ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި ސުކޫލްތައް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި މުވައްޒަފުން އެ ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ގޭގައި ތިބެގެން ޝުއޫރުތައް ފާޅުކޮށް ޕޯސްޓަރު ހަދައިގެން ދުވަސް ފާހަގަކޮށްފިއެވެ.

މިގޮތުން ޕޯސްޓަރު ތަކުގައި ހުރި މެސެޖްތަކަށް ބަލާއިރު ސްކޫލަށް ނުދެވޭތީ ދެރަވާ ކަމާއި ޓީޗަރުންނާއި އެކުވެރިން މަތިން ހަނދާންވާ ކަމަށް ގިނަ ކުދިން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ޓީޗަރުންވެސް ދަރިވަރުން މަތިން ހަނދާންވާ ކަމަށާއި ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް ލިޔެފައިވާ ޕޯސްޓަރުތައް ވަނީ ސްކޫލްގެ ފޭސްބުކު ޕޭޖްގައި ހިއްސާކޮށްފައެވެ.

ލ. އަތޮޅު ތައުލީމީ މަރުކަޒަކީ ލ. އަތޮޅުގެ ގިނަ ފަރާތްތަކަށް އިލްމުގެ ހިޔާވަހިކަން ދީފައިވާ ސްކޫލެކެވެ. މި ސްކޫލުން އިލްމު ހާސިލްކުރި ގިނަ ދަރިވަރުންނަކީ މިއަދު އެކިއެކި މުއައްސަސާތަކުގައި މަތީ މަޤާމްތައް އަދާކުރަމުންދާ ހީވާގި އިލްމީ ބޭފުޅުންނެވެ. އަދި މި ސްކޫލަކީ މި އަތޮޅުގެ އެންމެ ދުވަސްވީ އެއް ސްކޫލުކަންވެސް މިފުރުޞަތުގައި ފާހަގަކޮށްލަމެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ކޮމިއުނިޓީ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި އިމާރާތްކޮށްފައިވާ ސްކޫލެކެވެ. ސްކޫލްގެ ބިންގާ އަޅާފައިވަނީ 1980 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

ސްކޫލް އިމާރާތްކޮށް ނިމި 1983 ވަނަ އަހަރު މޭމަހުގެ 7 ވަނަ ދުވަހު ސްކޫލް ހުޅުވައިދެއްވީ އޭރުގެ ތަޢުލީމީ ވަޒީރު އޮނަރަބަލް އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙުސައިންއެވެ. ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނު އިރު ކިޔަވާކުދިންގެ ގޮތުގައި ޖުމުލަ ތިބީ 278 ދަރިވަރުންނެވެ.

ލ. އަތޮޅު ތައުލީމީ މަރުކަޒަށް އަދަށްވުރެ ފަހި، ފާގަތި ދުވަސްތަކަށް މުނިއަވަސް އިން އެދެމުން ދުވަހުގެ ތަހުނިޔާ ކިޔަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.