ޝައްކެއްވެސް ނެތް ގޮތުގައި، ވައިރަހަކީ އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެކެވެ. ލޮލަށް ނުފެންނަވަރުގެ އެ ކުޑަކުޑަ މަޚްލޫޤަށް މުޅި ދުނިޔެ ހުއްޓުވާލައި، ކުޑަ ކަކޫ މައްޗަށް ތިރިކޮށްލުމުގެ ބާރު ލިބިގެންވެއެވެ. ކުރިން ފެނިފައިވާ ވައިރަސްތަކަށްވުރެ މިހާރު ފެންނަ ވައިރަސްތައް ނައްތާލުމަކީ މާ އުދަނގޫ ބޮޑުކަމަކަށް މިވަނީ ވެފައެވެ. ސުވާލަކީ ވައިރަހަށް ފަރުވާ ހޯދުން ނުވަތަ، ނައްތާލުން އެހާ އުދަނގޫ ކަމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟

އެނގިލައްވާތޯއެވެ؟ ވައިރަހަކީ އޭގެ ޒާތުގައި އެއްކޮށް މަރުވެފައިވާ އެއްޗެއް ނޫނެވެ. އަދި، ދިރި އޮންނަ އެއްޗެއްވެސް ނޫނެވެ. އާދައިގެ ގޮތަަކަށް ދަންނަވާނަމަ، އެއީ އެހެން މީހުންނާއި، ތަކެތީގެ އެހީގައި އުޅޭ އެއްޗެކެވެ. ވައިރަސް އުފެދިފައި ހުންނަ ގޮތަކީ އެތަކެއްޗަށް ފަރުވާކުރުމަށް އުނދަގޫވާ އެއް ސަބަބެވެ.

“ވައިރަސްއަކީ އެއްވެސް ކަމެއް ކުރާ އެއްޗެއް ނޫން. އޭތި ހޮސްޓް ކުރާނެ ސެލްއަކާ ކައިރި ނުވަނީސް ހަރަކާތެއް ނުކުރާނެ. ނަމަވެސް، ހޮސްޓް ކުރާނެ ސެލްއެއް ލިބުމުން ވައިރަސް އެކްޓިވޭޓްވެ، އެއަށް ދިރުން ލިބިގެންދާނެ.”

އިނގެރޭސި ވިލާތުގެ ލަންކާސްޓަރ ޔުނިވަރސިޓީގެ ވައިރޮލޮޖިސްޓް ޑެރެކް ގަތަރާ ބުނެފައިވެއެވެ.

ބެކްޓީރިއާ ފަދަ ތަކެއްޗާއި އަޅާބަލާއިރު، ވައިރަހަކީ ސައިޒުން ވަރަށް ކުޑަ އެއްޗެކެވެ. ވައިރަހުގައި ދިރޭ އެއްޗެއްގެ ކިބައިގައި ހުންނަ އެއްވެސް ސިފައެއް ނެތުމާއި، އޭގެ ޒާތުގައި އަމިއްލައަށް ވިހާ އާލާވުން ފަދަ ސިފަތައް ލިބިފައި ނެތުމަކީވެސް އޭގެ އަށް ފަރުވާކުރުމަށް ނުވަތަ ނައްތާލުމަށް އުނދަގޫތައް ކުރިމަތިވާ ސަބަބެކެވެ.

“ވައިރަހަކީ ދިރުމެއް ނުވާ އެއްޗެއްކަމުން ދިރޭ އެއްޗެތި މަސައްކަތް ކުރާގޮތަށް އޭތި މަސައްކަތެއް ނުކުރާނެ.”

އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ވައިރޮލޮޖިސްޓް ބްރިޓް ގްލޯންސިންގަރ ބުނެފައިވެއެވެ.

ބެކްޓީރިއާގެ ސަބަބުން ޖެހޭ އިންފެކްޝަންތަކަށް ފަރުވާކުރުމަށް ބޭނުންކުރަނީ އެންޓިބަޔޮޓިކްސްއެވެ. މި އެންޓިބަޔޮޓިކްސް ބެކްޓީރިއާގެ “ސެލް ވޯލް” އަށް ހަމަލާދީ ޕްރޮޓީން އުފެއްދުން ހުއްޓުވައެވެ. އަދި، ބެކްޓީރިއާ އާލާވުމަށް ހުރަސްއަޅައި އިތުރުވުން ހުއްޓުވައެވެ. ނަމަވެސް، އެންޓިބަޔޮޓިކްސްއަކީ ވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަނަށް ފަރުވާ ދެވޭ ބޭހެއް ނޫނެވެ. ސަބަބަކީ ވައިރަހަކީ އޭގެ ޒާތުގައި އަމިއްލައަށް އެއްވެސް ކަމެއް ކުރެވޭ އެއްޗެއް ނޫންކަމަށް ވާތީއެވެ. ވައިރަސް ކުރާ ކަމަކީ ހަށިގަނޑުގެ ސެލްއަކަށް ވަދެ، އެ ސެލްގެ އެހީގައި އޭގެ އިތުރު ކޮޕީތަކެއް އުފައްދަނީއެވެ. ވައިރަހަށް ހަށިގަނޑުގެ ކޮންމެކޮންމެ ސެލްއަކަށްވެސް ނުވަދެވޭނެއެވެ. ވައިރަސް އޭގެ ޕްރޮޓީންއާއި އެއްގޮތް ސިފަތަކެއް ހުންނަ ޕްރޮޓީންއާއި ގުޅުވާލުމަށްފަހު، ވަކި ވައްތަރެއްގެ ސެލްތައް ހިޞާރު ކުރެއެވެ. ވައިރަސް އަށް ހަށިގަނޑުގެ ސެލްއެއް ހިޞާރުކުރެވިއްޖެނަމަ، އެ ސެލް އަކީ ވައިރަސް އުފައްދާ ކާރުޚާނާއަކަށް ބަދަލުކޮށް، އޭގެ އެތައް ކޮޕީތަކެއް އުފައްދައެވެ. މިހާރު މުޅި ދުނިޔެއަށް ފެތުރިފައި މިވާ ކޮރޯނާ ވައިރަސްގެ ޕްރޮޓީންއާއި، ފުއްޕާމޭގައި ހުންނަ ސެލްތަކުގެ ޕްރޮޓީންއާ އެއްގޮތް ކަމަށް ތަޖުރިބާކާރުން ބުނެއެެވެ. ކޮވިޑް-19ގެ ސަބަބުން ނޭވާލާ ނިޒާމު ބަލިކަށި ކޮށްލަނީ މި ސަބަބާއި ހެދިގެންނެވެ.

މިފަދަ އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އިންސާނުންގެ ހަށިގަނޑު ތެރޭގައި ދިފާޢީ ނިޒާމެއް ވެއެވެ. ވައިރަސްފަދަ ތަކެތި ހަށިގަނޑުގެ ސެލްތަކަށް ވަންނަން ނުވަތަ ހިޞާރުކުރަން އުޅޭނަމަ، އެ ސެލްގައިވާ އެލާމް ސިސްޓަމުން އެލާމް އަޅައެވެ. ދެން އެއަށްފަހު، މި ސެލް ވައިރަސް ހުއްޓުވުމަށްޓަކައި ޕްރޮޓީން ދޫކޮށްލައެވެ. އަދި، ހަށިގަނޑުގެ ދިފާޢީ ނިޒާމުން ވައިރަސް ހިޞާރުކުރި ސެލް ހަލާކުކޮށްލުމަށް މަސައްކަތްކުރެއެވެ. ވައިރަލް އިންފެކްޝަންގެ ޢަލާމާތްތައް ފެންނަން ފަށަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމުން މިގޮތަށް މަސައްކަތްކުރަން ފަށާ ހިސާބުންނެވެ. ވައިރަހަކީ ވަރަށް ކުޑަ އެއްޗަކަށް ވުމުން ބައެއް ފަހަރު އިންފެކްޝަން ދެނެގަނެވެނީ ހަށިގަނޑަށް އެތައް ގެއްލުމެއް ލިބޭ ފަހުންނެވެ. ބައެއް ވައިރަސްތައް ބާރުގަދަ ވުމުގެ ސަބަބުން ހަމައެކަނި ހަށިގަނޑުގެ ދިފާޢީ ނިޒާމު ކުރާ މަސައްކަތަކުން ނުފުދެއެވެ. ވައިރަސް ދެނެގަތުމަށް ދިމާވާ ގޮންޖެހުންތަކަކީވެސް އެއަށް ފަރުވާކުރުމަށް އުނދަގޫވާ ސަބަބެކެވެ.

“އެންމެ ރަނގަޅީ ވީހާވެސް ކުރިން ފަރުވާކުރަން ފެށުން. އެކަމަކު ޢަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް ދާއިރު ވައިރަސް މި ހުންނަނީ އޭގެ މޫ ހަށިގަނޑުގެ އެތެރެއަށް ފުދޭވަރަކަށް ބޮޑަށް ފަތުރާލާފަ. ބޭސް ބޭނުންކޮށްގެން ވައިރަސް މަޑުޖައްސާލެވިދާނެ. ނަމަވެސް، އެހިސާބުން ހަށިގަނޑަށް ލިބިފައިވާ ގެއްލުންތައް ހުއްޓުވުމަށް އޭރު އޮންނާނީ މާ ލަސްވެފަ.”

ބްރިޓް ގްލޯންސިންގަރ ބުނެފައިވެއެވެ.

އެންޓިވައިރަލް ބޭހަކީ އެތަކެތި އުފެއްދުމަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ބޭހެކެވެ. ސަބަބަކީ ކޮންމެ ވައިރަހަކީ ތަފާތު އެއްޗެއް ކަމުން އެންޓިވައިރަލް ބޭސްވެސް އުފައްދަން ޖެހެނީ އެ ވައިރަހަކަށް ލިބިފައިވާ ސިފަތަކަށް ބަލައިގެން ޚާއްސަކޮށް އެ ވައިރަހަކަށެވެ. ނަމަވެސް، ހުރިހާ ބެކްޓީރިއާ އެއްގެ ސިފަތައް އެއްގޮތް ކަމުން، ގާތްގަނޑަކަށް ހުރިހާ ބެކްޓީރިއަލް އިންފެކްޝަންތަކަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކްސް ބޭނުންކުރެވެއެވެ.

މި ހުރިހާ ގޮންޖެހުންތަކަކީ ވައިރަހަށް ފަރުވާ ދިނުމަށް އެޅިފައިވާ ހުރަސްތަކެވެ. އެހެންކަމުން މިއަދާއި ހަމައަށްވެސް ވައިރަސް ވެފައިވަނީ އިންސާނިއްޔަތަށް ހުރި އެންމެ ނުރައްކާތެރިކަން ބޮޑު އެއްޗެއް ކަމުގަައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.