ހަތްމަހުގެ ތުއްތު ފިރިހެން ކުއްޖަކު ކޮޥިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައޫލޫމާތުގައިވާ ގޮތުން މި ކުއްޖާއަކީ މި ބަލި މިހާތަނަށް ރާއްޖޭގައި ޖެހިފައިވާ އެންމެ ހަގު ކުއްޖާއެވެ. މިއަދު ފައްސިވި މި ކުއްޖާގެ ހާލު ރަނގަޅުކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

މީގެ ކުރިންވެސް ރާއްޖެއިން އުމުރުން ދެ އަހަރުގެ ކުއްޖަކާއި، ހަތަރު އަހަރުގެ ކުއްޖަކާއި، ފަސް އަހަރުގެ ކުއްޖެއްގެ އިތުރުން 8 އަހަރުގެ ކުއްޖަކު މި ބައްޔަށް ފައްސިވެފައި ވެއެވެ. އެޗްޕީއޭއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި އުމުރުން 1 އަހަރާއި 10 އަހަރާއި ދެމެދުގެ ދިހަ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 3 ފިރިހެން ކުދިންނާއި 7 އަންހެން ކުއްޖެކެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު ކޮވިޑް-19 އަށް ފައްސިވީ ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ މި ބައްޔަށް ފައްސިވަމުންނެވެ. އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 96 މީހުން ކޮވިޑަށް ފައްސިވެފައެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 744 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ތިން މީހަކު މިބަލީގައި ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބިދޭސީއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.