މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ވެސް ހަލުވިކަމާއި އެކު ފެތުރެމުންދާތީ މިއީ ކާރިސާއެއްކަމަށާއި، މި ކާރިސާގައި ގަދަފަޔަށް ތެދުވެވޭ އެއްވެސް ގައުމެއް ނެތުމާއި އެކު، މި ހާލަތުގައި އުޅެން ދަސްކުރަން ޖެހޭކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް، ދިވެހިރާއްޖޭގެ ހާލަތަށް އަލިއަޅުވާލައްވަމުން ވިދާޅުވީ ރާއްޖެ އަކީ މި ބަލީގައި އެންމެ ރަނގަޅަށް ކަން ކުރަމުންދާ އެއް ގައުމުކަމަށެވެ. އެގޮތުން ސާކު ގައުމުތަކުގެ މެދުގައި ދިވެހިރާއްޖެއާއި ގާތްކުރެވޭ އަދަދަށް ޓެސްޓު ކުރެވޭ އެހެން ގައުމެއް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އޭޝިއާގެ ނިސްބަތުންނާއި، ދުނިޔޭގެ ނިސްބަތުން ޓެސްޓުކުރުމުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރާ ގައުމުގެ ތެރޭގައި މި ގައުމު ހިމެނިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
“މިވެނި ގައުމެއްގައި ކުރީ 3 ޓެސްޓޭ އަނެއް ގައުމުގައި ކުރީ 10 ޓެސްޓޭ. 10 ޓެސްޓު ކުރި ގައުމު ކިހާ ގަދަ ހޭ. އެހެން ބުނާއިރު ބަލާލަން ޖެހޭ 10 ޓެސްޓު ހެދި ގައުމުގައި ތިބީ ކިތައް ހާސް މީހުން ތޯ. 3 ޓެސްޓު ހެދި ގައުމުގައި ތިބީ ކިތައް މީހުން ތޯ. 10 މީހުން ތިބި ގައުމެއްގައި 3 ޓެސްޓު ހެދުމާއި 1000 މީހުން ތިބި ގައުމުގައި 10 ޓެސްޓު ހެދުމާއި އަޅުވައި ކިޔާލުމުން 3 ޓެސްޓު ހެދި ގައުމުގައި އާބާދީ ބޮޑުބައެއް މި އޮތީ ގިނަ ޓެސްޓު ހަދާފަ.”
މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަަނަށް ކޮރޯނާއަށް 11،000 އަށް ވުރެ ގިނަ ޓެސްޓު ހަދާފައި ވާއިރު، އޭގެ ތެރެއިން 790 މީހުން ވަނީ ފައްސިވެފައެވެ. އަދި، ތިން މީހަކު މި ބަލީގައި ނިޔާވެފައި ވާއިރު، 29 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ
ދިވެހިރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރުމަށް އެކަށޭނަ އަދަދަކަށް ވަސީލަތްތައް ނެތުމާއި ގުޅިގެން އާންމުން ދައްކަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން މަބްރޫކް ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ބޭނުންވާ ވަރަށް ތަކެތި ލިބިގެން ފަރުވާ ކުރަމުންދާ އެއްވެސް ގައުމެއް ނެތް ކަމުގައެވެ. އަދި މި ހައްސާސީ ދަނޑިވަޅުގައި އެމެރިކާ އަދި އިޓަލީ ފަދަ ބޮޑެތި ގައުމުތަކުގެ ހާލަތު މާ ދައްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ އީޓަލީގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ މީހުން އެއިން ނަގައި ބަލީގެ ހާލަތު މާ ބޮޑަށް ގޯސް މީހުން ވެންޓިލޭޓަރަށް ލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން މުޅި ދުނިޔޭގެ ހާލަތަށް ރިއާޔަތްކޮށް އަޅުގަނޑުމެން މި ތިބީ ބަލިފައި މަތީގަ ކަން އޭނާ ވަނީ ސިފަ ކޮށްްދެއްވާފައެވެ.
މެޝިނަރީ ފަދަ ތަކެތި ފޯރުކޮށްދިނުމުގައި އެ ތަކެތި އުފައްދާ ގައުމުތަކުން މަސައްކަތް ކުރާނީ އެންމެ ދަތި ގައުމުތަކަށް އެ ތަކެތި ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހިރާއްޖެ އިން މަސައްކަތް ކުރަނީ ވީހާވެސް ގިނަ ޓެސްޓު ކުރުމަށް ކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19 ފެތުރުން މާލޭގައި ހުއްޓުވުމަށް އަޅާ ފިޔަވަޅު ތަކުގައި އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށާއި، ހަމައެކަނި ސަރުކާރުގެ މަސައްކަތުން މި ކަމުން އަރައިނުގަނެވޭނެކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ވިދާޅުވިއެވެ. ކޮވިޑް-19 ގައި ދިވެހިރާއްޖެ އިން ކުރަމުންގެންދާ މަސައްކަތްތައް ރަނގަޅު ކަމަށް ދުނިޔޭގެ ސިިިއްޙަތާއި ބެހޭ ޖަމުުޢިއްޔާ އިން ވަނީ ހާމަކުރައްވާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.