އެއީ ހަވީރުގެ ވަގުތެވެ. އަތިރިމަތީގައި ހުރި ގަހެއްގައި އެލުވާފައި އޮތް އުނދޯއްޔެއްގައި އިށީނދެލައިގެން އިނީ އެކުވެރިއެއްގެ އިންތިޒާރުގައެވެ. އެކުވެރިޔާ ތަންކޮޅެއް ލަސްވުމުން މޫދާ ކައިރިވެލީމެވެ. މޫދުގައި ނަށަމުންދާ ކުދިކުދި މަސްތަކާއި ދިމާއަށް ކުޑައިރުކޮޅަކު ބަލަން ހުރެވުނެވެ. އެވަގުތު ހިތަށް އަރަމުންދިޔައީ އެސޮރުމެން، އެސޮރުމެންގެ މާހައުލުގައި އުޅެމުން އެ ގެންދަނީވާ ހާދަހާ މިނިވަންކަމާ އެކުގައެވެ. އެކަމަކު ޙަޤީޤަތަކީ އެ މިނިވަންކަމުގައި ދެމިތިބެވޭނީ ކިހާއިރަކު ކަމެއް ޚުދު އެސޮރުމެންނަކަށްވެސް ނޭނގޭނެކަމެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ މިނިވަންކަން ނިގުޅައިގަނެވި މިދުނިޔެއިން އެސޮރުމެންގެ ވަސް ފޮހެވިގެން ހިނގައިދާނެއެވެ. އެސޮރުމެންނަށްވުރެ ބޮޑުމަހެއް އައިސް އެސޮރުމެންނަކީ އޭގެ ކެއުމަކަށް ހަދައިލަފާނެއެވެ. މިއީ މިއަދު މިދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ހިނގަމުންދާ ޤާނޫނެވެ. ވަށައިގެން މުޅި ދުނިޔެއަށް ނަޒަރު ހިންގައިލި ނަމަވެސް ތަކުރާރުވަމުން ދަނީ ހަމަ އެއް މިސާލެކެވެ. މިޤުދުރަތީ ރީތި މަންޒަރު ބަލައިލާ ދުނިޔޭގެ ދިރިއުޅުމާ ދޭތެރޭ ވިސްނައިލުމަށް އިރުކޮޅަކު ހުރެވުނެވެ.
ހަވީރުގެ ފިނި ހިޔާ ޖެހި އިރުއޮއްސެން ކައިރިވަމުން ދިޔަ ވަރަކަށް އިރަށް އަރަމުންދިޔަ ކުލަވެސް ދިޔައީ ގަދަވަމުންނެވެ. ދަތުރުކުރަމުން ދިޔަ ރީތި ހުދު ވިލާތަކަށްވެސް ވެރިވަމުން ދިޔައީ ބުނެދޭން ނޭނގޭހައި ރީތި ކުލަތަކެކެވެ. އެކުވެރިޔާ އާދޭތޯ ބަލައިލުމުގެ ނިޔަތުގައި ރަށުގެ އެއްދިގުން އަނެއްދިގަށް ސީދަލަށް އޮތް ރީތި ދިގުމަގާ ދިމާއަށް ހިނގައިގަތީމެވެ. އެވަގުތު ލިބިގެން ދިޔައީ ކުއްލި ހައިރާންކަމެކެވެ. ދުވަހަކުވެސް ފެނިފައި ނުވާހައި ރީއްޗެވެ. ހިތާހިތާ ކިޔާލެވުނެވެ. ވާއޯ، ސަހަރޯއެވެ. ފަރި ހިނގުމެއްގައި ހިނގަމުން އައިސް އަރައި ހަމަވިއިރަށް ބޭއިޚްތިޔާރުގައި ހަތަރުކަޅި ހަމަކޮށްލެވުނެވެ. ލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. އާނއެކެވެ. ހަމަ ހޫރުޕަރީއެއް ފަދައެވެ. އެ ރީތި ޒުވާނާ ފަސްދީ ދިއުމުންވެސް ބަލަހައްޓައިގެން ހުރެވުނެވެ. ކުއްލިއަކަށް އެކުވެރިޔާ އައިސް ކޮނޑުގައި އަތްޖަހައިލުމުން ސިއްސައިގެންގޮސް އަހައިލެވުނެވެ.
“އެއީ ކޮން ކުއްޖެއްތަ؟ ކޮން ގެއެއްގެ ކުއްޖެއްތަ؟” އެއްފަހަރާ މިފަދަ އެތައް ސުވާލެއް ކޮށްލެވުނެވެ. ވީގޮތް އެކުވެރިޔާއަށް ކިޔައިދިނުމަށްފަހު އެޒުވާނާ އަހަރެންގެ މިލްކަކަށް ހަދަން ބޭނުންވާ ވާހަކަ ބުނުމުން އަހަރެންގެ ހުރިހައި ސުވާލަކަށް ޖަވާބުދިނެވެ. ބޭނުންވި ހުރިހައި ސުވާލަކަށް ޖަވާބު ލިބުމުން ވާހަކަ ބަދަލުކޮށްލީމެވެ.
“ނާއިސް ކޮބާ ހަވާލުކުރި ކަންތައް ކިހާ ހިސާބަކަށް ގޮއްސިތަ؟ މިހާރު އެއޮއް އިރުވެސް އޮއްސުނީނު.” ނާއިސްގެ އިންތިޒާރުގައި އަހަރެން ގަޑިއެއްހައިއިރު ހޭދަ މިކުރީ މިރަށުގައި ހުންނާނެ ކޮޓަރިއެއް ހޯދަން ފޮނުވާފައެވެ.
“މަސައްކަތް ފުރިހަމަކޮށްފިން. ކޮޓަރިއެއް ހަމަޖެހިފަ ހުރީ. މުޅި ރަށުގަ ދުއްވައިފަ މިއައީ، އެކަމުވެސް އަތިރިއާ ކައިރިން ހަމަޖެހޭތޯ އުޅުނީމަ ލަސްވީ.” ނާއިސްއަކީ ސުކޫލް ދައުރުގައި އެކީ ކިޔަވަން އުޅުނު ރައްޓެއްސެކެވެ. ކިޔަވައި ނިމުމަށްފަހު ހަތް އަހަރު ފަހުން ބައްދަލުވިއިރުވެސް އެކުވެރިކަމަކަށް ބަދަލެއް ނާދެއެވެ. މިރަށުގައި ނާއިސް ނޫން އެހެން އެކުވެރިއަކުވެސް ނުހުރެއެވެ.
“ހިނގާ ގެއާ ދިމާއަށް. ކުޑަކޮށް ފުރެޝް ވެލައިގެންނެއްނު ދެން ނިކުންނާނީ.” ނާއިސް މިހެން ބުނުމުން އާނ ހިނގާށޭ އަހަރެންވެސް މިހިރީ ވަރަށް ވަރުބަލިވެފައޭ ބުނެ ހިނގައިގަތީމެވެ.
އަހަރެން ހުރުމަށް ހަމަޖެއްސި ގެއަށް އަހަރެން ގޮވައިގެން ދިއުމަށްފަހު ނާއިސް ދިޔައީ ފެންވަރާލައިގެން އަންނާނަމޭ ކިޔައިފައެވެ. ނާއިސް އަހަރެން ގޮވައިގެން މިގެއަށް އައި މަގުމަތީ މިގޭ މީހުންނަކީ ވަރަށް ހެޔޮ ބައެއްކަމާއި ކޮންމެވެސް ވަރަކަށް ނާއިސްއާ ތިމާގެކަމެއް ހުންނާނެކަމަށް ބުންޏެވެ.
ގެއަށް ވަނުމާއެކު ގެއިން ނިކުތް އަންހެނަކު ވާހަކަ ދައްކަން ފެށިއެވެ. ތެދެކެވެ. ނާއިސް ބުނިފަދައިން ވަރަށް ހިތްހެޔޮ ދައްތައެކެވެ.
“އަނހަ ތިއައީ ދޯ. އާދޭ އެތެރެއަށް. މިހިރީ ކޮޓަރި، ކޮޓަރި ހުންނާނީ ތައްޔާރަށް. މިގެއަކު ނޫޅޭނެ މާގިނަ މީހުންނެއް. އަހަންނާ ފިރިމީހާއާ ދެދަރީން އުޅޭނީ. ދެން ތިބި ކުދިން ވާނީ މާލޭގަ. ކަމަކަށް ބޭނުންވެއްޖެނަމަ މިގޭ ކޮންމެ މީހަކު ގާތު ބުންޏަސް ކޮށްދޭނެ.” އަހަރެން ކުޑަކޮށް ލަދުން ހުރުމުން ދައްތަ ވާހަކަތައް ކުރުކޮށްލިއެވެ. އަހަރެން އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީ ދައްތަ ހުރިހައި އެއްޗެއް އެއްފަހަރާ އަމުނައިލުމުން އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކޮންމެވެސް ތަނަކުން ދެކުނު ހަނދާނެއް ވެގެން ދައްތަ ގާތު އެހެން ބުނަން އުޅެފައިވެސް، އެއްވައްތަރު މީހުން ތަންތަނުގައި އުޅޭނެޔޭ ހިތަށްއަރައިފައި ދައްތަގެ ވާހަކަތައް ނިމުމުން ޝުކުރިއްޔާއޭ، ކަމެއް ބޭނުންވެއްޖެނަމަ އަންގާލާނަމޭ ބުނެ މިދަނީ ކުޑަކޮށް ފެންވަރައިލާށޭ ބުނެ ކޮޓަރިއަށް ވަނީމެވެ.
ފެންވަރައިގެން ނިކުމެ ގޭތެރެއަށް ބަލައިލީމެވެ. މިގެއަކީ ޒަމާނީ ފެންވަރަށް ހަދައިފައި ހުރި މިހާރުގެ ގެއެވެ. ގޭގައި މުޅި ޖުމްލަ ތިން ކޮޓަރިއާއި ސިޓިންގ ރޫމެއް ފެންނަން ހުއްޓެވެ. ގޭތެރޭގެ އެކި ދިމާއިން ފެންނަން ހުރީ ވަރަށްވެސް ތަނަވަސް ޒަމާނީ ދިރިއުޅުމެއް އުޅެމުން ގެންދާ ޢާއިލާއެއްގެ ނިޝާންތަކެވެ.
ކޮޓަރިން ނިކުތްއިރު އެއްވެސް މީހަކު ގޭތެރެއިން ފެންނަން ނެތުމުން ގެއިން ބޭރަށް ނިކުތީމެވެ. ބޭރަށް ނިކުތްއިރު ބޭރުގައި ހުރި ޖޯލިފައްޗެއްގައި މީހަކު އޮތެވެ. މިގޭ ދައްތަ ކިޔައިދިން ގޮތުން އެއީ ދައްތަގެ ފިރިމީހާކަން އެނގުނެވެ. އަހަރެން ހަމަ ނިކުންނައިރަށް އެމީހާ ވާހަކަދައްކަން ފެށިއެވެ.
“އަނހަ.. ތިޔަ ނިކުތީ ދޯ. މި އޮންނަނީ އަންހެނުން ކާން ގޮވީމަވެސް، ކޮއްކޮ ނިކުންނަންދެން. ހިނގާ ކާންދަމާ.” އަހަރެން ބޭބެއާ ކައިރިވެލައިފާ ބޭބެ ގާތު އިހަށް ހިނގާށޭ މިސްކިތެއް ދައްކާލަން ބުނުމުން، އާނ ހިނގާށޭ މަވެސް މިހިރީ އަދި އިޝާ ނަމާދު ނުކޮށޭ ބުނެ ޖޯލިން ތެދުވިއެވެ. ޖޯލިން ތެދުވެ ހިނގައިގަންނަމުން “ހައްވާއޭ އަންނާނަމޭ މިސޮރަށް މިސްކިތް ދައްކައިފަ” މިހެން ބުނެ ހިނގައިގަތެވެ. މިސްކިތަށް ދިޔަ މަގުމަތީގައި ބޭބެ އަހަރެންގެ ނަން އޮޅުންފިލުވިއެވެ.
“ކޮއްކޮއަށް ކިޔަނީ ކޮން ނަމެއްތަ؟” އަހަރެންގެ ނަން އެހުމުން އަހަންނަށް ކިޔަނީ ސިޔާންއޭ ބުނެ ރަށާއި އާއިލާއާބެހޭ މަޢުލޫމާތު ދިނުމުން ބޭބެ ކުޑަކޮށް ހުއްޓުން އެރިއެވެ. އާނއެކެވެ. އަނެއްކާވެސް އިއްތިފާޤެކެވެ. އަދުހަމްބެއަކީ ކުޑައިރު އަހަރުމެން ރަށުގައި އުޅުނު މީހެކެވެ. ކޮންމެވެސް ވަރަކަށް އަހަރެންގެ މާމަމެންނާ އަދުހަމްބެ ތިމާގެ ވާހަކަވެސް ބުންޏެވެ. އަދި އަހަރެންގެ ބޭބެއެއް މިރަށަށް އައިސް ހުންނަނީ އަދުހަމްބެމެން ގޭގައި ކަމަށް ބުނެ ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. މިސްކިތާ ހަމައަށް ދެވުނުއިރު މިގޮތަށް އެތައް ވާހަކައެއް އަހަރުމެން ދެއްކީމެވެ.
މިސްކިތަށް ގޮސް ނަމާދުކޮށް އަވަދިވެގެން ގެއަށް އައިސް ވަނުމާއެކު ސިޓިންރޫމުގައި އިން ހައްވައްތައަށާއި އޭނާގެ ހަގު އަންހެން ދަރިއަށް އަދުހަމްބެ އަހަރެން ތަޢާރަފް ކޮށްދިނެވެ. އަހަރެންގެ ބޭބެ ވާހަކަ ބުނެ މިއީ އޭނާގެ ކޮއްކޮއެއް ކަމަށް ބުނެ މިސޮރަށް ވަރަށް ކަމޭހިތަން ވާނެކަމަށް ބުނެ އަހަރެން ކިޔައިދިން ހުރިހައި ވާހަކައެއް އެ ދެމައިންނާ ހިއްސާކުރިއެވެ. އެއަށްފަހު ވަރަށް އެކުވެރި މާހައުލެއްގައި ތިބެ ތަފާތު މަޖާ ވާހަކަތައް ދައްކައި، ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު އަހަރެން ދެން މިދަނީ ނިދާލާށޭ ބުނެ ކޮޓަރިއަށް ވަނީމެވެ.
ކޮޓަރިއަށް ވަދެ އަހަރެންގެ ފޯނު ބަލައިލިއިރު ތިން މިސްކޯލް އޮތުމުން ކާކުތޯ ބެލިއިރު އެކުވެރިޔާ ނާއިސްއެވެ. ލަސްނުކޮށް އަވަސްއަވަހަށް ނާއިސްއަށް ގުޅީމެވެ. ފޯނު ހަމަ ރިންގުވާން ފެށިއިރަށް ނާއިސް ފޯނު ނެގިއެވެ. ފޯނު ނެގިގޮތަށް ނަގައި ސަމާސާ ރާގަކަށް “ކޮންތާކު ތިއުޅެނީ، ވީގޮތެއް ނޭނގިގެން ފުލުހުންނަށް އަންގަން އުޅެނިކޮށް ތިގުޅީ” މިހެން ބުނެލިއެވެ. އަހަރެން ވަރަށް ބޮޑަށް ސޮރީއޭ މިސްކިތަށް އަރަންވެގެން ރިންގު އޮފްކޮށްލި ގޮތަށް ހަނދާން ނެތުނީއޭ ބުނީމެވެ. ނާއިސް އޯކޭއޭ ބުނެ ހިނގާށޭ އެއްޗެއް ކާންދާން، މަމިދަނީ ތިގެއަށޭ ބުނުމުން އަހަރެން، ނޫނެކޭ މިގޭ މީހުންނާ އެއްކޮށް ދެންމެ ކައިގެނޭ މިވަނީ ބުނެ މިރޭ ދެން ނިދާލާނީ ކަމަށް ބުނުމުން އޯކޭއޭ މާދަމާ ގުޅާނަމޭ ބުނެ ނާއިސް ފޯނު ބޭއްވިއެވެ. ނާއިސް ފޯނު ބޭއްވުމުން ފޯނު އެލާމްކޮށް ދަބަހުން ކެމެރާ ނަގައި ކެމެރާގެ ބެޓެރީ ޗާޖުކުރުމަށް ޗާޖަށް ޖަހައި ބޮކި ނިއްވާލުމަށްފަހު ނިދަން އޮށޯތީމެވެ.
ނިދަން އޮށޯވެ އެތައް އިރެއް ވާންދެން ފުރޮޅިފުރޮޅި އޮވެވުނެވެ. އާއްމުކޮށް ނިދާތަން ބަދަލުވާއިރަށް، ފުރަތަމަ ރޭ ނިދުން އެއީ އެހާ ފަސޭހައިން ވާނެކަމެއް ނޫނެވެ. މިކަހަލަ ރޭރެއަށް ހިތްވަރުކޮށްލާފައި ނިދޭތޯ މަސައްކަތް ކުރަނީއެވެ. އެކަމަކު މިރޭ އެހެން ރޭރޭ ނުވާފަދަ އިހުސާސްތަކެއް ވާކަން ކަށަވަރެވެ. ކުޑަކޮށް ވިސްނާލައިފީމެވެ. ތެދެކެވެ. ޔަޤީނުންވެސް ހަނދާނުން ފޮހެނުލެވޭނެފަދަ މަންޒަރެއް މިއަދު މިރަށުން ވަނީ ފެނިފައެވެ. ހަނދާނަށް އަންނަމުން ދިޔައީ އެ ފަރި ހިނިތުންވުމެވެ. ބޭއިޚްތިޔާރުގައި ނަމަވެސް ހަތަރުކަޅި ހަމަކޮށްލެވުމުން ބުނަން ނޭނގޭފަދަ އިހްސާސްތަކެއް ވަނީ ކުރެވިފައެވެ. ދުވަހަކުވެސް ލޮލުން ނުދެކޭހައި ރީއްޗެވެ. އެ ރީތި ފަރި ސޫރައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވަނީ ޒުވާނާ ލައިގެން ހުރި މަޑުފިޔާތޮށި ކުލައިގެ ހެދުމެވެ. ފަންފަން އިސްތަށިގަނޑެކެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ރީތި ޒުވާނެއްގެ ގައިގައި ހުންނަންޖެހޭ ހުރިހައި ސިފައެއް އެ ޒުވާނާއަށް ވަނީ ޤުދުރަތުން ދެއްވައިފައެވެ. މިފަދަ އެތައް ހަނދާންތަކެއްގައި ނިދިފަ ހޭލެވިފައި ކަހަލަ ގޮތަކަށް އޮއްވައި ފަތިސްނަމާދު ބަންޤި ގޮވިއަޑު އިވުމުން، ތެދުވެ ފާޚާނާއަށް ވަދެ ވުޟޫ ކޮށްލައިގެން ފަތިސް ނަމާދު ކުރުމަށްފަހު އަނެއްކާވެސް ނިދޭތޯ އޮށޯވެލީމެވެ. އެތައް އިރެއްވަންދެން ނިދަން އުޅެއުޅެވެސް ނުނިދި ހަމަ ނިދިޖެހިލާއިރަށް ފޯނު އެލާމްވާން ފަށައިފިއެވެ. ފޯނު އެލާމްވާން ފެށުމުން ތަންކޮޅެށް ފަހުންނޭ ތެދުވާނީ ހިތާ އެލާމް އޮފްކޮށްލީމެވެ. އެލާމް އޮފްކޮށްލުމަށްފަހު ނިދުނުހެން ހީވިއެވެ.
އަހަރެންނަށް ހޭލެވުނީ ދެބަހެލި ނިންޖެއްގައި އޮއްވާ މީހަކު ކޮޓަރީގެ ދޮރުގައި ތަޅާހެން ހީވެގެންނެވެ. ކާކުތޯ ގޮވަނީ ވިސްނާލަން އޮއްވައި ނާއިސްކަން ޔަޤީންވުމުން އަނެއްކާވެސް ބަލައިލެވުނީ ފޯނަށެވެ. ފޯނު ބަލައިލިއިރު ނާއިސް ގުޅާފަވެސް އޮތެވެ. ވަރުބަލިކަމުގައި އޮވެ ރަނގަޅަށް ނިދާލެވުމުން ފޯނު ރިންގުވާ އަޑުވެސް ނީވުނީއެވެ. އަވަސްއަވަހަށް ތެދުވެ މި ނިކުންނަނީއޭ ބުނެ ފާޚާނާއަށް ވަދެ ކުޑަކޮށް ފެންވަރައިލީމެވެ. ފެންވަރައިގެން ނިކުތްއިރު ނާއިސް ސިޓިންގރޫމްގައި އިނެވެ. އަހަރެން ހަމަ ފެނުމާއިއެކު ސާބަހޭ ނިދާލަން ކެރޭދޯއޭ ބުނެ ހިނގާށޭ ކޮފީއަށް ދާން ބުނެ ތެދުވެ ހިނގައިގަތުމުން އަހަރެންވެސް މި އަންނަނީއޭ ބުނެ ކޮޓަރިއަށް ވަދެ ކެމެރާ ހިފައިގެން ނިކުތީ ބޭރަށެވެ. ބޭރަށް ނިކުތްއިރު ހައްވައްތަ ބޭރުގައި އިނެވެ. ހައްވައްތަ ގާތުގައި ޖޯލިފަތީގައި ނާއިސް ގޮސް އިށީނެވެ. އަހަރެން ނިކުންނައިރަށް ހައްވައްތަ ސައިބޯން ހިނގާށޭ ބުނާއިރަށް މިގަޑީގައި ދާނީ ރެސްޓޯރެންޓަށް ދޯއޭ ނާއިސް ބުނެލިއެވެ. އަހަރެންވެސް އެކަމަކާ ދެކޮޅު ނުހަދައި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ. ނާއިސް ޖޯލިން ތެދުވުމުން ދެމީހުން އެއްކޮށް ހިނގައިގަންނައިރަށް ހައްވައްތަމެންގޭ ދޮރުއަށި ގާތު ހުރި ފަޅޯގަހެއްގައި އިން ރީތިރީތި ކޮވެއްޔެއްގެ ފޮޓޯއެއް ނަގަން ކެމެރާ ނަގައި ކެމެރާ ސެޓުކޮއްލީމެވެ. ފްލޭޝް ކަނޑައިލެވުނުއިރަށް ކުރިކަނޑައިލީ އިއްޔެ އަހަރެންނަށް ފެނުނު ޖާދުވީ ޒުވާނާއެވެ. އަހަންނަށް މަޑުމަޑުން އޭނާގެ ނަން ކިޔާލެވުނެވެ. “އަޔާނާ.” ނާއިސް އިއްޔެ އަޔާނާއާ ބެހޭ މަޢުލޫމާތު ދިންއިރު އޭނާގެ ނަން ބުނުމުން، އަހަރެން އޭނާގެ ނަން ހަނދާނުގައި ބެހެއްޓީމެވެ. އަޔާނާއަށް ބަލަން ހިނދުކޮޅަކު ހުރުމަށްފަހު ނާއިސްއަށް ބަލައިލުމުން ނާއިސް ހައްވައްތަ އިންކަން އަންގާލުމުގެ ގޮތުން ލޮލުން އިޝާރާތްކޮށްލިއެވެ. އަހަރެން އެވަގުތު އަޔާނާއަށް ނިސްބަތްވާ ގޮތަށް ސޮރީއޭ ބުނެލީމެވެ. އަޔާނާއަށްވެސް ހުރެވުނީ ހުރިތަނުން ގުޑައިނުލެވިފައެވެ. ކުޑަ ހިނދުކޮޅަކަށް އެތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގައިލީ ހައްވައްތައެވެ. އަޔާނާގެ މަންމައެވެ.
“ދަރިފުޅާ އަޔާނާ، ތިޔައީ ބައްޕަ ރައްޓެހި އެއްކަލަ އިދުރީސްބެގެ ކޮއްކޮއެއް. ނާއިސްގެ ރައްޓެހިކަމުގަ ކުޑަ ދުވަސްކޮޅަކު މިރަށުގަ ހުރެލަން އައިސް މިގޭގަ ހުންނަނީ.”
ނާއިސް އެހެން މީހުންނަށް ނޭނގޭ ގޮތަށް އަހަންނާ ދިމާއަށް ނިތް އަރުވައިލިއެވެ. އަހަރެންވެސް ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުން، ދެރަނުވާންވެގެން އިއްޔެގަ ދިމާވި ދޯއޭ ބުނެލައި ސަލާމަށް އަތްދިއްކޮލަމުން އަހަންނަށް ކިޔަނީ ސިޔާންކަމަށް ބުނުމުން އަޔާނާ އަހަރެންނާ ސަލާމް ކުރިއެވެ. އަހަރެންނަށް ކުރެވިގެން ދިޔައީ ބުނަން ނޭނގޭފަދަ ފޮނި އިހްސާސްތަކެކެވެ. އަގުބޮޑު ޖަވާހިރެއް އަހަރެންގެ މުށުތެރެއަށް ލެވުނުފަދައެވެ. އަހަރެން ވަގުތުގެ ބޭނުން ހިފުމުގެ ގޮތުން އެ ނާޒުކު އަތަށް މަޑުމަޑުން ފިތާލީމެވެ. ޔަޤީންވަނީ އަޔާނާއަށްވެސް ކޮންމެވެސް އިހުސާސްތަކެއް ކުރެވޭނެކަމެވެ.
ދެމީހުން ކުޑަކޮށް ތަޢާރަފްވުމަށްފަހު ނާއިސް، އަހަރެމެން މިދަނީ ކޮފީއެއް ބޯލާށޭ ބުނުމުން ދެކުދިން މެންދުރު ކާން އަންނަންވާނީ މިގެއަށޭ ހައްވައްތަ ބުނުމުން އޯކޭއޭ ބުނެ ނާއިސްގެ ސައިކަލްގެ ފަހަތަށް އަރައިގެން ދެމީހުން ދިޔައީ ރެސްޓޯރެންޓަކަށެވެ.
ސައިކަލުން ފައިބާ ރެސްޓޯރެންޓް ތެރެއަށް ވަދެވުމާއެކު ހިތަށް އަރަމުން ދިޔައީ ހާދަހައިވާ ރީއްޗެވެ. މިއީ ރާއްޖެތެރޭ ރަށެކޭ ބުނާވަރަށްވުރެވެސް ފުރިހަމައެވެ. އަހަރެމެން ވަން ރެސްޓޯރެންޓުވެސް އެހާމެ ފުރިހަމައެވެ. ރެސްޓޯރެންޓަށް ވަދެވުމާއިއެކު ފެނިގެންދިޔަ ފުރިހަމަކަމުން ބައެއް ފޮޓޯވެސް ނަގައިލެވުނެވެ. ރާއްޖެއިން ބޭރުން އަންނަ ޓުއަރިސްޓުން ރާއްޖެއަކީ ރީތި ތަނެއްކަމަށް ސިފަކުރަނީ ހަމަ ރާއްޖެއަކީ މިފަދަ ދެވަނައެއް ނުވާ ރީތި ތަނަކަށް ވީމައެވެ. މިތަނަށް ވަނުމުން ސިފަވެގެން ދިޔައީ ރާއްޖޭގެ ރިސޯޓެއްގެ ރެސްޓޯރެންޓެކެވެ. ނާއިސް ބުނިގޮތުން މިރަށުގައި ދެތިން ރެސްޓޯރެންޓު ހުރެއެވެ.
ކޮފީއަށް ވަދެ އިށީނދެފައި ނާއިސް ކޮފީއަށް އޯޑަރު ކުރިއެވެ. އަހަރެން ގާތު ކޮން އެއްޗެއްހޭ އަހާލުމުން ބައި ކަޅުކޮފީއެކޭ ބުނުމުން ނާއިސް ތިވަރަކުން ނުވާނެއޭ އޭނައަށް ބިސްގަނޑަކާ ދެ ސޮސެޖާވެސް ގެނެސްދޭށޭ ބުނެ ވޭޓަރު ފޮނުވައިލިއެވެ. ވޭޓަރު ދިއުމުން އަހަރެން ނާއިސްއާ ވާހަކަދައްކަން ފެށީމެވެ.
“ނާއިސް ނުވެސް ބުނަމެންނު، އެގޭ ކުއްޖެކޭ.” މިހެން ބުނުމުން ނާއިސް ހިނިގަނޑެއް ޖަހާލައިފައި “މަ ބުނީމެއްނު ސަޕްރައިޒެއް ދޭނަމޭ. މިހާރު ސެޓްވީނު. މައިޓްވެސް އޯކޭ. އަޔާނާގެ ބައްޕަ ގާތަށް ހެކިވެރިން ފޮނުވުމުގެ ކަންތައް ކުރިއަށް ގެންދަންވީ ދޯ ދެން.”
ނާއިސް މިހެން ބުނުމުން އަހަރެން “ނޫނޭ. އަދި ނުވޭ. އެމީހުންނަކީ އަހަރެންގެ ބޭބެގެ ވަރަށް ގާތް ރައްޓެހި ބަޔަކަށްވީ. ބޭބެ މިރަށަށް އަންނަކަމަށްވެސްވޭ. އަދި މާމައާ ކޮންމެސް ވަރަކަށް ތިމާގެ ވާހަކަވެސް ބުނި. އެހެންވީމަ އަދި މަޑުކުރޭ. މަޑުމަޑުން ކުރިއަށް ގެންދާނީ.”
މިހެން ބުނުމުން ނާއިސް ވަރަށް ކުރިއަށް ދުއްވާލައިފިންތާއޭ ބުނުމުން އަހަރެން އަދުހަމްބެ ރޭގަ ހުރިހައި ވާހަކައެއް ކިޔައިދިން ވާހަކަ ބުނެ، މިއީ ވަރަށް ބޮޑު އިއްތިފާޤެކޭ، ނާއިސް ބުނިގޮތަށް އެގޭ މީހުންނަކީ ވަރަށް ހެޔޮ ބައެއްކަމަށް ބުނީމެވެ.
އަހަރެންނާއި ނާއިސް ކޮފީގައި ވަރަށް ގިނަ ވަގުތު ތަފާތު ވާހަކަތަކުގައި ހޭދަކުރީމެވެ. އަހަރެން މިރަށަށް އައި މަޤުސަދު ކަމުގައިވާ މިރަށާއިބެހޭ މަޢުލޫމާތުތައް ހޯދުމަށްޓަކައި ދަތުރުގެ ބާކީބައި ހޭދަކުރާނެ ގޮތުގެ ޕުލޭނެއް ކޮފީގައި ތިބެގެން ކުރިއަށް ގެންދިއައީމެވެ. އަހަރެން މިރަށަށް އައި ބޭނުމަކީ އަހަރެން މަސައްކަތްކުރަމުންދާ ކުންފުނީގެ ފަރާތުން މިރަށުގައި ގެސްޓުހައުސް ވިޔަފާރި ފެށުމަށް ވިސްނާފައިވާތީ މިރަށާއިބެހޭ މަޢުލޫމާތު އެއްކޮށް މިރަށުގެ ފޮޓޯތަކެއް ނެގުމެވެ. ކުންފުނިން އަހަރެންނަށް ތިން ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށް ވަނީ ހަވާލުކޮށްފައެވެ. އަހަރެންގެ މަސައްކަތް ނިންމުމަށްފަހު މަސައްކަތު ތަފްޞީލު ޕުރޮޖެކްޓް ކޯޑިނޭޓަރާއި ހަވާލުކުރުމުން ކުންފުނީގެ އިސްވެރިން މިރަށަށް ޒިޔާރަތް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަހަރެންގެ މަސައްކަތް ދުވަހަށް ނިންމުމަށް ދެވުނު ހުރިހައި އެއްބާރުލުމެއް ދޭނެކަމަށް ނާއިސް ބުނުމުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.
ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން މިރަށަކީ ރީތި ފަޅަކާއި ފަޅުތެރޭ ކުދި ފިނޮޅުތަކާއި ކުދި ރަށްތައްވެސް ޤުދުރަތީ ގޮތުން އުފެދިފައިވާ ރަށެކެވެ. މީހުންއުޅޭ ރަށްރަށުގައި ގެސްޓުހައުން ވިޔަފާރި އާންމުވަމުންދާ މި ދަނޑިވަޅު ލޯކަލް ޓުއަރިޒަމް ތަޤާރަފްކުރުމަކީ މިފަދަ ރަށްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފި، މި ރަށްތަކުގެ އާންމުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ޔަޤީނުންވެސް ވެގެންދާނެ ކަމެކެވެ.
ނާއިސްއާއި އަހަރެން ކޮފީ ނިންމާލުމަށްފަހު މެންދުރު ނަމާދުކޮށްލައިގެން ދިޔައީ ގެއަށެވެ. ގެއަށް ދިޔައިރު ހައްވައްތަމެން ތިބީ މެންދުރުގެ ކެއުން ތައްޔާރުކޮށް، އަހަރުމެންގެ އިންތިޒާރުގައެވެ. އަޔާނާވެސް ގޭގައި އުޅުނެވެ.
(ނުނިމޭ)
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖޫން 2020ވާހަކަލިބޭތޯ ދުޢާކުރި ޢަޝީޤާ – ފަހުބައި
- 1 ޖޫން 2020ވާހަކަލިބޭތޯ ދުޢާކުރި ޢަޝީޤާ – ހަތަރުވަނަ ބައި
- 24 މެއި 2020ވާހަކަލިބޭތޯ ދުޢާކުރި ޢަޝީޤާ – ތިންވަނަ ބައި
- 17 މެއި 2020ވާހަކަލިބޭތޯ ދުޢާކުރި ޢަޝީޤާ – ދެވަނަ ބައި