންގަން ޖެހޭ އެންގުންތައް އެންގުމާއި މުޢަމަލާތު ކުރުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، މިކަމަށް ޚާއްޞަ ވައިބަރ ގުރޫޕެއް މެދުވެރިކޮށެވެ. ވުމާއިއެކު މުބާރާތުގައި ކުދިން ބައިވެރިކުރުވާ ފަރާތްތަކުން މި ނޫހުން އުފައްދާ ވައިބަރ ގުރޫޕުގައި ހިމަނަން ބޭނުންވާ ވައިބަރ ނަމްބަރު ފޮނުވަން ވާނެއެވެ.

– އިތުރު މަޢުލޫމާތު ހޯދުމަށް 7945805 ،9957171

ކިޔަވަންޖެހޭ މިންވަރު

– މި މުބާރާތުގެ މުޤައްރަރަކީ ކީރިތި ޤުރުއާންގެ ފަހު ދެފޮތެވެ. ކީރިތި ޤުރުއާންގެ (29 ފޮތާއި 30 ވަނަ ފޮތް) މި ދެފޮތުން އެ ކުއްޖަކު ބޭނުން ހިސާބަކުން ކިޔެވުމުގެ އިޚުތިޔާރު އެކުއްޖަކަށް ލިބިގެން ވެއެވެ.

– ކިޔެވުން ރެކޯޑްކުރަން ޖެހެނީ 05 ފޮޅުވަތަށް ވުރެ ކުރު ނޫން އަދި 06 ފޮޅުވަތަށް ވުރެ ދިގު ނުވާނެ މިންވަރަށެވެ.

ވީޑިއޯ ރެކޯޑްކުރުން

– ކިޔެވުން ރެކޯޑްކުރަން ޖެހެނީ ބެލެނިވެރިން އަމިއްލަފުޅަށެވެ.

– ވީޑިއޯ ރެކޯޑްކުރާއިރު ކުއްޖާއާއި އަދި އެ ކުއްޖާގެ އަޑު ވީހާވެސް ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

– ވީޑިއޯ ކުރަންވާނީ ލޭންޑުސްކޭޕްކޮށް 16:9 ފްރޭމްކޮށެވެ.

ވީޑިއޯ ރެކޯޑްކުރުމަށް މިގޮތަށް ފޯނު ހިފަހައްޓައި 16:9 ފްރޭމްގައި ރެކޯޑްކުރައްވާށެވެ.

ފަނޑިޔާރުން

– މިމުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ކީރިތި ޤުރުއާން ޢިލްމާއި އުނގަންނައިދިނުމުގެ އިލްމާޢި ތަޖުރިބާ ލިބިލައްވާފައިވާ މި ދާއިރާއިން ފުންނާބު އުސް ދެ ބޭފުޅުންނެވެ.

– އެގޮތުން، މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާނީ 2016 ވަނަ އަހަރު ޕީއެސްއެމް އިން ބޭއްވި “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުން” ފަޚްރުވެރި 01 ވަނަ ޙާޞިލްކުރެއްވި އާދަމް ނަޞީމް ގެ އިތުރުން ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން އެވެ. އާދަމް ނަޞީމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން އުނގަންނަވަދެއްވުމުގައި ތަޖްރިބާ ލިބިލައްވާފައިވާ މި ފަންނުގައި އަރައި ހުންނެވި ބޭފުޅެކެވެ. ހަމަ އެހެންމެ މުޙައްމަދު އުޘްމާން އަކީ ރާއްޖޭގައި ކީރިތި ޤުރުއާން އުނގަންނަވައިދެއްވުމުގައި އެތައް އަހަރެއްގެ ތަޖްރިބާ ލިބިލައްވާފައިވާ ޤާރީއެކެވެ.

އާދަމް ނަޞީމް އަދި މުޙައްމަދު އުޘްމާން

ވަނަ ހޮވުން

– މި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ.

– މުޅި މުބާރާތުން 01ވަނަ: މި ވަނަ ލިބިގެންދާނީ ފަނޑިޔާރުންގެ މާކުހުން އެންމެ މަތި ލިބޭ ކުއްޖަކަށެވެ.

* 01 ވަނައަށް ހޮވޭ ކުއްޖަކަށް 3500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

– މުޅި މުބާރާތުން 02ވަނަ: މި ވަނަ ލިބިގެންދާނީ ފަނޑިޔާރުންގެ މާކުހުން ދެވަނައަށް އެންމެ މަތި ލިބޭ ކުއްޖަކަށެވެ.

* 02 ވަނައަށް ހޮވޭ ކުއްޖަކަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

– މުޅި މުބާރާތުން 03ވަނަ: މި ވަނަ ލިބިގެންދާނީ ފަނޑިޔާރުންގެ މާކުހުން ތިންވަނައަށް އެންމެ މަތި ލިބޭ ކުއްޖަކަށެވެ.

* 03 ވަނައަށް ހޮވޭ ކުއްޖަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

– މުނިއަވަސްގެ ކިޔުންތެރިންގެ އެންމެ މަޤުބޫލު ކިޔެވުން: މި ވަނަ ހޮވުމަށް ހަމަޖެހިފައިވާ ގޮތަކީ މުބާރާތުގެ ހުރިހައި ކިޔެވުމެއް މުނިއަވަސްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމަށްފަހު އެންމެގިނަ ލައިކްސް އާއި ޝެއާރ ލިބޭ ކިޔެވުމަކަށެވެ.

– މި ވަނައަށް ހޮވޭ ކުއްޖަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

– މުބާރާތުގެ ނަތީޖާ، މުނިއަވަސްގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް، ވީޑިއޯ އެއްގެ ޒަރީޢާއިން އާއްމުކުރެވޭނެ އެވެ.

ސްޕޮންސަރުން

– މި މުބާރާތް ސްޕޮންސާކުރައްވާފައިވަނީ ‘އިއްޔާ ރެކޯޑްސް” އާއި “ޑީބީ ރެކޯޑްސް” އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.