މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

އަޑުން އަޑުނަގައި ރޯން ބޭނުންވިއެވެ. ހިތުގައިވާ އިހުސާސުތައް ބޭރުކޮށްލަން ބޭނުންވިއެވެ. އަޑުގެނެތްތަނަށް ކައިރަށް ގޮވަން ބޭނުންވިއެވެ. ކައިރުގެ އޯގާވަންތަ ފިރުމުނަތަކާއި ބޮސްދިނުންތަކަށް ކިތަންމެ ފެންބުވައިގަނެފައި ވީނަމަވެސް މިއަދު އަހަރެން ވަނީ އެނަސީބުން މަޙުރޫމު ވެފައެވެ. ކިތަންމެ ވަރަކަށް ރޯން ބޭނުން ނަމަވެސް ، ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބައިގަންނަން އިންކާރު ކުރަމުންދިޔައެވެ. ހަށީނެތް ވަރުލައި ހަޅޭލެވިޔަސް އަޑު އިވޭނީ ކާކަށް ހެއްޔެވެ؟ ހިތުގައިވާ އިހުސާސުތަކާއި ޖަޒުބާތުތައް ބޭރުކުރަން ކިތަންމެ ބޭނުން ވިޔަސް، މި ކުޑަ ގޮޅީގެ ހަތަރު ފާރުތެރެއިން އަހަރެންގެ އިޙުސާސްތައް އަޑުއަހާނީ ފަހެ ކާކު ހެއްޔެވެ؟ ވަށައިގެންވާ ހަތަރު ފާރުވެސް އަހަރެންގެ ޖަޒުބާތުތައް އަޑު އެހުމަށް އިންކާރު ކުރާ ކަހަލައެވެ. ދެލޯމަރާލައި ބޮލުގައި ދެއަތުން ހިފާއްޓާލުމާއިއެކު އަހަރެން ލޮލުގެ ދުރުމިން ކުލަވާންފެށީ އަހަރެންގެ ދުރު ނޫން މާޒީއެވެ.

ބައްޕަގެ އަމިއްލަ ވިޔަފާރީގެ މަސައްކަތެއްގައި ރާއްޖެތެރޭގެ ފެހި ރަށަކަށް އަހަންނަށް ކުރެވުނު ދަތުރު ވެގެން ދިޔައީ އަހަރެންގެ ހަޔާތުގެ މިސްރާބު ބަދަލުކޮށްލި ދަތުރަކަށްށެވެ. ދުވަހަކުވެސް ކައިވެންޏެއް ނުކޮށް ދުނިޔެވީ އުފާތަކާއި މަޖާތަކުގައި ޙަޔާތުގެ މަދު ދުވަސްތައް އާރާސްތުކުރަން ނިންމައިގެން ހުރި އަހަރެންގެ ވިސްނުމާއި ފިކުރު ބަދަލުކޮށްލި ދަތުރަކަށްށެވެ.

އުފާވެރިކަމުގެ މާނައިގައި އަހަރެންގެ ހަޔާތަށް އައީ ހަޤީގަތުގައިވެސް ކޮޅެއްނެތްހާ އުފާވެރިކަމެވެ. ކައިރެވެ. އަހަރެންގެ ހުވަފެންތަކުގެ ރާނީއެވެ. އަހަރެންގެ ހިތުގެ ކޮންމެ ވިންދެއްގައި އެލޯބިވާ، އަހަރެންގެ ނޭވާގެ ތެތްކަމެވެ. ދިރުއުޅުމުގައި ނާއުއްމީދު ވެފައި ހުރި އަހަރެން ދިރިހުރުމަށް އައު މަޤުސަދެއް ދައްކައިދިން މާތް އިންސާނާއެވެ. އަހަރެން ކައިރާ ލޯބީގެ ގޮތުން ގުޅުނީ މުޅި ކާއިނާތްވެސް އަހަރެމެންގެ ގުޅުމަށް އިންކާރު ކުރާނެ ކަން އެނގިހުރެއެވެ. ވެވުނު ހަޤީގީ ލޯތްބައްޓަކައި، އެންމެ ފިޔަވަޅެއް ވެސް ފަހަތައް އަޅަން އަހަރެން ބޭނުން ނުވީއެވެ.

“ކޮބާތަ މައްސަލައަކީ މަންމާ… އަހަރެން ކައިރު ދެކެ ލޯބިވުމަކީ މައްސަލައެއްތަ..؟ އަހަރެން ގަބޫލެއް ނުކުރަން، މީހަކަށް ލިބިފައިވާ ނުކުޅަދުންތެރި ކަމެއްގެ ސަބަބުން އެމީހަކީ ލޯބިން މަޙުރޫމު ވާން ޖެހޭނެ މީހެއް ކަމަކަށް… އެހެން ނޫނަސް… އެކުގައި ދިރިއުޅެން އަހަރެންގެ މައްސަލައެއް ނެތީޔާ ދެން…؟” އަހަންނަށް ބުނެވުނީ އެހިސާބަށްށެވެ.

” ހޫން… ހެވޭދެން.. ދަރިފުޅު ކިތަންމެ މަސައްކަތެއް ކުރިޔަސް މަންމަ ތި ގުޅުމަކަށް ނުރުހޭނަށް… ދަރިފުޅު ވިސްނާބަލަ.. އެއީ ވާހަކަ ދެއްކޭ މީހެއް ނޫން… އަޑެއް އިވޭ މީހެއް ނޫން” އަހަރެންގެ ވާހަކަ ހުއްޓުވައި މަންމަ އެދެއްކި ވާހަކަތަކަކީ އަހަރެންގެ ކަންފަތަށް އަޑު އަހަން މާ ފަސޭހަ ވާހަކަ ތަކަކަށް ނުވިއެވެ. އިތުރަށް އެންމެ ބަހެއްވެސް ނުބުނެ އަހަރެން ފޯނު ކަނޑައިލީމެވެ.

ތެދެކެވެ. ކައިރަކަށް ވާހަކައެއް ނުދެއްކެއެވެ. އަޑެއް ނީވެއެވެ. އެކަމަކު އަހަރެމެން ދެމީހުން ވާހަކަ ދައްކަމެވެ. ކައިރު ދައްކާ ވާހަކަތައް އަހަންނަށް އަޑުވެސް އިވެއެވެ. މިއީ ހިތާހިތުގެ ގުޅުމެކެވެ. އަހަރެންގެ މައިންބަފައިން ދިޔައީ އަހަންނާއި ކައިރުގެ ގުޅުމަށް ފާޅުގައި އިންކާރު ކުރަމުންނެވެ. އަހަންނާއި ކައިރާ ގުޅުމަކުން އޮތީ ކޮންމައްސަލައެއް ހެއްޔެވެ؟ ކައިރަކީ ވާހަކަ ނުދެއްކޭ މީހަކަށް ވުމަކީ ހަމަގައިމުވެސް ކައިރުގެ ކުށެއް ނޫނެއްނޫންހެއްޔެވެ؟
އަހަންނަކީ ޝާހީ އާއިލާއަކަށް އުފަން މީހަކަސް އަހަރެންމީ ފައިސާއާ ހެދި މާވަރަކުން އުޅޭ މީހެއް ނޫނެވެ. އަހަންނާއި ހިލާފަށް ކައިރަކީ މެދުފަންތީގެ ދިރިއުޅުމެއް އުޅެމުން އާތް މީހަކަށް ވީނަމަވެސް އަހަރެން ކައިރުދެކެ އިންތިހާއަށް ލޯބިވީ އެކަމާދޭތެރޭ ވިސްނާފައެއްނޫނެވެ. ކައިރު އަހަރެންގެ ހިތް ފަތަޙަ ކުރީ ހީނުކުރާހާ އަވަހަށްށެވެ. އެމަޑުމައިތިރި ކަމާއި ގެވެހިކަން ވެގެން ދިޔައީ ކައިރަށް އަހަރެންގެ ހިތް ހިބަކުރެވުނު ސަބަބުތަކަށްށެވެ. ކައިރުމެން ރަށަށް އައިގޮތަށް އަހަރެން އެނބުރި މާލެއަކަށް ނުދަމެވެ. ދާންބޭނުންވެސް ނުވަނީއެވެ. ރާއްޖެތެރޭގެ ފެހިފެހި ރަށެއްގައި ،ސާފުވައިގައި އުޅެލުމަކީ އަބަދުވެސް އަހަރެން ކުރާ އުއްމީދަކަށް ވާތީ އެކަންނެއް ނޫނެވެ. އަހަރެންގެ ކައިރުވެސް ހުރީ މިތާނގައި ކަމަށްވާތީއެވެ.

ހަވީރުގެ ފިނިވައި ރަށުތެރެއަށް ހަނައަޅަމުން ދިޔައެވެ. އެއަރާމާއި ހިތްހަމަޖެހުމުގެ އިސްތިޤުބާލުގައި ، ރަށުގެ އެކިހިސާބުތަކުގައި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. އަހަންނާއި، އަހަރެންގެ ކައިރަކީ ވެސް ހިތްހަމަޖައްސާލުމަށް ނުކުމެއުޅޭ ދެމީހުންނެވެ. އަހަރެމެން ތިބބީ ބަނދަރު މަތީގައި ގިނައިން މީހުން އެއްވެއުޅޭ ހިސާބުގައި ހުރި ޖޯލިފައްޗެއްގައެވެ. މުޅި ހިސާބުގަނޑުގައި ތިބި މީހުންގެ ނަޒަރު ހުއްޓިފައިވަނީ އަހަންނާއި ކައިރަށްކަން އަހަރެން ދެނެހުރީމެވެ. އެކަމަކު އަޅައެއް ނުލަމެވެ. އަހަރެމެންގެ ކުޑަ ކުޑަ ދުނިޔޭގައި އުފާ ކުރަމުން ދިޔައީމެވެ.
އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ލިބުނު ހައިރާން ކަމެއްގެ ސަބަބުން ކޮޅަށް ތެދުވެވުނެވެ. ކައިރުވެސް ތެދުވިއެވެ. އެކަމަކުގެ ވެގެން އުޅޭ ގޮތެއް ކައިރަކަށް ނޭންގުނެވެ. ސުވާލުން ފުރިގެންވާހާލު އަހަންނާ ސުވާލު ކުރަމުން ދިޔައެވެ. އިޝާރާތުންނެވެ. އަހަރެން ކައިރު ހުއްޓުވީމެވެ. އޭރުވެސް އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ، ކުރިމަތީގައި ހުރި ފިރިހެން މީހާއާދިމާއަށްށެވެ. އެމީހާ މަޑު ހިނގުމެއްގައި އައިސް އަހަރެމެންނާ އަރާ ހަމަކުރިއެވެ.

“ބައްޕާ….” މަޑުން ނަމަވެސް އަހަންނަށް އެހެން ބުނެވުނީ ބޭ އިޙްތިޔާރުގައެވެ. ކައިރު ބަލާލީ އަހަންނާދިމާއަށްށެވެ. އޭނާގެ ދެލޯ ހުރީ ތަންމިނަށް ބޮޑުވެފައެވެ. އަހަރެންގެ ނިވަލަށް ވަދެ ފިލަން މަސައްކަތް ކުރީ ގަތް ބިރެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.

“ދަރިފުޅުމެން މިތާދޯ ތިތިބީ… ބައްޕަ މިއައީ ތިގޭދޮށަށްވެސް ގޮސްފަ… ” އަހަރެންގެ ބައްޕަ ވާހަކަ ދެއްކިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އަހަންނަށް ލިބުނީ ހައިރާންކަމެކެވެ.
“ބައްޕަ… ކޮންއިރަކު މިރަށަށް…” ލިބިފައިވާ ހައިރާން ކަމާއިއެކު އަހަންނަށް ބުނެވުނީ އެހިސާބަށެވެ. ވަރަށް އުނދަގުލުންނެވެ. ހައިރާން ނުވާންވީ ސަބަބެއްވެސް ނެތެއްނޫން ހެއްޔެވެ؟ ބައްޕަމެން އަހަންނާއި ކައިރުގެ ގުޅުމަށް ފާޅުގައި އިންކާރު ކުރާއިރު، ހެވިދިއްލި ހުރެ އަހަރެމެންގެ ކުރިމައްޗަށް އަންނާންވީ ކީއްވެހެއްޔެވެ؟ ކޮންބޭނުމަކު ހެއްޔެވެ؟

އެދުވަސް ވެގެންދިޔައީ އަހަރެމެންގެ ލޯބީގެ ގުޅުމުގައި އުއްމީދީ ހުޅުކޮޅެއް ރޯވެގެން ދިޔަ ދުވަހަކަށްށެވެ. ކައިރާއެކު ދިރިއުޅުމަށް ދެކެވިފައިވާ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހުމުގެ ކޮޅުމަތި ފެންނަންފެށީއެވެ. ބައްޕަ ބުނި ގޮތުގައި ބައްޕަ އެރަށަށް އެއައީ އަހަރެމެންގެ ކައިވެނީގެ ކަންތައް ނިއްމާލުމަށެވެ. މަންމަ މިހާރު ނުރުހުނަސް ފަހުން ރުހޭނެ ކަމަށްބުނެ އަހަންނަށް ހިތްވަރު ވެސް ދިނެވެ. އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. އަހަރެންގެ ކައިވެނީގަ ތައްޔާރީތައް ކުރެވެމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށްށެވެ.

އޭގެ 15 ދުވަހެއްހާ ފަހުން ރަށުގައި ކައިވެނިކޮށް ބައްޕަގެ އެދުމުގެ މަތިން އަހަންނާއި ކައިރު މާލެ ބަދަލުވީމެވެ. މަންމަގެ ރުހުން ނުލިބުނެއް ކަމަކު ބައްޕަދޭ އެއްބާރުލުމުގެ ސަބަބުން ކޮންމެވެސް ދުވަހަކުން މަންމަގެ ހިތް ކައިރަށްޓަކާ ހެޔޮވާނެކަމުގެ ފޮނި އުއްމީދުގައި އަހަރެންގެ ހަޔާތް އާރާސްތު ކުރަމުން ދިޔައީމެވެ. ހަޔާތަށް ވެރިވާން އުޅޭ ތޫފާނުގެ ކޮޅުމަތި އެއްވެސް ވަރަކަށް އިހުސާސުނުވާ ހާލުގައެވެ.

ބައްޕަގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ރެޔާދުވާލު މަސައްކަތް ކުރަމުންދިޔައީމެވެ. ކައިރަށް ދެމުން އައި ވަގުތުވެސް މަދުވިއެވެ. ގިނަފަހަރު މެންދުރު ދާގޮތަށް އާދެވޭއިރު ހުންނަނީ މެންދަންވެފައެވެ. ކައިރު އެކަމާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެއީ އެއަށްވުރެ ކިޔަމަންތެރި ހެޔޮލަފާ އަންބެކެވެ. މާލެ ބަދަލުވިތާ ހަފުތާއެއް ފަހުން ކައިރުގެ މޫނުމަތިން ފެންނަ އުފާވެރިކަން ގެއްލުނެވެ. އަހަރެން ހީކުރަނީ މަންމަ ވާހަކަ ނުދައްކާތީ ދެރަފައި ހުންނަނީ ކަމަށްށެވެ. މަންމަ އަދި ވާހަކަ ދައްކާނެ ކަމަށްބުނެ ކައިރަށް ވިސްނައިވެސްދެމެވެ. ވިސްނައިދިނުމުން ލުއި ހިނިތުން ވުމެއް ވާނެއެވެ. އެހިނިތުން ވުމުގެ ނިވަލުގައި ފޮރުވިފައިވާ ވޭން އަހަންނަށް ކުރިން ދެނެގަނެވުނު ނަމައެވެ.

އިރުގެ އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލުވިދާޢު ކިޔައިފިއެވެ. ދުނިޔެއަށް ވެރިވަމުން ދިޔަ ކަނުއަނދިރި ކަމާއެކު ބޯވިލާތަކުން ޖައްވުބައްދާލިއެވެ. ބޯވިއްސާރައާއެކު ހޮނުގުގުރީގެ އަޑުފަށްގަނޑުން މުޅި ޖައްވު ގުގުމާލިއެވެ. އެވިއްސާރަ ރޭގައިވެސް އަހަރެން މަސައްކަތް ކުރަމުންދިޔައީ ފިހާރައިގައެވެ. އަހަރެން ގަސްދުކޮށްގެން ހުރީ ވީހާވެސް އަވަހަށް މަސައްކަތްތައް ނިއްމާލުމަށްފަހު ކައިރުގާތަށް ގެއެއަށް ދިޔުމަށްށެވެ. މިރޭ 12 ޖެހުމުގެ ކުރިން ކައިރަށް އުފަންދުވަހުގެ ސަޕްރައިޒް ދިނުމުގެ ބޭނުމުގައެވެ.

މަސައްކަތްތައް ނިއްމާލުމަށްފަހު ހަށީފުރައި ނޭވާއެއް ދޫކޮށްލީމެވެ. ވެފައިވާ ވަރުބަލިކަމާއެކު މޯޅިއަކަށް ދެމިލުމަށްފަހު ގަޑި ބަލައިލީމެވެ. އެގާރަޖަހަން ވަރަށް ގާތްވެއްޖެއެވެ. އަވަސް އަވަހަށް ތެދުވެ ފިހާރަށް ތަޅުލައި ، ބޭރަށް ނުކުމެލީމެވެ. ކަންދިމާކުރި ގޮތުން އޭރު ވިއްސާރަ ވަރަށްބޮޑަށް ތުނިކޮށްލައިފިއެވެ. ކައިރަށް ގެންދަން ބޭންދި ކުޑަ ކޭކު ފަރުވާތެރި ކަމާއެކު ސައިކަލުގެ މަޑިދަށަށްލުމަށްފަހު އިސްޓާޓުކޮށްލީމެވެ.

ގެއަށް ވަދެވުމާއެކު ހީވީ އަހަރެންގެ ހިތް އުފަލުން ފުރި ބަނޑުން ވާން ކައިރިވެފައިވާ ހެންނެވެ. ކައިރު ވާނެ އުފާވެރިކަމާމެދު ވިސްނާލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށްލިބިގެން ދަނީ ބަޔާން ކުރަން ދަތި އުފާވެރިކަމެކެވެ. ކޭކު ލައިފައިން ފޮށިގަނޑުން ނެގީމެވެ. ކޭކުގައި އުއްބަތިއެއް ރޯކޮށްލުމަށްފަހު ވަޅިއެއް ހިފައިގެން ކޮޓަރިއާ ދިމާއަށް ލުއި ފިޔަވަޅު ތަކެއް އަޅަމުން ދިޔައީމެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އެއްވެސް އަލިކަމެއްނެތެވެ. އަހަރެން ކޮޓަރިއަށް ވަންނަމުން ދިޔަވަރަކަށް އުއްބަތީގެ ފަނޑު އަލިން ކޮޓަރިތެރެ އަލިވަމުން ދިޔައެވެ. ކޭކަށް ބަލާލުމަށްފަހު އިސްއުފުލާ ބަލައިލީ ކައިރު އެނދުގައި އޮންނާނެ ކަމަށްށެވެ. އަހަރެންގެ ހިތަށްހީވީ ފެން އެއްޗެއް އޮއްސާލިހެންނެވެ. ދެލޯތަންމިނަށް ބޮޑުވިއެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. އަހަރެން ލައިޓު ދިއްލާލީމެވެ. ހިތް ހުއްޓުނު ކަހަލައެވެ. އަތުގައި އިން ކޭކުވެސް ދޫވެގެން ބިއްމައްޗަށް ވެއްޓުނެވެ. އެއީ އަހަރެންގެ ބައްޕައެވެ. ކޮންފަދަ ނުލަފާ ބައްޕައެއް ހެއްޔެވެ؟ އަރައިފައި އެވަނީ އަހަރެންގެ ލޯބިވާ އަންހެނުންގެ ގަޔަށްށެވެ. އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަޑުން އަޑުނަގައި ހަޅޭލަވައި ގަނެވުނެވެ. އަތުގައި އޮތް ވަޅި އަތަށް ހެޔޮވަރުކޮށްލައި އަހަރެންގެ ބައްޕައަށް ހަމަލާދިނީމެވެ. އައިސްފަވާ ރުޅިން ، ކުރެވޭ ނުކުރެވޭ ކަމެއް ނޭންގުނެވެ.

މަންމަގެ ރުއިމުގެ އަޑުން މުޅި ކޮޓަރި ގުގުމާލިއެވެ. ލޭންތަތްތެޅިފައިވާ ވަޅި އަތުން ދުކޮށްލުމަށްފަހު ބަލައިލެވުނީ ފުރާނަނެތް އަހަރެންގެ ބައްޕަގެ މަސްގަނޑަށްށެވެ. އެއީ އަހަންނަށް ހަމަ ހެޔަށް އާދެވުނު ވަގުތެވެ. ފައިގެ ވަރު ދޫވެގެން ކުޑަކަކު މައްޗަށް ތިރިވެވުނެވެ. އެނދުމަތީގައި ކުކުރާލަ ކުކުރާލާ އޮތް ކައިރު މަތިން ހަނދާންވީ އެވަގުތުގައެވެ. އަވަސް އަވަހަށް ކައިރުގާތަށް ދިޔައީމެވެ. އޭރު ކައިރުގެ ނޭވާ ހީވަނީ ދެންމެ ދެންމެ ހުއްޓިދާނެހެންނެވެ. އަހަންނާ ވާހަކަދައްކަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުބިއެވެ. ކައިރުގެ ދުލުން އެތަކެއް ވާހަކަތައް ބުނަން ބޭނުންވާކަން ދެލޮލުން ހާމަވެއެވެ. ކަރުނައި ލޯފުރި ބަނންޑުންވެފައި ވާއިރު، ނިތްކުރިންނާއި ދަށްބޮލުން ހޯސްލާފައި ލޭ ފައިބަމުން ދިޔައެވެ. އަހަންނަށް ގިސްލާ ރޮވެމުން ދިޔައެވެ. ކައިރު މެޔާލާ ބޮނޑިކޮށްލީމެވެ. މޫނާއި ބޮލުގައި ބޮސްދިނީމެވެ. ކައިރުގެ ވިންދު ހުއްޓުނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އެންމެ ފަހު ނޭވާ މިފަނާކުރުވަނިވި ދުނިޔެއަށް ދޫކުރީ އަހަރެންގެ މޭތެރޭ ބޮނޑިވެގެން އޮވެއެވެ. އަހަންނަށް ހަޅޭލަވައި ގަނެވުނެވެ. ހިތުގެ ނާރުތައް މުގުރިގެން ދިޔަކަހަލައެވެ.

ކައިރުއެވެ. އަހަންނަށް މައާފު ކުރާށެވެ. އަހަންނަށް ނޭންގުނީއެވެ. ވިސްނާނުލެވުނީއެވެ. ކައިރުއެވެ. އަހަރެން ދޫކޮށްފަ ނުދާށެވެ. އަހަރެން ކައިރާނުލާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ ހެޔޮނުވާނެއެވެ. ލޯހުޅުވާލާށެވެ. އަހަންނާ ދިމާއަށް ލޯބިން ބަލާލާށެވެ. އަހަރެންގެ ގައިގައި ލޯބިން ބައްދާލާށެވެ. ގިސްލާ ރޮމުން ދިޔަ އަހަރެންގެ ހިތަށް އަރާފައިބަމުން ދިޔަ އިހުސާސްތައް އަޑު އަހާކަށް މިއަދު ކައިރެއް ނެތެވެ. ލިބުނި އަނިޔާއާއި ޖިންސީ ގޯނާގައި ކައިރު އެވަނީ އަހަންނާ ވަކިވެފައެވެ.

އެފަދަ ކުއްޖެއްގެ ނާޖާއީޒު ފައިދާ ނަގާނީ ކިހާ ދަށުދަރަޖައިގެ މީހެއް ހެއްޔެވެ؟ އެއީ ކޮންފަދަ ރަހުމުކުޑަ ބަފައެއް ހެއްޔެވެ؟ މާ ހެޔޮއެދޭ މީހަކަށް ވެގެން، އަވަސް އަރުވާލައި އަހަންނާއި ކައިރުގެ ކައިވެނިވެސް ކުރީ އެބޭނުމުގައިކަން ކުރިން އަހަންނަށް ވިސްނުނު ނަމައެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވުމުގެ ކުރިން އަހަންނަށް ކައިރު ސަލާމާތް ކުރެވުނު ނަމައެވެ.

***********

އަހަންނަށް ހޭވެރިކަމެއްވީ އެއްޗެއް ވެއްޓުނު އަޑަށްށެވެ. އެއީ އަހަރެންގެ ކާތަކެތި އަޅާފައިހުރި ތައްޓެވެ. މާޒީގެ ޞަފުހާ ތަކުން އަހަރެން ރޮއްވައިލައިފިއެވެ. ހިތް ޗިސްޗިސް ކޮށްލައިފިއެވެ. މިއަދު އަހަރެންމީ އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންއަންނަ ކުށްވެރިއަކީމެވެ. އަހަރެން އެކަމަކާ ދެރައެއް ނުވެއެވެ. އެއީ އަހަރެންގެ ޖާހިލު ބައްޕައަށް ލިބެން ޖެހޭނެ ހައްޤު އަދަބެވެ. ދެރަވަނީ އެންމެ ކަމަކާމެދުއެވެ. އަހަރެންގެ ކައިރު އަހަންނަށް ގެއްލުނީތީއެވެ. އަހަރެންގެ ހިތުން ވިންދު ވަކިވީތީއެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ރަޢުފާ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް