ބީ.އާރް ޗޯޕްރާ ޑައިރެކްޓް ކޮށްފައިވާ ހިންދީ/އުރުދޫ ފިލްމު ނިކާހް (ކައިވެނީގެ އަހުދު) އަކީ 1982 ގައި ރިލީޒްވި ވަރަށް އިބްރަތްތެރި، ރީތި ފިލްމެކެވެ. ރާޖް ބައްބަރު، ދީޕަކް ޕަރްޝާރު އަދި ޕާކިސްތާނުގެ އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ސަލްމާ އާގާހ އެކްޓް ކޮށްފައިވާ މި ފިލްމުގައި ހެއްވާ މަޖާ ބައިން ފެނިގެންދަނީ އާސްރާނީ އާއި އިފްތިކާރް އެވެ.

ފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ރަވީ އެވެ. މި ފިލްމަށް އެއްމެ ފުރަތަމަ ކިޔި ނަމަކީ ތަލާކް ތަލާކް ތަލާކް (ވަރި ވަރި ވަރި) އެވެ. މި ފިލްމަށް ފަހުން ނިކާހް ގެ ނަމުން ނަން ދިނީ، ދީނީ ޢިލްމުވެރިންގެ ލަފަޔާއި އެކުގައެވެ. މި ފިލްމަށް ވަނީ 1985 ގައި ބޭއްވި ފިލްމު ފެއަރ އެވޯރޑް އިން އެއްމެ މޮޅު ޑައިލޮގު ގެ ބަޔާއި އެއްމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަޤާމު ހޯދާފަ އެވެ. ބޮކްސް އޮފީހުގެ ބްލޮކް ބަސްޓަރ މަޤާމު ހޯދާފަ އެވެ.

މި ފިލްމުގައި ވަނީ އިސްލާމީ ޝަރީޢަތުގައި ވަރިކުރުމުގެ ޙައްޤު ފިރިހެނުންނަށް ދެއްވާފައިވީ ނަމަވެސް އެކަން ނުހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަ އައުމާއި މެދު އަލިއަޅުވާލާފަ އެވެ.

ފިލްމުގެ ކޮންމެ ލަވައަކީވެސް ވަރަށް ފުރިހަމަ، އަސަރުގަދަ ލަވަ އެކެވެ. ލަވައިގެ އިތުރަށް ލަވައިގެ ބާވަތެއް ކަމަށްވާ ޣަޒަލް ވެސް ވަނީ ހިމަނާފަ އެވެ. އެގޮތުން މިފަހަރު ދިމާނަ ބައިގައި މި ހިމަނާލަނީ ހިތާމަވެރި ޣަޒަލް އެކެވެ. ފިލްމުގައި ހިމަނާފައިވާ ޣަޒަލް ގައި ވަނީ އަސްލު ޅެން އެއްކޮށެއް ނޫނެވެ.

ޣަޒަލްގެ އަޑުގެ ވެރިޔަކީ : ޣުލާމް ޢަލީ
ޅެން ހަދާފައިވަނީ: ހަސްރަތު މޮހާނީ

ރެޔާއިދުވާލު ކަރުނައަޅައި ރުއި ހަނދާން އަހަރެން އެބަހުއްޓެވެ.
އަހަރެމެންގެ ލޯބީގެ ދުވަސްތައް މަތިން އަދިވެސް ހަނދާން އެބަހުއްޓެވެ.
ރެޔާއިދުވާލު ކަރުނައަޅައި ރުއި ހަނދާން އަހަރެން އެބަހުއްޓެވެ.

ކަލާއަށްޓަކައި ފަރުދާގެ އެއް ކަން ހިއްލާލި ގޮތްވެސް އަހަރެން ހަނދާން އެބަހުއްޓެވެ
އަދި ކަލާގެ ދޯޕައްޓާއިން މޫނު ފޮރުވި ގޮތްވެސް ހަނދާން އެބަހުއްޓެވެ.
އަހަރެމެންގެ ލޯބީގެ ދުވަސްތައް މަތިން އަދިވެސް ހަނދާން އެބަހުއްޓެވެ.
ރެޔާއިދުވާލު ކަރުނައަޅައި ރުއި ހަނދާން އަހަރެން އެބަހުއްޓެވެ.

މެންދުރުގެ ގަދަ އަވީގައި އަހަންނަށް ގޮވައިލުމަށް
އަހަރެންގެ ގޯއްޗަށް ކަލާ ހުސްފައިގައި އަންނަ ހަނދާންވެސް އެބަހުއްޓެވެ.
އަހަރެމެންގެ ލޯބީގެ ދުވަސްތައް މަތިން އަދިވެސް ހަނދާން އެބަހުއްޓެވެ.
ރެޔާއިދުވާލު ކަރުނައަޅައި ރުއި ހަނދާން އަހަރެން އެބަހުއްޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.