ކޮވިޑް-19 އާއި ގުޅިގެން މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ގާއިމު ކުރެވެމުންދާތީ އެކަމުގެ ރަނގަޅު ނަތީޖާ ފެންނަމުން ދާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށެވެ. އެހެންކަމުން މި ވަގުތަކީ އިތުރު ހިތްވަރާއިއެކު މަސައްކަތް ކުރުމުގައި ދެމި ތިބެންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.
އަދަދުތައް ތިރިވިޔަސް، ފިހާރަތަކަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިއުމަށް މަބްރޫކް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހަފްތާގެ ދެ ދުވަހު ފިހާރަތަކަށް ދިއުމަށް ފުރުސަތު ލިބޭ އިރު، ކޮންމެ ދުވަހަކު ދާން ނުޖެހޭނެ ކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
“ޑޮކްޓަރުން އަންދާޒާ ކުރި ނަންބަރުތަކަށް ވުރެ އަދަދު ތިރިވީމަ އޭގެ މާނައެއް ނޫން އަޅުގަނޑުމެން ހަށިފޮޅާލާފަ ތެދުވެ ފިހާރަތަކަށް ގޮސް މިހެން ކަންތައް ކުރަންވީއޭ” މަބްރޫކް ވިދާޅުވިއެވެ.
ފިހާރައަށް ގޮސްފިނަމަ ގަންނަ ތަކެތި ރަނގަޅަށް “ޑިސްއިންފެކްޓް” ކުރުމަށާއި، އަމިއްލަ ނަފްސުގެ ސާފުތާހިރުކަމަށްޓަކައި އެނބުރި ގެއަށް ވަޑައިގަތުމަށްފަހު، ގޭގެ އެހެން މީހަކާއި ބައްދަލުވުމުގެ ކުރިން ސާފުތާހިރުވުމަށް އެންއީއޯސީގެ ތަރުޖަމާނު އެދިވަޑައިގެންފައިވެއެވެ.
ރަމަޟާން މަހަށް އަލިއަޅުވާލައްވަމުން މަބްރޫކް ވިދާޅުވީ އެއް ގެއިން އަނެއް ގެއަށް ނުވަތަ އެއް އެޕާޓްމަންޓުން އަނެއް އެޕާޓްމަންޓަށް ނުދިޔަކަމުގައި ވީނަމަވެސް، ތަށިބަރި ގެންދިއުމުގެ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް ތަށިބަރި ގެންދިއުމަކީ ވައިރަސް އެއްތަނުން އަނެއް ތަނަށް އުފުލުން ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.
މިހާރު މި ފެންނަމުންދާ ނަތީޖާތައް އިތުރަށް ރަނގަޅު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ގޮވާލާއިރު، މަބްރޫކް ވަނީ ނޫސްވެރިންގެ ކިބައިން އާންމު ރައްޔިތުންނަށް މި ކަމުގެ މުހިންމު ކަން ހަނދުމަކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.