އިނގެރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި ވެސް ކުޅުނު އެންމެ މޮޅު ޑިފެންޑަރަކީ ވާޖިލް ވެން ޑައިކް ކަމަށް މެންޗެސްޓަރ ސިޓީގެ ކުރީގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ.

ޕްރިމިއަރ ލީގުގެ ތާރީޚުގައި ވެސް ކުޅެފައިވާ އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކޮމްޕެނީ މިކަން ހާމަކޮށްފައި ވަނީ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ “ސްޕޯފް” އިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އިނގެރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި ފާޑިނަންޑް، ވިޑިޗް، ޓެރީ ފަދަ ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅެތި ޑިފެންޑަރުން ތަކެއް ކުޅެފައި ވާއިރު، ވެން ޑައިކް ގެ ނަން ބުނީ ކީއްވެގެން ކަން ކޮމްޕެނީ ތަފްސީލުކޮށް ކިޔައިދީފައިވެއެވެ.

“އަހަރެން އެ ލަގަބު ދޭނީ ވާޖިލް ވެން ޑައިކަށް. ޓެރީ، ފާޑިނަންޑް ފަދަ ކުޅުންތެރިންނާ އަޅާބަލާއިރު، އަހަރެންނަށް އެނގޭ މިއީ ހައިރާންކުރުވަނިވި ނަމެއްކަން. އެ ކުޅުންތެރިން ވަރަށް ދިގު ޒަމާންތަކެއް ވަންދެން ޕްރިމިއަރ ލީގުގައި ކުޅުނު. ނަމަވެސް، ވެން ޑައިކް އަދި ކުޅެފައިވަނީ މަދު އަހަރުތަކެއް. އެކަމަކު މި މަދު އަހަރުތަކުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ބަލާއިރު، އަހަރެންނަށް ޔަގީން އޭނާ އެންމެ ޓޮޕް ލެވެލް ފަހަނައަޅާ ވެސް ދާނެކަން.”

ކޮމްޕެނީ ބުންޏެވެ.

ޕްރިމިއަރ ލީގުގެ ތާރީޚުގައި ކުޅެފައިވާ މޮޅެތި ޑިފެންޑަރުންނާ އަޅާބަލާއިރު، ވެން ޑައިކް ގެ ތަޖުރިބާ އާއި، ކާމިޔާބީ މަދު ކަމުން ފާޑުކިޔުންތައް އަމާޒުވަމުން ދިއުމަކީ ވެދާނެކަމެކެވެ. ނަމަވެސް ކޮމްޕެނީ ގަބޫލުކުރާ ގޮތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެން ޑައިކް ގެ ފަރާތުން ފެނިގެންދިޔަ ހުނަރުވެރި މޮޅު ކުޅުމުގެ ސަބަބުން އެ މަގާމަށް ކުޅެން އޭނާ އަށް ވުރެން މޮޅު މީހަކު ނެތެވެ.

“އަހަރެންނަށް ފެންނަ ފެނުމުގައި ވެން ޑައިކް ގެ ފަރާތުން މުޅި ޓީމަށް އެ ލިބިގެންދާ އިމްޕެކްޓް އަށް ބަލާއިރު، އޭނާ އަކީ އަމިއްލަ އަށް ކަންކަން ކުރާ ކުޅުންތެރިއެއް ނޫން. އޭނާ އަކީ ޓީމުގެ އެހެން ކުޅުންތެރިންނާ ވެސް ވާހަކަ ދައްކައިގެން ޓީމު އިތުރަށް ވަރުގަދަވާނެ ގޮތަށް މަސައްކަތްކުރާ ކުޅުންތެރިއެއް. ވެން ޑައިކް ލިވަޕޫލް އާއި ގުޅުމުގެ ކުރިން އެ ޓީމު އޮތްގޮތާއި، މިހާރު އޮތްގޮތާއި ވަރަށް ބޮޑުތަން ތަފާތު. އަހަރެން އެ ލަގަބު އޭނާ އަށް މި ދިން ސަބަބަކީ އެއީ.”

ކޮމްޕެނީ އިތުރަށް ބުނެފައިވެއެވެ.

ވެން ޑައިކް ޗެމްޕިއަންސް ލީގު ޓްރޮފީ އާ އެކު

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލް އާއި ގުޅުނު ހިސާބުން ފެށިގެން އެޓީމުގެ ފަހަތުގައި ވެން ޑައިކް އަންނަނީ ތަފާތު މޮޅުކުޅުމެއް ދައްކަމުންނެވެ. 2018/2019 ވަނަ ސީޒަނުގައި ލިވަޕޫލް އިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަރ ކަޕްގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.