ކޮވިޑް-19 އާއި ގުޅިގެން ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ ފުޓްބޯޅަ ލީގުތައް މެދުކަނޑާލާފައި ވާއިރު، ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ވަނީ މެދުކަނޑާލާފައެވެ.

ދިގު މެދުކެނޑުމަކަށް ފަހު، ޔުއެފާ ޗެމްޕިއަންސް ލީގު އަލުން ފަށާނެ ތާރީޚެއް ނިންމާފައިވާ ކަމަށް ލިޔޯންގެ ރައީސް ޖީން މިޝޭލް އޯލަސް ބުނެފައިވާކަމަށް “އާރު.ޓީ.އެލް” އާއި ހަވާލާދީ “ޑެއިލީ މިރާ” އިން  މިވަނީ ރިޕޯޓުކޮށްފައެވެ.

“ޔުވެންޓަސް އާ އެކު އަހަރެމެން ކުޅެން އޮތް މެޗު އޮގަސްޓު 7 ވަނަ ދުވަހު ކުޅޭގޮތަށް އޮތީ ނިމިފަ. ނަމަވެސް މެޗު ކުޅޭނީ އެއްވެސް ސަޕޯޓަރަކު ނުވައްދާ.” އޯލަސް ބުނެފައިވެއެވެ.

ލިޔޯންގެ ރައީސް އޯލަސް މިގޮތަށް ބުނެފައިވީނަމަވެސް، ޔުއެފާ އިން މިކަން އަދި ކަށަވަރުކޮށްދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ

ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ ގަދަ 16 ގެ ދެވަނަ ބުރު ކުޅުމަށް ކުރިން ތާވަލުކޮށްފައި އޮތީ މާރިޗް 18 ވަނަ ދުވަހުގައެވެ. ނަމަވެސް، ހަމަ އެ ތާރީޚުގައި ކުޅުމަށް ތާވަލުކޮށްފައިވާ މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗު ކުޅޭނެ ވަކި ތާރީޚެއް އެޓީމުތަކަށް އަންގާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުތަކުގެ ތެރެއިިން މިހާތަނަށް ކުޅެފައިވާ މެޗުތަކުގެ ނަތީޖާ

ގަދަ 16 ގެ ދެވަނަ ބުރުގެ ވަކި ހިސާބަކުން ޗެމްޕިއަންސް ލީގު މެދުކަނޑާލި އިރު، ހަތަރު ޓީމަކުން ކުއާޓަރ ފައިނަލުގެ ޖާގަ ވަނީ ކަށަވަރުކޮށްފައެވެ. ކުއާޓަރ ފައިނަލުން މިހާތަނަށް ޖާގަ ކަށަވަރުކޮށްފައި ވަނީ އިޓަލީގެ އެޓަލާންޓާ އާއި، ޖާމަނީގެ ލިޕްޒިގް އާއި، ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އަދި ފްރާންސްގެ ޕީއެސްޖީ އެވެ.

ގަދަ 16 ގެ ދެވަނަ ބުރު މިހާތަނަށް ކުޅެފައި ނުވާ ހަތަރު މެޗުގެ ފުރަތަަމަ ބުރުގެ ނަތީޖާތަކަށް ބަލާއިރު، ފްރާންސް ގެ ލިޔޯން އާއި، އިންގްލެންޑްގެ މެންޗެސްޓަރ ސިޓީ އަދި ޖާމަނީގެ ބަޔާން މިއުނިކް މޮޅުވެފައި ވުމުން އެ ޓީމުތަކަށް ކުއާޓަރ ފައިނަލުން ޖާގަ ލިބުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ. ސްޕެއިންގެ ބާސެލޯނާ އަދި އިޓަލީގެ ނަޕޯލީ ބައްދަލުކުރި މެޗު އެއްވަރުވެފައި ވުމުން ކުއާޓަރ ފައިނަލުން ޖާގަ ހޯދުމަށް އެ ދެޓީމަށް ވެސް ފުރުޞަތު އެބައޮތެވެ. ނަމަވެސް، އަމިއްލަ ދަނޑުން ބޭރުގައި ބާސެލޯނާ ގޯލެއް ޖަހާފައި އޮތުމުން، ކުއާޓަރ ފައިނަލުން ޖާގަ ހޯދުމުގެ ފުރުޞަތު ބާސެލޯނާ އަށް ތަންކޮޅެއް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.