މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

މެންދަމު ދޭއްޖެހިއިރުވެސް ކާރުބާރު ބޮޑު މާލެއަށް އެއްވެސް ހިމޭންކަމެއް ނާދެއެވެ. އާއަހަރު އައުމާ ގުޅިގެން ކުޅިވަރާއި މަޖާ ކުރުމުގައި މީހުންތައް މަސްއޫލުވެ އުޅެމުންދިޔައެވެ. ނަމަވެސް އާއަހަރު އައުމުގެ އެއްވެސް އުފާވެރިކަމެއް އަދި ހިތްހަމަޖެހުމެއް ހަނާގެ ދިރިއުޅުމަށް މިރޭވެސް ނުގެނުވައެވެ. ފާއިތުވި ފަސް އަހަރެކޭ އެއްފަދައިން މިރޭވެސް ހަނާ ވަގުތުތުތައް ގުނަމުން ދަނީ އެހަތަރު ފާރުގެ ތެރޭގައެވެ. އެހަށިގަނޑުގެ އެތަށްމިތަނުގައި އަޅަމުންދާ ވޭނާއި އެހިތަށް ކުރަމުންދާ އަސަރަށް އެއްވެސް ބަދަލެއް ނާދެއެވެ.

މިރޭ އަހަރެން ކުރިމަތި ލާންޖެހޭނީ ކޮންފަދަ ހަރުކަށި މީހަކާ ހެއްޔެވެ؟ އަހަރެންގެ މި ހަށިގަނޑަށް މިރޭ ލިބޭނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ ތަފާތު ބިރުވެރި ސުވާލުތަކުން ހަނާގެ ހިތް އިތުރަށް ނުތަނަވަސް ކުރުވަމުންދިޔައެވެ.
ވަރުދޫވެފައިވާ ހަނާގެ ހަށިގަނޑަށް ލެވުނު އެންމެ ބާރެއްލައި ކޮޓަރި ތަޅުގައި ހިފަހައްޓައިގެން ހުރެ ކުރިމަތީ ފާރުގައި ހުރި ގަޑިޔަށް ހަނާ ބަލަމުންދިޔައެވެ. ގަޑީގެ ކަށި ހިނގަމުން ދިޔަވަރަކަށް ހަނާގެ ހިތުގެ ވިންދުވެސް ބާރުވަމުން ދިޔައެވެ. ގަޑިން މެންދަމު ތިނެއް ޖެހުމާއެކީ ކޮޓަރި ދޮރުގައި މީހަކު ހިފާލިއެވެ. ހަނާގެ ދެއަތްވެސް ތަޅުގައި ހިފައި އިތުރަށް ބާރުކޮށްލީ ކޮޓަރިޔަށް އެމީހާ ވައްދަން ބޭނުންނުވާތީއެވެ. ނަމަވެސް މާގިނައިރު އެދޮރު ހިފަހައްޓައިގެން ހުރުމުގެ ބާރެއް ހަނާގެ ހަށިގަނޑެއް ނުދިނެވެ. ދޮރު ހުޅުވާލުމާއެކު ހަނާގޮސް ބިންމައްޗަށް ވެއްޓުނެވެ.

މޫނުމަށްޗަށް ހޭވިފައި އޮތް އިސްތަށިތައް އަތުގެ ނުފުށުން ރީތިކޮށްލުމަށްފަހު، ހަނާ ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ފަހަތުގައި ހުރި ހަނާގެ ފިރިމީހާ ހަނާގެ އިސްތަށިގަނޑުގައި ހިފާ ގަދަކަމުން ނެގިއެވެ. އަދި އަރިމަތީގައި ހުރި އެނދުމަށްޗަށް ހަނާ ވައްޓާލީ ބޭނުން ނެތިގެން އެއްލައިލާ ކުނިގަނޑެއް ފަދައިންނެވެ.

” ކަލޭ މާ ގަދަ ދައްކަން ހަދާނެ ކަމެއްނެތް. ރީތިކޮށް ބުނާގޮތަށް ހަދައިގެން މިތާ އޮތުން ނޫން އެހެންގޮތެއް މިއަދު ކަލެޔަކަށް ނެތް. މިހިރީ މަގޭ ވަރަށް ގާތް ރަށްޓެއްސެއް. ކަލޭ މިރޭ ވަރަށް ރަނގަޅަށް މީނަ ހިތްހަމަޖައްސަދޭން ޖެހޭނެ. ”

މިރޭވެސް ހަނާގެ ހަށިގަނޑު ހިލޭ ފިރެހެނަކަށް ދޭން އެމަޖުބޫރު ކުރީ ހަނާގެ ފިރިމީހާއެވެ. ހަނާ އެންމެ އިތުބާރު ކުރި މީހާއެވެ.

މީގެ ހަ އަހަރު ކުރިން ހަނާ މުނާޒު އާއި ކައިވެނި ކުރީ ހަނާގެ ނަސީބު ކަމަށް ޤަބޫލުކޮށެވެ. ހަނާފަދަ ވާހަކަ ނުދެއްކޭ މަންމަނު ކުއްޖަކާ އިންނާނެ މީހަކު ވާނެހެއްޔެވެ؟ ނަމަވެސް ހަނާފެނި މުނާޒު ހަނާ އާއި ކައިވެނި ކުރަށް އެދުނީ މުޅި އުމުރު ދުވަހު އުފަލާއި ލޯބި ދިނުމަށް ވަޢުދު ވަމުންނެވެ. މުނާޒުގެ ހިތްހެޔޮކަމާއި ހަނާއަށް ދެމުންދިޔަ އިއްޒަތާއި ޤަދަރު ފެނި ހަނާގެ ހިތްވެސް ލެނބެން މާގިނަ ދުވަހެއް ނުނެގިއެވެ. އަދި އުފާވެރި ދިރިއުޅުމެއް ހޭދަކުރުމުގެ ފޮނި އުންމީދާއެކު ކައިވެނި ކުރިއެވެ.

ނަމަވެސް މުނާޒުގެ ފޮރުވިފައިވާ ނިޔަތާއި އެ ނުލަފާކަން ހަނާއަށް ވިސްނުނީ މާފަހުންނެވެ. ކައިވެންޏަށްފަހު އަމިއްލަ ރަށް ދޫކޮށް މާޅެ ބަދަލުވާން ޖެހުމުން މުނާޒު ކިތަންމެ އަނިޔާއެއް ކުރިޔަސް ހަނާއަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. ކައިވެނި ކުރުމަށްފަހު ހަނާ މާލެ ގެނައި ގޮތަށް އެކޮޓަރި ހަތަރު ފާރުތެރޭގައި ބަންދު ކުރީ ހަނާގެ ރީތި ކަމުގެ ފައިދާ ނެގުމަށެވެ. އެ ހަށިގަނޑު ހިލޭ ފިރެހެނުންނަށް ވިއްކާ މުނާޒްގެ ހަށިގަނޑަށް ހިތްހަމަ ޖައްސައިދޭ އެތިކޮޅު ގަތުމަށެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުންދިޔައީ ކޮންމެ ރެޔަކު ހަނާގެ ހަށިގަނޑަށް އެތަށް ވޭނަކާއި ޒަޚަމްތަކެއް ދެމުންނެވެ. އެނުލަފާ މީހާގެ ވަކިތަކުން ސަލާމަތްވާން ހަނާ ބޭނުންވިޔަސް އެވާހަކަތައް ހިއްސާކުރާނީ ވަކި ކާކަށްހެއްޔެވެ؟ ހަފްތާއަކު އެއްފަހަރު މަންމަ އާއި ގުޅަން ފުރުސަތު ލިބުނުކަމުގައި ވިޔަސް އެއަޑު އެހުމަށްފަހު ފޯނު ބާއްވަންޖެހެނީ ހަނާގެ ހިތުގައިވާ އުދާސްތައް ހިތުގައި އޮތްގޮތަށް ބާއްވާފައެވެ. ވާހަކަނުދެއްކުނު ކަމުގައި ވިޔަސް މަންމަ ހިތްހަމަ ޖެހޭނެގޮތަށް ހަނާގެ ބަހުން ވާހަކަދައްކަމުން ދިޔައީ ހާނާގެ ހާލަތު ހާމަނުކުރުމަށް މުނާޒު މަޖުބޫރުކޮށްފައިވާތީއެވެ.
މެންދުރުގެ ހޫނު އަވި ދޮރުފޮތިގަނޑު ތެރެއިން ފުރޭނެމުންގޮސް ނިދިފައި އޮތް ހަނާގެ މޫނުމަށްޗަށް އެޅެމުންދެޔެއެވެ. ވެފައިވާ ވަރުބަލި ކަމުގެ ސަބަބުން މެންދުރުވި އިރުވެސް ހަނާ ނިދުމަށް މަސައްކަތް ކުރަމުން އެދަނީ ކުޑަވެސް ލުއި ކަމެއް އެހަށިގަނޑުގައިވާ ޒަޚަމްތަކަށް ދިނުމުގެ އުންމީދުގައެވެ. ނަމަވެސް އެނދުން ތެދުވުމަށް ހަނާއަށް މަޖުބޫރުވީ މޭ ނުބައިކޮށް ހޮޑުލަވަން ފެށުމުންނެވެ. އެނދުންތެދުވެ ދުވެފައިގޮސް ފާހާނަތެރެއަށް ވަނެވެ. ހޮޑުލެވި ނިމުމުން މޫނުދޮވެލުމަށްފަހު ހަނާ ފާހާނައިން ނިކުމެ އެނދުމަތީ އިށީންދެ މޫނުމަތީގައި ދެއަތް އަޅާ ރޯންފެށިއެވެ.
ނޫން. ނޫން.. އަހަރެން ބަނޑުބޮޑެއް ނުވާނެ.. އަހަރެންގެ ބަނޑުގައިވާ މިދަރިފުޅުގެ ބައްޕަ ޚުދު އަހަންނަށްވެސް ނޭންގެ. މުނާޒަށް މިކަން އިނގިއްޖެއްޔާ މިފަހަރުވެސް… ތަފާތު އެކި ސުވާލުތައް ހަނާގެ ހިތަށް އަރާ ފައިބަމުންދިޔައެވެ. ބަނޑުގައި އެވާ ދަރިފުޅަށް ހަދާނެ ގޮތަކައިމެދު ވިސްނަން އެތަށް އިރެންވަންދެން ހަނާ އިނުމަށްފަހު ކޮޓަރީގައި ހުރި ލޯގަނޑު ކުރިމައްޗަށްގޮސް ހުއްޓިލިއެވެ. އަދި މަޑުމަޑުން ހަނާގެ ބަނޑުގައި އަތްލުމަށްފަހު ހިނިތުންވެލީ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފޮހެލަމުންނެވެ.

ނޫން. މިފަހަރު، މުނާޒު ބޭނުން ގޮތެއް ނުހެދޭނެ. ބައްޕަ ނޭންގުނަސް މީ އަހަރެންގެ ދަރިއެއް. މިފުރާނަ މިދުނިޔެއަށް އަހަރެން ގެންނާނަން.. މުނާޒަށް މިކަން އިނގިއްޖެއްޔާ ކުރީ ދެފަހަރެކޭ އެއްގޮތަށް މިފަހަރުވެސް މިފުރާނާ ދުއްވާލާނެ..
އެކަނި ހުރެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ހަނާ ދިޔައެވެ. އަދި މުނާޒަށް މިކަންތައް ސިއްރުކުރުމަށް ހަނާ ނިންމީ މިދަރިފުޅު މުނާޒު ބޭނުން ނުވާނެކަން އިނގޭތީއެވެ. މީގެ ކުރިންވެސް ހަނާ ބަލިވެ އިނުމުން ބަނޑުގައިވާ ފުރާނަ ދުއްވާލަން ހަނާއަށް ކުރި އަނިޔާ އަދިވެސް ހަނާ ހަނދާން އެބަހުއްޓެވެ. އެތަށްގޮތަކަށް ވިސްނުމަށްފަހު ފުރަތަމަ ފަހަރަށް މުނާޒުގެ އަނިޔާތަކުން ސަލާމަތްވާން ހަނާއަށް ހިތްވަރުލިބުނެވެ. އެ ފުރާނައަށްޓަކައެވެ.

ޖެހިގެންއައި ދުވަހު ހެނދުނު މުނާޒު އޮފީހަށްދާން ފެންވަރަން ވަނުމާއެކު، މުނާޒުގެ ފޯނު ހޯދަން ހަނާ އަވަސްވެގަތެވެ. މުނާޒު ފޯނު އަބަދުވެސް ގެންގުޅެނީ ހަނާއަށް ފޮރުވައިގެންނެވެ. މުނާޒުގެ ކިބައިން ސަލާމަތްވާން ކުޑަވެސް ފުރުސަތެއް ހަނާއަށް ނުދިނުމަށެވެ. ކޮޓަރީގެ އެތަން މިތަން ހަނާ ހާވަންފެށިއެވެ. އަދި މާގިނައިރެއް ނުވަނީސް އަލަމާރި ވަތްގަނޑެއް ތެރެއިން މުނާޒުގެ ފޯނު ހަނާގެ އަތުގައި ޖެހުނެވެ. ނަމަވެސް ފޯނު އަނބުރާ އޮތްތާ ބާއްވަން ޖެހުނީ ފޯނު ލޮކްކޮށްފައި އޮތުމުންނެވެ. ކުޑަކޮށް ވިސްނާލަން ހުރެފަ ހަނާ ބަދިގެއަށްވަނީ މުނާޒު ތައްޔާރުވެގެން ނިކުންނަން ވާއިރަށް ހެދުނުގެ ސައި ތައްޔާރުކުރުމަށެވެ.

އާދައިގެމަތިން މިއަދުވެސް މުނާޒު ސައިބޯން އިށީނުމަށްފަހު ފޯނުނެގިއެވެ. އެވަގުތުގެ އިންތިޒާރުގައި ހުރި ހަނާ ހުޝިޔާރުވެލިއެވެ. އަދި އުނދުންކައިރިއަށް ޖެހެލުމަށްފަހު މަޑުކޮށްލާ މުނާޒުގެ ފޯނަށް ސިއްރުސިއްރުން ބަލަން ފެށިއެވެ. މާއުނދަގުލަކާއި ނުލާ މުނާޒު ފޯނުގެ ޕާސްވޯޑް ހަނާ ދެނެގަތެވެ. ހިތްހަމަޖެހުމުގެ ފުންނޭވައެއް ލުމަށްފަހު ހަނާގޮސް ކޮޓަރިއަށްވަނީ މާގިނަ ދުވަސްތަކެއްނުވެ މުނާޒުގެ އަނިޔާވެރިކަމުން ސަލާމަތްވާނެކަމުގެ އުންމީދާއެކުއެވެ.
ޖެހިގެންއައިދުވަހު ހެނދުނު، އިރުގެ ދޯދިތަކުން ކޮޓަރި އަލިވެފައިވާއިރު އެނދުގައި އޮތް ހަނާ އޮތީ ލޯހުޅުވާލާނެ ހިތްވަރެއްވެސް ނުލިބިފައެވެ. ރޭގަ އެކޮޓަރިއަށް އެއްވެސް މީހަކު ނުވަތް ކަމުގައިވިޔަސް މުނާޒުގެ ވިހަ ވަކިތައް ނާޅާ އެންމެ ތަންކޮޅެއްވެސް ހަނާގެ ހަށިގަނޑުގައިނެތެވެ. މަސްތުވެ ހުރެ މުނާޒުވެސް ހަނާއާމެދު ކަންތައް ކުރަނީ ހިލޭ ފިރިހެނުންނަށްވުރެވެސް އިހާނެތިކޮށެވެ.

ނަމަވެސް ހިތްވަރުކޮށްލާފައި އެނދުން ތެދުވަން ހަނާ މަސައްކަތް ކުރީ މުނާޒު އޮފީހަށްދާން ފެންވަރަން ވަނުމާއެކީއެވެ. އިއްޔެ ނުކުރެވުނު ކަންތައް މިއަދު ކުރުމަށެވެ. ބަރުވެފައިވާ ބޮލުގައި އަތްއަޅަމުން ތެދުވެ މަޑުމަޑުން ގޮސް އަލަމާރި ވަތްގަނޑު ހުޅުވާ ފޯނު ނެގިއެވެ. އަދި ފޯނު ހުޅުވުމަށްފަހު ހަނާގެ މަންމައަށް މެސެޖު ކުރަންފެށިއެވެ. ހަނާގެ ދިރިއުޅުމުގައި ކަންތައްތައް ވަމުންދާގޮތް މަންމައަށް ކިޔައިދިނެވެ. އެހިތުގައި އަޅާވޭނައި ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތައް އެމެސެޖުގައި ލިޔެ ފޮނުވާލިއެވެ. އަދި މިކަމުން ސަލާމަތްކޮށްދިނުން އެދި މަންމަ ކައިރީ އެދުމަށްފަހު އެންމެފަހު މެސެޖްކުރީ ހަނާ އުޅޭގޭގެ ނަން ފޮނުވާ އަދި އެއްވެސް މެސެޖަކަށް ޖަވާބު ނުދިނުމަށް މަންމައަށް އެންގުމަށްފަހުއެވެ.

މުނާޒު ފެންވަރައިގެން ނިކުތުމުގެ ކުރިން ފޮނުވި ހުރިހާ މެސެޖެއް ޑިލީޓުކޮށްލިޔެވެ. ހިތުގައިވާ އުދާސްތަކާއި ޝަކުވާތައް މަންމައާއި ހިއްސާ ކުރެވުނީތީ އެތައް ޒަމާނަކަށްފަހު ހަނާގެ ހިތަށް އުފާވެރިކަމުގެ އިޙްސާސްކުރެވުނެވެ.
ހަނާ އުންމީދުކުރިގޮތާ އެއްގޮތަށް ޖެހިގެން އައި ހަފްތާ މަންމަ އާއި ބައްޕަ މާލެ އައެވެ. އަދި އެއަނިޔާވެރިކަމުން ހަނާ ސަލާމަތްކުރަން އެގެއަށް ދިޔައީ ފުލުހުންނާއެކުއެވެ. މުނާޒުގެ އަނބިމީހާ ހަނާއަށް ޖިސްމާނީ ގޮތުންނާއި އަދި ނަފްސާނީގޮތުން އަނިޔާކުރުމުގެ ތުހުމަތުގަ އާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި މުނާޒު ހައްޔަރުކުރިއެވެ.
މާޒީވެ ދިޔަ ހިތި ދުވަސްތަކުގައި އެތަށް ވޭނަކާއި އަނިޔާއެއް ލިބުނުކަމުގައި ވިޔަސް ކުރިއަށްއޮތް ދުވަސްތަކަކީ ހަނާގެ ހަޔާތުގައި އުފާވެރިކަމުގެ ކުލަ ޖެހިގެންދާނެ ދުވަސްތަކެކެވެ. ފިރިމީހާގެ ލޯތްބާއި އަޅާލުން ދުވަހަކު ނުލިބުނު ކަމުގައިވިޔަސް ހަނާގެ ބަނޑުގައިވާ އެފުރާނަ މިދުނިޔެއަށް ނޭވާލާނީ ހަނާގެ ދިރިއުޅުން އުޖާލާކޮށް އުފާވެރިކަން ގެނެސްދިނުމަށެވެ.

-ނިމުނީ-

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒަހްރާ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް